...

Support Us

ކޮލަމް: އަލި

ކޮލަމް އަލި: "ފުރައަމެންގޭ މާދަރީބަސް"

"ފުރައަމެންގޭ މާދަރީބަސް" މިއީ ފަޟީލަތުއް ޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީން ހެއްދެވި ޅެމެކެވެ. މި ޅެމަކީ އަޅުގަނޑުމެން ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޅެމެކެވެ. ދިވެހިބަހާ މެދު އެއްޗެއް ބަޔާންކުރާ ކޮންމެ ފަހަރަކު ކޮންމެ މީހަކުމެ އެންމެ ފަސޭހަކަމާ އެކު ބޭނުންކޮށް އުޅެނީ މި ޅެމުގެ އެކިއެކި ބައިތުތަކެވެ. މި ޅެމާ މެދު ފުންކޮށް ވިސްނުމުން ދިވެހިބަހުގެ މައްޗަށް އިތުރަށް ވިސްނާން ޖެހިފައި ހުރި ކަންކަމުގެ ގިނަކަމާ ހުރެ އަޖައިބުވިއެވެ. ބަހުގެ އާންމު އުސޫލާއި ފިޠުރަތާއި ދިވެހިބަސް އުފެދިގެން ތަރައްގީވެގެން އައި އައުމާއި ބަހުގެ ގަވާއިދުގެ ބައިތަކާއި ބަހުގެ ބަހަވިއްޔާތުގެ ވަރަށް ގިނަ ކަންކަމުގެ މައްޗަށް ޚުލާޞާ ގޮތެއްގައި ޝައިޚް ވަނީ އަލިއަޅުއްވައިފައެވެ.

މީގެ ދެތިން ދުވަސް ކުރިން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބަލް ޢަބްދުﷲ ޝާހިދު އަޅުގަނޑުގެ ގާތުގައި މި ޅެމުގެ ވާހަކަ ދެއްކެވިއެވެ. ބޭނުންފުޅުވީ މި ޅެމެވެ. މި މޭރުމުން މި ޅެން ފޮނުއްވައި ދެއްވަން އެދި އަލްއަޚް ޙަސަން ޝާކިރަށް ދެންނެވީމެވެ. އޭނާ އަޅުގަނޑަށް ފޮނުއްވި ޅެމުގައި އޮތީ އަށް ބައިތެވެ. އެ ޅެން ނެންގެވި ކަމަށް ޝާކިރު ވިދާޅުވީ "ޞަލާޙުއްދީނުގެ ޅެންތައް" މިނަން ކިޔާ ފޮތަކުންނެވެ. ޝާކިރު ފޮނުއްވި ޅެން އަޅުގަނޑު ވަޒީރަށް ފޮނުވުމުން ދެން ވިދާޅުވީ ކޮންމެ ބައިތެއްގައި ބަޔާން ކުރާ ވާހަކަ ލިޔުމުގެ އުސްލޫބުން ބަޔާންކޮށް ދިނުމަށެވެ. މި ޅެމުގެ އެކި ބައިތުތަކުގެ ޖުމުލަމާނަ ލިޔެ, ލިޔުމުގެ އުސްލޫބަށް ބަދަލުކުރުމުގެ މަސައްކަތް ކުރީ އެ މަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތީންނެވެ.

މި މަސައްކަތް ކުރަމުން ދިޔަ ހިނދު މި ޅެމުގެ ފުންކަމާއި ޅެމަށް ޞަލާޙުއްދީނު ގެންނަވައިފައިވާ އުސް ފަރުބަދަ ހައި ބޮޑެތި އުސް ވާހަކަތަކާއި ފުން ކަނޑުތައް ހައި ފުން ޚިޔާލުތަކާ މެދު އެތައް ނަޒަރަކުން އަޅުގަނޑަށް ވިސްނާން ޖެހުނެވެ. ޅެމަށް ގެންނަވައިފައިވާ އެކިއެކި އިސްތިލާޙުތަކާއި ލަފުޒުތަކުގެ މާނައާއި މަޠުލަބާއި މުރާދު ދެނެގަންނާން އެތައް އަދީބަކަށާއި ޅެންވެރީންނަކަށް ދަންނަވާން ވެސް ޖެހުނެވެ. މި މަސައްކަތް މި މިންވަރަށް ކޮށްފައި މި ވަނީ މި ދެންނެވި ހުރިހައި ކަމަކާ އެކުއެވެ. އިންސާނީ ކޮންމެ ކަމެއްގައި ވެސް އުނިކަން ހުންނަ ފަދައިން މީގައި ވެސް އަދިވެސް ފުރިހަމަ ކުރާން ހުރި ކަންކަން ހުރެދާނެއެވެ. އެއީ ނިމުމެއް ނެތް މަސައްކަތެކެވެ.

