Support Us

ދެކުނު ތައިލެންޑްގައި ދެ އަހަރު ތެރޭގައި ޞުލްޙަ ޤާއިމުކުރުމަށް މަގުޗާޓެއް

ދެކުނު ތައިލެންޑްގައި ޞުލްޙަ ޤާއިމުކުރުމަށް ޓަކައި މެލޭޝިޔާ މެދުވެރިވެގެން ބާވަމުންދިޔަ ޞުލްޙައިގެ ވާހަކަދެއްކުންތަކުގައި މޭވާގަންނަން ފަށައިފި ކަމަށް މެލޭޝިޔާގެ މަސްދަރުތަކުން އަންނަނީ ބުނަމުންނެވެ. މެލޭޝިޔާގެ މެދުވެރިޔާ ޖެނެރަލް ޛުލްކިފްލި ޒައިނުލް ޢާބިދީން ވިދާޅުވާ ގޮތުގައި ވެރިރަށް ކުއާލާ ލަމްޕޫރުގައި ބޭއްވި ޞުލްޙައިގެ ވާހަކަދެއްކުންތަކުގެ ހަވަނަ ބުރު ނިމުނީ 2023އާއި 2024އާ ދެމެދުގައި ޞުލްޙަ ޤާއިމުކުރުމަށްޓަކައި މަގު ޗާޓަކަށް ތައިލެންޑް ސަރުކާރާއި ދެކުނު ތައިލެންޑްގެ ފަޠާނީ ސަރަޙައްދު މިނިވަންކުރުމަށް މަސައްކަތްކުރާ ނޭޝްނަލް ރިވޮލިޝަނަރީ ފްރޮންޓް އެއްބަސްވެގެންނެވެ.

މެލޭޝިޔާގެ މެދުވެރިޔާ ޒައިނުލްޢާބިދީން ލަފާކުރައްވާ ގޮތުގައި ދެކުނު ތައިލެންޑްގައި މިނިވަންކަމަށް ޓަކައި ހަނގުރާމަކުރާ ހުރިހާ ޖަމާޢަތްތަކެއް ކުރިއަށް އޮތް ވާހަކަދެއްކުންތަކުގައި ބައިވެރިވާނެކަމަށް ލަފާކުރެއްވެއެވެ. މި ޖަމާޢަތްތަކުގެ ތެރެއިން ބައެއް ޖަމާޢަތްތައް ބޭނުންވަނީ މުސްލިމުންނަށް އަޣްލަބިއްޔަތު ލިބިފައިވާ ސަރަޙައްދުތައް މުޅިން މިނިވަންވެ އައު ދައުލަތެއް ޤާއިމުކުރުމަށެވެ. މި ދައުލަތުގެ ވެރިށަކަށް ވާނީ ފަޠާނީ އެވެ. އެހެނަސް ބައެއް ޖަމާޢަތްތަކުން ބޭނުންވަނީ ތައިލެންޑްގެ ދައުލަތުގެތެރޭގައި ދާޚިލީ މިނިވަންކަން އޮންނަ ސަރަޙައްދަކަށް މުސްލިމުންގެ ރަށްތައް ހެދުމަށެވެ.

މެލޭޝިޔާގެ މެދުވެރިޔާ މަގުޗާޓާ ބެހޭގޮތުން އެއްވެސް ތަފްޞީލެއް ހާމައެއް ނުކުރައްވައެވެ. އޭނާ އަލްޖަޒީރާއަށް ވިދާޅުވިއެވެ. "މަސްއަލަ ޙައްލު ކުރުމަށް އެންމެ ބޮޑަށް ހުރަސްއަޅާ "އިތުބާރުނެތުމުގެ މަސްއަލަ" މިހާރު ވަނީ ޙައްލުކުރެވިފައެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ވަރަށް އީޖާބީ ފައްސި ޢަލާމަތެކެވެ.

