ތިމާގެ ފުރާނަޔާ ނަފްސާ ހަލާކާ ކައިރި ނުކުރާށޭ
ޙިމާޔަތް ނަރަކައިން ވާނޭ މަގަށް މިޞްރާބު ކުރުވާށޭ
ގަބޫލު ބަޔަކު ނުކުރި ނަމަވެސް ޤިޔާމަތް ކަށަވަރުން ވާތީ
އަބޫޖަހުލާ އަބޫލަހަބުގެ ގޮތާ އިނބަ ފޭވެ ހުންނާށޭ
ބިމުގެ އެތެރޭގެ އަޞްލު ތަކީ ދިޔާ އަލިފާން ކަމަށްވާތީ
ނިމުން ދުރުގައި ނުވާކަން ދަނެ އުޅުން ހެޔޮ މީހަކަށް ވާށޭ
ތަނެއްގައި ނުޖެހި ކައުނުތެރޭ އޮތީ ފަތަފަތައެ ބިން މިއުޅޭ
ކަނެއް ބުއްދީގެ އެކަމަށްދީ އެއަށް ހޭވެރިވެ ހުންނާށޭ
ބިމަށް ގަދަ ޒަލްޒަލާ އައުމާ ސުނާމީ ކާރިސާ ފޮށުމާ
"ގިމަށް" ދާ ޙާލަތާ ވެރިވާ ނުދަނެ ނިދިފައި ނުހުންނާށޭ
މޮޅަސް ޑަކްޓަރު ކުރަން ފަރުވާ ޖެހޭބަލި ދޭނެފަރުވާ ނެތް
ކޮޅަށް ވެސް ތެދުވެ ނުލެވޭކަން ހަނދާން ރަނގަޅަށް ބަހައްޓާށޭ
ޢަމަލުތައް ހެޔޮ އަޅުންގެ ތެރޭ ވެގެންހުރެ ދުނިޔެ ދޫކުރުމަށް
ޢަމަލަކަށް ގޯސް ހިޔަނި ނޭޅޭ ގޮތަށްއުޅެ ދުނިޔެ ނިންމާށޭ
ކަނާތަށް ފަތް ލިބޭ މީހުން އުޅޭނީ މާތް ސުވަރުގޭގައި
މަނާ އެކަމުން ވެގަތް އަޅަކަށް ޖަހަންނަމަ ހުއްޓެ! ވިސްނާށޭ
