Support Us

ކޮލަމް ކަލާވެހި: އަޅުގަނޑަކީވެސް މިރާއްޖޭގައި ޚާއްޞައެހީއަށް ބޭނުންވާ މީހެއްކަން ކަށަވަރެވެ!

މިއީ ޤުދުރަތީ ގޮނޑުދޮށްތައް މުޅި ދުނިޔެއަށް އިސްތިހާރުކުރާ ޤައުމެކެވެ. އެހެން އަދި ވިޔަސް، މި ރީތި، ސާފު، އަމާން ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައިކުޅަބައެއް އެތަނެއްގައި ދިރިއުޅެމުންދާ، ޤައުމުގެ ވެރިރަށް މާލޭގެ އިރުމަތީ ފަރާތުގައި އެ އޮންނަ މަޞްނޫޢީ ގޮނޑުދޮށަކީ މިރާއްޖޭގައި އަޅުގަނޑާ ކުފޫހަމަވާ، އަތާއި ފައި ފޯރާ ހަމައިގައި އޮންނަ ހަމައެކަނި ގޮނޑުދޮށެވެ. މިރާއްޖޭގައި މީހުންތެރެޔަށް ނިކުމެ، ކަންކަމާ ބަސްބުނެ، ކަންކަމަށް އަތްވެސް ބާނައި އުޅޭ ޒާތުގެ ގިނަ މީހުންގެ ހިތްތިރިކަމާއި، ހިތްހެޔޮކަމާއި، އަމާނާތްތެރިކަމާއި، ޚުލްޤު ހެޔޮކަމާއި، އެ މީހުންނަށް ޅަފަތުގައި ލިބުނު ތަރުބިއްޔަތާއި، އެމީހުންގައި އެހުންނަ އަނެކާޔާ އަޅައިލުމާއި، ތަހުޒީބާއި، އެކަހަލަ މަތިވެރި އެހެން ސިފަތައް ފަދައިން، އެ ގޮނޑުދޮށަކީވެސް މަޞްނޫޢީ ތަނެކެވެ. ދޮންވެއްޔާއި ހިލަވެލި މަސްހުނިވެފައިވާ ތަނެކެވެ. ތަން ގިރައިގެން ނުގޮސް އޮންނަނީ ރާއްޖޭން ބޭރުން ގަނެގެން، ނާލު ދައްކައިގެން ގެނެސް، ޟަރީބަތާއި މަޖޫރީ އަށް ޚަރަދުކޮށްގެން އަތުރައިފައި އެހެރަ ބޮޑުހިލައިގެ ސަބަބުން  ކަމުގައިވެެއެވެ. އެއީވެސް…. ދެން ތަނެކެވެ. ބައެއް ދުވަސްދުވަހު ދަމަކަށް އިރުއެރީމައި އަޅުގަނޑުވެސް އެތަނަށް ގޮސްލައި އުޅެން ވިއްޔާއެވެ. 

ދަންނަވަން މިއުޅޭ ވާހަކަ ފެށެނީ އެ ހިސާބުންނެވެ. އެކަމަކު ފަށަންވެސް ނޭނގިގެން މިއުޅެނީ އަޅުގަނޑަށްވެސް ޚާއްޞައެހީޔަށް ބޭނުންވާތީއެވެ. 

