Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައަކާއި އެއަށް އެހެން މީހަކު ދޭ ރައްދެއް

މީހަކު ބުންޏެވެ: "ހަމަ ހުރެފައި ބީރު މީހެއްގެ ކަންފަތަށް ފުމެލައިގެން ނޫނީ ކަނު މީހެއްގެ ލޯމަތީ އަތް ކާއްތާލައިގެން ބީރު މީހާއަށް އިވޭ ގޮތާއި ކަނު މީހާއަށް ފެންނާނެ ގޮތް ހަދާ މީހުން އުޅެފާނެ ހެއްޔެވެ؟ މިފަދަ ބައެއް ކަންކަން އިހުގައި ބައެއް ރަސޫލު ބޭކަލުން ކުރެއްވިއިރު ވެސް، އެ ބޭކަލުން ވެސް ވިދާޅުވީ އެއީ އެބޭކަލުންގެ އަމިއްލަފުޅު ބާރުން ކުރައްވާ ކަންކަމެއް ނޫން ކަމެވެ. ނަމަވެސް، އެއީ އެބޭކަލުންގެ ރަސޫލުކަން ސާބިތުކޮށް ދިނުމުގެ ހެއްކެއްގެ ގޮތުން މާތްﷲ މެދުވެރިކުރެއްވި ކަންކަންކަމެވެ. ނަމަވެސް، މިހާރު މި ފެންނަނީ ހަމަ ކޮންމެ ފަދަ މީހަކު ވެސް، އެފަދަ ކަންކަން ކުރުމުގެ ދައުވާ ކުރަން އެ މީހަކަށް ކެރިއްޖެ ނަމަ، ސީދާ އެ މީހުންގެ އަމިއްލަ ބާރުގައި އެކަން ކުރަން އުޅޭ ތަނެވެ. މިއީ ހަމަ ވެދާނެ ކަމެއް ހެއްޔެވެ؟"

ދެން ޖަވާބުގައި އެހެން މީހަކު ބުންޏެވެ. "ތިކަމުގައި އޮތް މައްސަލައަކީ ކޮބައިހެއްޔެވެ؟ އަހަރެން މިބުނަނީ ތިފަދަ މީހުން އެފަދަ ކަންކަން ތިމަންމެން ކުރަމޭ ބުނުމުގެ މައްސަލައަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ ނަޒަރުގައި އެކަމުގެ އެއްވެސް މައްސަލައެއް ނެތެވެ. ހުރިހާ ޒަމާނެއްގައި ވެސް އެކި ފާޑުފާޑުގެ ކަންކަން ކުރުމުގެ ދައުވާ ކުރި މީހުން އުޅުނު ނޫން ހެއްޔެވެ؟ ތިމަންނާއަކީ ކަލެކޭ މީހުން މަރާ ދިރުއްވަމޭ ފިރުއަނު ވެސް ބުންޏެއް ނޫން ހެއްޔެވެ؟"

ފުރަތަމަ މީހާ: "އެހެންވެއްޖެއްޔާ އެކަން މައްސަލައަކަށް ވަނީ ކިހާ ހިސާބަކުން ހެއްޔެވެ؟"

ދެވަނަ މީހާ: "އެކަން މައްސަލައަކަށް ވަނީ އާންމު މީސްތަކުން އެކަން ގަބޫލުކުރާ ހިސާބުންނެވެ. އާންމު މީސްތަކުންގެ ސިކުނޑީގައި އެއީ ވެދާނެ ކަމެއްކަމަށް ގަބޫލުކުރެވޭ ހިސާބުންނެވެ. ޖިސްމާނީ ބަލިތަކަށް ބޭސްކުރަން ޖެހޭނެ ކަމުގެ ވާހަކަ ހަދީސްތަކުގައި ވަރަށް ސާފުކޮށް އޮންނަ އިރު، ބަލިތައް ރަނގަޅު ކުރަން އުޅެން ޖެހޭނީ އެކަން ކަމަށް އޮންނަ ބޭސްފަރުވާ ކޮށްގެންނެވެ. ނަމަވެސް، ފުއްޓައްކެތް ޖަހާލާފައި ކަންކަން ރަނގަޅު ކުރެވިދާނެ ކަމަށް މީސްތަކުންގެ ސިކުނޑިތައް ގަބޫލުކުރާ ނަމަ، ދެން، ކޮންމެ ފަދަ މީހަކު ވެސް ކޮންމެ ކަމެއް ކުރެވިދާނެ ކަމުގެ ދައުވާކުރަންވީ ނޫން ހެއްޔެވެ؟ މީސްތަކުން މިފަދަ ކަންކަން ގަބޫލުކުރާ ކަމީ ހައިރާންވާން ޖެހޭނޭ ކަމެއް ނޫނެވެ!"

