ރޯޅިއެއް ފިނި ބީހިލާ މޯޅިނުވި މާތަކުތެރޭ
ކޯޅި ކޯޅިން ފޮނުވަނީ ފަތިހުގެ ސަލާމޭ ވައިތެރޭ
ރަންކުލައިން އުދަރެސް އެކީ ބަބުޅާ ވިދާ އާދުވަހަކަށް
ސަންގުމަރު މަރު ހުދުކުލައިން ވިދަމުންއެދާ ތުނޑިތަކު ތެރޭ
ދޫނިތައް މުނިޔާ ތަކާ ޤުމްރީ ތަކާއެކު އުދުހެމުން
ތޫނު ނަޒަރުން ފަތަހަ ކޮށް ހިތް ތައް އުދުހެނީ ވައިތެރޭ
ރޭދުވާދައުރާނަ ވާހިނދު އެކި މަނާޒިރު ތައްފެނޭ
ރޭވުމުން ތަރި ހަނދު ވިދާ ބަބުޅާނެޔޭފަލަކުގެ ތެރޭ
ފެހިފަށުވި ސާލެއް ފަދައިން ހެލެމުން އެދާ ރުއްގަސްތަކުން
ފެހި އަމާން ކުދި ރަށްތަކުގެ މަލަ ފެންނަނީ ކަނޑުފަޅު ތެރޭ
ދުނިޔެއިން މީ ޖަންނަތޭ ބުނެވޭ މިނަލަ ނަލަ ރާއްޖެއިން
މުނި އަވަސް ފިލުވަން ދުރުން އުދުހޭނެޔޭ ޖައްވުގެ ތެރޭ