Support Us

ކޮލަމް ކޯދު: "ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ!"

ކީރިތި ގުރްއާނުގެ ބާވާލެއްވުން ފެށުނީ އިލާހީ މިއަމުރުފުޅައިގެންނެވެ. އުނގެނި ދެނެގަތުމުގެ އިލާހީ އަމުރުފުޅައިގެންނެވެ. ޝައްކެއްނެތް ގޮތުގައި، އުނގެނުމުގެ މުހިއްމުކަން އިލާހީ މި އަމުރުފުޅު ކިތަންމެ ރަނގަޅަކަށް ވެސް ރަމްޒުކޮށްދެއެވެ. އެހެންވެ، މިކަމުގެ މައްޗަށް ފުންކޮށް ވިސްނާލުން މުހިއްމެވެ.

އެންމެ ފުރަތަމަ، ވިސްނާލަންޖެހެނީ 'ކިޔުން' މި ލަފްޒުގެ މައްޗަށެވެ. ކިޔުމަކީ ކޮބާ ހެއްޔެވެ؟ ކިޔުމަކީ ލިޔެފައި އޮތް އެއްޗެއް ރަމްޒުކޮށްދޭ އަޑުތައް ހިތަށް ނަގައިގަނެ އެ އަޑުތައް ރަމްޒުކޮށްދޭ މާނައަކީ ކޮބައިތޯ ބެލުމެވެ. ލިޔެވިފައި އޮތް ލަފްޒެއް ކިޔާނަމަ، އަޑުލައިގެން ނޫނީ ނުލައި، އެ ލަފްޒު ރަމްޒުކޮށްދޭ އަޑުތައް ހިތަށް ގެނެސް އެ ލަފްޒު އިޝާރާތްކުރާ މާނަ ދެނެގަތުމެވެ. ޖުމްލައެއް ނަމަ އެ ޖުމްލަ އެކުލެވޭ ލަފްޒުތައް މިފަަދައިން ކިޔައި އޭގެ މާނަ ދެނެގަތުމެވެ. ޕެރަގުރާފެއް ނަމަ، މިފަދައިން އެ ޕެރަގްރާފު ކިޔައި އޭގެ މާނަ ދެނެގަތުމެވެ.

ލަފްޒެެއް ކިޔައި އޭގެ މާނަ ދެނެގަތުމަކީ ދާދީ ފަސޭހަކަމެކެވެ. ހަމަ އެހެންމެ، ޖުމްލައެއް ކިޔައި އޭގެ މާނަ ދެނެގަތުން ވެސް މާ އުނދަގޫކަމަކަށް ނުވާނެއެވެ. ނަމަވެސް، ޖުމްލަތަކަކުން އެކުލެވެ ޕެރަގުރާފެއް ކިޔުމާއި އަދި ފެރަގުރާފުތަކަކުން އެކުލެވޭ މަޒުމޫނެއް ނުވަތަ ބާބެއް ކިޔުމާއި އަދި ބާބުތަކަކުން އެކުލެވޭ ފޮތެއް ކިޔުމަކީ ފަސޭހަކަމެއް ނޫނެވެ.

ލަފްޒެއް ކިޔައި އޭގެ މާނަ ދެނެގަންނަން ފަސޭހަވަނީ އެ ލަފްޒު އިޝާަރަތްކުރަނީ ކަނޑައެޅިގެން ވަކި މަފްހޫމަކަށް ނުވަތަ މާނައަކަށް ވާތީއެވެ. ހަމަ އެހެންމެ ޖުމްލައެއް ވެސް ކިޔައި އޭގެ މާނަ ދެނެގަންނަން ފަސޭހަވަނީ ޖުމްލައެއްގައި އެކުލެވޭ މަފްހޫމުތައް ނުވަތަ މާނަތައް، ޚިޔާލާއި ފިކުރު، މަދުވެފައި ސާދާ ވީމައެވެ. ނަމަވެސް، ޕެރަގުރާފެއް ނުވަތަ ބާބެއް ނުވަތަ ފޮތެއް ކިޔައި އޭގެ މާނަ ދެނެގަންނަން އުނދަގޫވަނީ އޭގައި އެކުލެވޭ މަފްހޫމުތައް ގިނަވުމެވެ. ޚިޔާލާތުތަކާއި ފިކުރުތައް ގިނަވުމެވެ. އަދި މި މަފްހޫމުތަކާއި ޚިޔާލާތުތަކާއި އަދި ފިކުރުތައް އެކުވެގެން އުފެދޭ ޖުމްލަ މާނައަކީ ކޮބައިތޯ ބަލައި ހޯދަން ޖެހޭތީއެވެ

މިސާލަކަށް އަލްހަމްދު ސޫރަތަށް ނަޒަރު ހިންގާލަމާތޯއެވެ؟ ޖުމްލަތަކަކުން އެކުލެވޭ 'ޕެރަގުރާފެއް’ކަމަށް ހީކޮށްލަމުންނެވެ. މި ޕެރަގުރާފުގެ މައިގަނޑު ވާހަކައަކީ އިލާހީ ހިދާޔަތަށް އެދި ދެންނެވުމެވެ. އާދެ، ތަކުރާރުކޮށް، މިކަމަށް އެދި، މާތްކަލާނގެ ކިބަފުޅަށް، މުއުމިނާ ދަންނަވާ ދުއާއެކެވެ. اهدنا الصراط المستقيم (އަޅަމެނަށް ތެދު މަގު ދައްކަވާނދޭވެ) މިދުއާެވެ. މީގެ ކުރީގައި އައިސްފައިވަނީ، މިދެންނެވުމަށް ތައްޔާރުވުމުގެ ގޮތުން މާތްކަލާނގެ ތަމްޖީދުކޮށް، އެބަހީ، އެކަލާނގެ އަށް ހަމްދު ސަނާކިޔައި، އެކަލާގެ މަތިވެރިކަމަށް އިއުތިރާފުވެ، އެކަލާނގެ ކިބަފުޅަަށް، އަދަބު އިހުތިރާމު ކުރުމެވެ. އަދި، މި ދުއާއަށް ފަހު، ދެން އޮތީ އެ ތެދު މަގަކީ ކޮބައިކަން ކޮންމެ ވެސް ވަރަކަށް ތަފްސީލުކޮށްދެވިފައެވެ. އެ ތެދު މަގަކީ އެބޭކަލުންގެ މައްޗަށް މާތްކަލާނގެ ރުއްސުންލެވި ބޭކަލުންގެ މަގެވެ. ނަބީބޭކަލުންނާއި ސޯލިހު ބޭބޭކަލުންގެ މަގެވެ. މަގު ފުރެދިދިޔަ މީހުންނާއި އުރެދުން ޚިޔާރުކުރި މީހުންގެ މަގެއް ނޫނެވެ.

ކިޔުމަކީ މި ފަދައިން މި ސޫރަތަށް ނުވަތަ 'ޕެރަގުރާފަށް' ބަލައި، އޭގައި އެކުލެވޭ މައިގަނޑު ވާހަކައަކީ ކޮބައިކަން ދެނެގަނެ، އެ ވާހަކައާއި އެ ޕެރެގުރާފުގައި އެކުލެވޭ އެހެން ވާހަކަތައް ގުޅެނީ ކިހިނެއްކަން ބަލައި ހޯދަން ދަސްކުރުމެވެ. މަދަރުސާގައި ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ އެންމެ މުހިންމު ހުނަރަކީ ކިޔަން ދަސްކުރުމެވެ. ވިސްނާ ފިކުރުކުރުން ކުރިއަރައި ތަރައްގީވުން އޮތީ މި ދެންނެވި ގޮތުގައި ކިޔަން ދަސްވެގެންނެވެ. މިފަދައިން ކިޔަން ދަސްވެއްޖެނަމަ، ބުއްދީގެ ހަމަތަކުގެ މަތިން ވާހަކަ ދައްކަައި ލިޔަންވެސް ދަސްވާނެއެވެ. އިހުގައި މީހެއް ކައިރީގައި ކޮންތާކުތޯ ކިޔެވީ އަހާއިރު އިނގިރޭސިން 'ވެއަރ ޑިޑް ޔޫ ރީޑް؟' (ކަލޭ [ފޮތް] ކިޔަން [ދަސްކުރީ] ކޮންތާކު ހެއްޔެވެ؟) މިހެން ބުނެ އުޅުނެވެ. އާދެ، އުނގެނުމުގެ ހުރިހާ ކަމެއް ގުޅެނީ ރަނގަޅަށް ކިޔަން އެނގުމާކަމަށް ވާތީއެވެ.

އެެހެންވެ، ކީރިތި ގުރްއާނުގެ ބާވާލެއްވުން ފެށުން، ކިޔުމާއި ކިޔެވުމަށް ބާރުއަޅައިފައި ވަނީ ކީއްވެގެންކަން މިކަމުން ކޮންމެވެސް ވަރަކަށް ނަމަވެސް ސާފުވެ، އެނގެއެވެ. އަދި، ކީރިތި ގުރުއާނު ބާވާލެއްވުނު ފަހުން ގަރުނެއް ދެގަރުނުގެ ތެރޭގައި އޭރު އެފޮތަށް އީމާންވި މީހުން ވެގެންދިޔައީ މުޅި ދުނިޔެއަށް އިލްމީ އިންގިލާބެއް ގެނެސް އުނގެނުމުގެ ހުރިހާ ދާއިރާއެއްގައި ގިޔާދީ ދައުރެއް އަދާކުރި ބަޔަކަށެވެ. މިއަދު، އެ ފޮތަށް އީމާންވާ މީހުން އެކަން އަލުން އިޔާދަ ކުރަން ބޭނުން ނަމަ، އެމީހުންނަށް ވެސް އޮތީ 'ކިޔަން ދަސްކުރުމެވެ'. ވިސްނާ ފިކުރުކުރަން ދަސްކުރުމެވެ. އާ އިލްމީ ސަގާފަތެއް އުފެއްދުމެވެ.