Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ބޯ ރަޖާގަނޑެއްގެ އަގު

ފިނި މޫސުމުން ދުވަހެއްގައި، މީހަކު ރަޖާ ވިއްކާ ފިހާރައަކަށް ދިޔައެވެ. އޭނާ ބޭނުންވީ އޭނާގެ އާއިލާއަށް ރަޖާ ހޯދުމެވެ. ފިނި މޫސުމުގެ ގަދަ ފިނިން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް އޭނާގެ އާއިލާގެ ހުރިހާ މެމްބަރުންނަށް ހޯދައިދިނުމުގެ ގޮތުންނެވެ.

އޭނާގެ ގޭގެ ހުރިހާ މީހުންގެ އަދަދު ފަހެކެވެ. އެހެންވެ، މަދުވެގެން، ފަސް ރަޖާގަނޑު އޭނާ ބޭނުންވެއެވެ. ނަމަވެސް، އޭނާ އަތުގައި އޮތީ ވިހި ޑޮލަރެވެ.

ކޮންމެއަކަސް، ރަޖާ ވިއްކާ ފިހާރައަށް ގޮސް، އޭނާ ބޭނުންވާ ރަޖަލުގެ ވާހަކަ ސޭޓު ގާތު ބުންޏެވެ. "އަހަރެން ފަސް ރަޖާ އެބަ ބޭނުން ވެއެވެ. ނަމަވެސް، މަގޭ އަތުގައި އޮތީ އެންމެ ވިހި ޑޮލަރެވެ. އެންމެ އަގު ހެޔޮކޮށް ފިހާރައިން ލިބެން ހުރި ރަޖާގެ ފަސް ގަނޑު އަހަންނަށް ލިބިދާނެ ހެއްޔެވެ؟ ރަޖާ ނޫނަސް، އާދައިގެ ފޮތިގަނޑަކުން ރަޖާގެ ސައިޒުގެ ފަސް ގަނޑު ފޮތި ލިބުނަސް އެންމެ ރަނގަޅެވެ."

ދެން، ޖަވާބުގައި ސޭޓު ބުންޏެވެ. "ތި އައި ވަރަށް ވެސް ރަނގަޅު ވަގުތަކުއެވެ. ޗައިނާއިން ގެނެއްސައި ހުރި އަގު ހެޔޮ ބޯ ރަޖާކޮޅެއް ނުވިކި އެބަހުއްޓެވެ. އަވަހަށް ވިއްކާލުމުގެ ގޮތުން، ރަޖަލުގެ އަގު ވަނީ ދަށްކުރެވިފައެވެ. ރަޖައެއް މި ވިއްކަނީ ގަނޑެއް ފަސް ޑޮލަރުގެ މަގުންނެވެ. އިނބަ ހަތަރު ރަޖާގަނޑު ގަންފި ނަމަ، އެއް ރަޖާގަނޑު ހިލޭ އަހަރެން އިބައަށް ދޭނަމެވެ."

ދެން، ރަޖާ ގަންނަން ދިޔަ މީހާ އުފަލުން ފޮޅުނެވެ. އަދި، ވިހި ޑޮލަރު ދީފައި ހަތަރު ރަޖާގަނޑު ގަނެ، އެއް ރަޖާގަނޑު ހިލޭ ހިފައިގެން އޭނާ ގެއަށް ދިޔައެވެ.

އެ ވަގުތު ފިހާރައިގެ ސޭޓުގެ ގާތް ރައްޓެއްސަކު ފިހާރައިގައި އިނެވެ. ރަޖާތައް ގަނެގެން އެ މީހާ ދިޔުމުން، ސޭޓުގެ ރަހުމަތްތެރިޔާ ސޭޓަށް ބުންޏެވެ. "ސޭޓާއެވެ! ތިހެދީ ކިހިނެއް ހެއްޔެވެ؟ އެ ކަހަލަ ރަޖާގަނޑެއް މަވެސް މި ދިޔަ ހަފްތާގައި އިނބަ އަތުން ގަތީމެން ނޫން ހެއްޔެވެ؟ އިނބަ ބުނީ އޭގެ އަގަކީ ސާޅީސް ޑޮލަރު ކަމެވެ. ދެން، ކުޑަ ގޮތެއް ހަދައިދޭނަމޭ ކިޔާފައި އަހަންނަށް ރަޖާ ވިއްކީ 35 ޑޮލަރަށް ނޫން ހެއްޔެވެ؟"

ރަހުމަތްތެރިޔާގެ މޫނަށް ބަލާލާފައި ސޭޓު ބުންޏެވެ. ރަޖަލުގެ ހަގީގީ އަގަކީ ހަމަ އިނބަ ގާތު ބުނި އަގެވެ. ގަނޑެއް ވިއްކަނީ 35 ޑޮލަރަށެވެ. އިނބައަށް ރަޖާ ތިރީސް ޑޮލަރަށް ވިއްކުމުން މަށަށް އެއްވެސް ފައިދާއެއް ނެތޭ ބުންޏަސް އެންމެ ރަނގަޅުވާނެއެވެ. ދެން، ފަސްގަނޑު ރަޖާ ގަންނަން އައިމީހާ ހެއްޔެވެ؟ އޭނައަކީ ކިހާ ނިކަމެތި މީހެއްކަން އޭނާ ލައިގެން ހުރި ހެދުމުން ވެސް އިނގޭނޫން ހެއްޔެވެ؟ ރަޖަލުގެ ހަގީގީ އަގު އޭނަ ގާތު ބުނި ނަމަ، އޭނައަކަށް އެންމެ ރަޖާގަނޑެއް ވެސް ނުގަނެވޭނެއެވެ. ދެން، އަހަރެން، ސަދަގާތެއްގެ ގޮތުގައި އޭނާ ބޭނުންވި އަދަދަށް ރަޖާ ދިން ނަމަ، އެ އެއްޗިއްސެއް އޭނާ ގަބޫލެއް ނުކުރާނެއެވެ. އޭނާގެ އިއްޒަތުއް ނަފްސުގެ ސަބަބުންނެވެ. ކިތަންމެ ފަގީރަސް، އަދި އަތުގައި މާ ބޮޑު އެއްޗެއް ނެތަސް، އޭނަ ވެސް އޭނާގެ ނަފްސަށް ގަދަރުކޮށް އިހުތިރާމު ކުރެއެވެ. އެހެންވެ، އޭނާ ބޭނުންވާ އަދަދަށް، އަހަރެން އޭނާ ގާތުގައި ބުނި އަގަށް، ރަޖާ ވިއްކުން ނޫން ގޮތެއް ނެތެވެ. އަހަރެންގެ މި ކުޑަކުޑަ އަމަލު، އަހަރެންގެ ހެޔޮކަމުގެ މީޒާނުގައި ލެއްވި، ގިޔާމަތް ދުވަހުގެ ނަރަކައިގެ ގަދަ ހޫނުން އަހަރެން ސަލާމަތްކޮށްދޭނޭ ކަމަކަށް މިކަން ވެސް ވެދާނެ ނޫން ހެއްޔެވެ؟