އެމެރިކާގެ ދިފާޢި ވަޒީރު ލުވިޑް އޮސްޓަން އޮސްޓަން މެދުއިރުމައްޗަށް ވަޑައިގެން މި އުޅުއްވަނީ މެދުއިރުމަތީގައި ތިބި އެމެރިކާގެ އެކުވެރީން ހިތްހަމަޖެއްސުމާއެކު އިސްރާއީލަށާއި މިޞްރަށް މެސެޖެއް ދެއްވުމަށް ކަމަށް އެމެރިކާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.
އުރްދުންގެ ރަސްގެފާނު ޢަބްދުﷲއާ ޢައްމާނުގައި އޮސްޓަން އިއްޔެ ބައްދަލުކުރެއްވިއެވެ. އެމެރިކާގެ ވަޒީރު މިއަދު އިސްރާއީލުގެ ޒަޢީމުންނާއެކު ވާހަކަފުޅު ދައްކަވާއިރު ހުޅަނގު އައްސޭރި ހޫނުވިޔަނުދިނުމަށް ގޮވައިލައްވާނެއެވެ. އޮސްޓިން ޤާހިރާއަށް ކުރައްވާ ދަތުރުފުޅުގައި މިޞްރުގެ އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާކުރައްވާނެއެވެ.
ނަން ހާމަ ނުކުރުމަށް ޝަރްޠު ކުރައްވާ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި މެދުއިރުމަތީގައި އެމެރިކާ ކަށަވެތިވެފައިވާ ކަންތައްތަކަށް ވޮޝިންގްޓަނުން އިޙްތިރާމު ކުރާނެކަން އޮސްޓިން ކަށަވަރުކޮށް ދެއްވާނެއެވެ. އަދި އެމެރިކާގެ ބައިވެރިން ދިފާޢުކުރުމަށް އެމެރިކާއިން ތެދުވާނެކަން ވެސް އޮސްޓިން ކަށަވަރުކޮށްދެއްވާނެއެވެ.
ދިފާޢީ ވަޒީރު އޮސްޓިންގެ މި ދަތުރުފުޅު ފެށްޓެވުމުގެ ކުރިން ޕެންޓަގަނުން ބުނިގޮތުގައި އޮސްޓިން މެދުއިރުމަތީގައި ބަހުސްކުރައްވާ މުހިއްމު މަސްއަލަތަކުގެ ތެރޭގައި މެދުއިރުމައްޗަށް ހުރި އީރާނުގެ ބިރު ވެއެވެ. އީރާނުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގެއްލިފައިވާ ކަމަށް ޕެންޓަގަނުން ބުންޏެވެ. މި ކަމަށް ކުރިމަތިލުމަށް ޓަކައި ދިފާޢީ ވައިގެ ނިޒާމުތަކާއި މިސައިލް ނިޒާމުތައް ޤާއިމުކުރުމަށް ޓަކައި ސަލާމަތީ އެއްބާރުލުން ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރައްވާނެއެވެ.
މެދުއިރުމަތީގައި އެމެރިކާގެ 30 ހާސް ސިފައިން އެބަތިއްބެވެ. ސަރަޙައްދުގައި އީރާނުގެ ނުފޫޒު ގަދަވަމުންދާތީ އުފެދިފައިވާ އަރާރުންތަކުގައި އެމެރިކާއަކީ ނާރެސް ފަރާތެކެވެ.
އެމެރިކާގައި އޮންނަ މެދުއިރުމަތީގެ ޢަސްކަރީ ބާރުތަކުގެ ވެރިކަމުގައި 2022އާ ހަމައަށް ހުންނެވި ޖެނެރަލް ފްރޭންކް މެކެންޒީ ވިދާޅުވިގޮތުގައި މެދުއިރުމަތީގައި ޗައިނާގެ ދައުރު ފުޅައުވަމުން ބޮޑުވަމުންދާތީ މި ސަރަޙައްދަކީ އެމެރިކާއަށް ވަރަށް މުހިއްމު ސަރަޙައްދެކެވެ.
ދެކުނު ފްލޮރިޑާ ޔުނިވަރސިޓީގެ ޤައުމީ އަދި ޢާލަމީ ސަލާމަތާބެހޭ ދިރާސާތައް ކުރުމާބެހޭ މަރްކަޒުގެ ރައީސްކަން މިހާރު ކުރައްވާ ޖެނެރަލް މެކެންޒީ ވިދާޅުވިއެވެ. "އޮސްޓިންގެ މި ދަތުރުފުޅަކީ ވަރަށް މުހިއްމު ދަތުރުފުޅެކެވެ. އަޅުގަނޑުމެންނަށް އަދިވެސް މެދުއިރުމަތި މުހިއްމުކަން އޭނާ ބަޔާންކޮށް ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ."
މި ދިޔަ ހަފުތާގައި އިސްރާއީލުގެ މާލީ ވަޒީރު ސްމޫޓްރިޗް ހުޅަނގު އައްސޭރީގެ ޢަރަބި ރަށެއް ކަމުގައިވާ ޙައްވާރާ ފުހެލުމަށް ގޮވައިލެއްވުމުން އެމެރިކާއިން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. ހުޅަނގު އައްސޭރީގެ މަސްރަޙު ހޫނުވާން ފެށީ ޔަހޫދީން މި ރަށަށް ޙަމަލާދީ މި ރަށުގެ ތަންތަން ތަޅައި ޢާންމުންނަށް ޖެއްސުން ކުރާން ފެށުމުންނެވެ. މިއަހަރު ފެށުނު ފަހުން އިސްރާއީލުގެ ޢުދްވާނުތަކުގެ ސަބަބުން ފަލަސްޠީނުގެ 63 މީހަކު ވަނީ މަރުވެފައެވެ.



advertisment