ޅެމުގެ ޖުމުލަ މާނަ ކުރުމުގެ މަސައްކަތް ކުރުމުގައި ދިމާވި ބައެއް ފަންނީ ތުރާތައް ހައްލު ކުރަން މަޝްވަރާ ކުރި ހުރިހައި ބޭފުޅުންނަށް ކަހަލަ ގޮތަކަށް އަޅުގަނޑު ލިޔުނު މާނަތައް ފޮނުވައި ޚިޔާލުފުޅަކަށް އެދި ދެންނެވީމެވެ. މާނަތައް ފޮނުވި ތާ މާ ގިނަ އިރެއް ނުވަނީ އުސްތާޒް އިޔާޒް ނަސީމު އަޅުގަނޑަށް ވަރަށް ޚާއްޞަ އެހީތެރިކަމެއް ދެއްވިއެވެ. އެއީ ފަންވަތް.އިންފޯ ވެބްސައިޓުގައި 15 އެޕްރީލް 2011ގައި ޝާއިޢުކުރައްވައިފައިވާ މި ޅެމެވެ. އަދި ވިދާޅުވީ ޅެމުގައި އަށް ބައިތަށް ވުރެ ގިނައިން ބައިތު ހުރިކަމުގައެވެ. އެއީ ތެދެކެވެ. ޅެމުގައި 27 ބައިތު އޮތެވެ. ޅެމުގެ ސުރުޚީއަކަށް އޮތީ "ފުރައަމެންގޭ މާދަރީބަސް" މިހެންނެވެ.

މިހެންވުމުން، މިވީ ކިހިނެއްތޯ ބަލައިލުމުގެ ޝައުގު އަޅުގަނޑުގެ ވަރަށް ބޮޑަށް އިތުރުވިއެވެ. އަޚް ޙަސަން ޝާކިރު އަރިހުގައި އޭނާ ޅެން ނެންގެވި ފޮތުގައި އިތުރު ބައިތުތަކެއް ހުރިތޯ ސުވާލު ދެންނެވީމެވެ. ޝާކިރުވިދާޅުވީ އެ ފޮތުގައި ޅެން އޮތީ ބައިބަޔަށް ކަމުގައެވެ. މި ކަން ވަށައިޖެއްސުމުގެ ބޭނުމުގައި އަޅުގަނޑު ދިވެހިބަހުގެ އެކެޑަމީގެ ދިރާސީ ކުތުބުޚާނާއަށް ޒިޔާރަތްކޮށް "ޞަލާޙުއްދީނުގެ ޅެންތައް" މި ފޮތް ބެލީމެވެ. އެއީ ޙުސައިން ޞަލާޙުއްދީނުގެ ޅެންތައް އެއްކުރައްވައިގެން ޢަބްދުލް ހަކީމް ޙުސައިން މަނިކު 1947ވަނަ އަހަރު ތައްޔާރުކުރެއްވި އާދެ އެކުލަވައިލައްވައިފައިވާ ފޮތެކެވެ. ފަހުން އެ ފޮތް ޓައިޕްކުރައްވައިގެން އަލުން ޗާޕުކުރެއްވީ 2012ވަނަ އަހަރުގައި ނޮވެލްޓީ ޕްރެސްއިންނެވެ.

