Support Us

ކޮލަމް ކޯދު: އެތަންމިތަނުން ނެގިފައިވާ ބައެއް ވާހަކަ

ތިރީގައި މި ވަނީ އެތަންމިތަނުން ނެގިފައިވާ ބައެއް ވާހަކަތަކެވެ.

  1. މިސުރުގެ ޖާމިއާއެއް ކަމުގައިވާ ޖާމިއަތު އަސްޔޫތު ވަށައިގެން ފާރެއް ލެވިފައި ނެތް ދުވަސްވަރެއް އޮތް ކަމުގައި ބުނެވެއެވެ. މަގު ކުރުކޮށްލުމުގެ ގޮތުން ހިމާރުގާޑިޔާގެ ވެރިޔާ (ހިމާރު ޖަހައިގެން ޑައްބާތައް، ގާޑިޔާތައް، ދުއްވާ މީހާ،) ޖާމިއާގެ ތެރެއިން ދަތުރުކޮށް އުޅުނެވެ.

މިކަންވީ ޖާމިއާގައި މަސައްކަތްކުރާ އުސްތާޒުންނަށް ވަރަށް އުނދަގޫވީ ކަމަކަށެވެ. އިލްމާއި ތައުލީމުގެ ބޮޑު މުއައްސަސާއެއްގެ ތެރެއަށް ހިމާރު ގާޑިޔާތައް ވަނުން ވާނީ ހަމަ ވަރަށް ވެސް އައިބު ކަމަކަށް ނޫން ހެއްޔެވެ؟ ކޮންމެއަކަސް މިކަމުގެ ޝަކުވާ، ޖާމިއާގެ އުސްތާޒުން ޖާމިއާގެ ރައީސްގެ އަރިހަށް ގެންދިޔައެވެ.

އުސްތާޒުންގެ ޝަކުވާގެ ޖަވާބުގައި ޖާމިއާގެ ރައީސް ވިދާޅުވިއެވެ. ޖާމިއާ އޮންނަންވާނީ ހުޅުވާލެވި ޖަމާއަތާ ގުޅުވާލެވިފައެވެ. ޖާމިއަށް ހިމާރުން އައިސް އުޅުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ ހިމާރަކުވެސް ޖާމިއާއަށް ވަދެފައި ހިމާރެއްގެ ގޮތުގައި ހުރެ ދަސްވެނިވެ ނުކުމެގެން ދިޔުމެވެ!

ދެން، މިވާހަކައާ މެދު މީހަކު ބުންޏެވެ: މި ދުވަސްވަރު ހިމާރުންގެ ގޮތުގައި ޖާމިިއާތަކަށް ގޮސް، ކިޔަވައި، ދަސްވެނިވެގެން ހިމާރުންގެ ގޮތުގައި ނިކުމެގެން އަންނަނީ ހާދަހާ ގިނަ ބައެކެވެ!

  1. އަންހެން ހިމާރަކަށް އިންސާނަކު ވިހެއުމުގެ ކުޅަދާނަކަން ލިބިގެން ނުވެއެވެ.

ނަމަވެސް، އަންހެން އިންސާނަކަށް ހިމާރަކު ވިހެއުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.

  1. ހަތް އުޑު މަތިން އާސްމާނީ ރިސާލާތުތަކުގެ ވަހީ ފޭބި ތަނަކަށް، އާދެ، ހެޔޮ ކަންކަމަށް އަމުރުކޮށް އަދި ނުބައިކަންކަން ނަހީކޮށް، ރަނގަޅު ގޮތުގައި އުޅުމަށާއި، އަދުލުވެރިކަން ގާއިމުކުރުމަަށް، މަގުދެއްކި އިލާހީ މަގުދެއްކުމުގެ އަސްލު ގުޅިފައި އޮތް ތަނެއްގެ ގޮތުގައި، މެދުއިރުމަތި އޮވެފައި އެމެރިކާގެ މަތިންދާ ބޯޓުތައް ފައިބާ ތަނަކަށް މެދުއިރުމަތި ބަދަލުވެގެން ދިޔައީ ކީއްވެހެއްޔެވެ؟

