Support Us

ކޮލަމް ކޯދު: ސިޔާސީ މައިދާނުގައި މުނާފިގުންގެ މުހިއްމުކަން

މި ވާހަކަކޮޅު ނަގައިފައިވަނީ މަކިއަވެެއްލީގެ 'ދަ ޕްރިންސް' މި ފޮތުންނެވެ. އެންމެ ފުރަތަމަ މާކިއަވެއްލީއާއި އަދި އޭނާގެ ފޮތް ދަ ޕްރިންސްއާ ބެހޭ ގޮތުން ކުޑަ އެއްޗެއް ލިޔެލާނަމެވެ.

ނިއްކޮލޯ މަކިއެވެއްލީ (1527-1469) އަކީ 15 ވަނަ ގަރުނުގައި އިޓަލީވިލާތުގައި އުޅުއްވި ސިޔާސީ ފަލްސަފާވެރިޔެކެވެ. އޭނާގެ ފޮތް ދަ ޕްރިންސް ހިމެނެނީ ހުޅަނގުގެ ސިޔާސީ ފަލްސަފާގެ މިޒަމާނުގެ އެންމެ ކުރީގެ ފޮތްތަކުގެ ތެރެއިން ފޮތެއް ކަމުގައެވެ. މިފޮތަކީ އެކިއެކީ އަމީރުންނަށް އިރުޝާދު އެރުވުމުގެ ގޮތުން ލިޔުނު ފޮތެކެވެ. މިފަދަ އިހުގެ އެހެން ފޮތްތަކުގައި ބާރު އެޅިފައިވަނީ މިސާލީ ގޮތްތަކުގައި ހިފެހެއްޓުމަށެވެ. އަޚުލާގީ ގޮތުން އެންމެ ރަނގަޅު ގޮތް ހޯދައި އެގޮތުގައި ހިފެހެއްޓުމަށެވެ. މިއާ ޚިލާފަތް ދަ ޕްރިންސްގައި އިރުޝާދު ދެވިފައިވަނީ އަމީރު އަމީރުންގެ މަގުސަދަކީ އެބައި ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ވެރިކަން ދެމެހެއްޓުން ކަމަށްވާ އިރު، މިކަން ހާސިލުކުރުމަށްޓަކައި ކޮށްގެން ނުވާނޭ އެއްވެސް ކަމެއް ނޯންނާނޭ ކަމެވެ. އާދެ ލަނޑު ދަނޑިއާ ހަމައަށް ވާސިލުވުމަށްޓަކައި ކޮންމެ ފަދަ ދަށު ދަރަޖައިގެ ކަމެއް ކުރުން ވެސް ހަމަ އެންމެ ރަނގަޅު ކަމުގައެވެ.

މި ބީދައިން އިރުޝާދުދީ ނަސޭހަތް ދެމުން ވެރިކަމެއް ދެމެހެއްޓުމަށްޓަކައި މުނާފިގުންގެ މުހިންމުކަމުގެ މައްޗަށް މާކިއަވެއްލީ އަލިއަޅުވާލައެވެ. މާޗކިއްވެއްލީ ވެރިންނަށް ނަސޭހަތްތެރިވަނީ ވީ އެންމެ ގިނަ އަދަދަކަށް ކައިރީގައި މުނާފިގުން ގެންގުޅުމަށެވެ. އެހެނީ އެފަދަ މުނާފިގުންނަކީ ވެރިމީހާގެ އެތެރޭގެ ކަންތައް ދިފާއުކޮށްދޭނޭ ލަޝަކަރެވެ. ރައްޔިތުންގެ ކުރިމައްޗަށް ނެރެ، ރައްޔިތުން ވާވެއްދުމުގެ މަސައްކަތް ހުނަރުވެރި ކަމާއެކު ކުރަން އެންމެ މޮޅަށް އެނގޭނީ މުނާފިގުންނަށް ކަމަށް ވާތީއެވެ. އަދި، މުނާފިގުންނަކީ އެމީހުންގެ އެއްވެސް ޒަމީރެއް ނެތް ބައެއްކަމަށް ވުމުން، ރޯމަރު ދޮގު ހަދައި، އެއް ދުވަހު ބުނާއެއްޗަކާ ދިމާ އިދިކޮޅަށް ވާހަކަދައްކައި ވަކާލާތުކުރާކަށް ކުޑަކޮށް ވެސް ލަދެއް ނުގަންނާނެއެވެ. އެހެންވެ، މުނާފިގުންނަކީ ވެރިކަން ކުރާ މީހާއަށް ވަރަށް ވެސް މުހިއްމު ބައެކެވެ.

