Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

ބައެއް ފަހަރު، ޑިމޮކުރަސީގައި ދެވޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަނީ މަތީގައިވާ ތަސްވީރު ބުނެދޭ ފަދައިންނެވެ. މިނިވަން ޚިޔާލު އެއިރެއްގައި އޮންނަ ސަރުކާރުގެ ޚިޔާލާ އެއްގޮތް ވާން ޖެހެއެވެ. އެއްގޮތް ނުވެއްޖެ ނަމަ ގަދަ ބާރުން، އަމިއްލަ ޚިޔާލު ސަރުކާރުގެ ޚިޔާލާ އެއްގޮތް ކުރެވެއެވެ. ތަސްވީރުން ފެންނަ ފަދައިން، ބާރުގެ ބޭނުންކޮށްގެން ދައްޗެއްގައި ކަރު ތިއްބައި، ފިއްތައި ބާރުކުރެވިގެންނެވެ. އާދެ، އެކިއެކި ގާނޫނުތައް ފާސްކޮށްގެންނެވެ! މި ގޮތުން ކަންތައް ކޮށް ވެސް، ފާޅުކުރެވޭ ޚިޔާލު ސަރުކާރުގެ ޚިޔާލާ އެއްގޮތް ނުވެއްޖެ ނަމަ އެފަދަ މީހެއްގެ ދުވަސް ދުއްވާލެވެއެވެ. މިކަމާ ބެހޭ ކުޑަ ވާހަކައެއް ލިޔެލާނަމެވެ.

އެއްދުވަހަކު ސިންގާއެއް ޝިކާރަކުރުމަށްޓަކައި ނުކުތެވެ. އަދި އޭނާއާ އެކު، ވިޔަޅަކާއި (ހިޔަޅު ވައްތަރު، މިނި/މަސްކާ ޖަނަވާރެއް، ވުލްފް،) ހިޔަޅެއް ވެސް ގެންދިޔައެވެ. އަދި، މިވެރިން ވެގެން، ގެރިއަކާއި ބަކައްޓަކާއި މުސަޅެއް ޝިކާރަކުރިއެވެ. ދެން، ވިޔަޅު ހިތަށް އެރީ، އެންމެންގެ މެދުގައި އެމީހުންގެ ޝިކާރަކުރި އެއްޗެހި ބަހާލާނޭ ގޮތެއް ހުށަހަޅާލުމަށެވެ. އަދި، ސިންގާއާ މުޚާތަބުކޮށް ވިޔަޅު ބުންޏެވެ. "ސިންގާ މަނިކުފާނެވެ. މަނިކުފާނަކީ އަޅުގަނޑުމެންގެ ރަސްގެފާނެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން، އެންމެ ބޮޑުވެފައި ވަރުގަދައީ ވެސް ހަމަ މަނިކުފާނެވެ. އެހެންވީމާ، މަނިކުފާނު ގެރި ނަންގަވާށެވެ. ދެން، އަޅުގަނޑު، ބަކަރި ނަގާނަމެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ ކުޑައީ ހިޔަޅެވެ. އެހެންވީމާ، ހިޔަޅަށް މުސަޅު ފުދޭނެ ނޫންތޯއެވެ؟"

މިވާހަކަ އަޑުއަހައި ސިންގާ ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ. އަދި ހަޅޭލަވައިގެންފައި ވިޔަޅާ ދިމާއަށް ބުންޏެވެ. "ޝިކާރަކުރި އެއްޗެހި ބެހުމުގެ ހައްގު ކަލެއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ މި ޝިކާރައިގައި ކަލޭގެ ހިއްސާއެއް އޮތް ވާހަކަ، ކަލޭ ގާތު ބުނީ ކާކު ހެއްޔެވެ؟ އެކަން ކަލެއަށް އެނގުނީ ކިހިނެއް، ކޮންގޮތަކުން ހެއްޔެވެ؟" މިހެން ބުނެ، އަދިވެސް އިތުރަށް، ސިންގާގެ ރުޅިގަދަވެ، ކަރުގެ އެންމެ ބުޑުން ވަރުގަދައަށް އަޑު ނެރެ، ގޮވައިގެންފައި، ފުންމައިގެން ގޮސް ވިޔަޅު ގައިމައްޗަށް ޖެހިގަތެވެ. އަދި، ވިޔަޅު މަރާލައި، ނޮޅައި ކުދިކޮށްލައި ކާލިއެވެ.

ދެން، ހަމަޖެހިލާފައި ހިޔަޅު ގާތު، ސިންގާ ބުންޏެވެ. "އަހަރުމެންގެ ޝިކާރަ ބަހަމާ އުޅޭށެވެ. މިކަމާ ބެހޭ ގޮތުން، އަހަރެން އެއްޗެއް ބުނުމުގެ ކުރިން، ކަލެއަށް ފެންނަ ރަނގަޅު ގޮތެއް ވެސް އަޅެ ބުނެބަލާށެވެ." ދެން، ވަރަށް ވެސް އަދަބުވެރިވެފައި، ސިންގާ ރަސްގެފާނު އަރިހުގައި، ހިޔަޅު ދެންނެވިއެވެ. "މަނިކުފާނުގެ ހެނދުނުގެ ނާސްތާއަށް ގެރި ފަރިއްކުޅުއްވާށެވެ. ދެން، މަނިކުފާނުގެ މެންދުރުގެ ފަރިއްކޮޅަށް ބަކަރި ރަނގަޅުވާނެ ނޫންތޯއެވެ؟ އަދި، މަނިކުފާނުގެ ރޭނގަޑު ފަރިއްކޮޅަށް މުސަޅު ބާއްވާނީއެވެ."

ހިޔަޅުގެ ބެހުމާ މެދު، ސިންގާ އުފާކޮށް، ހިޔަޅަށް ގިނަގުނަ ތައުރީފުގެ ބަސްތައް އިއްވިއެވެ. "ތިޔައީ ހާދަހާވާ ހަމަހަމަ ބެހުމެކެވެ. ތިޔަށް ވުރެ ވަކިން، އިންސާފުވެރި އެހެން ބެހުމެއް ނޯންނާނެކަން ކަށަވަރެވެ." ސިންގާ ބުންޏެވެ. "ތިޔަ ފަދަ ހަމަހަމަކަމާއި އިންސާވެރިކަން ކަލޭ ކިޔަވައި ދަސްކުރީ އަޅެ ކޮން މަދަރުސާއަކުން، ކޮން ފޮތަކުންކަން އަހަންނަށް ބުނެދީފާނަން ހެއްޔެވެ؟"

ޖަވާބުގައި ހިޔަޅު ބުނި އަޑު އިވުނެވެ. "އެ ކަންކަން އަޅުގަނޑަށް ދަސްކޮށްދިނީ ވިޔަޅެވެ. އޭގެ މަސީރެވެ. އޭތި މަރުވެ ދިޔަ ގޮތެވެ. އޭގެ ހިތާމަވެރި ނިމުމެވެ."

ކޮންމެއަކަސް، ސިންގާ ވަރަށް ވެސް އުފާކޮށް، ގެރިއާއި ބަކައްޓާއި މުސަޅުވެސް ކާލިއެވެ. ދެން، ބާކީ އޮތް ކަށިތައް ހިޔަޅަށް ހަދިޔާކުރިއެވެ.

އާދެ، މިނަންގަތް ވާހަކައިން ޖަންގަލީގެ ޑިމޮކުރަސީގެ ހަމައާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފެނިގެން ދެއެވެ. އެކަންކަން ބިނާވެފައި އޮންނަނީ ބާރުގެ މައްޗަށެވެ. ބާރުގަދަ ޖަނަވާރުގެ ބަހަކީ ގާނޫނެވެ. އޭތި ނިންމާ ގޮތަކީ ހަމަ އެންމެ ރަނގަޅު ގޮތެވެ. އަދުލު އިންސާފުގެ ނިންމުމެވެ. ޖަންގަލީގައި އެހެން ޖަނަވާރުން، ދިރި ދެމި ތިބުމަށްޓަކައި، ހިޔަޅުގެ ބުއްދި ބޭނުންކުރަން ޖެހެއެވެ. އަދި، ނަހަމައަކީ ހަމަ ކަމާއި ބޭއިންސާފަކީ އިންސާފުކަމަން ގަބޫލުކުރަންޖެއެވެ. ހުތުރު ގޮތަކީ ރީތި ގޮތްކަމާއި ނާތަހުޒީބަކީ ތަހުޒީބުކަން ވެސް ޖަންގަލީގެ އުސޫލުގައި ހަމަޖެހިފައި އޮވެއެވެ. މި ގޮތާއި ނުރުހި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބަ އޮތޭ ކިޔައި އެއްޗެއް ބުނެފި ނަމަ، ވިޔަޅަށްވީ ގޮތް ވެދާނެއެވެ. ނޫންނަމަ، ތަސްވީރުގައި އެފެންނަ ހިއްވަރު ގަދަ އަންހެނާއާ މެދު ކަންތައް ކުރެވުނު ގޮތަށް ކަންތައް ކުރެވިދާނެއެވެ.

ދާދި ފަހުން އެންމެންގެ ކުރިމަތިން ތަމްސީލުވެގެން ދިޔަ ޖަންގަލީގެ ޑިމޮކުރަސީގެ މިސާލެއްގެ ވާހަކަ ލިޔެލާނަމެވެ. ރާއްޖެއިން އިންޑިޔާއަށް ދިޔަ ބޭކަލެއް، އިންޑިޔާއިން ޑީޕޯޓު ކުރެވުނު ވާހަކައެވެ. ކޮންމެ ގައުމަކަށް ވެސް އެ ގައުމަށް އަރުވައި އަދި ބާލާނެ މީހުން ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެން ވެއެވެ. މިކަމުގެ އާންމު އުސޫލަށް ބަލައިލާނަމަ، ކުރިން ވިސާދެވިގެން، ނުވަތަ އެއަރޕޯޓުން ވިސާ ދިނުމުން ގައުމު ގައުމަށް ބޭރު މީހުންނަށް ގައުމު ގައުމަށް އެތެރެވެވެއެވެ. އެއަށް ފަހު، ވިސާގެ މުއްދަތު ހަމަވަންދެން، އެ ގައުމުގައި އެ މީހަކަށް މަޑުކުރެވެއެވެ. އެ ގައުމުގެ ގަވާއިދުތަކާއި ގާނޫނުތަކާ ޚިލާފު ނުވާހާ ހިނދަކު، އެ ގައުމަކުން އެ މީހަކު ބޭރުކުރެވޭ ތަނެއް ނާދެއެވެ.

މި ނަންގަތީ ތަހުޒީބީ ދުނިޔޭގައި ކަން ހިނގާ ގޮތެވެ. ނަމަވެސް، ދާދި ފަހުން ތަމްސީލުވެގެން ދިޔައީ މުޅިން މިއުސޫލާ ޚިލާފަށް ރާއްޖޭގެ މީހަކު އިންޑިޔާއިން ބޭރުކުރެވުނު ތަނެވެ. އޭނާ އިންޑިޔާއަށް އެތެރެވީ ގަވާއިދުގެ މަތިންނެވެ. ނަމަވެސް، އޭނާ ބޭރުކުރެވުނީ އޭނާ އެ ގައުމުގެ ގާނޫނަކާއި ނުވަތަ ގަވާއިދަކާއި ޚިލާފުވެގެން ކަމެއް ބަޔާން ކުރެވިފައެއް ނެތެވެ. އޭނާ އިންޑިޔާއިން ބޭރުކުރެވުނު ކަމަށް ހުރިހާ ޚަބަރުތަކެއްގައި ވެސް އޮންނަނީ އޭނާއަކީ 'އިންޑިޔާ އައުޓު' ކެމްޕެއިން، އާދެ، ދިިވެހި ރާއްޖޭގައި އިންޑިޔާގެ އަސްކަރީން ތިބުމާ ދެކޮޅަށް ހިންގި އަދި މިހާރު ވެސް ދޭތެރެ ދޭތެރެއިން ހިންގަމުންދާ ހަރަކާތުގެ އިސް ބައިވެރިއަކަށްވީމައެވެ. މިކަން ކުރަމުން ދަނީ ރާއްޖޭގައި އޮންނަ ޑިމޮކުރަސީގެ ނިޒާމުގެ ދަށުން ލިބިދޭ ފަރުދީ މިނިވަންކަމުގެ ޚިޔާލުފާޅު ކުރުމުގެ ދަށުންނެވެ. ފަހަރެއްގައި ވެސް މިއީ ރާއްޖޭގައި ވެސް އަދި އިންޑިޔާގައި ވެސް ގާނޫނީ ގޮތުން މަނާ ކަމެއްކަން ކަނޑައެޅިފައި އޮތް ކަމެއް ނޭނގެއެވެ. މި ފެނުނު މަންޒަރުން އެނގުނު އެއްޗަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކުރަސީއޭ ބުނެ ދައުވާ ކުރާ ގައުމުގައި ވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަނީ މަހުދޫދު ކުރެވިފައިކަމެވެ. އާދެ، އެތަނުގައި ވެސް މިއޮންނަނީ ޖަންގަލީގައި ސިންގާ ހިންގާ ކަހަލަ ޑިމޮކުރަސީއެއް ކަމެވެ. މިނިވަންކަން މި އޮންނަނީ އެ މީހުން ބޭނުންވާ އެއްޗެއް ބުނުމުގެ ހުއްދައެވެ. އެހެން ގައުމެއްގައި އަސްކަރީ މަރުކަޒުތައް އެހެން ގައުމުގެ ރައްޔިތުންގެ ފައިސާގައި ގާއިމުކޮށް ހިންގަން އުޅޭ އިރު، އެގައުމުގެ ރައްޔިތުންނަށް އެކަމާ ދެކޮޅަށް އެއްޗެއް ބުނުމަކީ ކޮށްގެންވާނޭ ކަމެއް ނޫން ކަމެވެ.

ދެން، މިކަމުގައި އެންމެ ހެއްވާ އަނެއް ކަމަކަށް ފެނިގެން ދިޔައީ ދިވެހިން ހިމާޔަތްކުރަން ހުންނަ މައި މުއައްސަސާގެ އެންމެ އިސްވެރިޔާ ބުނި ބަހެވެ. ގާނޫނީ ގޮތުން ކުށެއް ކުރިކަން ބަޔާން ނުކޮށް، ހަމައެކަނި 'އިންޑިޔާ އައުޓު' ކެމްޕޭނުގައި ބައިވެރިވުން އެއީ އިންޑިޔާއިން އޭނާ ބޭރުކުރަން ޖެހޭ ކަމެއް ކަމަށް ބުނުމެވެ. ދިވެހި މުވާތިނުންގެ ފައިސާއިން ޚަރަދުކޮށްގެން ބޭރު އަސްކަރީން ތަނުގައި ބައިތިއްބަން ނިންމާ ނިންމުމާ މެދު، ކޮންމެ ދިވެހި މުވާތިނަކަށް ވެސް ފާޑު ކިޔުމުގެ ހުއްދަ އޮންނަން ޖެހޭނޭ ކަމަކީ އެއްވެސް ޝައްކެއް ނެތް ކަމެކެވެ. ދިވެހިން ބޭސްކުރުމަށް ނޫނީ ވިޔަފާރިކުރުމަށް ނޫނީ ކިޔެވުމަށް ނޫނީ އެހެންވެސް ކަމަކު އިންޑިޔާއަށް ދިޔުން މަނާކުރެވިފައެއް ނުވެއެވެ. ދިވެހިން އިންޑިޔާއިން ބޭސްކުރަނީ ހިލޭކަމެއް ވެސް އަދި އެނގިފައެއް ނެތެވެ. ނޫނީ އެހެން ކަންކަން ވެސް ކުރަނީ އެއްވެސް ފައިސާއެއް ނުދީ ކަމެއް ވެސް އެނގިފައެއް ނުވެއެވެ. އެހެންވީމާ ދިވެހިން ހިމާޔަތް ކުރުމުގެ މުއައްސަސާ ތަމްސީލުކުރަން ހުރި މީހަކު އެފަދަ ބަހެއް ބުނުމަކީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. ގާނޫނާއި ގަވާއިދަށް ރިއާޔަތްކުރުމަކީ ނެތްކަމެކޭ ބުނުން ފަދަ ކަމެކެވެ. ދެން ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ މި މީހަކީ ރައްޔިތުން މަޖުލިސްކުރާ ގޭގައި ގާނޫނު އަސާސީއަށް ފައިންއަރާ ގާނޫނުގެ ހުރުމަތް އެއީ ނެތް އެއްޗެއް ކަމަށް ނިންމި މީހެއްވިއްޔާއެވެ! އެހެންވީމާ ގާނޫނަކީ ގަވާއިދަކީ ކޮބައިތޯ ބަލާކަން ނުޖެހޭނެތާއެވެ! ޖަންގަލީގެ ޑިމޮކުރަސީއާއި ޖަންގަލީގެ ގާނޫނު ނޫން އެއްޗެއް މިފަދަ މީސް މީހުންނަށް އެނގޭނޭ ހެނެއް ހިޔެއް ނުވެއެވެ!

މީގެ ތާރީޚީ އެހެން މިސާލެއް ވެސް ލިޔެލާނަމެވެ. ކީރިތި ރަސޫލާއާ މައްކާގެ ގުރައިޝުންނާ ދެބަސްވެ ހަނގުރާމަތައް ކުރެވެމުން ދިޔަ ދުވަސްވަރުގައި ހިނގި ހާދިސާއެކެވެ. ހަނގުރާމައިގެ ހާދިސާތަކަށް ހުއްޓުން އައިސްފައި އޮތް ދުވަސް ވަރެއްގައި، ހިޖުރައިން ހަވަނަ އަހަރު، މުސްލިމުން މައްކާއަށް އުމުރާއަކަށް ދާން ނިންމިއެވެ. މިކަމަކީ، އެ ދުވަސްވަރުގެ 'ގާނޫނު' އާދެ، އެދުވަސްވަރުގެ އަރަބި އާދަކާދައިގެ ގަވާއިދުތައް ތަންދޭ ކަމެކެވެ. ދެބައެއްގެ ދެމެދުގައި ދެކޮޅުވެރިކަން އޮތަސް، އެ ގަވާއިދު ނިޔާކުރާ ގޮތުން، ކައުބާއަށް ޒިޔާރަތްކުރުމަކީ މައްކާގެ ގުރައިޝުންނަށް މަނާކުރެވޭނޭ ކަމެއް ނޫނެވެ. އެހެންވެ، މުސްލިމުން ވެސް ކައުބާއަށް ޒިޔާރަތް ކުރަން ނިންމީއެވެ. އަދި، މައްކާގެ މުޝްރިކުން އެކަން ހުއްޓުވަފާނެ ހެން ހީވުމުން، އެ މީހުންނާ ދެކޮޅަށް ވެސް އެކަން ކުރަން ނިންމިއެވެ. ނަމަވެސް، އާޚިރުގައި ދެފަރާތް އެއްބަސް ވުމަކަށް އާދެވި، ހުދައިބިއްޔައިގެ ސުލްހައޭ ކިޔުނު ސުލްހަ ނާމާ ލިޔެވުނެވެ. އަދި، މިކަންވެގެން ދިޔައީ އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން، މައްކާ ފަތަހަ ކުރަން މެދުވެރިވި ސަބަބަކަށެވެ.

މިތާ ފާހަގަކޮށްލަން ބޭނުންވީ، ޖާހިލީ ޒަމާނުގައި ވެސް ގަވާއިދުތަކަށް ރިއާޔަތް ކުރެވުނު ކަމެވެ. ދެބައެއްގެ ދެމެދުގައި އޮތް ދެކޮޅުވެރިކަމަކީ އެ ގަވާއިދުތައް ނަފީކޮށްލާ ކަމަކަށް ނުވި ކަމެވެ. ނަމަވެސް، ހިތާމައަކީ މިއަދުގެ ތަހުޒީބީ ދުނިޔެއޭ ކިޔާ ދުނިޔޭގައި، އަދި، ނަންކުރާ އެންމެ ބޮޑު ޑިމޮކުރަސީއޭ ކިޔާ ނިޒާމުގެ ދަށުން މި ނަންގަތް ގާނޫނާއި ގަވާއިދަށް ތަބާވުމުގެ ތަހުޒީބީ ރީތި ސިފަ ނުފެންނަ ކަމެވެ. ފެންނަނީ ސިންގާގެ ޖަންގަލީގެ ޑިމޮކުރަސީގެ ނިޒާމެވެ!