...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ބުޅަލުގެ ނިގުލާ ބެހޭ ވާހަކައެއް

ގޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލުގެ ނިގުލަށް، އެއްދުވަހަކު، އޮޅިގެން ގޭގެ ވެރި މީހާއަށް އެރުނެވެ. ދެން، ގެއިން ނިކުމެގެން ބުޅާ ދިޔައެވެ. އެކަމާ ވަރަށް ދެރަވެގެން، ގޭގެ ވެރި މީހާ ބުޅާ ހޯދަން ދިޔައެވެ. ނަަމަވެސް އެއްވެސް ތާކުން، އޭނާއަށް ބުޅަލެއް ނުފުނެނެވެ. އާދެ، ބުޅާ ރުޅިއައިސްގެން ގެއިން ނިކުމެގެން ދިޔައީއެވެ.

ދެން ގޭގެ އަންހެން ސާހިބާ ބުޅަލަށް ކާން އަޅާ ތަށި އެއްލާލިއެވެ. އެ ތަށީގެ ބޭނުން ކެނޑުނީމައެވެ. މީގެ އިތުރުން، އެހެންކަމެއް ވެސް އަންހެން ސާހިބާއަށް ފާހަގަކުރެވުނެވެ. ގޭގެ ބަޖެޓު އިތުރުވީ ކަމެވެ. ބުޅަލަށް ޚަރަދުކުރަން ޖެހޭ އެއްޗެހި ޚަރަދު ކުރަން ނުޖެހުމުގެ ސަބަބުންނެވެ. މީގެ އިތުރުން ވެސް، ގޭގެ ބިންމަތީ އަޅާފައި އޮންނަ ކާޕެޓާއި އަދި ސޯފާތަކާއި ގޮނޑިތައް ވެސް ސާފުކަން އަންހެން ސާހިބާއަށް ފާހަގަކުރެވުނެވެ. އަދި ކިއެއް ހެއްޔެވެ؟ ގޭތެރޭގެ ވައިވެސް ސާފުކަން ވެސް އޭނާއަށް ފާހަގަކުރެވުނެވެ.

މި ހުރިހާ ކަމެއް ގޭ އެންމެންނަށް އަންހެން ސާހިބާ ކިޔައިދިނެވެ. ދެން، އެންމެން ވެސް ނިންމީ ބުޅާ އެނބުރި އަޔަސް ވެސް ގެއަށް ނުވެއްދުމަށެވެ. ބޭކާރު ޚަރަދު އެއަށް ކުރަންޖެހޭ، ގެ ހަޑިވެސް ކުރާ އެއްޗަކަށް ވުމުންނެވެ. އާދެ، ބުޅަލުގެ ނިގުލަށް އޮޅިގެން އެރުންވީ، އާޚިރުގައި، ރަނގަޅު ކަމަކަށެވެ.

އިންސާނުންގެ ތެރޭގައި ވެސް މިފަދަ ބުޅާ އުޅެއެވެ. ވަކިން ޚާއްސަ ގޮތެއްގައި ސިޔާސީ މައިދާނުގައެވެ. މުޅި ގައުމު ޚަރާބުކުރަމުންދާ ސިޔާސީ ބުޅާތަކެވެ. ގައުމު ވިއްކާ ގައުމުގައި ދިގަށާއި ހުރަހަށް ފަސާދައިގެ އަމަލުތައް ފާޅުގައި ހިންގާ، ގައުމަކީ މަސްތުވާތަކެތީގެ އައްޑާއަކަށް ހަދަމުންދާ ސިޔާސީ ބުޅާތަކެވެ. ކުރިއަށް އޮތް އިންތިޚާބުގައި މިފަދަ ސިޔާސީ ބުޅާތަކުގެ ނިގުލަށް އަރައި އެ ބުޅާތައް ގައުމުގެ ސިޔާސީ މައިދާނުން ބޭރުކުރުން ވަރަށް ވެސް މުހިއްމެވެ. ގައުމުގެ ޚަރަދުތައް ކުޑަކޮށް، ގައުމު ސާފުތާހިރުކޮށް، ގައުމުގެ ވައި ބަދަލުކޮށްލުމަށްޓަކައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.