Support Us

ޗައިނާގެ ޢަސްކަރީ ބަޖެޓް 7.2% އަށް ބޮޑުކޮށްފި

ޗައިނާގެ މި އަހަރުގެ ޢަސްކަރީ ބަޖެޓް ނިސްބަތުން 7.2%  އަށް ބޮޑުވެގެންދާނެ ކަމަށް ޗައިނާއިން މިއަދު ބުނެފިއެވެ. މި ކަން އިޢުލާން ކުރަމުން ޗައިނާ ބުނިގޮތުގައި ތައިވާން ޖަޒީރާ ޗައިނާއާ ވަކިވެގެން ދިޔުން މަނާކުރުމަށް ޓަކައި ޗައިނާއިން ހަރުދަނާ ފިޔަވަޅުތައް އަޅާނެއެވެ.

މި ބަޔާނުގައި ތައިވާނާއެކު ގުޅުންތައް ޞުލްޙަވެރިކަމާއެކު ބިނާކުރާނެކަމަށް ވެސް  ބުނެފައި ވެއެވެ. 

ޗައިނާގެ މާލީ ވުޒާރާއިން ނެރުނު ޢަސްކަރީ ހޭދައާ ބެހޭ މި ރިޕޯޓް  އިޢުލާންކުރީ ޗައިނާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަހަރީ ބައްދަލުވުން މިއަދު ފެށުމާ ވިދިގެންނެވެ. ޗައިނާއިން  ޢަސްކަރީ ދިފާޢަށް ހޭދަކުރަން ގަސްތުކޮށްފައިވާ މިންވަރަކީ 224 ބިލިއަން ޑޮލަރެވެ. މިއީ އެމެރިކާގެ ޢަސްކަރީ ބަޖެޓަށްވުރެ ތިން ގުނަ ކުޑަ މިންވަރެކެވެ.

ޗައިނާގެ ބޮޑުވަޒީރު ލީ ކާ ޗިޔަންގ ބަރްލަމާނުގައި ދެއްވި ޚިޠާބުގައި ޗައިނާގެ ލަޝްކަރުތަކުގެ ތަމްރީނުތައް ވަރުގަދަކުރެއްވުމަށާއި ހަނގުރާމަކުރުމަށް ތައްޔާރުވެ އޮތުން ހަރުދަނާކުރުމަށް ވެސް ގޮވައިލެއްވިއެވެ. އިސްތިރާތީޖީ މަޖާލުގައި އައު އީޖާދުތައް ކުރުމަށް ވެސް އޭނާ  ގޮވައިލެއްވިއެވެ. 

ތަފާތު މައިދާންތަކުގައި ޗައިނާއަށް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެތެރޭގައި ތައިވާނުގެ މަސްއަލައާއި ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދުގައި ޗައިނާއާ އަވަށްޓެރި ޤައުމުތަކާ ދެމެދުގައި ހިނގަމުންދާ ދެބަސްވުންތަކާއި އެ ސަރަޙައްދުގައި ވަޔާއި ކަނޑުމަގުން ފަތުރާފައިވާ އެމެރިކާގެ ޢަސްކަރީ ބާރުތައް ވެއެވެ.

ޗައިނާގެ ބޮޑުވަޒީރުގެ ޚިޠާބުގައި ތައިވާނާއެކުގައިވާ ގުޅުންތައް ސުލްޙަވެރިކަމާއެކު ތަރައްޤީ ކުރުމަށް ގޮވައިލެއްވިއެވެ. އެހެނަސް ތައިވާނުގެ މިނިވަންކަމާ ޗައިނާ ދެކޮޅުހަދާކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާ ބުނާގޮތުގައި ތައިވާނަކީ ޗައިނާގެ ސަރަޙައްދެކެވެ. ތައިވާން ބުނާގޮތުގައި ތައިވާނުގެ ކުރިމަގު ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ތައިވާނުގެ 23 މިލިއަން ރައްޔިތުންނަށެވެ. ތައިވާނުގެ ރައްޔިތުންނަށް އިޙްތިރާމުކުރުމަށް ތައިވާނުން ބޭޖިންގަށް ގޮވައިލައެވެ.  

އެމެރިކާއިން ވަނީ ތައިވާނުގެ މިނިވަންކަން ދެމެހެއްޓުމަށް ޢަހްދުވެފައެވެ. އެމެރިކާގެ މަސްއޫލުވެރީން ތުހްމަތު ކުރައްވާ ގޮތުގައި  ޗައިނާއިން ދަނީ ކުރިއަށް އޮތް ހައެއްކަ އަހަރުގެ ތެރޭގައި ތައިވާން ހިފުމަށް ތައްޔާރުވަމުންނެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *