...

Support Us

ކޮލަމް ކޯދު: ގެއްލުނު ކޯރާޑިއެއްގެ ވާހަކައާއި އެކަމުގެ ސަބަބުން އެނގުނު ކަމެއްގެ ވާހަކަ

ކުރީ ރޭ، ކޯރާޑި ބޭނުންވެގެން އެ ހޯދަހޯދާ ވެސް ނުފެނުނެވެ. ދެން އަހަރެންނަށް ހީވީ، ނޫން، ޔަގީންވީ، އަހަރެންގެ އަވަށްޓެރިޔާ އަހަރެންގެ ކޯރާޑި ވަގަށް ނެގީ ކަމަށެވެ.

ކޮންމެއަކަސް ޖެހިގެން އައި ދުވަހު، އަހަރެންގެ އަވަށްޓެރިޔާ އަހަންނަށް ފެނުނެވެ. އޭނާ ހިނގާފައި ދަނިކޮށެވެ. ދެން ހިތަށް އެރިއެވެ. އޭނަ ހިނގާފައި ދާ ގޮތާއި އަހަރެންގެ ކޯރާޑިއާ ހާދަ ވައްތަރެވެ. ދެން އަހަރެން އޭނައާ ހަމަކޮށް، ސަލާން ގޮވާލައި ވާހަކަ ދައްކާލީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. އޭނާގެ ވާހަކަ ދެއްކުން ވެސް ހަމަ އެހެރީ އަހަރެންގެ ކޯރާޑިހެންނެވެ. ކޯރާޑިން ދަރުފަޅައި ހަދާއިރު ނިކުންނަ އަޑާއި އޭނާގެ އަޑު ހާދަ ވައްތަރެވެ. ދެން އޭނާގެ ހަރަކާތްތަކަށް ބަލާލުމުން ވެސް ހަނދާން ވަނީ ހަމަ އަހަރެންގެ ކޯރާޑި މަތިންނެވެ. ހާދަ އެއްގޮތެވެ. ކޮންމެއަކަސް އޭނާ ފެންނަނީ ހަމަ އަހަރެންގެ ކޯރާޑިހެންނެވެ.

މިހުރިހާ އެއްގޮތް ކަމެއް ހުރި އިރުވެސް ކޯރާޑީގެ ވާހަކަ އޭނާ ގާތު ބުނާހާ ހިއްވަރެއް އަހަރެންގެ ކިބައަކު ނެތެވެ. ކޮންމެއަކަސް އެރޭ ހަމަ އެއްގޮތަކަށް ވެސް އަހަންނަކަށް ނުނިދުނެވެ. ކޯރާޑި ގެއްލުމުންނާއި އަހަރެންގެ އަވައްޓެރިޔާ ކޯރާޑި ނެގީ ކަމާ މެދު ފިކުރުކުރުމުގައި ދެއަތަށް ފުރޮޅިފުރޮޅި އެނދުގައި އޮންނަން ޖެހުމުންނެވެ.

އޭގެ އަނެއް ދުވަހު އަހަރެންގެ ކޯރާޑި ފެނިއްޖެއެވެ. ދަރިފުޅު އޭނާގެ ކުޅޭ އެއްޗެހިތަކެއް ކޯރާޑި މައްޗަށް އަޅާފައި އޮތުމުން ކޯރާޑި ފޮރުވިފައި އޮތީ އެވެ. ދެން ހަމަ އެދުވަހު އަވައްޓެރިޔާއާ ވެސް ދިމާވިއެވެ. ކުރީ ދުވަހު ފެނުނު އެއް ވެސް ކަމެއް މިއަދަކު ނުފެނެއެވެ. އޭނާގެ ހިނގުމުގައްޔާއި ވާހަކަ ދެއްކުމުގައްޔާއި ހަރަކާތުގައި ވެސް އަހަރެންގެ ކޯރާޑިއާ އެއްވެސް އެއްގޮތް ކަމެއް ހުރިކަން އެދުވަހު ފާހަގައެއް ނުކުރެވުނެވެ. އަދި، އޭނާއަކީ ކުށުން މުޅިން ބަރީއަ މައުސޫމު މީހެއްކަން އެނގުނެވެ.

ދެން ހެއްޔެވެ؟ އެދުވަހު އެހެން ކަމެއް އިހުސާސުވިިއެވެ. ވަގުކަލޭގެއަކީ އަހަރެން ކަމެވެ. މީހެއްގެ މައްޗަށް ދޮގު ތުހުމަތުކޮށް، އޭނާގެ މައުސޫމުކަން އަހަރެން ފޭރިގަތްކަމެވެ. އޭނާގެ އަމާނަތްތެރިކަމާއި ޒިންމާދާރުކަން އަހަރެން ފޭރިގަތް ކަމެވެ. އޭނާގެ އަބުރާއި އިއްޒަތް އަހަރެން ފޭރިގަތް ކަމެވެ. އަދި އަހަރެންގެ އުމުރުން ދުވަހެއް ވަގަށް ނަގައި ކުށުން މުޅިން ބަރީއަ މައުސޫމު މީހެއްގެ މައްޗަށް ދޮގު ތުހުމަތުތަކެއްކޮށް ނިދި ނަގާލެވުނު ކަމެވެ.