ޝާކިރު ވިދާޅުވިހެން ފޮތުގައި ޅެން އޮތީ ހަތަރު ބަޔަކަށެވެ. ކޮންމެ ބަޔަކަށް ނަމެއް ވެސް ދެއްވައިފައިވެއެވެ. އެއީ ޅެން ހައްދަވައިފައިވާ ޚިޔާލުގެ މައްޗަށް ބައިކުރައްވައިފައިވާ ބައިކުރެއްވުމެކެވެ. މި ގޮތުން ފުރަތަމަ އޮތީ "ބަސް"އެވެ. މި ބައިގެ ދަށުން ގެންނަވައިފައި ވަނީ އާންމު އުސޫލުން ބަހާ ގުޅޭ އާންމު މަޢުލޫމާތުގެ އަށް ބައިތެވެ. ދެވަނައަށް އޮތީ "ދިވެހިބަސް"އެވެ. މި ނަމުގެ ދަށުން ހައްދަވައިފައި ވަނީ ތިން ބައިތެވެ. މި ތިން ބައިތު ބިނާކުރައްވައިފައިވަނީ ދިވެހިބަހަކީ ކޮބައިކަމާއި ދިވެހިބަސް އުފެދި ތަރައްގީވާން އެހީތެރިކަން ލިބުނު އެހެންބަސްބަހުގެ ވާހަކަތަކުގެ މައްޗަށެވެ. ތިންވަނައަށް އޮތީ "ބަސްތަކުގެ ބައިތައް" މިހެން ކިޔާ މައިގަނޑު ނަމެއްގެ ދަށުން އަ ބައިތެވެ. މި ބައިގައި ބޮޑަށް އަލިއަޅުއްވައިފައި ހުރީ ދިވެހިބަހުގެ މައިގަނޑު ބައިތަކަށެވެ. މި ގޮތުން ނަމާއި ކަމާއި ޒަމާނާ ސުކުނާއި އަކުރުގެ މައްޗަށް ބިނާކުރައްވައިގެން ބައިތުތައް ހައްދަވައިފައިވެއެވެ. އެންމެ ފަހުބަޔަކަށް އޮތީ "ފުށަތުފިލި ޖެހިގެންވާ ގަވިޔަނި" މި ސުރުޚީގެ ދަށުން އޮތް ބައެވެ. މިއީ މި ޅެމުގެ ހަތަރުވަނަ ބައެވެ. މި ބައި އަމާޒުކުރައްވައިފައި ވަނީ ބަހުގެ ސައިންސް ނުވަތަ ބަހުގެ ބަހަވިއްޔާތުގެ ބައެއް މުހިންމު ކަންކަމުގެ މައްޗަށެވެ. ޚާއްޞަކޮށް ނިސްބަތުގެ "ގެ" ނަންނަމާ ގުޅޭ ނުވަތަ މެހޭ ތަންތަނާއި "ގެ" ވަންހަނާގައި އަންނަ ތަންތަން ބަޔާންކުރައްވައި ބައިތުތައް ހައްދަވައިފައެވެ. އަދި އެ ހަމަތަކަށް ފައްތަވައިގެން ސާފުސާދާ މިސާލުތައް ވެސް ވަނީ ގެންނަވައި އޮޅުންފިލުއްވައި ދެއްވައިފައެވެ. މި ބައި ވެސް ބިނާ ކުރައްވައިފައި އޮތީ އަށް ބައިތުގެ މައްޗަށެވެ.

މިއީ އެއްވަޒަނެއްގެ މައްޗަށް ހައްދަވައިފައިވާ ދިގު ޅެމެކެވެ. މި ޅެމުގެ ވަޒަނަނީ "ހޯދަމާހޭ ހޯދަމާހޭ ހޯދަމާހޭ ހޯދަމާ" 26 ފިލީގެ މި ވަޒަނެވެ.  ބަހަވީ ބައެއް އުސޫލުތަކާ އެކު ބައެއް ބައިތުތަކުގައި 25 ފިލި ވެސް އެބަ ހުއްޓެވެ. އަދި 27 ފިލި ވެސް އެބަ ހުއްޓެވެ. ފިލި އިތުވެފައިވާތީ ވެސް ފާހަގަ ކުރެވުނެވެ. މި ޅެން އަމާޒުކުރައްވައިފައިވާ ހަތަރުބައިގެ މައްޗަށް އެކު ޖުމުލަ 27 ބައިތު ޅެމުގައި އެބަ އޮތެވެ.

މި ފަދަ ކަމަކަށް އަޅުގަނޑުގެ ބޮލާއި ލޯ ހުޅުވަން ދެއްވި ފުރުސަތަށް ޓަކައި ޢިއްޒަތްތެރި ވަޒީރު އޮނަރަބަލް ޢަބްދުﷲ ޝާހިދަށް ހެޔޮ ހިތުން ޝުކުރު ދަންނަވަމެވެ. އަދި މި ކަމުގައި އަޅުގަނޑަށް އެކި ސިފަސިފައިގައި ޢިލްމީ ލަފާފުޅާއި އަދަބީ ލަފާފުޅު ދެއްވި އެންމެ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވަމެވެ. އަލް އަޚް އުސްތާޛް އިޔާޒް ޖާދުﷲ ނަސީމާއި އައްޝައިޚް މުޙައްމަދު ޤުބާދް އަބޫބަކުރާއި އަލްއުސްތާޛް ޢަބްދުލްމުޢީދު ޙަސަނާއި އަލްމުޙްތަރަމް އުތީމު އާދަމް ޢަބްދުއްރަޙުމާނާއި އުސްތާޛް ޢަބްދުﷲ ޢަފީފާއި ލޮބުވެތި އަޚް ޙަސަން ޝާކިރު މުޙައްމަދާއި މުދައްރިސް އާދަމް ޙަލީމް ޢަދްނާނުގެ ނަންފުޅު ފާހަގަކޮށް ނުހަނު އިޚްލާޞްތެރިކަމާ އެކު އަޅުގަނޑު ޝުކުރު ދަންނަވަމެވެ.

މި ފަދަ ފުރިހަމަ ޚިދުމަތެއް ދިވެހިބަހަށް ޓަކައި ކުރެއްވި ކަމަށް ޓަކައި މަރްޙޫމު ޙުސައިން ޞަލާޙުއްދީނަށް އަދާ ކުރެވޭ ޝުކުރާއި ކުރެވޭ ތާރީފަކަށް ނިމުމެއް ނެތެވެ. އެ މަނިކުފާނުގެ އަދަބީ މަސައްކަތްޕުޅުތަކުން އަޅުގަނޑުމެންގެ އަދަބީ ޒައުގު އިތުރުވެ ގައުމިއްޔަތުގެ ކަންކަމަށް ހުންނަ ލޯތްބާއި ޝައުގު އިތުރުވާށިއެވެ. އެ މަނިކުފާނުގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސުގެ މަތިވެރި ނިޢުމަތްތަކުގައި ލައްވާށިއެވެ. އާމީން!

ފަޟީލަތުއް ޝައިޚް ހުސައިން ސަލާހުއްދީނު

ފުރައަމެންގޭ މާދަރީބަސް

ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން

  1. ކޮންމެ ބަޔަކަށް ވެސް އެ ބަޔަކު މޮށޭ ބަހެއް ނެޔެ ދެރަ ނުވާ

އޮންނަ އިރު މޭރުން ވެދާހެން ށޭ ނިކަން ހަމަ އައްސަވާ

ޖުމުލަމާނަ: ކޮންމެ ބަޔަކަށް ވެސް އެ ބަޔަކު ވާހަކަދައްކާ ބަހެއް ދެރައެއް ނުވާނެއެވެ. ވީމާ، ދޭހަވާނޭހެން ނިކަން އައްސަވާށެވެ.

  1. އެންމެހައި ބަސްތައްމެ ވާހިނދު މުއުޖިޒާތެއްކަމު މުޅީން

ފެންނަ ކީރިތިވަންތަކަން ރައްބީގެ އަބަދަށް ދައްކަވާ

ޖުމުލަމާނަ:  ހުރިހައި ބަހަކީ ވެސް މުއުޖިޒާތެއް ކަމުގައި ވީ ހިނދު އެ ބަސްތަކުން ފެންނަ ރައްބީގެ ކީރިތިވަންތަކަން އަބަދަށް ދައްކަވާށެވެ.

  1. އެންމެހައި އިންސާންތަކުން ވާތީވެ ޚުލަފާއުލް އިލާހު

ހުންނަ ނަފުސުއްނާޠިޤާ އުލްފާ އަމާނާތް ދޭހަވާ

ޖުމުލަ މާނަ: ހުރިހައި އިންސާނުންނަކީ މާތްﷲގެ ޚަލީފާއިން ކަމުގައި ވާތީ އިންސާނުންގެ ނަފުސުގައި ހުންނަ ބަސްމޮށުންތެރިކަމާއި ލޯތްބާއި އަމާނާތްތެރިކަން ދޭހަވެއެވެ.

  1. ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ

އަސްތައަސްތާ ޤުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ

ޖުމުލަ މާނަ: ބަހަކީ މީސްތަކުން ހަދައި އުޅޭ އެއްޗެއް ނޫނެވެ. އެއީ ޤުދުރަތުގެ އެއްޗެކެވެ. އެބަހީ ﷲ ތަޢާލާ ދެއްވާ ނިޢުމަތެކެވެ.

  1. އޭގެ މައްޗަށް މީހަކަށް ބާރެއް ނުދެއްކޭނެއެ ހިލާ

ހެއި ހަށީގައި ބުއްދިވާ ނަމަ ށޭވެ ކަންދީ ވިސްނަވާ

ޖުމުލަ މާނަ: ބަހުގެ މައްޗަށް  އެއްވެސް މީހަކަށް ބާރެއް ނުދެއްކޭނެއެވެ. ގައިގައި ހަމަ ހޭ ހުރިނަމަ ބުއްދި ވާނަމަ ރަނގަޅަށް އަޑު އަހައި މި ކަމާ ވިސްނަވާށެވެ.

  1. މީހުންނަށް ވެވިދާނެ ކަމަކީ ހޯދުމޭ ދަސްކޮށް މޮޅަށް

ހީއެވެތިގެން އުނގެނި އުޅުމުން އެއިގެ ހުރި ތައްޢިދުޤަވާ

ޖުމުލަ މާނަ: މީހުންނަށް ކުރެވެން އޮތް ކަމަކީ އެހީތެރިވެގެން އުނގެނި އުޅުމެވެ. އަދި ބަހުގައި ހުރި ޤަވާޢިދުތައް މޮޅަށް ދަސްކޮށް ހޯދުމެވެ.