މި ސުއާލުގެ ޖަވާބުގައި އެއްބަޔަކު ބުންޏެވެ. ވެރިން ގައުމަށް ޚިޔާނަތްތެރިވުމުގެ ސަބަބުންނެވެ. އާދެ، ހުރިހާ ކަމެއް ވެރިންގެ ބޮލުގައި އެޅުވުމަކީ ދާދި ފަސޭހަކަމެވެ. ނަމަވެސް މިފަދައިން ކަންތައްކޮށް ނިންމާލެވޭކަށް ނެތެވެ. ސަބަބަކީ ވެރިން ޚިޔާނަތްތެރިވުމަށް އެހީވެދޭ އާންމު އަތްތަކާއި ދޫތަކާއި ގަލަންތައް ވަރަށް ގިނަކަމުންނެވެ. އެފަދަ އަތްތަކާއި ދޫތަކާއި ގަލަންތަކުގެ އެހީތެރިކަން ނެތް ނަމަ، ވެރިންނަކަށް އެހާ ފަސޭހައިން ގައުމަށް ޚިޔާނަތްތެރިއެއް ނުވެވުނީހެވެ. ވަރިކަމުގެ މަސްރަހުގައި، ދޭތެރެ ދޭތެރެއިން މުމައްސިލުން، އެކްޓަރުން، ބަދަލުކޮށްގެން، އަބަދު އެއް ތަމްސީލެއް ކުޅެވޭ ތަނެއް ނުފެނުނީހެވެ.

  1. ތުންތުން މަތިން ކިޔޭ ވާހަކައެއްގައި އޮވެއެވެ. ބެއްދުމުގެ މުބާރާތެއްގައި ބައިވެރިވެ، އޭނާއާ ވާދަކުރި މީހާ ބަލިކޮށް، އަޅަކު ކާމިޔާބު ހޯދިއެވެ. އަދި، އެކަމުގެ އިނާމެއްގެ ގޮތުން މިނިވަންކަމާއި ފައިސާ އޭނާއަށް ލިބުނެވެ. ދެން އެ އަޅު މީހާއާ ސުއާލުކުރެވުނެވެ. "ފައިސާއިން ކަލޭ ކުރަން ބޭނުން ވަނީ ކޮން ކަމެއް ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުންޏެވެ. "އަހަންނަށް އަނިޔާނުކޮށް، ހެޔޮކޮށް މުއާމަލާތް ކުރާނޭ ސާހިބަކު ހޯދުމެވެ."

އާދެ، ބާރުގެ ބޭނުން ކޮށްގެން އަތްފައިގައި އެޅިފައި އޮތް ކަސްތަޅުތައް މުގުރާލެވިދާނެއެވެ. ނަމަވެސް، ތިމާގެ ސިކުނޑީގައި އެޅިފައި އޮންނަ ކަސްތަޅުތައް ބާރުގެ ބޭނުން ކޮށްގެން މުގުރައެއް ނުލެވެއެވެ. ސިކުނޑީގައި އެޅިފައި އޮންނަ ކަސްތަޅުތައް މުގުރާލެވެނީ، ކިޔަވައި ލިޔެކިޔަން ދަސްކޮށްގެންނެވެ. ލިޔެކިޔަން ދަސްވީކަމަށް ބެލެވޭނީ އެހެން މީހުންގެ އެހީއާ ނުލައި ތިމާ އަމިއްލައަށް ވިސްނަން ދަސްވެގެންނެވެ.

ތިމާ އަމިއްލައަށް ނުވިސްނާ ނަމަ، ކިތަންމެ މުދަލަކާއި ފައިސާ ލިބުނު ކަމުގައި ވިޔަސް، ކޮންމެ ފަދަ ނަމެއްގައި- ރަސްކަމުގެ ނަމުގައި، ޖުމްހޫރިއްޔަތުގެ ނަމުގައި، ދީނުގެ ނަމުގައި، ޑިމޮކުރަސީގެ ނަމުގައި- ވެރިކަމުގެ ނިޒާމު ގާއިމު ކުރެވުނަސް، ތިމާއަށް ޖެހޭނި ވިސްނާނޭ ގޮތް ބުނެދީ މަގުދައްކާނޭ މީހުން ހޯދާށެވެ. ތަސްވީރުން ފެންނަ އަޅު މީހާ މިނިވަންވުމުން ވެސް، ރަނގަޅު ސާހިބަކު ހޯދަން ބޭނުންވި ފަދައިންނެވެ!

