Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- ގާޒީ ސީސަމްނެސްގެ ހަންދެމުން

ތާރީޚުގެ ބައްޕަ ކަމުގައި ބެލެވޭ ޔޫނާނީ މުއައްރިޚު ހެރޯޑޮޓަސް (އޭނާ ނިޔާވީ މީލާދުގެ ހަތަރު ވަރަކަށް ސަތޭކަ އަހަރު ކުރިން) ލިޔުއްވައިފައިވާ ވާހަކައެކެވެ. ގާޒީ ސީސަމްނެސްގެ ވާހަކައެވެ. ގާޒީ ސީސަމްނެސްއަކީ މީލާދުގެ ފައްސަތޭކައެއްހާ އަހަރު ކުރީގައި އުޅުއްވި ފާރިސް ކަރައިގެ ރަސްކަލެއް ކަމުގައިވާ ގިމްބީޒް ދެވަނައިގެ ދުވަސްވަރު އޭނާގެ ގާޒީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ގާޒީއެކެވެ. މި ގާޒީ ރިޝްވަތު ނެންގެވުމުގެ ސަބަބުން ވަރަށް ވަރުގަދަ އަދަބެއް ދެވުނެވެ. ދިރިހުއްޓައި އޭނާގެ ހަންދަމައި ނަގައި މެރުމުގެ އަދަބެވެ. އަދި، މިކަން މީސްތަކުންނަށް، ޚާއްސަ ގޮތެއްގައި ގާޒީންނަށް ހަނދާންކޮށްދިނުމުގެ ގޮތުންނާއި، ރިޝްވަތުގެ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ކުރިމަތިލާންޖެހޭނޭ އަދަބަކީ ކޮބައިކަން ވެސް ބުނެދިނުމުގެ ގޮތުން، ސީސަމްނެސްގެ ހަންގަނޑު ގާޒީގެ ގޮނޑީގައި އެޅުނެވެ.

މީލާދީ ސަނަތުން ފަނަރަ ވަނަ ގަރުނުގައި އުޅުއްވި ނެދަރލަންޑުގެ ކުރެހުންތެރިއެއް ކަމަށްވާ ޖެރާރޑް ޑޭވިޑް ސީސަމްނެސްގެ ހަންދެމުން މި ސުރުޚީގެ ދަށުން ކުރެހުމެއް ކުރައްސަވައި އެ ހާދިސާ ދުނިޔޭގެ ތާރީޚުގައި ތަޚުލީދުކުރެއްވިއެވެ. އާދެ، ދުނިޔޭގެ ތާރީޚުގައި އަބަދުގެ އަބަދަށް ދެމިހުންނާނޭ ގޮތް މެދުވެރިކުރެއްވިއެވެ. (މަތީގައި އެވަނީ މި ތަސްވީރުގެ ފޮޓޯއެކެވެ.)

މި ހާދިސާގެ ވާހަކަ ލިޔުއްވައި، ޔޫނާނީ މުއައްރިޚު ހެރޯޑޮޓަސް ފާހަގަކޮށް ދެއްވަން ބޭނުންފުޅުވީ ކަމަކީ ކޮބައިހެއްޔެވެ؟ އެ ހާދިސާ ލިއްބައިދޭ މެސެޖަކީ ކޮބައިހެއްޔެވެ؟ އާދެ، އަދުލު އިންސާފުގެ މުހިއްމުކަމެވެ. ގައުމެއް ގައުމެއްގެ ވުޖޫދުގައި މިނިވަންކަންމަތީގައި ދެމިއޮތުމުގެ ސަބަބަކީ އެގައުމުގައި އަދުލު އިންސާފުގެ ވަރުގަދަ ބިނާއެއް ކޮޅަށް ނަގައި ގާއިމު ކުރެވެފައި އޮތުމެވެ. މި ބިނާ ވީރާނާ ނުވެ ހިފެހެއްޓުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ މީހުންނަކީ އަދުލު އިންސާފު ހިންގާ މީހުންނެވެ. އާދެ، ގާޒީންނެވެ. ރިޝްވަތާއި އަމިއްލަ ފައިދާއަށް އަދުލު އިންސާފުގެ ނިޒާމު ވިއްކާލެވޭ ކަމަށް ވަންޏާ، އެ ހަލާކުވެގެންދަނީ ހަމައެކަނި އަދުލު އިންސާފުގެ ނިޒާމެއް ނޫނެވެ. އޭގެ އިތުރުން، މުޅި އުއްމަތް، މިނިވަން ބައެއްގެ ގޮތުގައި، ވުޖޫދުގައި އޮތުމުގެ ސަބަބެވެ. އެހެންވެ، ގާޒީން ރިޝްވަތު ހިފައި އަދުލު އިންސާފުގެ ބިނާ މުގުރާލުމުން އެމީހުން މުޅި ގައުމު، މުޅި އުއްމަތް ހަލާކުކޮށްލާކަމުގައި ބެލެވެއެވެ. އެހެންވެ، ގާޒީ ސީސަމްނެސް ރިޝްވަތު ހިފުމުން އޭނާގެ ހަންދަމައި މެރުމުގެ ހަރުކަށި އަދަބު އޭނާއަށް ދެވުނީއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ގާޒީންނާއި އަދި އެހެނިހެން ވެސް މަސްއޫލުވެރިން ރިޝްވަތު ހިފުމާއި ނެގުމުގެ މައްސަލައިގެ ވާހަކައަކީ އާންމުންގެ ތެރޭގައި ފެތުރި މަޝްހޫރުވެފައިވާ އާންމު ވާހަކައެކެވެ. އާދެ، މީހުން ރިޝްވަތު ދިނުމުން އެކަމާ ރުހި، ރިޝްވަތު ހިފާ ވާހަކައެވެ. އަދި، އަމިއްލައަށް ރިޝްވަތަށް އެދި، މީހުން އަތުން ރިޝްވަތު ނަގާ ވާހަކަވެސް މެއެވެ. މިވެނި އެވެނި އަދަދަކަށް ފައިސާ ދީފިނަމަ މައްސަލަތައް މިވެނި އެވެނި ގޮތަކަށް ނިންމައިދޭން ޚުދް ބައެއް ގާޒީންނާއި ބައެއް ވެރިން ނުވަތަ އެމީހުންގެ އޭޖެންޓުން ބުނާކަމުގެ ވާހަކައެވެ. މިފަދަ ވެރިންނާއި ގާޒީން ފާރިސީ ގިމްބީޒު ދެވަނައިގެ ދުވަސްވަރު އުޅުނު ނަމަ، ކިތައް ގޮނޑީގަ އަޅާނޭ އިންސާނީ ހަން ލިބުނީސް ބާވައޭ ބައެއް މީހުންގެ ހިތަށް އަރާފާނެއެވެ!