  1. އުނގެނި ދަސްކޮށް އުޅުނު ވަރަކުން ކުރިއަރާނެޔެ ބަސްބަހަށް

ނުގެހި ފަސް ހޯދައި ބަލައި ބަސްތައް ބުގިސް މަގުތައް އެވާ

ޖުމުލަ މާނަ: ބަހުގެ ލަފުޒުތައް ގެތޭ ގޮތްތައް ފަސްނުޖެހި ހޯދައި ބަލައި (ދިރާސާކޮށް) ބަހުގެ ކަންކަން އުނގެނި ދަސްކުރަން އުޅުނު ވަރަކުން ބަހަށް ކުރިއަރާނެވެ. އެ ބަހަކަށް ތިމާ މޮޅުވާނެއެވެ.

  1. އައި ގޮތާ މެދު ބަސް އިހުއްސުރެ ވިސްނުމޭ ފަރުވާއަކީ

ލައިބަ ހޯދާ ބަހުގެ މަގު އެނގިދާ ވަރަށް ފެނި ވާނުވާ

ޖުމުލަ މާނަ: ބަސް ކުރިއެރުވުމަށް ޓަކައި އޮތް ފަރުވާއަކީ، އިހުއްސުރެ ބަސް އައި ގޮތާ މެދު ވިސްނުމާއި ބަހުގެ ކަންކަން އެނގި ވާނުވާ އޮޅުންފިލާނޭ ވަރަށް ބަލައި ހޯދުމެވެ. (ބަސް ދިރާސާކުރުމެވެ.)

  1. ފުރައަމެންގޭ މާދަރީ ބަސް  އެކުވެގެންވެޔެ އުފެދިގެން،
    ކުރެވިދާ ހިނދު ފިކުރު ގިނަ ބަސް އެއްވެގެން ޝަރުޤަށް މިވާ

ޖުމުލަ މާނަ: ބަހާ މެދު ފިކުރު ކުރުމުން އެނގެނީ އަފުރެމެންގެ (އަހަރުމެންގެ) މާދަރީބަސް އުފެދިގެންވަނީ އިރުމަތީގެ ވަރަށް ގިނަ ބަސްތައް އެކުވެގެން ކަމެވެ.

  1. ސެންސިކިރްތާ، ޕާލިޔާ، ސިންހަލަ، ތަމަޅަ، ފެނެޔޭ ނިކަން،
    ފެންނަހެން ޢަރަބީގެ  ބަސްތައް، ފާރިސީޔާ ޕޮޝްތޮވާ

ޖުމުލަ މާނަ: ސާންސްކިރިތު، ޕާލީ ސިންހަލަ، ތަމަޅަ ފަދަ ބަސްބަސް ދިވެހިބަހުން ފެނެއެވެ. އަދި ޢަރބީންގެ ބަސްތަކާއި ފާރިސީއާއި ޕޮޝްތޫ ބަސް ވެސް ދިވެހިބަހުން ފެނެއެވެ.

  1. ހަމަ އެފަދައިން ހުރެދެޔޭ ޔޫރަޕުގެ ބަސްތައް ވެސް ލިބޭން،
    ނަމަބަލައި ހޯދައިއުޅެފި ކަތަކަށް ރަނގަޅު ހަމަ ބުއްދިވާ

ޖުމުލަ މާނަ: ހަމަ އެހެންމެ، ދިވެހިބަހުގެ މައްޗަށް ވިސްނައި ބަލައި ހޯދައިފި މީހަކަށް ދިވެހިބަހުގެ ތެރޭ ހުޅަނގުގެ ބަސްތައް ވެސް ހުރިކަން ފެންނާނެއެވެ.

  1. ކޮންމެ ބަޔަކުގެ ބަސްމެ ބެހިގެންވާ ކަމަށްވެޔެ ތިން ބަޔަށް،
    އޮންނަ ގޮތް ރަނގަޅަށް ބަލާ އިރު، އީމި ތެދެ އަދު ދަންނަވާ.

ޖުމުލަ މާނަ: ކޮންމެ ބައެއްގެ ވެސް ބަސް ތިން ބަޔަކަށް ބެހިގެން ވާ ކަމަށް ވެއެވެ. އެއީ އެ ކަން އޮތް ގޮތެވެ. މިއީ އަދު ދަންނަވާ ތެދެވެ.

  1. ނަންތަކާ، ކަންތައްވެޔޭ އަޞްލެއްކަމަށް ބަހުގައި ހިނގާ،
    އަންނަ ތިންވަނަބައި ކަމަށްވެޔެ، އަކުރުތައް އެކިމައުނަވާ

ޖުމުލަ މާނަ: ނަންނަމާއި ކަންކަން ވަނީ ބަހުގެ ތެރޭ ހުންނަ އަސްލު ކަމުގައެވެ.  ތިންވަނަ ބަޔަކީ އެކި މާނަތައް އޭގައި އެކުލެވިގެންވާ އަކުރެވެ.

  1. ނަންތަކީ މަތިވެރިވެގެންވާ ބަސްތަކޭ އެއްޗެއް އެނގޭ،
    ކަންތަކާ ވަކިވާ  ގޮތުން، ނެތި ވަކި ޒަމާނެއް  ދޭހަވާ.

ޖުމުލަ މާނަ: ނަމަކީ އެއްޗެއް އަންގައިދޭ އެންމެ މަތިވެރިވެގެންވާ ލަފުޒުތަކެވެ. ނަމަކީ ކަންކަމާ ވަކިވެފައިވާ މުޅިން ވަކި ބައެކެވެ. ނަމަކުން ޒަމާނެއް ދޭހައެއް ނުވާނެއެވެ.

  1. ކަންތަކީ ބަސްތައް ކަމަށްވެޔެ، އޭތެރޭގައި އެކުލެވޭ،
    އަންނަނިވި، ވެއަތުވި، ޒަމާނުގެ މަޢުނަ އިރުގައި ބައްލަވާ

ޖުމުލަ މާނަ: ކަންތައްތަކީ ވާނޭކަމާއި ނިމުނުކަމުގެ ޒަމާނުގެ މާނަ އޭގެ ތެރޭގައި އެކުލެވޭ ލަފުޒުތަކެވެ.

  1. ކައިފި، އިއްޔެ، އަރާނެ، މާދަން، ވެއްޖެ، ވާނެޔެ، ހިތްއުފާ،
    އައި ދުވަހަކުން މާލެ ދިޔަ މީހުން  ނިކަންށޭ ހުންނަވާ

ޖުމުލަ މާނަ: އިއްޔެ ކައިފިއެވެ. މާދަމާ އަރާނެއެވެ. ނިކަން ހުންނަވާށެވެ. މާލެ ދިޔަ މީހުން އައި ދުވަހަކުން ހިތް އުފާވާނެއެވެ. އުފާ ވެއްޖެއެވެ.

  1. ނޫނު ސުކުނާ، ށަވިޔަނީ ނަންތަކުތެރޭގައި ވަދެ ހިނގާ،
    ދޫނުކޮށް ގުޅުވައިމެ ގަވިޔަނި ފުށަތު ފިލި ޖެހިގެން އެވާ

ޖުމުލަ މާނަ: ނަންނަމުގެ ތެރޭގައި ވަދެ ހިނގާ ނޫނު ސުކުނާއި ށަވިޔަނި ސުކުނާ ފުށަތު ފިލި (އެބެފިލި) ޖެހިގެންވާ ގަވިޔަނި(ގާފު) ގުޅެއެވެ.

  1. ފަކުރުނެތި ބުނަމޭ ފިކުރުކޮށް، އެކުލަވައި ޅެންބަހުތެރޭ،
    އަކުރުތައް ވެޔެ މާނައެއް ނެތް އެއްޗަކަށް ހިނދު އެކަނިވާ

ޖުމުލަ މާނަ: ފަކުރެއް ނެތި ފިކުރުކޮށް ޅެންބަހުން ބުނަމެވެ. އޭގެ ޒާތުން އެއްވެސް އެހެން ލަފުޒަކާ ނުގުޅި އެކަނި އޮންނަ ހިނދު އަކުރު ވަނީ މާނައެއް ނެތް އެއްޗަކަށެވެ.

  1. ގޭގެއިންދާ ބަދިގެއަށް އަންހެން ކުދީނަށް ކެއްކުމަށް،
    ހޭހަމެއް ކުރުމޭ މޮޅީ، ހީވާގިކަން     ދެކެފައި  އެވާ

ޖުމުލަ މާނަ: ގޭގެއިން ބަދިގެއަށް ކައްކާން  ދާ އަންހެން ކުދީންގެ އެހެރަ ހީވާގިކަން ފެނުމުން،  މޮޅީ އެ ކުދީންނާ އަޅައިލައި އެހީތެރިވެ ދިނުމެވެ.

  1. ނަންތަކާ އަދި ކަންތަކާ ގުޅުވާ އަކުރުތައް ހުންނަނީ،
    އަންނަހެންނޭ މި ބުނިބަސްބަހުގައި   ތެދޭހެން ދުރުނުވާ

ޖުމުލަ މާނަ: ނަންނަމާއި ކަންކަމާ އަކުރުތައް ގުޅިފައި ހުންނަނީ މި ދެންނެވި ލަފުޒުތަކުގައި އެހުރި ފަދައިން ގެތިފައެވެ. މާނަ މޭރުވާނޭމަގުން ރީތިކޮށް އެތުރިފައެވެ.

  1. ގެހެވިގެންވާ ފުށަތުފިލި ގަވިޔަނިވެޔޭ ހަމަ ގުޅުވުމަށް،
    މެހެވިދާހިނދު ނަންނަމަށް  އެނގި ދޭހަގޮތަކަށް މަޢުނަވާ

ޖުމުލަ މާނަ: އެބެފިލި ޖެހިގެންވާ ގާފު ނަންނަމާ ގުޅުވުމަށް ވެއެވެ. މި ގާފު ނަންނަމާ މެހޭނީ މާނަ އެނގި ދޭހަވާ ގޮތެއްގެ މައްޗަށެވެ.

