Support Us

ކޮލަމް މާޒީ: ދިވެހިބަހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޢިލްމީ ހަގީގަތް ގަބޫލުނުކުރުން

ދިވެހިރާއްޖެ ފިޔަވައި ދުނިޔޭގެ ގިނަ ގައުމުތަކުގައި އެ ޤައުމުތަކުގެ މީހުންގެ ދުވަހީ ދިރިއުޅުމުގައި އެއް ބަހަށް ވުރެ ގިނަ ބަސް ބޭނުންކުރުމަކީ ވަރަށް ޢާންމު ކަމެކެވެ. މިސާލަކަށް އޮޅުދޫކަރައިގައި ވެސް ސިންގަޅަބަސް ފިޔަވައި އެހެން ބަސްތައް އާންމު ދިރިއުޅުމުގައި ހަމަ ޢާންމުކޮށް ބޭނުންކުރެވެއެވެ. އުތުރުކަރައިގައި އަދި މާ ގިނަ ބަސްތައް ދުވަހީ ދިރިއުޅުމުގައި ބޭނުންކުރެއެވެ. މެލޭޝިއާއާއި ސިންގަޕޫރާއި އިންޑޮނޭޝިއާގައި ވެސް މި ކަން އޮތީ ހަމަ މި ބީދައިންނެވެ. އެހެންކަމުން މި ފަދަ ޙާލަތުގައި ތަޢުލީމު ދިނުމުގައި ގިނަބައްސަ ނިޒާމު ބޭނުންކުރެވެއެވެ. މިސާލަކަށް މެލޭޝިއާގައި ވެސް ތަމަޅަބަހުން ވާހަކަދައްކާ މުޖުތަމަޢުތަކަށް ތަމަޅަބަހުން ކިޔަވައިދޭ އިސްކޫލުތަކާއި މެލޭ މުޖުތަމަޢަށް މެލޭ ބަހުން ކިޔަވައިދޭ އިސްކޫލުތަކާއި އަދި އެހެނިހެން މުޖުތަމަޢުތަކަށް އިނގިރޭސިބަހުން ކިޔަވައިދޭ އިސްކޫލުތަކާއި ޢަރަބި އިސްލާމީ ތަޢުލީމަށް ބޭނުންވާ ދަރިވަރުންނަށް ޢަރަބިބަހުން ކިޔަވައިދޭ އިސްކޫލުތައް ވެސް މަދުމަދުން ހުރެއެވެ. އެހެން ގައުމުތަކުގައި ވެސް މި ކަން ހުންނަނީ މި ބީދައިންނެވެ.

ކަން ހުރީ އެހެން ކަމަށް ވިޔަސް ގިނަ ބައްސަ ބައެއް މުޖުތަމަޢުތަކުގައި އެއްބައްސަ ތަޢުލީމީ ނިޒާމެއް އޮންނަ ގައުމުތައް ވެސް މަދެއް ނޫނެވެ. ނަމަވެސް މި ފަދަ ޤައުމުތަކުގައި ވަށައިގެން ފެންނަ މުޖުތަމަޢުގައި އެހެން ބަސްބަސް ބޭނުންކުރާކަމަށްވުމީ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ތަޢުލީމު ޙާޞިލުކުރާ ހުރިހާ ދަރިވަރުންގެ އަސާސީ ބަހަށް ނުވާ، އެހެން އެއް ބަހަކުން އުނގަންނައިދިނުމަކީ ތައުލީމު ޙާޞިލުކުރުމަށާއި އިޖުތިމާޢީ ޖަޒުބާތާއި އަސަރާއި ލިޔަންކިޔާން ދަތުމުގެ އަސާސީ ހުނަރުތައް ތަރައްގީވުމުގައި ނައްސި އަސަރު ފޯރާނެކަމެކެވެ.

