ގުދުކަމެއް އޮޅުމެއް ސަފުންނެތް ޙައްޤުފޮތް ޤުރުއާނަކީ
ޚުދު ޞިރާޠުލް މުސްތަޤީމަށް އަލިއެޅުއްވި ފަނާރަކީ
ޣަފްލަތާ ދަމިލައިގެ މިލައިން ސާފުކޮށް ހިތް ދޮވެލެވޭ
ނަފްސު ތޯހިރުވާ ޠަހޫރުގެ އެންމެ ޠާހިރު އާރަކީ
ހެއްލިގެންދިއުމުން އަޅުން ޝައިޠާނު ދައްކާ މަގުމަގުން
ގެއްލިގެން ދިއުމުން ސަލާމަތްވާ އިލާހީ ބާރަކީ
ބިމުގެ އާރާ ބާރު ވެރިކުޅަ ރޯމަނުންނާ ފާރިސީން
ނިމުމަކަށް މައުޖޫދުވީ ގަދަ ލަސްކަރުގެ މަގު ޗާޓަކީ
ޢަދުލުއިންޞާފުގެ އަސަރުނެތި ބިންމަތީން ދިއުމުން ލިބޭ
ތަދުތަކާ ވޭނުން އަޅުން ދިނި މިންޖުވީ ޤާނޫނަކީ
ކައު ރަސޫލާ ޙައްޤު ގޮތުގައި ދިއްލަވައި ދެއްވެވި އެއީ،
ކައުނުގައިވާ އެންމެ އަލިގަދަ ދަންމަރޭ ޤުރުއާނަކީ