  1. މި ބުނި ގަވިޔަނި އޮންނަނީ ހަމަ ފޮރުވިގެންނޭ ގިނަ ހިނދަށް،
    ލިބުނު ގޮތަކުން ކުރުކުރާތީ  ބަހުގެ  މޭރުން  ދޭހަވާ

ޖުމުލަ މާނަ: މި ދެންނެވި ގާފު ގިނަ ހާލަތުތަކުގައި  އޮންނަނީ ފޮރުވިގެންނެވެ. އެއީ ބަހުގެ މޭރުންވާ ދޭހަ ކުރުކުރުމުގެ ބޭނުމުގައެވެ.

  1. ބަކަރިމަސް ގެރިމަހުގެ ތާޒާ މަސްކަނީ ނަމަ އާދަކޮށް،
    ހަކަ ވެދާނެޔެ  ދެރަ އެހަށިގަނޑު  ޞިއްޙަތެއް ލިބިގެންނުވާ

ޖުމުލަ މާނަ: ބަކަރިމަސް، ގެރިމަހުގެ ތާޒާ މަސް އާދަކޮށް ކަންޏާ ރަނގަޅު ސިއްހަތެއް ލިބިނެތް ދެރަ ހަށިގަނޑު ހަކަވެދާނެއެވެ. (ދުޅަހެޔޮ ވެދާނެއެވެ.) މި މިސާލުތަކުގެ މުރާދަކީ؛ ބަކަރިމަސް، ގެރިމަސް، މި ތަންތާނގައި ކޮންމެހެން 'ބަކަރީގެ މަސް' ނުވަތަ 'ގެރީގެ މަސް' ލިޔާކަށް އަދި ކިޔާކަށް ނުޖެހޭކަން ބަޔާންކުޅައުމެވެ. މާނައީ އެބެފިލިޖެހިގެންވާ ގާފު އޮންނަން ނުޖެހުމެވެ. އެ ގާފު ވަންހަނާކޮށް އޮތްކަން ބަޔާންކުޅައުމެވެ.

  1. ރުއްވަކަރު މޮޅުވާނެޔޭ ގޭގޭގެ ކަންތައްކޮށް  އުޅޭން،
    ކުއްޅަވަކު  ހުތް  ތޫނުވާނެޔެ  ބިލިމަގަށްވުރެ  ދޮންނުވާ

ޖުމުލަ މާނަ: ގޭގޭގެ ކަންތައްކޮށް އުޅޭން ރުއްވަކަރު މޮޅުވާނެއެވެ. ދޮން ނުވާ ބިލިމަގަށް ވުރެ ކުއްޅަވަކު ހުތް ތޫނު ވާނެއެވެ. މި ބަޔާންކުޅައުމުގެ މުރާދަކީ "ރުއްވަރު، ކުއްޅަވަކުހުތް" މިލަފުޒުތަކަކީ "ރުކުގެ ވަކަރު، ކުއްޅަވަކުގެ ހުތް" ކަމަށް މޭރުން ކޮށްދެއްވުމެވެ. އެބެފިލިޖެހިގެންވާ ގާފު ޖަހަން ނުޖެހޭ ކަން ބަޔާންކުޅައުމެވެ.

  1. ވަޅުފެނަށްވުރެ މޮޅުކަމަށް ކިޔަނީ އަބަދު  ވާރެއިފެނޭ،
    ކަޅުއޮށަނިފަތް  ދެރަނުވާނެޔެ   ތާކުޖެހުމަށް  ފާރުވާ

ޖުމުލަ މާނަ: ވަޅުފެނަށް ވުރެ މޮޅު ކަމަށް އަބަދުވެސް ބުނެ އުޅެނީ ވާރެއިފެނެވެ.   ފާރުވާ ތާކު ޖަހަން ކަޅު އޮށަނިފަތް ދެރައެއް ނުވާނެއެވެ. މި ފަދައިން މިސާލުތައް ގެންނެވުމުގެ މުރާދަކީ "ވަޅުފެން" ވާރެއިފެން" އޮށަނިފަތް" މި ލަފުޒުތައް ވެސް ބޭނުން ކުރާން ޖެހޭ ހަމަ ގޮތަކީ މިއީ ކަން ބަޔާންކުޅައުމެވެ. އެ ތަންތާނގައި "ވަޅުގެ ފެން، ވާރެއިގެފެން، އޮށަނީގެފަތް" މިއީ ލިޔުން ވެސް އަދި ކިޔުން ވެސް ހެޔޮ ގޮތް ނޫންކަން ހާމަކޮށްދެއްވުމެވެ. ބަޔާންކުރެއްވި އެބެފިލިޖެހިގެންވާ ގާފު ވަންހަނާ ނުވަތަ ފޮރުވިގެން ވާތަންތަން ބަޔާންކުޅައުން ވެސް މެއެވެ.