މިސާލަކަށް ވެރިޔަކަށް ހުންނަ މީހަކީ ހަސަބެއް ނަސަބެއް ނެތް ދެރަ ނިކަމެތި މީހަކަށް ވެއްޖެ ނަމަ، އެމީހާގެ ހަސަބާއި ނަސަބު އުފައްދައި އެކަން އިއުލާނުކޮށް އާންމުންނަށް ގަބޫލުކުރެވޭ ގޮތަށް މުނާފިގުންގެ މީހުން ވާހަކަ ދައްކާނެއެވެ. ވެރިމީހަކީ ތަނެއް ދޮރެއް ނުދަންނަ ޖާހިލަކަށް ވެއްޖެނަމަ އޭނާވަރުގެ އާލިމެއް ނެތް ކަމަށް ހުއްޖަތާއެކު ވާހަކަދެއްކުމަކީ މުނާފިގުންނަށް ދާދި ފަސޭހަކަމެކެވެ.

ހަމަ އެހެންމެ، ވެރި މީހާގެ ކޮންމެ ފަދަ އަނިޔާވެރި ސިޔާސަތުތަކާއި ހަމަ ނުޖެހޭ ގާނޫނުތައް ވެސް ދިފާކުރުމުގައި ވާހަކަދައްކައި ލިޔެ ހަދާކަށް މުނާފިގު ކުލީ ދޫތަކަށާއި ގަލަންތަކަށް ދަތިކަމަކަށް ނުވާނެއެވެ. ކުރިން ވެސް ބުނި ފަދައިން އެމީހުންގެ އެއްވެސް ޒަމީރެއް، ލަދެއް ނެތުމުންނެވެ.

އެހެންވެ، މުނާފިގުންނަކީ ވަރަށް ވެސް މުހިއްމު ބައެކެވެ. އަދުލާއި އިންސާފުން އެއްކިބާވެގެންވާ ވެރިކަން ދެމެހެއްޓުމަށްޓަކައެވެ. މިފަދަ މުނާފިގުންގެ ޚިދުމަތް ލިބިގަތުމަށްޓަކައި އެމީހުންނަށް ކޮންމެ ވެސް އެއްޗެއް ދޭން ޖެހެއެވެ. ވަޒީފާއެއް ނޫނީ ފައިސާގެ އިނާމެކެވެ.

ނަމަވެސް، މިފަދަ މުނާފިގުން މާ ގާތްކުރުން ވެސް ބުއްދިވެރި ނޫންކަމުގައި މަކިއެވެއްލީ ބުނެއެވެ. ސަބަބަކީ މުނާފިގުންނަކީ ތެދުވެރިކަމެއް އިޚުލާސްތެރިކަމެއް ދަންނަ ބައެއް ނޫންކަމަށްވާތީއެވެ. އެމީހުންގެ ތެދުވެރިކަމާއި އިޚުލާސްތެރިކަން ގުޅެނީ ފައިދާއާއެވެ. މާދަމާ ވެސް އެހެން މީހަކު އިތުރު އެއްޗެއް ދޭން ބުނުމުން އެދިމާއަށް ދުއްވައިގަތުމަކީ މުނާފިގުންގެ އާދައެވެ. އެހެންވެ، ވެރިންނަށް ޖެހޭނީ މުނާފިގުންގެ ނިފާގު ކަމުގެ، އާދެ، ދެފުށް ދެގޮތް ކަމުގެ ފުރިހަމަ ފައިދާ ލިބެން އޮތް އިރު އެފައިދާ ލިބިގަތުމެވެ. މުނާފިގުންނަކީ މުނާފިގުންކަން ދެނެ ތިބެގެންނެވެ.