އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކާ ބެހޭ އދގެ ފަސްވަނަ ސަމިޓް ޤަޠަރުގެ އަމީރު މިއަދު ހެނދުނު ހުޅުއްވާ ދެއްވައިފިއެވެ. މި ސަމިޓްގެ ޝިޢާރަކީ "ތަނަވަސްކަމުގެ ތެރެއިން ފާގަތިކަމަށް" އެވެ.
މި މަހުގެ ނުވަޔަކާ ހަމައަށް ދެމިގެންދާ މި ސަމިޓްގައި ހަ ހާސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެތެރޭގައި ޤައުމުތަކުގެ ރައީސުންނާއި ސަރުކާރުތަކުގެ ވެރީންނާއި ވަޒީރުންނާއި ޑިޕްލޮމެޓުންނާއި ޢާލަމީ އަދި ސަރަޙައްދީ ޖަމާޢަތްތަކާއި ޖަމިއްޔާތަކާއި ކުންފުނިތަކާއި މުއައްސަސާތަކުގެ އިސްވާރުން ހިމެނެއެވެ.
ޤަޠަރުގެ އަމީރު ޝައިޚު ތަމީމު މި ސަމިޓް ހުޅުއްވާ ދެއްވަމުން ވިދާޅުވިއެވެ. "ކާބޯތަކެތީގެ އަމާންކަމާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ހަކަތައިގެ ދަތިކަންފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި ގުޅިފައިވާ ޢާލަމީ މަސްއޫލިއްޔަތެއް އެބަ އޮތެވެ." އޭނާ ބާރުއަޅުއްވާ ވިދާޅުވި ގޮތުގައި އެންމެ ކަޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް އެހީވުމަކީ "ކުރިއަރައިފައިވާ މުއްސަނދި ޤައުމުތަކުގެ ބޮލުގައި އެޅިފައިވާ އަޚްލާޤީ ޒިންމާއެކެވެ."
ޝައިޚު ތަމީމު ވިދާޅުވިއެވެ. "އަޅުގަނޑު އުންމީދު ކުރަނީ ކުރިއަރައިފައިވާ ޞިނާޢީ ޤައުމުތަކުން މޫސުމާބެހޭ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި ފައިދާހުރި ޤަރާރުތަކެއް ކަނޑައެޅުމުގައި އެ ޤައުމުތަކުގެ ޒިންމާ އަދާކުރާނެ ކަމަށެވެ."
ޤަޠަރުގެ އަމީރު ވިދާޅުވި ގޮތުގައި އިންސާނީ ކުއްލި އެހީއަކުން ކާބޯތަކެތީގެ އަމްނާ ބެހޭ މަސްއަލަ ޙައްލެއް ނުވާނެއެވެ. ހަނގުރާމައިގެ ހިޔާ އަޅަމުންދާއިރު ކާބޯތަކެތީގެ އަމާންކަން ޖާމިނެއް ނުކުރެވޭނެއެވެ.
ޝައިޚު ތަމީމު ހާމަކުރެއްވި ގޮތުގައި "ދައުޙާގެ ޢަމަލީ ޕްރޮގްރާމު"ގެ ދަށުން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް އެހީވުމަށް ޓަކައި 60 މިލިއަން ޑޮލަރު ޤަޠަރުން ވަނީ ޚާއްޞަކޮށްފައެވެ. މި ޕްރޮގްރާމަކީ ހަނަފަސްކަމާއި ކާބޯތަކެތީގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން ބަނޑަށް ޖެހޭ ޤައުމުތަކަށް އެހީވުމަށް ޤާއިމުކުރި ނިޒާމެކެވެ.
ދޮގު ވަޢުދުތަކަށް ވަގުތެއްނެތް
މި ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި އދގެ އަމީން ޢާންމު ޣުޓަރެޝް ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި "އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތައް ވަނީ ޞިނާޢީ މައިދާނުގައި ވަރަށް ބޮޑު ވުނަކުރުމަކަށް ބޭނުންވެފައެވެ."
ޣުޓަރެޝްގެ ވާހަކަފުޅުގައި މޫސުމާބެހޭ ބަދަލުތަކުގެ ސަބަބުން ކުރަމުންދާ ނުބައި އަސަރުތަކާ ކުރިމަތިލުމަށް ޓަކައި މުއްސަނދި ޤައުމުތަކުން ފަޤީރު ޤައުމުތަކަށް އެހީވުމަށް ގޮވައިލެއްވިއެވެ.