މާލޭގައި ރައްޔިތު އެންމެން ބޭނުންކުރާން އެހުންނަ ތަންތަނާއި އެތަންތަނުގައި ހުންނަ ވަޞީލަތްތަކުގެ ކަންކަން ރާވައި، ހަމަޖައްސައި، ބަލަހައްޓައި، މަރާމާތުކޮށް ހެދުމުގެ މަސްއޫލިއްޔަތު ބޮލަރުވައިގެން އުޅެނީ ކޮންބައެއްކަމާމެދު ބޮޑެތި މުއައްސަސާތަކުގައި ތިއްބަވާނެއެވެ. އަދި އެ މުއައްސަސާތަކުގައި އެ ތިއްބަވާ، އެއް ބޭކަލަކަށް ވުރެ އަނެއް ބޭކަލެއްގެ ހައިބަތާއި ޣުރޫރު ބޮޑު ބޭބޭކަލުންގެ މެދުގައި ބާރުވެރިކަމާމެދު ކުޑަ ޚިލާފެއް ހުއްޓަސް، އެންމެ ރަނގަޅު، އެހެން ނޫންތޯއެވެ؟ ހަތް މަހުން ނިންމަވާނަމޭ ވިދާޅުވި ތަން ދެއަހަރުން އަދި ނުނިމުނަސް، އެއީ ބައެއް ހަނި ގޯޅިތަކަށް ވަދެވި، ނިކުންނަން ނޭނގި، މިކަހަލަ ގޮތްތަކެއް ވެގެން ނަގުލުގައި ނާށި ތިއްބިފައި ތިބި ހައެއްކަ ބުޅާ އެކަހަލަ ތަނެއްގައި ކޯޅޭތީއޭ ވިދާޅުވެގެން ނަމަވެސް އަދި އެބަ ސަލާމަތްވެވަޑައިގެންނެވޭ ނޫންތޯއެވެ؟ ދެން އަޅުގަނޑުމެން ކަހަލަ ދުނިޔެތެރެޔަށް ލޯ ނުހުޅުވި ތިބި މީހުން ކުޑައިރު ނަމަވެސް ކިޔައި އުޅުނު ލަވައިގެ މައިގަނޑު އޮޅި، އިހުބަސްބުނި ބޮޑު ފަގުޑި ކަންގަނޑުގެ ނަލަކަން ނަމަވެސް ކެންސަލްވެ، ހެދި ގޮނޑުދޮށުގައި ހުންނާނޭ ކަމަށް ބުނި އެތައް ވަޞީލަތެއްވެސް ނެތި… އަނހަ! އަނެއްކާވެސް މިދަނީ އޮޔާ ތޯއްޗެކެވެ. 

ވާނީވެސް އެހެން ނޫންތޯއެވެ! އަޅުގަނޑަށްވެސް މިއުޅެނީ ޚާއްޞަ ނޫނަސް އިޖުތިމާޢީ ލާޒިމް ކަމުގެ ގޮތުންނަމަވެސް ޙައްޤު އެހީޔަކަށް ބޭނުންވެ، އެވެސް ނުލިބިގެން ވިއްޔާއެވެ!

އާދެ! ފަށަމުން ދެންނެވި، އެއްކަލަ ހެދިގޮނޑުދޮށް، އެހެންނޫންތޯއެވެ!

އާޓިފިޝަލޭ ކިޔުނު ބީޗުގެ ވަށަވަށައިގެން ހުންނާނޭ ކަމަށް ބުނެވުނު ވަޞީލަތްތަކުގެ ތެރެއިން އެއް ވަޞީލަތެއް ހަމަ ގައިމުވެސް އެބަހުއްޓެވެ. އެއީ ޚާއްޞަ ބޭފުޅުންނަށް ނޫނީ ވެލާނާގޭ ދޮށުގައި އަދި ނެތަސް، މިތާނގައި ހުރި ވަޞީލަތެވެ. އެއީ، ހެދިގޮނޑުދޮށަށާއި، އެ ހިސާބުގައި އެހުންނަ ސިޔާސީ އެކި ވަކި އިދާރާތަކަށް ޒިޔާރަތްކޮށްލައި އުޅޭ އެކި ފަންތީގެ މީހުންގެ ސައިކަލު ބަހައްޓައިލާނޭ ޒޯނެކެވެ. ތަނުގެ ހަފޮޅުން އެތެރެވެއްޖިއްޔާ އިސްޓިކާޔޭ އެކިޔާ ނުއަތު ޟަރީބަތުން މިންޖުވާ ޒޯނެވެ. ހުދު ކަރުދާހަކުން ހަދިޔާ ދެއްވަން އެއުޅުއްވާ ރައްކާތެރި އަދި ޚިދުމަތްތެރި ބޭފުޅުންގެ ނަޒަރުން ސައިކަލު ކޮންމެވެސް ވަރަކަށް ނެއްޓޭނޭ، ޒޯނެވެ. އެއީ އަޅުގަނޑުމެން ކަހަލަ ހައިބަތާއި ސިޔާސަތާއި މާލިއްޔަތުން ދެރަވަރުގެ މީހުންނަށް ލިބޭ ހައުދަހައި ބޮޑު ހިތްހަމަޖެހުމެކެވެ. ދެން… އަސްތާ އަނެއްކާވެސް މިއޮއްގެން ޒޯނުން ބޭރުވެވެނީއެވެ!

