Support Us

ތުރްކީ ޒިލްޒާލުތަކުގައި ކުނޑިކުނޑިވި ސަރަޙައްދު 100 މިލިއަން ކޮޑި މީޓަރަށްވުރެ ބޮޑު

މި ދިޔަ ފެބްރުވަރީ މަހު ތުރްކީއަށް އައި ބާރުގަދަ ޒިލްޒާލުތަކުގެ ސަބަބުން ބިމާހަމަވެ ކުނޑިކުނޑިވެގެންދިޔަ ތަންތަން 100 މިލިއަން ކޮޑި މީޓަރަށްވުރެ ބޮޑު ކަމަށް ތުރްކީން މިއަދު ހާމަކޮށްފިއެވެ. އދގެ ތަރައްޤީއާ ބެހޭ ޕްރޮގުރާމުގެ ރިޕޯޓެއް ބުނާގޮތުގައި މިއީ ފަހަކަށް އައިސް ދުނިޔެ ދެކެފައިވާ ޠަބީޢީ އެންމެ ބޮޑު ކާރިސާއެވެ.

ހެއިޓީއަށް 2010 ގައި އައި ޒިލްޒާލުގެ ސަބަބުން ހަލާކުވެ ކުނޑިކުނޑި ވެގެން ދިޔަ ސަރަޙައްދަށްވުރެ ތުރްކީއަށް އައި ބިންހެލުންތަކުގައި ވެއްޓި ހަލާކުވެ ކުނޑިކުނޑިވެގެން ދިޔަ ތަންތަން 10 ގުނަ އިތުރު ކަމަށް ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުންޏެވެ. ތުރްކީގައި ވެއްޓިފައިވާ ޢިމާރާތްތަކުގެ ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

މި ނޫސް ބުނާގޮތުގައި ވެއްޓުނު ތަންތާނގެ ކުނިބުނީގެ އަސާސަކީ ގޮނގުރެޓާއި ދަނގަޑާއި ބިނާކުރުމަށް  ބޭނުންކޮށްފައިވާ ގަލާއި ސިމެންތި ފަދަ އެއްޗެއްސެވެ. މީއްޗެހިން ތުރްކީގެ ވެރިރަށް އަންކަރާގެ ބިމުގެ ދެބައިކުޅަ އެއްބައި އެއް މީޓަރަށް އުފުލާލެވޭނެއެވެ. ތުރްކީ ސަރުކާރުގެ ރިޕޯޓްތައް ބުނާގޮތުގައި ކެތުރީނާ ޠޫފާނުގެ ކުންޏާއި (76 މިލިއަން ކޮނޑި މީޓަރުގެ ކުނި) ސެންޑީ ޠޫފާނުގެ ކުންޏާއި (11 މިލިއަން ކޮޑި މީޓަރުގެ ކުނި) އާއި ހާރވޭ ޠޫފާނުގެ ކުނި (ނުވަ މިލިއަން ކޮނޑި މީޓަރުގެ ކުނި) އަށްވުރެ ތުރްކީއަށް އައި ޒިލްޒާލުތަކުގެ ސަބަބުން ވެއްޓި ހަލާކުވި ތަންތަނުގެ ކުނި މާގިނައެވެ.

ވެއްޓުނު ތަންތާނގެ ޢަދަދު ސިހުމެއް

އެމެރިކާގެ ޖިޔޯލޮޖިކަލް ސަރވޭ މަރްކަޒުގެ ޒިލްޒާލާ ބެހޭ އިދާރާގެ ޑިރެކްޓަރު ކްރިސްޓީން ޖޫލިޔޭ ވޮޝިންގްޓަން ޕޯސްޓަށް ވިދާޅުވި ގޮތުގައި ބާރުގަދަ ބިންހެލުންތަކެއް އައުމުގެ އިތުރަށް ގެއްލުން ލިބުނު ސަރަހައްދުތަކުގައި ހުރި ބިނާތަކުގެ ބިންގާތަކުގެ ފީކަމުގެ ސަބަބުން ވެސް ލިބުނު ގެއްލުންތައް އިތުރުވެގެން ދިޔައެވެ. އެ ރަށްތަކުން ވެއްޓުނު ޢިމާރާތްތަކާއި ބިނާތަކުގެ ޢަދަދު ސިއްސައިގެންދާހާ ގިނައެވެ.

ޖޫލިޔޭ ވިދާޅުވިއެވެ. "ސަހަރުތަކަކީ އެއް ދުވަހުން ބިނާކުރެވޭނެ ތަންތަނެއްނޫނެވެ. މި ސަހަރުތަކުގެ ތެރޭގައި އެތައް ދަހަރުތަކެއްގެ ތެރޭގައި ބިނާކުރެވިފައިވާ ޢިމާރާތްތައް ހިމެނެއެވެ. މި ތަންތަން ބިނާކުރެވެނީ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން ވަކި ހަމަތަކަކާއި މިންގަނޑުތަކެއްގެ ދަށުންނެވެ. ބޮޑެތި ޒިލްޒާލުތަކުގައި ޢިމާރާތްތައް ވެއްޓޭނެއެވެ. އެހެނަސް މާ ގިނަ ދުވަސް ނުވާ ތަންތަން ވެއްޓުމަކީ  ނާދިރުކަމެކެވެ."

އޭނާ ވިދާޅުވިގޮތުގައި ގެއްލުން ލިބުނު ބައެއް ތަންތަނަކީ ވަރަށް މުއްސަނދި ތަރިކަތަކެއް ހުރި ސަރަޙައްދުތަކެކެވެ.

ތުރްކީއަށް އައި ބިންހެލުންތަކުގެ ސަބަބުން 160 ހާސް ޢިމާރާތް ވެއްޓުނެވެ. މި ތަންތާނގައި 520 ހާސް ފްލެޓް ވެއެވެ. މިއީ ތުރްކީގެ ތާރީޚުގައި އެ ޤައުމު ދެކެފައިވާ އެންމެ ބިރުވެރި ކާރިސާއެވެ.

އދގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމުގެ ތުރްކީ މަންދޫބު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމުން ދަނީ އެ ތަންތަން ސާފުކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ "ކުނިތަކެއް ނޫނެވެ. އެއީ އިންސާނީ ޙަޔާތާއި ހުވަފެނާއި ޒިކްރާތަކާ ގުޅިފައިވާ ތަންތަނެވެ."

ތުރްކީން އިއްޔެ ބުނިގޮތުގައި ފުރަތަމަ ޒިލްޒާލަށްފަހު އެ ސަރަޙައްދުތަކަށް 11 ހާސް އިރްތިދާދީ ލޮޅުންތައް އައިސްފައިވެއެވެ. މި ކަމުގެ ސަބަބުން ގެދޮރުނެތުނު މީހުން ވަގުތީގޮތުން ވަޒަންވެރިކުރުވުމަށްޓަކައި 350 ހާސް ފޭލިގެ ވަނީ ޖަހައިފައެވެ.

ތުރްކީއަށް އައި ބިންހެލުންތަކުގައި ގެއްލުން ލިބުނު ސްޓޭޓްތަކަކީ ކަހްރަމާން މަރްޢަޝްއާއި ޣާޒީ ޢަންތާބާއި ޝަންލީއާއި އޮރްފާ އާއި ދިޔާރު ބަކްރާއި އަޟްނާއާއި އަދީޔާމާނާއި ޢުޘްމާނިއްޔާއާއި ހަތާއިއާއި ކެލެސްއާއި މަލާޠިޔާއާއި އަލާޒީޣެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *