ފަނަރަ ޤައުމެއްގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓެއް ބުނާގޮތުގައި ޔުކްރޭން ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ އެއްބައެއްވަންތަކަން ވަރުގަދަވެގެން ދިޔަނަމަވެސް އެހެން ޤައުމުތަކާ ހުޅަނގާ ދެމެދުގައި އޮތް ޚިޔާލު ތަފާތުކަމުގެ ވަޅުގަނޑު ދަނީ ފުންވަމުން، ފުޅައުވަމުންނެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ ގާޑިއަން ބުނާގޮތުގައި މި ދިރާސާ ކުރީ ޔޫރަޕްގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ދިރާސާކުރާ މަރްކަޒުންނެވެ. މި ދިރާސާކޮށްފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިޙާދުގެ ނުވަ ޤައުމަކާއި ޗައިނާއާއި ރަޝިޔާއާއި އިންޑިއާއާއި ތުރްކިޔޭގައެވެ.
ބަދަލުވުމުގެ ތާރީޚީ ނުކުތާއެއް
މި މަރްކަޒުގެ ޑިރެކްޓަރު މާރކް ލިޔޮނާޑާއި އޮކްސްފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމުގައިވާ ތިމޮތީ ގާޓްން އޭޝާ ޙަވަލާދީ މި ނޫސް ބުނާގޮތުގައި މި ދިރާސާއިން ހާމަވިގޮތުގައި ހަނގުރާމައާއި ދީމުޤްރާޠިއްޔަތާއި ޢާލަމީ ބާރުތަކުގެ ތަވާޒުނާބެހޭ ވިސްނުމާއި ޚިޔާލު ތަފާތު ސަރަޙައްދުތަކުގައި ތަފާތުކަން ފާހަގަކުރެވެއެވެ.
މި ހުސްވިމަހު މި ކުރި ދިރާސާއަށް ބިނާކުރައްވާ ލިއޮނާޑް ވިދާޅުވިގޮތުގައި ޔުކްރޭން ހަނގުރާމައިގައި ދުނިޔޭގެ ޚިޔާލު ވަރަށް ތަފާތެވެ. މި ހަނގުރާމައިގެ ސަބަބުން ހުޅަނގު ވަނީ މާ ބޮޑަށް އެއްގަލަކަށް އަރައިފައެވެ. އެހެނަސް ދުނިޔޭގައި ހުޅަނގުގެ ނުފޫޒު ވަނީ މީގެ ކުރިން ކުޑަވެގެން ގޮސްފައިނުވާ މިންވަރަކަށް ކުޑަވެފައެވެ.
އޭޝް ވިދާޅުވިގޮތުގައި މި ދިރާސާގެ ނަތީޖާ "ޙަޤީޤަތާ ވަރަށް ގާތެވެ."
އައު ރިވާޔަތަކަށް ބޭނުންވޭ
މި ދިރާސާގެ ނަތީޖާގެ ޚުލާޞާ ބުނާގޮތުގައި "ޗައިނާއާއި އިންޑިއާއި ތުރްކީފަދަ ދުނިޔޭގެ އެހެން ބާރުތަކަށް މި ހަނގުރާމައިން ނުފޫޒު ފޯރުވުމުގައި ހުޅަނގު ވަނީ ފޭލްވެފައެވެ. ލިބުނު ދަރުސް ވަރަށް ސާފެވެ. އަހުރެމެން މި ވަނީ އެހެން މީހުންނަށް ޤަބޫލުކުރެވޭނެ އައު ރިވާޔަތަކަށް ބޭނުންވެފައެވެ."
މި ދިރާސާއިން އެނގޭގޮތުގައި ރަޝިޔާއާމެދު ހުޅަނގު ދެކޭގޮތް ވަނީ ވަރަށް ބޮޑަށް ހަރުކަށިވެފައެވެ. އިނގިރޭސިވިލާތުގެ 77% މީހުން ، އެމެރިކާގެ 71% މީހުން، ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ 65% މީހުން ދެކޭގޮތުގައި "ރަޝިޔާއަކީ އެމީހުންގެ ޙަޤީޤީ ޢަދުއްވެކެވެ. އެއީ ވާދަވެރި ދުޝްމަނެކެވެ." އަނެއްކޮޅުން ބަލާއިރު މި ވޯޓުގައި ބައިވެރިވި އެމެރިކާ މީހުންގެތެރެއިން 14% މީހުން، ޔޫރަޕްގެ އިއްތިޙާދުގެ ނުވަ ޤައުމުގެ 15% މީހުން، އިނގިރޭސިވިލާތުގެ 8% މީހުން ދެކޭގޮތުގައި ރަޝިޔާއަކީ ދުރަށް ދެވެންނެތް ބައިވެރިއެކެވެ."