ކީއްތޯއޭ ކުރާނީ، އެހެން އެވަނީ އަޅުގަނޑަކީވެސް މިހައިރަކަށް އައިސް ޚާއްޞައެހީއެއް ހިތުލައިގެން އިންދާ ލިބޭ ޞަދަޤާތަކުން ނޫނީ ހުނިލީ ރޮށްޓެއްވެސް އަރުން އެތެރެވާ މީހަކީމެއް ނޫންވިއްޔާއެވެ!

ޒޯނު، އެހެންނޫންތޯއެވެ! ދަންނަވައިފައި ނުދަންނަވާނީ ކޮން ވާހަކަޔެއްތޯއޭ، އެ ޒޯނަކީ އަލަށް ހަދާ އަމީނީ މަގު ކޮންމެވެސް ދުވަހަކުން ހަދައި ނިމޭއިރު އެ މަގުގައި ހުންނާނޭ ކަމަށް ބޭބޭފުޅުން އެ ވިދާޅުވާ އެންމެހައި ޒަމާނީ ވަޞީލަތެއް އަދި ނެތަސް، ވަޞީލަތްތަކެއް ހުރި ތަނެކެވެ. ހަމަ ގައިމުވެސް ދަންނަވާފާނަމޭ، ޚާއްޞައެހީއަށް ބޭނުންވާ މީހަކު އެތަނަން ހިނގައްޖިއްޔާ، އެމީހަކު ދުއްވަން ގެންގުޅޭ ތިންފުރޮޅުލީ ސައިކަލު ނުވަތަ ފުރޮޅުލީ ގޮނޑި ޕާކުކުރަން ވަކީން ޚާއްޞަކޮށް ފާހަގަކޮށްފައިވާ ޖާގަޔެއް، ދަގަނޑު ދަނޑިޖަހައި، ބޯޑު ބަހައްޓައި ހަދައިގެން އެތަނުގައި ފާހަގަކޮށްފައި އެބަހުރެއެވެ. އެހެންނަމަވެސް… ދަންނަވަންވީ ތޯއެވެ؟

 

އިއްޔެ ހެނދުނުވެސް، އަދި އަޅުގަނޑު އެއްކަލަ ބީޗޭ ކިޔުނު ގޮނޑުދޮށަށް ދާ ކޮންމެ ދުވަހަކުވެސް، އަޅުގަނޑަށް ފެންނަ މަންޒަރެކެވެ. ނޫން، މީހެކެވެ. އެއީ ޒުވާން ފުރައެއްގެ އަންހެނެކެވެ. ވަރަށް ޗާލޫކޮށް ހެދުން އަޅައި، ހެދުމާ ވާނޭ ގަހަނާއިން ޒީނަތްތެރިވެ، އޭނާގެ ހައިބަތާއި ޣުރޫރަތްތެރިކަން ވަރަށް ސިޔާސީކޮށް މޫނުމަތީން ދެއްކުމާއެކު، ކުޑަ ކުއްޖަކުވެސް ގޮވައިގެން ދާ އަންހެނެކެވެ. ކުއްޖާއޭތޯއެވެ؟ ކުއްޖާ ހުންނަނީ ރާއްޖޭގެ އާދައިގެ މަދުރަސާތަކާއި ނުބައްދަލު، އާދައިގެ ކެނައިންނާ އަރާއަރަފޯދިގެން ނުވާ، މިދެންނެވި ބާވަތުގެ މޮޅު މީހުން ކިޔައިއުޅޭ ގޮތަށް ނަމަ 'އިންޓަނެސަނަލް' އިސްކޯލެއްގެ ޔުނިފޯމެއްގައެވެ. ދެން އަޅުގަނޑު އެހައި ވަރަށް އެމީހުންނާ ދިމާޔަށް ބަލަނީ… ކީކޭތޯއޭ ދަންނަވާނީ، ޚާއްޞަ ކަންކަން ކުރަންޏާ ޚާއްޞަ ގޮތްގޮތަށް ބެލޭނެ، ދެއްތޯއެވެ!