އާދެ، އިންސާނާގެ އެތެރެ ހަޑިވެ، މުޑުދާރުވެފައި އޮތް ނަމަ، ސާފު އެއްވެސް އެއްޗެއް ބޭރުން އޭނާއަކަށް ނުފެންނާނެއެވެ. މިކަމާ ގުޅޭ ވަރަށް ރީތި އަރަބި ޅެމެއް އޮވެއެވެ. އެއިން ޅެން ބައިތުކޮޅެއް، ތަރުޖަމާއާ އެކު ލިޔެލާނަމެވެ.

أيُّهذا الشَّاكِي وَمَا بِكَ دَاء كَيْفَ تَغْدُو إذَا غَدَوْتَ عَلِيْلاَ؟

(ބަލިކަމަށް ހެދިއާއި އަދިވެސް އެހެން ކަންކަމާ މެދު،) ޝަކުވާކުރާ އިންސާނާއެވެ! ކަލޭގެ ކިބައިގައި އެއްވެސް ބައްޔެއް (ޝަކުވާކުރާނޭ ވަރު ކަމެއް) ނެތެވެ. ދެން، ބައްޔެއްވެއްޖެ ނަމަ (ނޫނީ ޝަކުވާ ކުރާ ވަރު ކަމަކާ ދިމާވެއްޖެ ނަމަ) ކަލޭގެ ހާލަކީ ކޮބައިބާވައެވެ؟

إنّ شَرَّ الجُنَاةِ فِي الأرْضِ نَفْس تَتَوَقَّى، قَبْلَ الرَّحِيْلَ ،الرَّحِيْلاَ

ދުނިޔޭގައިވާ އެންމެ ބޮޑު ކުށްވެރިޔަކީ، މަރު އައުމުގެ މާކުރިން (ނޫނީ ދެރަ ކަމެއް ލައިގަތުމުގެ އެކަންކަމާ މެދު ފިކުރުކޮށް، ކަންބޮޑުވެ، އެކަންކަމުން ސަލާމަތްވާން) އުޅޭ މީހާއެވެ.

وَتَرَى الشَّوْكَ فِي الوُرُودِ، وَتَعْمَى أنْ تَرَى فَوْقَهَا النَّدَى إكْلِيلاَ

އަދި (އަބަދުވެސް،) ފިނިފެންމަލުގައިވާ ކަށި އޭނާއަށް ފެންނަ މީހާއެވެ. (ނަމަވެސް) އޭނާގެ ލޯވަނީ އެ ފިނިފެންމަލުގެ ވަށައިގެން ލެވިފައިވާ ޝަބްނަމްގެ (ރީތި) ހާރު ދުށުމުން އަނދިރިވެފައެވެ.

أيُّهذَا الشَّاكِي وَمَا بِكَ دَاء كُنْ جَمِيْلًا تَرَ الوُجُودَ جَمِيْلاَ

ބަލިކަމަށް ހެދި (އާއި އަދިވެސް އެހެނިހެން ކަންކަމާ މެދު) ޝަކުވާކުރާ އިންސާނާއެވެ! ކަލޭގެ ކިބައިގައި އެއްވެސް ބައްޔެއް (ޝަކުވާކުރާނޭ ވަރު ކަމެއް) ނެތެވެ. (އެތެރެފުށް) ރީތި މީހަކަށް، ކަލޭ ވާށެވެ. އޭރުން، މުޅި ވުޖޫދު ވެސް ކަލެއަށް ފެންނާނީ ރީތިކޮށެވެ.

(ޔައުނީ، މާބޮޑު މައްސަލައެއް ނެތަސް، ކިރިޔާ ހިތްހަމަނުޖެހޭ ކަމެއް ދިމާވާ އިރަށް، ކަންތައް ބޮޑުކޮށްގެން، ޝަކުވާކުރާ އިންސާނާއެވެ! ޝަކުވާ ކުރާވަރު ކަމެއް ކަލެއަށް ކުރިވެފައި ނެތެވެ. ރިވެތި އަޚުލާގެއްގެ ވެރި، ހެޔޮލަފާ އިންސާނަކަށް ވާށެވެ. އޭރުން، ކޮންމެ މީހެއްގެ ކިބައިން ވެސް، އަދި ފެންނަ ކޮންމެ މަންޒަރަކުން ވެސް، ދިމާވާ ކޮންމެ ކަމަކުން ވެސް ފެނި، ފާހަގަކުރެވޭނީ ރީތި ކަންކަމެވެ. ރަނގަޅު ސިފަތަކާއި ހެޔޮ ގޮތްތަކެވެ. މިފަދަ ގޮތެއްގައި ކަލޭގެ ނަފްސު ކަލެއަށް ހާނުވައި ތަމްރީނުކޮށް، ހެޔޮ ފާލުގެ މީހަކަށް ކަލެއަށް ވެވިއްޖެ ނަމަ، ކަލޭގެ ހިތްހަމަޖެހި، ކަލޭ ވާނީ އުފާވެރި ބާއްޖަވެރިއަކަށެވެ.)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.