އަބުރު ރައްކާކުރަން ޖެހެޔޭ ރަނގަޅު ހަމަ ކޮންމެ މީހަކުވެސް
އަބުރު ގެއްލިއްޖެ މީހާޔަށް މަލާމާތް ލިބެޔެ އަބަދަށްވެސް
ބުރާ އަޅިތައް ކަނބުރުގެއަކުން ފޮޅާލާފައި ދޮވުނު ނަމަވެސް
ކުރާ ކަމަކުން ޖެހޭ ލައްގަނޑު ނުފޮހެވޭ ހުއްޓެ ޢުމުރަށް ވެސް
ދުލުން ލައްވައިފި ޒަޚަމެއްގައި ލެވޭ ލަކުނާއި ފާރާވެސް
ކުލުނު، ބޭހެއްކަމަށް ހެދިޔަސް ފަސޭހަ ނުވާނެ ދުވަހަކުވެސް
ޚިޔާނާތްތެރި ވިނަމަ ކަމަކަށް ނިޔާއެއް ނީއްވިޔަސް އެކަމަށް
ވިޔާދާ މީހެކޭ އޭނާ އަކީ ނުހިތޭނެ އެކަކަށްވެސް
ގުނާ ޢަދަދެއް ނުކުރިޔަސް ވެސް ހަދާ ޙީލަތްތަކާ މަކަރާ
ބުނާ ބަހުގައި ހަދާ ދޮގުތައް ނުފޮރުވޭ ސިއްރުކުރި ނަމަވެސް
ބަޅެއްގެ ނަގޫ އޮތަސް ސަންފާ އޮނަކު ފުރިހަމަ ސަތޭކަ އަހަރު
ބަޅެއް ނަގުލުގެ ނުވާނެ ތެދެއް ކުރަން ސީދާ އުޅުނު ނަމަވެސް
އުޅެން މި ޙަޔާތުގައި އެއްފުރުޞަތޭ ދެއްވީ ހިފަން ބޭނުން
ކުޅެން އުޅެގެން ޙަޔާތް ގެއްލެނި ކުރީމާ ޙައްޤު ލަޢުނަތްވެސް