  1. އެންމެ ފަހުގެ ބާރުގަދަ ޒަމާނީ ހަތިޔާރުތައް އެމީހުންގެ އަތުގައި ހުރެފައި، ކިތަންމެ ބާރުގަދަ ގައުމެއްގެ ބަޔަކަށް އެމީހުން ވިޔަސް، އެހެން ގައުމުތަކުގެ ހިމާރުންގެ ބުރިކަށިމައްޗަށް ސަވާރުގެން މެނުވީ އެ ގައުމުތަކަށް އަރައިގަނެ، އެ ގައުމުތައް އިހުތިލާލުކުރެވޭހާ ބާރުގަދަ ގައުމަކަށް އެމީހުން ނުވެއެވެ!
  2. އިލްމުވެރި ހަކީމެއްގެ ބަސްފުޅެއްގެ މާނައިގައި އެކުލެވިގެންވެއެވެ. ދީނީ އުނގަންނައިދިނުމުގައި އަޅުކަން ބިނާވެފައިވަނީ ދެ ބިންގަލެއްގެ މައްޗަށެވެ. އެއީ މާތްކަލާނގެ ހަނދުމަކުރުމާއި އެކަލާގެ ކިބަފުޅަށް ޝުކުރު އަދާކުރުމެވެ. فاذكروني أذكركم واشكروا لي ولا تكفرون (އެހެންވެ، ތިމަންކަލާގެ ރަސްކަންފުޅު މަތިން ތިޔަބައި މީހުން ހަދުމަކުރާހުށި ކަމެވެ. އެއިރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރާނޫއެވެ. އަދި ތިމަން ރަސްކަލާނގެ ކިބަފުޅަށް ތިޔަބައި މީހުން [ކިޔަމަންތެރިވެ] ޝުކުރު ކުރާހުށި ކަމެވެ. އަދި ފަހަރެއްގައި ވެސް ތިމަން ރަސްކަލާނގެ [އަށް އުރެދި] ކާފިރުވެނުގަންނަ ހުށިކަމެވެ.)

އެހެންވެ، އަޅުކަމުގެ ރަސްމުތަކުގެ ލަނޑުދަނޑިއަކީ މާތްކަލާނގެއާ ގުޅުން އުފެއްދުންކަން ކަނޑައެޅިފައި ވެއެވެ. ނަމާދަކީ މާތްކަލާނގެއާ ގުޅުވައިދީ އެކަލާނގެ މަތިން ހަނދާން ކުރުމަށް އޮތް ވަސީލަތެއް ކަމުގައި ކަނޑައެޅިފައިވެއެވެ. ولذكر الله أكبر ([ނަމާދުގެ އެންމެ މަތިވެރި މަގުސަދަކީ] ހަމަ ކަށަވަރުން [ނަމާދު] މާތްކަލާނގެ މަތިން ހަނދާންކޮށްދޭ ވަސީލަތަކަށް ވުމެވެ،) މި އާޔަތުގައެވެ. ހަމަ އެހެންމެ، ރޯދައިގެ އަޅުކަމުގެ ބޭނުމަކީ އަޅުވެރި މުއުމިނާގެ ނަފްސު މާތްކަލާނގެ ހަނދުމަކުރުމުން ހޭލައްވާލުން ކަމުގައި ބަޔާންކުރެވިފައިވެއެވެ. كتب عليكم الصيام… لعلكم تتقون (ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެވިގެން ވަނީ… ތިޔަބައި މީހުން [މާތްކަލާނގެ މަތިން ހަނދުމަކޮށް، އެކަލާނގެއަށް] ބިރުވެރިވުމަށްޓަކައެވެ، މިއާޔަތުގައެވެ.

މާތްކަލާނގެ މަތިން ހަނދުމަކުރާނީ ކިހިނެއް ހެއްޔެވެ؟ ކުރިން ވެސް ނަންގަނެވުނު ފަަދައިން، އެ ހަނދުމަކުރުން ފެށެނީ އެކަލާނގެއަށް އީމާންވެ، ނަމާދައި ރޯދަ ފަދަ، އަޅުކަމުގެ ރަސްމުތައް މެދުވެރިކޮށް އެކަލާނގެއާ ގުޅުން އުފެއްދިގެންނެވެ. އުނގެނުމާ ދެނެގަތުން މެދުވެރިކޮށް، ތިމާގެ ވިސްނުމާ ފިކުރު ކުރިއަރުވައި ތަރައްގީކޮށް މާތްކަލާނގެ މައުރިފާކޮށްގެންނެވެ. އަދި މިގޮތުގައި، ދެމިހުރެ، ތިމާގެ ދުލާއި ހިތުން، ގިނަގިނައިން އެކަލާގެ އިސްމުފުޅު ނަންގަނެ، ތިމާގެ މުޅި ނަފްސު އެކަލާނގެ ހަނދުމަކުރުމުގެ މަސްތުން މަސްތުކޮށް ހޭލައްވާލުމެވެ.