މި ގޮންޖެހުންތައް ފާހަގަކުރެވުމާއެކު، އަމިއްލަ ވަޒަނުގެ ޠަބީޢީ ބަހުގެ ބައިނަލްއަޤުވާމީ ދަހަރު" 2022ގައި އިފުތިތާޙުކުރެވުނެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތް ގޮތުގައި ގިނަބައްސަ ތަޢުލީމުގެ ތެރެއިން ތަޢުލީމަށް ހެޔޮ ބަދަލު އައުން ބިނާވެފައިވަނީ އަވަސް ބަދަލުތަކެއް އަންނަމުން މިދާ ދުނިޔޭގެ ޢާންމު ޙާލަތުގައި މާދަރީބަހުން ކިޔަވައިދިނުމަކީ ލާޒިމުކަމެއްކަން ހާމަކުރުމަށް ޓަކައެވެ.

މި އަހަރުގެ މާދަރީބަހުގެ ޝިޢާރު ("ގިނަބައްސަ ތަޢުލީމު– ތަޢުލީމީ ނިޒާމުގެ ހެޔޮ ބަދަލަކަށް ޓަކައި ލާޒިމު")ގެ ނިޔަތާއި މަޤުޞަދަކީ ކޮންމެ ބަހެއްގެ އަހުލުވެރިއަކަށް ވެސް އެ ކުއްޖެއްގެ މާދަރީބަހުން އުނގަންނައިދިނުމުގެ މުހިންމުކަން ފާހަގަކުރުމެވެ. ދިވެހިރާއްޖޭގައި އޮތީ އެންމެ މާދަރީ ބަހެކެވެ. ނަމަވެސް ދިވެހިރާއްޖޭގައި ދިވެހިބަހުން މަދަރުސީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތެއް އެންމެ ދަރިވަރަކަށް ވެސް ނޯވެއެވެ. މުޅި ރާއްޖޭގައި ތަޢުލީމު ދެވެނީ އިނގިރޭސިބަހުންނެވެ. މަދު އިސްކޫލެއްގައި ޢަރަބިބަހުންނެވެ. ނަމަވެސް ދިވެހިބަހުން ކިޔަވައިދޭ އިސްކޫލެއް ނުހުރެއެވެ. ހަގީގަތުގައި ގިނަބައްސަ ތަޢުލީމުގެ މާނައަކީ ވެސް އެ ބަޔަކަށް އެ ބަޔެއްގެ މާދަރީބަކުން ކިޔަވައިދިނުމެވެ. އެ ބަޔެއްގެ އަސާސީ ޠަބީޢީ ބަހުން، މާދަރީބަހުން، ކިޔަވައިނުދޭ ނަމަ، އިޖުތިމާޢީ ގޮތުން ނައްސި އެތައް ކަމެއް ދިމާވާނެއެވެ. މިއަދު މި މުޖުތަމަޢުން މި ފެންނަނީ އެ ކަމުގެ ނަތީޖާ ނޫންބާވައޭ އަޅުގަނޑު ހިތަށް އަރައެވެ.

ގިނަ ބަޔަކު ހީކުރާ ކުށް ހީޔަކީ މާދަރީބަހުން ކިޔަވައިދިނުމަކީ ދަރިވަރުންގެ އިނގިރޭސިބަހުގެ ފެންވަރު ދަށްވާނޭކަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގައި ކުރީން ގުރޭޑު ހަތަކާ ހަމައަށް ދިވެހިބަހުން ތަޢުލީމު ޙާޞިލުކުރުމަށް ފަހު، ގުރޭޑު އަށަކުން ފެށިގެން އިނގިރޭސި މީޑިއަމަށް ކިޔެވި ކިތަންމެ ދަރިވަރަކު ޖީސީއީ އިމްތިޙާނުގައި އެންމެ ރަނގަޅު ނަތީޖާ ހޯދައިފައި އެބަހުއްޓެވެ. އެ ފަދަ ކުދީންގެ ކިބައިގައި ދީނީ ތަޢުލީމާއި ދިވެހިބަހުގެ ހުނަރު އެންމެ ފުރިހަމައަށް ވަނީ އަށަގެންފައެވެ. އަދި ބައެއް ގައުމުތަކުގައި ގުރޭޑު އަށަކާ ހަމައަށް ރަށުބަހުން ކިޔަވައިދޭ އިސްކޫލުތަކުގައި ގުރޭޑު އަށަކުން ފެށިގެން އިނގިރޭސި މީޑިއަކަށް ކިޔަވައިގެން ޖީސީއީ އޯ ލެވެލް ހަދައެވެ. ނަތީޖާ ހަމަ ރަނގަޅެވެ. އިނގިރޭސިބަހުން ދިވެހިރާއްޖޭގައި ތަޢުލީމު ޙާޞިލުކޮށްގެން ސަޢުދީޢަރަބިއްޔާއަށް ގޮސް އެއް އަހަރު ޢަރަބިބަސް ކިޔަވައިގެން ޢަރަބިބަހުން ޑިގުރީއާއި މާސްޓާސް ޙާޞިލުކުރާ ދިވެހި ދަރިވަރުން މަދެއް ނޫނެވެ. ހަމަ މި ބީދައިން އިނގިރޭސިބަހުން ރާއްޖޭގައި އިސްކޫލު ތަޢުލީމު ނިންމައި ރޫސީވިލާތަށް ނުވަތަ ބެލަރޫސްއަށް ގޮސް އެތާގެ ބަހުން ޑަކުޓަރުކަން ކިޔަވައިގެން އަންނަ ދަރިވަރުން ވެސް ރާއްޖެއިން ފެނެއެވެ. ވީމާ، މާދަރީބަހުން ތަޢުލީމު ޙާޞިލުކުރާން މި ޖެހިލުންވަނީ ކޮން ސަބަބަކާ ހުރެކަމެއް ހަމަ އެއް ގޮތަކަށް ވެސް ނުވިސްނުނެވެ.