ސިޔާސީ ޢުލޫމުގެ ޕްރޮފެސަރެއް ކަމުގައިވާ ޕްރޮފެސަރު ޢަބްދުއްރައްޒާޤު އަޙްމަދު ވިދާޅުވާ ގޮތުގައި މަސްއަލައާ ބެހޭ ހުރިހާ ފަރާތްތައް ޞުލްޙައިގައި ބައިވެރިނުވެ އެންމެ ފަހު އިސްޓޭޝަނާ ހަމައަކަށް ނުދެވޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ފަޠާނީ ސަރަޙައްދަކީ މެލޭޝިޔާއަށް ބަލާއިރު ވަރަށް އިސްތިރާތީޖީ ސަރަޙައްދެކެވެ. އެހެންކަމުން ތަޖްރިބާކާރުންގެ ހަތަޔަކުން މި ސަރަޙައްދު އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި ސިޔާސީގޮތުން ތަރައްޤީކުރުމަށް ވަރަށް އިސްކަންދޭން ޖެހޭނެއެވެ. ތައިލެންޑަށް ބަލާއިރުގައި މި ސަރަޙައްދަކީ ވަރަށް ޙައިވީ ސަރަޙައްދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޛުލްކިފްލި ޒައިނުލް ޢާބިދީން ވިދާޅުވި ގޮތުގައި ޞުލްޙައިގެ މަޝްރޫޢު ތަންފީޒުކުރުމަށް ޓަކައި ކުރީގެ ތަޖްރިބާތަކުން ފައިދާ ލިބިގަންނާނަމެވެ. ކުރީގެ ވާހަކަދެއްކުންތައް ނާކާމިޔަބުވި ސަބަބުތަކަކީ ކޮބައިކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ފިލިޕީންސްގެ ދެކުނުގައި މުސްލިމުންނާ ފިލިޕީންސް ސަރުކާރާ ދެމެދުގައި ޞުލްޙަ ޤާއިމުކުރުމުގެ މަސައްކަތުގައި މެލޭޝިޔާގެ ދައުރުން ފައިދާ ލިބިގަތުމަށް އޭނާ ތައިލެންޑްގެ ވާދަވެރި  ދެ ފަރާތަށް ގޮވައިލެއްވިއެވެ. މި ޞުލްޙައިގެ ސަބަބުން ދެކުނު ފިޕީންސްގައި ބަންގްސަމޯރޯ (މޯރޯ ރައްޔިތުން)ގެ ނަމުގައި ދާޚިލީ މިނިވަންކަން މުސްލިމުންނަށް އޮންނަ ސަރަހައްދެއް ޤާއިމުވެގެން ދިޔައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް އަންވަރު އިބްރާހީމު ވަޑައިގަތުމުން ތައިލެންޑާއި މެލޭޝިޔާގެ ސިޔާސީ ދާއިރާތަކުގެ ބޭފުޅުންނަށް ތައިލެންޑްގެ ޞުލްޙައަށް އައު ދިރުމެއް އަތުވެދާނެކަމުގެ ހިތްހަމަޖެހުން ލިބުނެވެ. އަދި މި އަހަރު ކުރީކޮޅު ފަޠާނީ ޞުލްޙައާ ބެހޭ ވާހަކަދެއްކުންތަކުގައި މެދުވެރިވާ ފަރާތަކަށް މެލޭޝިޔާގެ ސިފައިންގެ ކުރީގެ ވެރިޔާ ޛުލްކިފްލި ޒައިނުލްޢާބިދީން ޢއްޔަން ކުރެވުމުން ވެސް ހެޔޮ ފާލެއް ލިބިގެންދިޔައެވެ. އޭނާއަކީ ތައިލެންޑްގެ ޖެނެރަލުންނާއެކު ރަނގަޅު ގުޅުމެއް އޮންނަ ބޭފުޅެކެވެ. ތައިލެންޑްގެ ދެކުނުގެ ކަންތައްތަކުގައި ފަހުބަސް ބުނަމުންދަނީ ސިފައިން ކަމުގައިވާތީއެވެ.

ތައިލެންޑްގެ ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތަކުގައި މެލޭޝިޔާއިން މެދުވެރިއެއްގެ ބައި އަދާކުރާން ފެށީ 2013ގައެވެ. މި ވާހަކަދެއްކުންތައް 2014ގައި ހުއްޓުނީ ތައިލެންޑްގެ ވެރިކަމަށް ސިފައިން އިސްވުމުންނެވެ. ޞުލްޙައިގެ ވާހަކަދެއްކުންތައް 2019ގައި ވަނީ އަލުން ފެށިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *