އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ބޮޑު ރަށެއް ކަމުގައިވާ ނާބްލުސްއަށް މިއަދު އަރާ ދިން ޢުދްވާނުގައި ފަލަސްޠީނުގެ 10 މީހަކު މަރައިލައި ސަތޭކައަށްވުރެ ގިނަ ބަޔަކު ޒަޚަމުކޮށްލައިފިއެވެ. މި ޢުދްވާނުގައި ސަރާޔާ އަލްޤުދުސު ޖަމާޢަތުގެ އިސްވާރަކު ޝަހީދުވެފައިވާ ކަމަށް އެ ޖަމާޢަތުން ބުންޏެވެ.
އިސްރާއީލުގެ މި ޢުދްވާނާ ވިދިގެން އިސްރާއީލުގެ މި ޖަރީމާތައް ހުއްޓުވުމަށް ޓަކައި "ވަގުތުން ފިޔަވަޅު އެޅުމަށް" ފަލަސްޠީނުގެ ރިޔާސީ އޮފީހުން އެމެރިކާ ސަރުކާރަށް ގޮވައިލިއެވެ.
ފަލަސްޠީނުގެ ފިދާއީ ޖަމާޢަތެއް ކަމުގައިވާ އަލްޤައްސާމު ޖަމާޢަތުން ސިފަކުރި ގޮތުގައި ޢަދުއްވުގެ ޖަރީމާތައް ޙައްދުފަހަނަޅައި ހިނގައްޖެއެވެ. މި ޖަމާޢަތުން ބުނިގޮތުގައި "މިހާރު ކެތްތެރިކަން މަދުވާން ފަށައިފިއެވެ."
ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލު ސިފައިން ނާބްލުސް ސަހަރަށް މިއަދު އަރައި ދިން ޢުދްވާނީ ޙަމަލާތަކުގެ ސަބަބުން ނުވަ މީހަކު ޝަހީދުވިއެވެ. އަދި ސަތޭކަ އެތައް މީހަކު ޒަޚަމުވިއެވެ. ބައެއް މީހުންގެ ޙާލު ވަރަށް ނާޒުކުކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި އެ ޖަމްޢިއްޔާއިން އިސްރާއީލުގެ ވަޒަންތަކުން ޒަޚަމުވެފައިވާ އެތައް ބަޔަކަށް ދަނީ ފަރުވާ ދެމުންނެވެ. މި ޖަމްޢިއްޔާ ބުނާގޮތުގައި އިސްރާއީލުން ކަރުނަގޭހާއި މިރުސްގޭސް ބޭނުންކުރުމުގެ ސަބަބުން 250 މީހަކު ވަނީ ނޭވާ ހާސްވެގެން ފަރުވާދޭން މަޖްބޫރުވެފައެވެ. އިސްރާއީލު ސިފައިން ނާބްލުސްގެ މެދުތެރޭގައި ފަލަސްޠީނުގެ ދެ ޒުވާނަކު ހިފަހައްޓައިގެން ހައްޔަރުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޚަބަރު ލިބުނެވެ. އިސްރާއީލުން މި ދެ މުޖާހިދުން މަރައިލައިފިކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
ޚަބަރުތައް ހޯދާ ފެތުރުމަށް ދިޔަ ފަލަސްޠީނުގެ ނޫސްވެރީންގެ ތެރެއިން ތިން މީހަކު ވަނީ އިސްރާއީލުގެ ވަޒަންތަކުން ޒަޚަމުވެފައި ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.
ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިން ނާބްލުސްއަށް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގެ އެ ސަހަރުގެ ތަފާތު ދޮރޯށިތަކުންނެވެ. އިސްރާއީލު ސިފައިން މި ސަހަރަށް ވަނީ ރަށުގެ އިރުމަތީ މާރުކޭޓު ސަރަހައްދުންނެވެ. އެއަށްފަހު އެ ރަށުން ގެއެއް ޙިޞާރު ކުރިއެވެ. މި ކަމާ ވިދިގެން ވަރަށް ގިނަ ސިފައިން މި ސަހަރަށް ވަދެގަތެވެ. މި ހިސާބުގައި ފަލަސްޠީނުގެ ފިދާއީންނާއި އިސްރާއީލު ސިފައިންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގިއެވެ. އިސްރާއީލު ސިފައިން ޙިޞާރުކުރި ސަރަޙައްދުތެރޭގައި ގޮވާއެއްޗެހިތައް ގޮވަމުންދިޔަ އަޑު އިވުނެވެ.
ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިންގެ ފައުޖުތައް ރަށުގެ ޤަދީމީ ބައިން ފޭބިއަސް ރަށުގެ މައި ދޮރޯށިތައް ޙިޞާރުކޮށްގެން އެމީހުން އަދިވެސް އެބަ ތިއްބެވެ.
އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި ހައްޔަރުކުރާން ބޭނުންވާ ދެ މީހުން ވަނީ މަރައިލައިފައެވެ. ސަރާޔާ އަލް ޤުދުސް ޖަމާޢަތް ބުނާގޮތުގައެ އެ ޖަމާޢަތުގެ އިސްވާރެއް ކަމުގައިވާ މުޙައްމަދު އަބޫބަކްރު ޖުނައިދީ ވަނީ ޝަހީދުކޮށްލައިފައެވެ. އޭނާގެ ވަނީ ތަޅައިލައި ވައްޓައިލައިފައެވެ. އޭނާ ޝަހީދުވީ ގެ ތަޅައިލުމުގެ ސަބަބުން ގޭގެ ފާރުތަކުގެ ދަށުވެގެންނެވެ.



advertisment