ޚާއްޞަ ކަމެކޭ ތޯއެވެ؟ ސައިކަލު ކިތަންމެ އާވެފައި، މޮޅުވެފައި، އަގު ބޮޑަސް، އޭގައި ހުރީ ދެ ފުރޮޅެވެ. ސައިކަލު އެ ބެހެއްޓި ތަނެއްގައި ބަހައްޓައިފައި އެއިން ފޭބި މީހާ، އެއްކަލަ ކުއްޖާވެސް ކައިރީގައި ބަހައްޓައިގެން، ނުލާހިކު ފަރިކޮށް، ނަލަކޮށް، ހިނގައިލައިފައި އެ ދިޔައީ… ތަހުޒީބުގެ ހުރި މޮޅުކަމާއެވެ! އެކަމަކު ދަންނަވަންތޯއޭ، ސައިކަލު ބަހައްޓައިފައި އެ ދިޔައީ އަޅުގަނޑު ކުރީން ދެންނެވި، ޚާއްޞަ އެހީޔަށް ބޭނުންވާ މީހުން ދުއްވަން ގެންގުޅޭ ތިންފުރޮޅުލީ ސައިކަލު ނުވަތަ ފުރޮޅުލީ ގޮނޑި ޕާކުކުރަން ވަކީން ޚާއްޞަކޮށް ފާހަގަކޮށްފައިވާ ޖާގައިގައެވެ. ދަންނަވާނީ ފަހެ ކީކޭތޯއެވެ؟ 

އެ އަންހެނާޔަށް ލިޔާންކިޔާން ނޭނގެނީތޯއެވެ؟ ނޫނީ، ޖާގައިގެ ބާވަތް ދައްކައިދޭ ބޯޑުގައި ހުރި ކުރެހުމުގެ މާނަ މޭރުންނުވަނީ ބާވައެވެ؟ ނޫނީ އެކަހަލަ ކަންކަމަށް ސަމާލުކަން ދޭން ބޭނުންނުވަނީ ތޯއެވެ؟ ނޫނީ، ތިމާމީހާޔަކީ 'އިސްޕެސަލް' މީހެއްކަން އެހެންމީހުންނަށާއި، ގޮވައިގެން އެ ދާ ކުޑަކުއްޖާޔަށްވެސް ފިލާވަޅެއްހެން ދަސްކޮށްދޭން ބޭނުންވަނީ ބާވައެވެ؟ ނުވަތަ، ބޮޑު ސޯބަށް އެހެން އެނބުރެވެންޏާ މަށަށްވެސް އެނބުރެވެން ވާނެޔޭ، އާނދޮގޭޔޭ ބުނެލަނީ ބާވައެވެ؟ މިތާނގައި އަހަރެން ކޮންމެ ދުވަހަކުވެސް މިގޮތަށް ސައިކަލު ބަހައްޓާތާ މިހާރު މިވީ ހަތަރުފަސް މަހޭ، ތިބުނާ ހަދިޔާ ކަރުދާސްކޮޅެއް ދުވަހަކުވެސް މަޑިޔަކު ނުހިއްޕަޔޭ، ހިއްޕާކަށް ނުވެސް ކެރޭނެޔޭ، ދެން ކޮބައިހޭ މައްސަލަޔަކީ ސުވާލުކުރަނީ ބާވައެވެ؟ އަޅުގަނޑަކަށް ހަމަ ނޭނގެއެވެ!

އަޅުގަނޑަކަށް ހަމަ ނޭނގެޔޭ، އަޅުގަނޑަށް އެ ޒޯނުންވެސް ދުވަނީ އެމީހަކާ އެމީހެކޭ، ނުބީހެންޏާ ކަނޑާ ހަމަޔޭ، މިޒާތުގެ ނަންނަން އިނގިރޭސި ބަހުން ކިޔާ ބުރޭންޑުތަކުގެ ސެންޓުތަކުގެ ވަހެވެ. އެކަމަކު އެހެން އެވަނީ އަޅުގަނޑަށް ޚާއްޞަ އެހީޔަށް ބޭނުންވާތީއެވެ!