އިތުބާރެއް ނުކުރެވޭ
ރަޝިޔާ ސިފަކުރުމާ ބެހޭގޮތުން މި ވޯޓުގައި ބައިވެރިވި އެމެރިކާގެ މީހުންގެތެރެއިން 45% މީހުން، އިނގިރޭސިވިލާތުގެ 57% މީހުން ، ޔޫރަޕް އިއްތިޙާދުގެ ނުވަ ޤައުމުގެ 48% މީހުން ސިފަކުރިގޮތުގައި ރަޝިޔާއަކީ ޢުދްވާނީ ދައުލަތެކެވެ.އެއީ އިތބާރު ކުރެވޭނެ ޤައުމެއް ނޫނެވެ.
ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ބުރަތަކެއް ކުރިމަތިވިނަމަވެސް މި ޤައުމުތަކުން ވޯޓުގައި ބައިވެރިވި 55% މީހުން މި ފިޔަވަޅުތަކަށް ތާއީދު ކުރެއެވެ.
ހުޅަނގަށް ތާއީދެއް ނެތް
އަނެއްކޮޅުން ބަލާއިރު އެހެން ޤައުމުތަކުގައި ނެގުނު ވޯޓުގެ ނަތީޖާ ވަރަށް ތަފާތެވެ. ޗައިނާގެ 76%، އިންޑިއާގެ 77% ތުރްކިޔާގެ 73% ބުނާގޮތުގައި ރަޝިޔާ ގެ ބާރު މިއަދު ވަނީ ޔުކްރޭން ހަނގުރާމައިގެ ކުރިއަށްވުރެ ވަރުގަދަވެފައެވެ. ޗައިނާގެ 79%، އިންޑިއާގެ 79% ތުރްކިޔާގެ 73% ދެކޭގޮތުގައި މޮސްކޯއަކީ އިސްތިރާތީޖީ ބައިވެރިއެކެވެ. އެއީ ދުރަށް ދެވެންނެތް ބައިވެރިއެކެވެ.
ޗައިނާގެ 41%، ތުރްކިޔޭގެ 48%، އިންޑިޔާގެ 54% މީހުން ދެކޭ ގޮތުގައި ޔުކްރޭނަށް އެ ޤައުމުގެ ބިންތަކެއް ގެއްލިގެން ދިޔަސް ހަނގުރާމަ އަވަހަށް ނިމުމަކަށް އެދެއެވެ.
ޢާލަމީ އަތްގަދަކުރުން
ހުޅަނގުގެ ފަލަކުން ބޭރުގައިވާ ގިނަ ޤައުމުތައް ދެކޭގޮތުގައި އެމެރިކާއިން އަތްގަދަކޮށް އެހެން ޤައުމުތަކުގެ މައްޗަށް ވެރިކޮށްފައިވާ ލިބަރަލް ނިޒާމު މިއަންނަ ދަހަރުގެ ތެރޭގައި ނެތިގެންދާނެއެވެ. ހުޅަނގުވެސް ވާނީ ޢާލަމީ އެތައް ބާރުތަކެއްގެ ތެރޭގައި ހިމެނޭ ބާރަކަށެވެ.
މި ދިރާސާ ތައްޔާރުކުރެއްވި ފަރާތް ދެކޭގޮތުގައި ހުޅަނގުގެ ގިނަ ބަޔަކު ދެކޭގޮތުގައި ފިނިހަނގުރާމައިގެ ދުވަސްވަރު ހުޅަނގާ އިރުމައްޗާ ދެމެދުގައި އޮތް ފަދަ ދެ ތަނޑީގެ ދުނިޔެއަކަށް މި ޢާލަމު ބަދަލުވެގެންދާނެއެވެ.



advertisment