އަނެއްކޮޅުން ބަލާއިރު ދިވެހި ތާރީޚާއި ސަގާފަތާއި އަދި ޢާންމުކޮށް ދިވެހި ޤައުމިއްޔަތާ ގުޅޭ މަޢުލޫމާތު ދިވެހިބަސް ފިޔަވައި އެހެން ބަހަކުން ޣައިރުދިވެއްސަކު ފުރިހަމައަށް ކިޔަވައެއް ނުވެސް ދެވޭނެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ވާހަކަތަކާއި ދިވެހި ސަގާފަތާއި އާދަކާދަތަކުގެ ވާހަކަ ދިވެހީންނަށް ކިޔަވައިދެނީ އިނގިރޭސިބަހުން ޣައިރުދިވެހީންނެވެ. އެ މީހުންނަށް އެ މަޢުލޫމާތު އެނގެނީ ވެސް ދަރިވަރުންގެ ޓެކުސްޓު ފޮތުންނެވެ. ނުވަތަ ރާއްޖެ އަންނަ ފަހުންނެވެ. އެހެންކަމުން ދިވެހީން ހަވީރު ސަޔަށް ގުޅައާއި ބޯކިބާ ބޭނުންކުރާވާހަކަ ބުނާންވެގެން "ގުލްހަ"އާއި "ބޮއަކިބަ" ކައި އުޅޭ ވާހަކަ ދަރިވަރުންނަށް ކިޔަވައިދޭ ވާހަކަ ދަރިވަރުން ބުނެއެވެ. ކަނޑާއި ފަޅުގެ ވާހަކަ ދައްކާންވެގެން "ކަންޑާއި" "ފަލްހު"އޭ ކިޔަނީ އެހެންވެއެވެ.

ޔުނެސްކޯއިން ގަބޫލުކުރާ ގޮތުގައި ހަމަ އެކަނި އެންމެ ބަހަކުން ކިޔަވައިދޭ ނަމަ، އެ ކިޔަވައިދޭ (މީޑިއަމް އޮފް އިންސްޓްރަކްޝަން) ބަސް ފިޔަވައި އެހެން ބަސްބަހުގެ އަހުލުވެރީނަށް ތަޢުލީމު ޙާޞިލުކުރުމުގައި ނޭދެވޭ އަސަރުތައް ފޯރާނެއެވެ. އަދި އިޖުތިމާޢީ ޖަޒުބާތާއި ޝުޢޫރުތަކަށް ވެސް އަދި ބަސް އުނގެނުމުގެ އަސާސްތަކަށް ވެސް ނޭދެވޭ އަސަރު ފޯރާނެއެވެ. އިޖުތިމާޢީ ގުޅުންތަކަށާއި ޤައުމީ ރޫހަށް ނޭދެވޭ އަސަރު ފޯރާނެއެވެ. ދިވެހި މުޖުތަމަޢުން މިއަދު މި ފެންނަނީ މި ދެންނެވި ނޭދެވޭ އަސަރޭ އަޅުގަނޑު ދަންނަވައިފި ނަމަ، ތިޔަ ބޭފުޅުން ކޯފާވިޔަސް ދެން ދަންނަވާނީ ވެސް ވަކި ކީކޭތޯއެވެ!

ޔުނެސްކޯއިން މިއަހަރުގެ މާދަރީބަހަށް ކަނޑައަޅުއްވައިފައިވާ ޝިޢާރުގެ ހަގީގީ މަގުސަދަކީ ކުރީން ވެސް ދަންނަވައިލެވުނު ފަދައިން، ކޮންމެ ބަޔަކަށް ވެސް އެ ބަޔެއްގެ މާދަރީބަހުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ގައުމުތައް ހޭލުންތެރިކުރުމެވެ. އެއީ މާދަރީ ބަސް ފިޔަވައި އެހެން ގިނަ ބަސްތަކަކުން އެއް އިސްކޫލެއްގައި ކިޔަވައިދޭ ވާހަކައެއް ނޫނެވެ. ގިނަބައްސަ ތަޢުލީމުގެ މާނައަކީ އެކި ބަސްބަހުން ވާހަކަދައްކާ ކުދީންނަށް އެ ހުރިހާ ކުދީންގެ މާދަރީބަހުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ޙާލަތު ވަރަށް ތަފާތެވެ. އާދޭހެވެ! މާދަރީބަހުން ފަށާ ތަޢުލީމުގެ މަރުޙަލާގައި ކިޔަވައިދިނުމާއި ދަރިވަރުންނަށް އެ ކުދީންގެ ޅަފަތުގައި ރަނގަޅަށް މާދަރީބަސް އުނގަންނައިދިނުމަކީ ކުދީންގެ ތަޢުލީމަށް ޓަކައި ވަރަށް މުހިންމު ކަމެއްކަމަށް މި ކަމާ ބެހޭ ޢިލްމުވެރީން އިއްތިފާޤުވެއެވެ. އަދި ވަކީން ޚާއްޞަކޮށް އެ ބަޔެއްގެ ސަގާފަތާއި ތާރީޚާއި އާދަކާދައާއި ތިމާވެއްޓާއި ކަނޑުފަޅުގެ ވެއްޓާއި މަސައްކަތްތެރިކަމާ ބެހޭ ތަޢުލީމު އެ ބަޔެއްގެ މާދަރީބަސް ފިޔަވައި އެހެން ބަހަކުން ކިޔަވައެއް ނުވެސްދެވޭނެއެވެ.

ނަމަވެސް ހިތާމައަކީ ދިވެހީންގެ ގިނަ ބަޔަކު މި ކަން ގަބޫލުނުކުރާކަމެވެ. ޚުދު ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި ސިޔާސަތު ތަންފީޒުކުރައްވާ ފަރާތްތަކާއި މުދައްރިސުންނާއި މައިންބަފައިންނާއި ދަރިވަރުން ވެސް ޢިލްމުވެރީންގެ މި ދިރާސާތަކުގެ ނަތީޖާއިން ފެންނަ ހަގީގަތްތަކަށް އިޙުތިރާމެއް ނުކުރެއެވެ. ނުވަތަ މާދަރީބަހާމެދު ޢިލްމުވެރީން އިއްތިފާޤުވާ ހަގީގަތްތައް ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިބަހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިއީއެވެ. އަޅުގަނޑު ގަބޫލުކުރާނީ މިއީ ޤައުމިއްޔަތާއި ގައުމީ ތަރިކައަށް އިޙުތިރާމްކުރުމުގެ ޖީލެއް ބިނާކުރެވިފައި ނެތުމުގެ ނަތީޖާކަމަށެވެ. އަޅުގަނޑު މިހެން މި ދެންނެވީ ވަރަށް ބޮޑު ހަގީގަތެއްގެ މައްޗަށް ބިނާކޮށްފައެވެ.

ވިސްނެވުން ހުށްޓެވެ! އިސްރާއީލޭ ކިޔާ ދައުލަތެއް ފަލަޞްޠީނު ބިމުގައި ޤާއިމުކުރުމަށް ފަހު، އެ މީހުންގެ ޤައުމިއްޔަތެއް ބިނާކުރުމަށް ޓަކައި އިސްކަންދިނީ ޤައުމީ ބަހެއް ތަރައްގީކުރާށެވެ. އޭރު ހީބުރޫ ބަހަކީ "ކަށްވަޅުގައި" އޮތް ބަހެކެވެ. ފައްޅިތަކުގައި ނޫނީ އެ ބަސް ބޭނުމެއް ނުކުރެއެވެ. ނަމަވެސް އިސްރާއީލުގެ ޤައުމިއްޔަތު ކުރިއެރުވުމަށް ޓަކައި ޤައުމީ ބަހެއްގެ މުހިންމުކަން އެ މީހުން ގަބޫލުކުރާތީ އެ ބަސް "ސަންދޯކުން ނަގައި" އެ ބަހަށް ހޭހަންކޮށްގެން ތަރައްގީކުރީއެވެ. މިއަދު އެއީ އިސްރާއީލުގެ ގައުމީ ބަހެވެ. އިސްކޫލުތަކުގައި ކިޔަވައިދޭ ބަހެވެ. ޔުނިވަރުސިޓީތަކުގައި ކިޔަވައިދޭ ބަހެވެ. ބަހުގައި ނެތް ލަފުޒެއް ނަމަ، އާ ލަފުޒު އުފައްދައި، މަޢުލޫމާތުގެ މި ޒަމާނާ ފައި ހަމަކުރީއެވެ. އެ ބަހުން ފޮތް ލިޔެފައި ނެތް ދާއިރާތަކުން ފޮތް ލިޔުނީއެވެ. ކީއްކުރާންތޯއެވެ؟ ހަމަ ޤައުމިއްޔަތަށް ޓަކައެވެ.

ވިސްނަވާށެވެ! ޤައުމީ ލޯބި ހުރި ބަޔަކަށް ބަހެއް ކަށްވަޅުން ނަގައި އޮކުސިޖަން ދީގެން ކާނާދީގެން އެ ބަސް ތަރައްގީކުރިއިރު، މިހާރު ދިރިދެމި އޮތް ބަހެއްކަމުގައިވާ ދިވެހިބަސް ތަރައްގީ ނުކުރެވޭންވީ ހަމަ އެއްވެސް ސަބަބެއް، ގައުމީ ލޯބި ނެތުން ފިޔަވައި އެހެން އެއްވެސް ސަބަބެއް، ނެތެވެ. ވީމާ ދިވެހި ޤައުމުގެ ދިރިދެމި އޮތުމަށް ޓަކައި ދިވެހި ޤައުމު ދެކެ ލޯބިވާ އެންމެން، ދިވެހި ޤައުމިއްޔަތަށް ކުލުނެއް ހުރި ކޮންމެ މީހަކު، މި ކަމަށް ސަމާލުކަން ދޭން އެބަޖެހެއެވެ. ބަހާބެހޭ ޢިލްމުވެރީންގެ ދިރާސާތަކަށް އިޙުތިރާމްކުރާން އެބަޖެހެއެވެ. ޔުނެސްކޯ ފަދަ ޖަމާޢަތްތަކުން ދެއްވާ ލަފަޔާ އެއް ގޮތަށް ޢަމަލުކުރާން އެބަޖެހެއެވެ. ޅަފަތުގެ ތަޢުލީމާއި ފަށާ ތަޢުލީމު މާދަރީބަހުން އުނގަނަނައިދޭން އެބަ ޖެހެއެވެ. އިޖުތިމާޢީ ޢިލްމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ޢިލްމާއި ތިމާވެށީގެ ޢިލްމުތައް ފަދަ ދިވެހި ވެށްޓާ ގުޅޭ މާއްދާތައް ދިވެހިބަހުން ދިވެހީން، ދިވެހި މުދައްރިސުން، ކިޔަވައިދޭން އެބަޖެހެއެވެ. ދިވެހި ޤައުމިއްޔަތަށް ޓަކައެވެ. ދިވެހި މުޖުތަމަޢުގެ ހަމަޖެހުމާއި ލާބައަށް ޓަކައެވެ.