ދެން އަޅުގަނޑު ކުރަނީ އުފަލެވެ. އެއީ އަޅުގަނޑަކީ ތިރީސް އެތަކެއް އަހަރު ނުލާހިކު އަމާނާތްތެރިކަމާއެކު ދައުލަތަށް ޚިދުމަތްކުރިތަނާ ދިމާވި ޞިއްޙީ ކާރިސާއެއްގެ ސަބަބުން ޑޮކްޓަރުންގެ އިރުޝާދާއެކު އިސްތިޢުފާ ދީފައި ނިކުތީތީ ރިޓަޔަރމަންޓެއްވެސް ނެތި އުޅޭ ފަޤީރަކީމެވެ. އަދި އެހެން އުޅެނިކޮށް ސިޔާސީ އުންމީދުވާރުންގެ ދެތިން މީހަކު ޕާޓީއެއް ހަދައި، އެ ޕާޓީން އަޅުގަނޑުމެން ކަހަލަ މީހުންގެ އެ މައްސަލައިގައި ކެނޑިނޭޅި މަސައްކަތް ކޮށްދެއްވާނޭ ކަމަށް ޢާންމުކޮށް އިޢުލާނު ކުރެއްވީމާއި، އަތްޖަހަޖަހައި ހުރި މީހަކީމެވެ. ދޭތެރެ ދުރުކޮށް ނަމަވެސް، އެހެން ޒަރޫރަތްތަކުގެ ދީނާރު ބަރުވާ ފަހަރު ދިޔަޔަސް، މިގޮތްވެސް އަދި މިއަދަށް އެންމެ ރަނގަޅޭ ކިޔަމުންނެވެ. އުންމީދީ ތާޖްދާރީންގެ ފައިންޕުޅު އަދި ނުފެނުނަސް، މަޝްވަރާޔާއި، ބޮޑުފަރިއްކޮޅު މޭޒާއި، ދަންނަވަންތޯއޭ ކިޔުނު ފޮތުން ހަވާސާ ކުރީމައި ހަވާސާ ވެގެން ހުންނަން ޖެހުނަސް އަދި ހެޔޮކަމަށެވެ.  މިރާއްޖޭގެ ސިޔާސީ ބޭބޭފުޅުން ބޯކިބާ ފަޅިކުރައްވައި، ޕަސަންޓުގެ ޑީލް ހައްދަވައި، ކޮންމެވެސް ކޮވެލި ހާއްޔެއްގެ ވާހަކަ ދައްކަވައި އަދި ހެއްދެވިޔަސް، އެކަމުގެ ޙިކުމަތަކީ ކޮބައިތޯ ނުވިސްނައި، ޢާންމު މަންސަތަކުގައި އެވާހަކަ އަދި ނުދައްކައި ހުރި މީހަކީމެވެ. އަޅުގަނޑަކީ ސިޔާސީ އެކި ބޭބޭފުޅުން އެކި ފަހަރު މަތީން ނުލާހިކު އޮފުދާރު ކަމާއެކު އެ ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދަވާނޭ ކަމުގެ ޔަޤީންކަމުގައި ތަރުޙީބުގެ ތަރާނާތަކުން ގުންގުނާކުރަމުން އެ އުދުހޭ ބުލްބުލްތަކާ އެއް ތާލެއްގައި ލަވަ ކިޔައިލަކިޔައިލާ ހުރި މީހަކީމެވެ. ތިން ފުރޮޅުލީ ސައިކަލު ބަހައްޓަން ހުންނަ ތަންތަނުގައި އަޅުގަނޑުގެ އެޔަށްވުރެ އެއްފުރޮޅު މަދު ސައިކަލު އަދި ބަހައްޓަން ނުފަށާ ހުރި މީހަކީމެވެ. ދަންނަހައި ބޭރު ބަސްބަހުން އެހެން ލަވަޔެއް ކިޔައިގެން ބޭރުފައިސާ ހޯދަން އަދި ނުފަށައި ހުރި މީހަކީމެވެ. 

އެހެންވީމަޔޭ މިދަންނަވަނީ، އަޅުގަނޑަށްވެސް އެނގޭ އެއްޗެއް އޮވެޔޭ، އެއީ އަޅުގަނޑަކީވެސް މިރާއްޖޭގައި ޚާއްޞައެހީއަށް ބޭނުންވާ މީހެއްކަން ކަށަވަރޭއެވެ!