ރަޝިޔާގެ ނިޔުކްލިއަރ ތިނެވީގެ ޤާބިލުކަން އިތުރަށް ވަރުގަދަކުރުމަށް ޓަކައި ރަޝިޔާއިން އައު އިޖްރާތުތަކަކާ އެއްގޮތަށް ޢަމަލުކުރަމުންދާ ކަމަށް މޮސްކޯއިން ބުނެފިއެވެ. ރޫސީ ރައީސް ޕޫޓިން ވަޠަނު ދިފާޢުކުރުމުގެ ދުވަހުގެ މުނާސަބަތުގައި ބުދަދުވަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ރަޝިޔާގެ ނިޔުކްލިއަރ ތިނެވި ވަރުގަދަ ކުރުމަށް މޮސްކޯއިން އިސްކަންދޭނެއެވެ. ޕޫޓިން ވިދާޅުވިގޮތުގައި މިހާރު ހިނގަމުންދާ އަރާރުންތައް ހިނގަމުންދަނީ ރަޝިޔާގެ ޒަމާންވީ ތާރީޚީ ބިމުގެތެރޭގައެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި މިއަހަރު "ސަރމަޓް" މިސައިލް ނިޒާމު ޚިދްމަތަށް ނެރެވޭނެއެވެ. އޭނާ ކަށަވަރުކޮށްދެއްވިގޮތުގައި އަޑަށްވުރެ މާ ބާރަށް ދަތުރުކުރާ ކިންޖާލް މިސައިލް ހުއްޓައިނުލައި މޮސްކޯއިން އުފައްދަމުންދާނެއެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި މި އަހަރު އަޑަށްވުރެ މާ ބާރު ދުވެއްޔެއްގައި ދަތުރުކުރާ ޓްސަރކޮން މިސައިލް ވަރަށް ގިނަ ޢަދަދަކަށް އުފައްދައި ޚިދްމަތަށް ނުކުންނާނެއެވެ. މިއީ ކަނޑުން ވަޔަށް ފޮނުވާ މިސައިލެކެވެ.
ރަޝިޔާގެ ރައީސް މި ބަޔާން ދެއްވީ އެމެރިކާއާއެކު ސޮއިކޮށްފައިވާ "ނިވް ސްޓާރޓް" އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓައިލައްވައިފައިވާ ކަން އިޢުލާން ކުރެއްވިތާ ދެ ދުވަސްފަހުންނެވެ. ނިވް ސްޓާރޓް މުޢާހަދާއަކީ ހަނގުރާމަމަތީ ނިޔުކްލިއަރ ބޯތައް ކޮންޓްރޯލް ކުރުމާ ބެހޭ މުޢާހަދާއެކެވެ. ރަޝިޔާ ބުނާގޮތުގައި މި ފަދަ އައު މުޢާހަދާއަކަށް ބަލާއިރު އެމެރިކާގެ ބައިވެރިން ކަމުގައިވާ ނޭޓޯގެ މެންބަރުންގެ އަތުގައި ހުރި މިފަދަ މިސައިލްތަކުގެ ޢަދަދަށް ވެސް ރިޢާޔަތް ކުރަން ޖެހޭނެއެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ސަބްރީނާ ސިންގް ވިދާޅުވިގޮތުގައި ރަޝިޔާގެ މި ފިޔަވަޅުގެ ސަބަބުން އެއްވެސް ކަށަވެތިވުމަކަށް ބަދަލެއް ނާންނާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއިން މި މުޢާހަދާއަށް ޢަމަލުކުރުން ގަނޑުކުރުމަކީ "ވަރަށް ޒިންދާރުކަން ކުޑަ ކަމެކެވެ. އެއީ ވޮޝިންގްޓަން ހިތާމަކުރާކަމަށް ވެސްމެއެވެ."

ޗައިނާގެ ޞުލްޙައާ ބެހޭ މަޝްރޫޢު
އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި ޔުކްރޭން މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި ބޭޖިންގް ދެކޭގޮތް އިއްޔެ ވަނީ މޮސްކޯއަށް ހުށައަޅައިފައެވެ. ޗައިނާއިން މި ދެކޭގޮތް މޮސްކޯއަށް ހުށައެޅީ ޗައިނާގެ ޚާރިޖީ ސިޔާސަތުގެ އިސް މޭސްތިރިޔާ ވަންގް ޔީ މޮސްކޯގައި ރައީސް ޕޫޓިނާ ބައްދަލު ކުރައްވަމުންނެވެ.
ރަޝިޔާގެ ޚާރިޖިއްޔާއިން ބުނާގޮތުގައި ޗައިނާއިން ޔުކްރޭނުގެ މަސްއަލަ ޙައްލުކުރުމާ ބެހޭގޮތުން ބޭޖިންގް ދެކޭގޮތް މޮސްކޯއަށް ހުށައެޅިއެވެ. އެހެނަސް މޮސްކޯ ބުނާގޮތުގައި ޞުލްޙަޔާ ބެހެގޮތުން ވަކި މަޝްރޫޢެއް ޗައިނާއިން ހުށައެއްނާޅައެވެ. ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވާގޮތުގައި ޔުކްރޭން މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުމާ ބެހޭގޮތުން އެމެރިކާގެ މަސްއޫލުވެރިން އެއްޗެއް ވިދާޅުނުވުމުން އެނގެނީ ވޮޝިންގްޓަނުން ޔުކްރޭން ހަނގުރާމަ އިތުރަށް ހޫނުކުރާން އެދޭކަމެވެ. ޗައިނާއިން ޞުލްއަށް ޓަކައި ދައުރެއް ކުޅުމަށް ގަސްތުކުރާތީ އޭނާ ޗައިނާއަށް މަރްޙަބާ ވިދާޅުވިއެވެ.
އަނެއްކޮޅުން ޔުކްރޭން ބުނާގޮތުގައި ޗައިނާ ސަރުކާރުން ޞުލްޙައާ ބެހޭގޮތުން ކިޔީވާއެކު މަޝްވަރާއެއް ނުކުރެއެވެ.ޔުކްރޭނުގެ ބަރްލަމާނުގެ ނައިބު ރައީސް ކޮރްނިންކޯ ވިދާޅުވި ގޮތުގައި 20 ޤައުމުގެ ސަމިޓަށް ރައީސް ޒިލެންސްކީ ވާނީ ޞުލްޙައާ ބެހޭ މަޝްރޫޢެއް ހުށައަޅުއްވައިފައެވެ. ކޮރްނިންކޯ ވިދާޅުވި ގޮތުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށް ކިޔީވުން މަރްޙަބާ ކިޔާނެއެވެ. އެހެނަސް ކިޔީވުން ޤަބޫލުކުރާނީ އެ ޤައުމުގެ ޝަރްޠުތަކަށް އިޖާބަދޭނަމައެވެ.



advertisment