ނޭޓޯގެ ނިޔުކްލިއަރ ބާރަށް ރިޢާޔަތްކުރަން ރަޝިޔާއަށް މަޖްބޫރުވެފައިވާ ކަމަށް ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ހުޅަނގުގެ ހުރިހާވެސް އަމާޒަކީ ރަޝިޔާ ނައްތައިލުމެވެ. ހުޅަނގަކީ ޔުކްރޭނުން ހިންގާ ޖަރީމާތަކުގައި ޢަމަލީ ބައިވެރިއެއްކަމަށޤ އޭނާ ވިދާޅުވިއެވެ.
ރައީސް ޕޫޓީން މިމޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ޓާސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ޕޫޓިން ވިދާޅުވިއެވެ. "ނޭޓޯގެ މައްޗަށް އިސްވެ އޮވެ ބަސްކިޔަމުން ނޭޓޯ ހިންގާ ޒަޢީމަކީ އެމެރިކާއެވެ. ނޭޓޯއިން ގަދައަޅައި މަސައްކަތް ކުރަނީ ރަޝިޔާ ބަލިކުރެވޭތޯއެވެ." އޭނާ ވިދާޅުވިގޮތުގައި "2022ގެ ފެބްރުވަރީން ފެށިގެން އެމެރިކާއިން ދަނީ ޔުކްރޭންގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ."
އޭނާ ވިދާޅުވިއެވެ. "މިވަގުތު ނޭޓޯގެ ހުރިހާ ޤައުމުތަކަކުން އިޢުލާނުކޮށްފައިވާ އަމާޒަކީ ރަޝިޔާ އިސްތިރާތީޖީ ގޮތުން ބަލިކުރުމެވެ. އެހެންކަމުން މި ޤައުމުތަކުގެ ނިޔުކްލިއަރ ޤާބިލުކަންމަތިން އަހުރެމެންނަށް ހަނދާންނައްތައެއް ނުލެވޭނެއެވެ."
ޕޫޓިންވިދާޅުވިއެވެ. "ހުޅަނގުގެ ހަމައެކަނި އަމާޒަކީ ކުރީގެ ސޮވިއެޓް ޔުނިއަންގެ ގުޅުންތައް ނައްތައިލުމެވެ. މި ޔުނިއަންގެ ބޮޑު ބަޔަކީ ރޫސީ އިއްތިޙާދެވެ." އޭނާ ވިދާޅުވިއެވެ. "ތަހްޒީބުވެފައިވާ ބައެއްގެ ގޮތުގައި ރަޝިޔާ ބަލައިގަތުމާ އެމީހުން ދެކޮޅު ހަދައެވެ."
ޕޫޓިން ވިދާޅުވިއެވެ. "ހުޅަނގުގެ ރޭވުމަކީ ރަޝިޔާ ބައިބައިކޮށް ކުދިކުދިކޮށްލުމެވެ. ހުޅަނގު ހުވަފެނުން އެ ދެކޭގޮތަށް ރަޝިޔާއިން މިސްރާބު ބަދަލުކޮށްފިނަމަ ދުނިޔޭގެ ޤައުމުތަކުގެ ރައްޔިތުން ގެ ޙާލަތު ވަރަށް ބޮޑަށް ނިކަމެތިވެގެންދާނެއެވެ. ރަޝިޔާގެ ރައްޔިތުންނަށް ނަސްލީގޮތުން ވަކި ގިންތިއެއްގެ ގޮތުގައި ދެމިއެއް ނޯވެވޭނެއެވެ." އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ހުރިހާ އަރުތަތަކަކާއި ކަމިޔާބީތަކަކީ ރޫސީ ރައްޔިތުންގެ އެއްބައެއްވަންތަ ކަމެވެ.
ޕޫޓިން ވިދާޅުވާ ގޮތުގައި ނޭޓޯއިން ޔުކްރޭނަށް ހަނގުރާމަކުރުމަށް ހަތިޔާރުދީ މާލީ އެހީތައް ދިނުމުން ނޭޓޯ މި ހަނގުރާމައިގައި ބައިވެރިވެފައިވާކަން އެނގެއެވެ. "އެމެރިކާގެ ބައިވެރީން މި ހަނގުރާމައިގައި ބައިވެރިވިޔަސް އެމީހުންނަށް އެމެރިކާގެ އަމިއްލަ އެދުމާއި ހިތް ނިޔަތް ނުބައިކަން އެނގެއެވެ."
ޕޫޓިން ވިދާޅުވާ ގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ބައިވެރިއެއް ކަމުގައިވާ ޔުކްރޭނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ކުރިއަށް ގެންދިޔުމަށް އޮތީ ޢަޒްމު ކަނޑައަޅައިގެންނެވެ. ރައީސް ޕޫޓިން ވިދާޅުވިގޮތުގައި "ރަޝިޔާއިން ރޫސީ ޢަސްކަރިއްޔާއަށް ބޭނުންވާ މިންވަރަށް ހަތިޔާރު އުފައްދާނެއެވެ. އަދި ރަޝިޔާގެ ސިފައިންގެ ގޮވައިލުންތަކަށް އިޖާބަ ދޭނެއެވެ."
ރޫސީ ރައީސް ޕޫޓިން ރަޝިޔާގެ ޢަސްކަރީ ޙަމަލާއަށް އެއް އަހަރު ފުރުމުގެ އެއް ދުވަސް ކުރިން ދެއްވި ޚިޠާބުގައި "ޤައުމުގެ ސަލާމަތާއި ސިޔާދަތުގެ ގަރަންޓިއަކީ ކުރުންތެރި ޒަމާނީ ވަރުގަދަ ލަޝްކަރެއް ޤައުމުގައި އޮތުން" ކަމަށް ވިދާޅުވިއެވެ.
ޔުކްރޭނުގެ ރައީސް ޒިލެންސްކީ ހުކުރުދުވަހު ވިދާޅުވިގޮތުގައި މިއަހަރު އޭނާއަށް ނަޞްރު ލިބިވަޑައިގަންނަވާނެއެވެ.
ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް ވިދާޅުވާ ގޮތުގައި ޔުކްރޭނުގައި ރަޝިޔާ ނަޞްރު ހޯދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އޮތީ ޕޯލެންޑްގެ ސަރަޙައްދާ ހަމައަށް ފެތުރިގަތުމަށް ތައްޔާރަށެވެ.



advertisment