ފުރަތަމަ މީހާ: "އެއީ ކީއްވެެގެން ހެއްޔެވެ؟ މުސްތަހީލުކަންކަން ވާނޭ ކަން ގަބޫލު ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމަކަށް ވަނީ ކީއްވެ ހެއްޔެވެ؟"

ދެވަނަ މީހާ: "އެއީ ތިޔަ ކަހަލަ އެތައް ކަމެއް ކުރިމަތިން ފެންނާތީއެވެ."

ފުރަތަމަ މީހާ: "އެތައް ކަމެކޭ ހެއްޔެވެ؟ އަޅެ ނިކަން އެކަހަލަ އެއްމެ ކަމެއްގެ ވާހަކަ ބުނެ ބަލާށެވެ!"

ދެވަނަ މީހާ: "ތަނުގައި ބޭރު ސިފައިން ވެރިވެއްޖެއޭ، ތަނުގެ ބޮޑެތި ބޮޑެތި ހުރިހާ މަޝްރޫއެއް، އެކަންކަން އެންމެ ރަނގަޅު ގޮތުގައި ނުކުރެވުނަސް، ހަވާލުކުރަނީ އެމީހުންނާއޭ، ތަނުގެ ބިންތައް ވެސް އެމީހުންނަށް ވިއްކާލަނިއްޔޭ، ތަނުގެ މިނިވަންކަން ގެއްލިއްޖެއޭ، މިފަދަ ގޮވުންތަކެއް އެބަ ގޮވާނޫން ހެއްޔެވެ؟ މީގެ އިތުރުން ތަނަކީ މަސްތުވާތަކެތީގެ ވިޔަފާރިގެ ބޮޑު މަރުކަޒަކަށް ހަދައިފިޔޭ އަދި އެކަން އެ ގޮތަށް ކުރަނީ ރާވައިގެން، ބޮޑުންގެ ބަޔަކު ފައިދާ ނަގައި އަދި ޒުވާން ޖީލު ހަލާކުކޮށްލާފައި ވެރިކަމުގައި ވަކި ބަޔަކު އުމުރަށް ދެމި ތިިބޭށޭ ކިޔައި މިފަދަ ގޮވުންތަކެއް އެއް ބަޔަކު އެބަ ގޮވާ ނޫން ހެއްޔެވެ؟ ނަމަވެސް، އެންމެ ހެއްވާ ކަމަކީ އަނެއްކާ ވެސް ހަމަ މިކަންކަން ކުރި މީހުންނާ ވެރިކަން ހަވާލުކުރާ ކަމެވެ. މިކަން ކުރީ ވަކި ޕާޓީއެއް ވެރިކަމެއް އައިސްގެންކަން އެބަ އެނގެއެވެ. ނަމަވެސް، ޒާތީ ތައައްސުބުގެ މަސްތުގެ ތެރެއަށް ގެނބިފައި ތިިބުމުން، މިކަންކަން ފެންނަ ގޮތެއް ނުވެއެވެ. ތިމާމެންގެ ދެ އަތް ބުރިކޮށްލި މީހުންނަށް ތިމާމެންގެ ދެފައި ވެސް ބުރިކޮށްލަން ދޭން އެންމެންހެން އެތިބީ ތައްޔާރަށެވެ. ދެން، މި ބައިގަނޑު ވެރިކަމަށް އައިސް ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ބޭރުގެ މީހުން ތަނުގެ ރައްޔިތުންނަށް ހެދުމެވެ! މިއީ ޚިޔާލީ ވާހަކައެއް ނޫންކަން އެނގޭނޫން ހެއްޔެވެ؟ ޑިމޮކުރަސީގެ އައްޕައޭ ކިޔާ މީހަކު ކުރިން ވެސް އޮތީ މިއީ އެންމެ ރަނގަޅު ގޮތްކަން ބުނެފައި ނޫން ހެއްޔެވެ؟ ކެނޑިނޭޅި ތަނުގެ ސިފައިންނަކީ ކަންކަން ނުކުރެވޭ ބައެއްކަން ބުނެ، ތަނުގެ ސިފައިން ބަދުނާމުކޮށްފައި، ތަނުގެއި ބޭރު ސިފައިން ތިބުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނި އަނގައިންނެވެ. ދެން އެކަން ކުރެވުނީމާ ތަނުގެ ސިފައިންގެ ނުރަނގަޅު ވާހަކަ މިހާރު ދައްކާ ހެއްޔެވެ؟ މިކަންކަން ހަނދާން ހުރީ މިހާރު ކާކު ހެއްޔެވެ؟ މިފަދަ ގޮތަކަށް އެ މީހުންގެ ވިސްނުން ހުންނަ ބަޔަކު، ފުއްޓައްކެތް ޖަހާލާފައި ބީރުންނަށް އިވޭ ގޮތް ހެދުމާއި ކަނު މީހުންނަށް ފެންނަ ގޮތް ހެދުމަކީ ވެސް ހަމަ ވެދާނެ ކަމެއްކަން ގަބޫލުކޮށްފާނެ ނޫން ހެއްޔެވެ؟