Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ބައްޕަކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟

މިއީ ވަރަށް އާދައިގެ އާއިލާއެއްގެ ކުއްޖެއްގެ މަދުރަސީ ދައުރުގައި އޭނާއަށް ދިމާވި ހާދިސާއެއްގެ ވާހަކައެކެވެ. އޭނާގެ ބައްޕައަކީ މަޖުރީއެކެވެ. ދަމާގާޑިޔާ ދަމައި ގަދަ މަސައްކަތް ކޮށްގެން ދިރިއުޅޭ މީހެކެވެ.

ކޮންމެއަކަސް މަދަރުސާގެ ފުރަތަމަ ދުވަހު ކުދިން އެކަކު އަނެކަކަށް ތައާރުފުކޮށްދިނުމުގެ ގޮތުން މުދައްރިސު ކުދިންގެ ކިބައިން އެދިލެއްވީ ކޮންމެ ކުއްޖަކުވެސް އެކުއްޖަކާ ބެހޭ ވާހަކަ ކިޔައިދިނުމެވެ. ކުއްޖާގެ ނަމާއި ބައްޕަ ކުރާ މަސައްކަތުގެ ވާހަކައެވެ.

އަޅުގަނޑުމެންގެ ތުއްތު ކުއްޖާ، އޭނާގެ ވާހަކަ ކިޔައިދިނުމުގެ ވަގުތު ޖެހިއްޖެއެވެ. މުދައްރިސު އޭނާގެ ނަމަކީ ކޮބައިތޯ އެއްސެވިއެވެ. ތިމަންނާއަށް ކިޔަނީ ފާތުމަތޭ އޭނާ ބުންޏެވެ. ބައްޕަކުރަނީ ކޮން މަސައްކަތެއްތޯ މުދައްރިސު އެއްސެވުމުން ވަރަށް މައުސޫމު ގޮތަކަށް ފާތިމަތު ބުނީ އޭނާއަށް އެ މަސައްކަތުގެ ނަން ބުނެދޭކަށް ނޭނގޭ ކަމާއި ގެއަށް ގޮސް މަންމަކުރެން އަހާފައި ދެން އަންނަ ދުވަހު މަންމަ ބުނި އެއްޗެއް ބުނާނޭ ކަމެވެ.

ގެއަށް ގޮސް މަދަރުސާގައި ހިނގި ކަންތަކުގެ ވާހަކަ ކިޔައިދީ ބައްޕަކުރާ މަސައްކަތަށް ކިޔަނީ ކޮން ނަމެއްތޯ ފާތުމަތު މަންމަކުރެން އެއްސެވެ. ދެން މަންމަ ބުންޏެވެ. ބައްޕައަކީ ވަރަށް ގިނަ ތަންތަނަށް މަސައްކަތްކޮށްދޭ މީހެކެވެ. ބައްޕަގެ ދަމާ ގާޑިޔަލަށް އެއްޗެހި އަރުވައިގެން އެކި ތަންތަނަށް ގެންގޮހެވެ. އެ ގޮތުން ބައެއް ފަހަރު ރައީސް އޮފީހަށް ވެސް އެއްޗެހި ގެންދަން ޖެހެއެވެ. އެހެންވީމާ ދަރިފުޅު މާދަމާ މަދަރުސާއަށް ގޮސް ބައްޕައަކީ ރައީސް އޮފީހުގެ ޚާއްސަ ވަޒީފާއެއް އަދާކުރާ މީހެކޭ ބުނާށެވެ.

ދެން އަނެއް ދުވަހު، ފާތިމަތު އިސްކޫލަށް ގޮސް އޭނާގެ ބައްޕަ ކުރާ މަސައްކަތުގެ ވާހަކަ ބުނެދިނެވެ. ބައްޕައަކީ ރައީސް އޮފީހުގެ ޚާއްސަ މަސައްކަތެއް ކުރާ މީހެކޭ ބުންޏެވެ. ދެން އެކަކަށް ވެސް އިތުރަށް އެއްޗެއް އަހާކަށް ނުކެރުނެވެ. އަދި، އެދުވަހުން ފެށިގެން، އިސްކޫލުގައި ފާތިމަތުގެ ގަދަރު އިންތިހާއަށް އުފުލިގެން ދިޔައެވެ.