Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ވިސްނާނުލައި ކުރެވޭ ދެރަ ކަންކަން

ކަންކަން ކުރުމުގައި ކަންކަމުގެ އާޖުފާޖާއި ވައްޓަފާޅި ދަންނަ ދޮށީމީހުންގެ ލަފަޔާއި ބަސް ހޯދުމަކީ، ކުރާންޖެހޭނެ ކަމެކެވެ. ބައެއް ކަންކަމަކީ އެކަމެއް ޒަމާނާ އެކުވެގެން ދިއުމަށްފަހު، އެކަމެއް ހިނގާފައިވާ ގޮތް ފަހުން އަންނަ ޖީލުތަކަށް ފިލާނެ ގޮތް ފެންނާން ނުވަތަ އެނގޭން ނުހުންނަ ޒާތުގެ ކަންކަމެވެ.

އެގޮތުން މިސާލެއް ބަޔާން ކުރާނަމަ، މާލޭ ހުކުރު މިސްކިތުގެ ހަރިންމައިގެ ހުޅަނގު ދެކުނު ކަންމަތީގައި އަތުރާފައިހުރި މަހާނަ ގާތަކަށް ބަލައިލަމާ ހެއްޔެވެ. އެ މަހާނަގާތައް ވެއްޓި އަތްވާއި ވާރޭތެރޭގައި ވެއްޔާ މޮޑެވި ހަލާކުވަމުން ދާތީ އެ ގާތައް ހިމާޔަތް ކުރުމުގެ ގޮތުން އެ ގާތައް އެތާނގައި އަތުރާފައި ވަނީ، މަހާނައެއްގައި ގާ ޖަހާފައި ހުންނަ ޒާތަށެވެ. އެކަމަކު އެ ގާތައް އެޒާތަށް އަތުރާފައި ހުރީ އިސްލާމުންގެ މަހާނައިގައި ގާ ޖަހާފައި ހުންނަ ގޮތާއި މިޞްރާބާ ތަފާތުކޮށެވެ.

އިސްލާމީ ޤަބުރުސްތާނެއްގައި އިސްލާމުންގެ މަހާނަ ހުންނަ މިޞްރާބާ ޚިލާފަށް މަހާނައިގައި ގާ އެތުރުމަކީ، ނޭނގި ކަމުގައި ވިޔަސް ހެދިފައިވާ ވަރަށްވެސް ބޮޑު ގޯހެކެވެ. އެހެނީ، ޒަމާންތަކެއްގެ ފަހުން އެތަނަކީ ހަމައެކަނި އިސްލާމީ ޤަބުރުސްތާނެއް ކަމަށް ބެލުމަށް ހުރަސްއެޅިފައި, އޮޅުންއަރާނެ ސަބަބަކަށް އެކަން ވެގެންދާނެތީއެވެ. އެ ފުރުޞަތު އޮތީމައެވެ.

އެހެނީ، އެ މަހާނަގާތައް ހުރީ އިރުން ހުޅަނގަށް މަހާނަ ހުންނަ ގޮތަށް ކަމުގައި ވާތީއެވެ. އިސްލާމުންގެ މަހާނަ ދިވެހިރާއްޖޭގައި ހުންނާނީ އުތުރުން ދެކުނަށްވާ ގޮތަށެވެ. މައްޔިތުންގެ ބޯ އުތުރަށްވާ ގޮތަށެވެ.

އެހެނަސް، އެއާ ޚިލާފަށް މާލޭ ހުކުރު މިސްކިތުގެ ހަރިންމައިގެ ތެރެއިން ހުޅަނގު ދެކުނު ކަނުގައި އަތުރަފައިހުރި މަހާނަގާތައް އިރުން ހުޅަނގަށް ވާގޮތަށް އަތުރާފައި ހުރުމުން އެއީ އިސްލާމުންގެ މަހާނަތަކެއް ނޫންކަމުގައި ބެލެވިދާނެއެވެ. އޭރުން މާލޭ ހުކުރު މިސްކިތުގެ ހަރިންމައިގައި ވަޅުލާފައިވަނީ ހަމައެކަނި އިސްލާމުން ކަމުގައި ބެލޭނެ ފުރުޞަތު ގެއްލޭނެކަން ޔަގީނެވެ.

މާލޭ ހުކުރު މިސްކިތަކީ، ރާއްޖެ އިސްލާންވީފަހުން ބިނާކުރެވިފައި ހުރި މިސްކިތެއް ކަމުން އެ ހަރިންމަ ވެސް ޚާއްޞަ ކުރެވިފައިވަނީ ހަމައެކަނި އިސްލާމުންގެ ވަޅުލުމަށްކަން ގަބޫލު ކުރާން ޖެހެއެވެ. އެހެން އެކަން އޮތްކަމުގައި ވިޔަސް، އެ ހަރިންމައިގެ ހުޅަނގު ދެކުނުގައި އެގޮތަށް އެ ގާތައް އަތުރާފައި ހުރުމުން އެއީ، އިސްލާމުން ވަޅުލާފައިވާ ތަނެއް ނޫންކަމުގެ ވިސްނުން އުފަންވުމަށް އޮތް ފުރުޞަތެއް ކަމަށްވާތީ އެގޮތަށް ބަލާނެ ޒަމާނެއް އައުމަކީ ނުވާނެކަމެއް ނޫނެވެ.

ރާއްޖެ އިސްލާންވި ފަހުން ޕޯޗުގީޒުންގެ އަތްމައްޗަށް ވެސް 16 ވަރަކަށް އަހަރަށް ދިވެހިރާއްޖޭގެ ވެރިކަން ގޮސްފައި ވުމުން އެދުވަސްވަރު މަރުވި ޕޯޗުގީޒުންގެ މަހާނަ ވެސް އެ ހަރިންމައިގައި ވަޅުލުމަށް ހުރަހެއް ނެތަތީ، އެ މަހާނަގާތައް ދައްކައިދެނީ އެފަދަ ޙާލަތެއްގައި ވަޅުލާފައިވާ ބޭރު ބައެއްގެ މަހާނަތަކެއް ކަމުގައި ބަލައި އޮޅުން އެރުމަކީ ވެސް ނެތް ފުރުޞަތެއް ނޫނެވެ. ނުވަތަ އެ މަހާނަ ގާތައް އެގޮތަށް އެތުރީ އެ ވިސްނުން އޮތް ބަޔަކު އެ ނިޔަތުގައި ގަސްތުގައި ކަމަށް ވެސް ވުމީ ވެދާނެ ކަމެކެވެ. އެއީ، ވަރަށް ދެރަކަމެކެވެ. އެ ގާތައް އެތާނގައި ހެޔޮ ގޮތަށް އެތުރުމަކީ މިހާރުން މިހާރަށް ވެސް ކުރާން ޖެހޭނެ ކަމެކެވެ. ދިވެހީންގެ ތަންތަނާއި ކަންކަން އަޞްލު ގެއްލޭ ފަދަ ކަންކަން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.