  1. މިބުނިގަވިޔަނި ފޮރުވިގެންވުންހެޔޮނުވާ ގޮތްތައްވެޔޭ،
    އިބުނި މޫސާ  ބުނިގޮތުން  ނަންތައް ގުޅާއިރު ހަމަނުވާ

ޖުމުލަ މާނަ: އިބުނި މޫސާ އެބަހީ އަޅުގަނޑު  ޞަލާޙުއްދީން މި ބުނާ ގޮތުން ނަންތައް ގުޅާ އިރު މި ބަޔާންކުޅަ ގާފު ފޮރުވިގެންވުން ރަނގަޅު ނުވާ ގޮތްތަކާއި ތަންތަން ބަހުގައި ވެއެވެ.

  1. ރަސްކަމުގެޢިއްޒަތުގެކަންތައް ނޭނގުނަސްމަހިތުން ތެދޭ،
    ދަސްނުކޮށް ދީނުގެ ޙުކުމްތައް ތިބެގެނެއްނެޔެ ހެއުނުވާ.

ޖުމުލަ މާނަ: މަ ހިތުން ރަސްކަމުގެ ޢިއްޒަތުގެ ކަންތައް ނޭނގުނަސް ދީނުގެ ޙުކުމްތައް ދަސްނުކޮށް ތިބެގެން ހެޔޮ ނުވާނެއެވެ. މި ބައިތުގައި މިސާލުތަކުގެ ގޮތުގައި ގެންނަވައިފައި އެވާ " ރަސްކަމުގެ ޢިއްޒަތް" ދީނުގެ ޙުކުމް" މި ދެ ލަފުޒުގައި "ގެ" ކޮންމެހެން ގެންނާން ޖެއެވެ. އެހެން ނޫނީ ނިސްބަތެއް ނުދެވެއެވެ. މި ފަދަ ލަފުޒުތަކުގައި އެ "ގެ" ނުމަހާ ނަމަ މާނަ ހަމައެއް ނުޖެހޭނެއެވެ. " ރަސްކަމު ޢިއްޒަތް" ދީނު ޙުކުމް" މިހެން ލިޔުމެއް ވެސް އަދި ކިޔުމެއް ވެސް ބަހުގައި ނެތެވެ. ޅެންވެރިޔާ މި މިސާލުތައް ގެންނެވުމުގެ މުރާދަކީ މި ފަދަ ލަފުޒުތަކުގައި "ގެ" ކޮންމެހެން ވެސް ޖަހާން ޖެހޭ ކަން ބަޔާންކުރައްވައި ހެޔޮ އިސްތިޢުމާލު ހާމަކޮށް ދެއްކެވުމެވެ.

އަޅުގަނޑު އުންމީދުކުރަނީ ދުރުނޫން ކުރިމަގެއްގައި މިޅެމުގެ ޝަރަޙައެއް ހެދުމަށެވެ. ޅެމުގައި ޙުސައިން ޞަލާޙުއްދީނު ގެންނަވައިފައިވާ ޢިލްމީ ފުންފުން ވާހަކަފުޅުތަކާއި ޝުޢޫރުތައް ބަހާއި ބަހުގެ ގަވާއިދާއި އުސޫލާއި ބަހަވިއްޔާތުގެ ނަޒަރުން އިތުރަށް ތަފްސީލުކޮށް ދިނުމަށެވެ. މި މިންވަރަށް ވެސް މި ޅެމުގެ ކަންކަން ކުޅައުމުގެ ކުޅަދާނަކަން މިންވަރުކުރެއްވި ކަންމައްޗަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ މި ޅެމުގެ ތަފްސީލީ ޝަރަޙައެއް ކުރުމުގެ ހެޔޮ ތައުފީޤާއި މަދަދާއި ޢިލްމާއި ބުއްދި އެ ކަލާނގެ އަޅުގަނޑަށް މިންވަރުކުރެއްވުމެވެ.  މި މަސައްކަތުގެ ލާބައާއި މަންފާ ދިވެހި އެންމެހައި ކަތުންނަށް ލިބިދޭށިއެވެ. "ފުރައަމެންގޭ މާދަރީބަސް" އާދެ އަޅުގަނޑުމެން ދިވެހީންގެ އަމިއްލަވަންތަ ފަޚުރާއި ޝަރަފުކަމުގައި ވި ލޮބުވެތި ދިވެހިބަހާއި އަދަބަށް އާރޯކަމާއި ތާޒާކަމާއި ފާގަތިކަން މާތް ﷲ މިންވަރު ކުރައްވާށިއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.