މިގޮތުގައި ނަފްސު ހޭލައްވާލެވިއްޖެ ނަމަ، ނަފްސުގައިވާ ނުބައިކަމުގެ މިލަތައް ފިލުވައި، ނަފްސު ތާހިރުކޮށް، އިސްލާހުކުރުމަށް މަގުފަހިކުރެވެއެވެ. ހެޔޮއަމަލުކޮށް ނުބައި ކަންކަން ކުރުމުން ދުރަށްދެވޭ ގޮތް ވެއެވެ. އަދި، ހަވާ ނަފްސުގެ ވަޔަށް ނަފްސު ލެބޭ ހިނދު، މާތްކަލާނގެ މަގަށް އަވަހަށް ރުޖޫއަވެ، ތައުބާވެވޭ ގޮތް ވެސް ވެއެވެ. މިހެން، ހެޔޮކަމުގެ މަގު ޚިޔާރުކޮށް ނުބައިކަމުގެ މަގާ ދުރަށް ދެވިއްޖެނަމަ، އެކަލާނގެ ކިބަފުޅަށް ޝުކުރުއަދާކުރެވި، އެކަލާނގެއަށް އުރެދިގަތުމާ ދުރުގައި ހުރެވޭނެއެވެ. މަތީގައި އެންމެ ފުރަތަމަ ނަންގަނެވުނު واشكروا لي ولا تكفرون މިއާޔަތުގައިއޮތް ޝުކުރު އަދާކުރުމުގެ އަމުރުފުޅާއި އަދި އުރެދިގަނެ ކާފިރުވުން މަނާކުރާ ބަސްފުޅަށް އިމްތިސާލުވެ ތަބާވެ، އެކަމުގެ ހެޔޮކަން ވެސް ލިބިގެން ދާނެއެވެ.

  1. ވިލިޔަމް ޑޫ ބޮއިސްއަކީ އެމެރިކާގެ އިޖްތިމާއީ އިލްމުވެރިއެކެވެ. މުއައްރިޚެއް ވެސް މެއެވެ. އަދި މަދަނީ ހައްގުތައް މީސްތަކުންނަށް ހޯދައިދިނުމަށް އެމެރިކާގައި މަސައްކަތްކުރި ހަރަކާތްތެރިއެއް ވެސް މެއެވެ. އޭނާ ހިމެނެނީ ހަވަޑް ޔުނިވަރސިޓީއިން، އެންމެ ފުރަތަމަ ޕީ.އެޗް.ޑީ. ހާސިލު ކުރި ކަޅު މީހާއަށެވެ. މިކަން އޭނާ ހާސިލުކުރީ 1895ގައެވެ. އޭނާ ބުނެފައި އޮވެއެވެ. "މާއްދީ ގޮތުން ގައުމެއް ތަރައްގީވެ، ކުރިއެރުން ބެލުމުގެ މިންގަނޑަކީ އެ ގައުމުގައި ތިބި މިލިޔަނަރުންގެ، މުއްސަނދިންގެ އަދަދެއް ނޫނެވެ. ނަމަވެސް، އެ ގައުމުގައި ފަގިރުކަމާއި މުހުތާދުކަން ނެތި ގޮއްސައިވާ މިންވަރެވެ. ސިއްހީ ޚިދުމަތްތައް، އެންމެނަށް ވެސް، ފަސޭހައިން ލިބޭ ގޮތް ވެފައި އޮތުމެވެ. ރަނގަޅު ގައުމީ މަންހަޖުތަކެއް، އެ މަދަރުސާތަކުގައި، ހިންގާލެވޭ، އެ މަންހަޖުތަކުގެ ލަނޑުދަނޑިތައް ހާސިލުވެ، އަދި އެކަމުގެ ސަބަބުން، ހެޔޮ މުވާތިނުންތަކެއް ބިނާ ކުރެވޭ އާންމު މަދަރުސާތަކެއް ގައުމުގައި ހުރުމެވެ. އަދި، ރަނގަޅު ފޮތްތައް ކިޔޭނޭ ފަދަ ގާބިލުކަން ލިބިފައިވާ، އަދި ކިޔަމުންދާ، މީސްތަކެއް ގައުމަށް ލިބިފައި ވުމެވެ."