އޭނާ ވިދާޅުވިއެވެ. "ދޮގު ވަޢުދުތައް ކުރުން ހުއްޓައިލާން ޖެހޭ ވަގުތު އަތުވެއްޖެއެވެ. އަޅުގަނޑުމެން އަހައްމިއްޔަތުދޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤަމުތައް ހަދަން ވެއްޖެއެވެ."
ފައިސާދިނުމުގެ ޝަރްޠުތައް ކުށްވެރިކުރުން
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ މަޝްރޫޢުތަކަށް ފަންޑުދިނުމުގައި މުއްސަނދި ޤައުމުތަކުން ގެންގުޅޭ ޝަރްޠުތައް ކުށްވެރިކުރައްވާ ބައެއް ރައީސުން އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. މި ކަމުގެ ސަބަބުން ވޭތުވެދިޔަ 10 އަހަރުގެތެރޭގައި މި ޤައުމުތަކުގެ ދަރަނިތަކުގެ މިންވަރު ވަނީ ހަތަރު ގުނައަށް އިތުރުވެ 2021 ގައި 50 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ.
ސޫދާނުގެ ސިޔާދަތީ މަޖިލީހުގެ ރައީސް ޢަބްދުލް ފައްތާޙުލް ބުރްހާނު ވިދާޅުވިއެވެ. "ސުދާނު ދެކޭގޮތުގައި ދަރަނީގެ މަސްއަލައަކީ އަވަހަށް ޙައްލު ކުރަން ޖެހިފައިވާ އަވަސް މަސްއަލައެކެވެ." ސޫދާނުގެ ސިޔާސީ މަރްޙަލާއަށް ބައްލަވައިލައްވަމުން އަވަސް އެހީ ސޫދާނަށް ދިނުމަށް އޭނާ ގޮވައިލެއްވިއެވެ.
އިރުމަތީ ޓީމޯރުގެ ރައީސް ޖޯޒޭ ރާމޮސް ވިދާޅުވި.ގޮތުގައި ކަމާބެހޭ ޤައުމުތަކުން މަސައްކަތް ކުރަނީ ވީހާ ބޮޑު ފައިދާއެއް ނެގުމަށެވެ. ފަޤީރު ޤައުމުތަކުގެ ޙާލަތަށް ރިޢާޔަތެއް ނުކުރެއެވެ.
މި ސަމިޓް ރިޔާސަތުގައި އިއްޔެ އިންނެވި މަލާވީގެ ރައީސް ލަޒާރޮސް ޝަކްވޭރާ ވިދާޅުވި ގޮތުގައި ބައިނަލް އަޤްވާމީ މުޖްތަމަޢުން ވަޢުދުތަކެއް ނުފުއްދައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެހީއަކީ "ދަރުމަވެރި ޢަމަލެއް ނޫނެވެ. ކަމޭހިތުމުގެ ގޮތުން ފޯރުކޮށްލާ އެހީއެއްވެސް ނޫނެވެ."
އެންމެ ކުޑަކޮށް ތަރައޤީވެގައިވާ ޤައުމުތަކަކީ ކޮބާ
އދ ން މި ޤައުމުތައް ބަލައިގެންފައި ވަނީ 1971ވަނަ އަހަރުގައެވެ. މި ޤައުމުތަކަކީ ޖޯގުރަފީ ގޮތުންނާއި ތާރީޚީ ގޮތުންނާއި އުފެދުމުގެ ގޮތުން ތަރައްޤީއަށް ބޭނުންވާ ތަނަވަސްކަމުން ވަރަށް ބޮޑަށް މަޙްރޫމުވެފައިވާ ޤައުމުތަކެކެވެ.
މި ޤައުމުތައް ކަނޑައެޅުމުގައި ބަލައިފައިވާ މީޔާރުތަކަކީ:-
- ބޮލަކަށް ޖެހޭ އާމުދަނީ
- އިންސާނީ އުޞޫލުތައް (ކާބޯތަކެއްޗާއި ދުޅަހެޔޮކަމާއި ކަނާދާއި ލިޔަންކިޔަންދަތުމުގެ މުއައްޝިރުތައް (ނުވަތަ އިންޑެކްސް)
- އިޤްތިޞާދީ ކަމީނާކަން (ވިޔަފާރިއަށް އަސަރުކުރާގޮތަށް ހާސާވާ ޠަބީޢީ ހިރާސްތަކާއި މާއްދީ އަދި އިޤްތިޞާދީ ހިރާސްތައް)



advertisment