...

Support Us

ކޮލަމް ކޯދު: އަފްލާތޫން ބުނާ ވާހަކައެއް

ޔޫނާނުގެ އެވޭލާ ޒަމާނުގެ އެންމެ މަޝްހޫރު އަދި އެންމެ މުހިއްމު ތިން ފަލްސާވެރިންގެ ތެރޭގައި ހިމެނޭ ޕްލޭޓޯ ނުވަތަ އަފްލާތޫން، ޑިމޮކުރަސީއާ ބެހޭ ގޮތުން އޭނާގެ 'ރިބަކްލިކް’ގައި ބުނެފައި އޮވެއެވެ. ޑިމޮކުރަސީ އަކީ ނުރައްކާތެރި އެއްޗެކެވެ. އެއިން ލިބިދޭ ލާނިހާއީ މިނިވަންކަމުގެ ސަބަބުންނެވެ. އޭނާ ދެކޭ ގޮތުގައި ކޮންމެ މީހަކަށް ވެރިކަން ކުރުމުގެ ހައްގު އޮންނަ ނިޒާމެއްގައި، އާންމު މީސްތަކުންގެ ހެވަށް ކުޑަކޮށް ވެސް ބަލާލުމެއް ނެތް އެމީހުންގެ އަމިއްލަ ހާސިލުކުރުމަށްޓަކައި ވެރިކަން ހޯދުމަށް އެދުންވެރިވެގެން އުޅޭ މީހުން ނިކުންނާނެއެވެ. އަދި، އެހެންވެ، މިފަދަ ޑިމޮކުރަސީގެ ނިޒާމެއްގައި ޑިކްޓޭޓަރުންނާއި ޚާއިނުންނާއި ޣައްދާރުންނަށް ވެސް ވެރިކަމުގެ ގޮނޑިއާ ހަމައަށް އާދެވުމުގެ ފުރުސަތު އޮންނާނެއެވެ.

ޕްލޭޓޯގެ މި ވާހަކަކޮޅުގެ މައްޗަށް ތަންގީދީ ނަޒަރަކުން ބަލާލަން ޖެހެއެވެ. ޑިމޮކުރަސީއަކީ އޭގެ ޒާތުގައި ރަނގަޅު ނިޒާމެއް ނޫނީ ނުރަނގަޅު ނިޒާމެއް ވެސް ނޫނެވެ. ރަނގަޅު ގޮތުގައި އެ ނިޒާމު ހިންގާލައިފި ނަމަ، އެއީ ރަނގަޅު ނިޒާމެކެވެ. އެ ނިޒާމުގެ ދަށުން ލިބިދޭ މިނިވަންކަމަކީ ވެސް ނުރަނގަޅު ކަމަކަށްވުން ލާޒިމެއް ނޫނެވެ. ހެޔޮ ގޮތުގައި އެ މިނިވަންކަން ބޭނުން ކުރެވިއްޖެ ނަމަ، އެ މިނިވަންކަމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ.

ޑިމޮކުރަސީގެ ނިޒާމެއް ހެޔޮ ގޮތުގައި ހިންގާލެވެނީ ކިހިނެއް ހެއްޔެވެ؟ ކުރު ގޮތަކަށް ބުނާ ނަމަ، ހެޔޮ ގޮތުގައި އެފަދަ ނިޒާމެއް ހިންގާލެވޭނީ ހޭލުންތެރި ރައްޔިތެއް އޮވެގެންނެވެ. ތަނުގެ އަގުތަކާއި ތަނުގެ ސަގާފަތަށް އިހުތިރާމުކުރާ ހޭލުންތެރި ރައްޔިތެކެވެ. އެމީހުންގެ ވޯޓަކީ ނީލަމުގައި ގަނެ ވިއްކޭ މުދަލަކަށް ނުހަދާ ރައްޔިތެކެވެ. ތަނުގެ އަގުތަކަކީ ކޮބައިކަމާއި ތަނުގެ ސަގާފަތް ވެސް ނޭނގި، ތަނާ ބީރައްޓެހި ކަންކަން ތަނުގައި ހިންގާލަން އުޅުމުގެ ސަބަބުން، ފޭލިވެފައިވާ ސިޔާސީވެރިންނަކީ ކޮބައިކަން ދެނެގަންނަން އެނގޭ ރައްޔިތެކެވެ. ތަނުގެ އިގުތިސާދު ހިންގަން ދަންނަ، ތަނުގެ ޚައިރާތުތައް، ދެވޭ ޚިދުމަތްތަކާއި އުފައްދައިގެން ހޯދައިދެވޭ ވަޒީފާގެ ފުރުސަތުތަކުގެ ތެރެއިން، އެންމެންގެ މައްޗަށް އަދުލުވެރި ގޮތެއްގައި ބަހާލުމުގެ އިގުތިސާދީ ނިޒާމެއް ގާއިމުކުރަން ދަންނަ، އިޚުލާސްތެރި ސިޔާސީވެރިން ފާހަގަ ކުރަން އެނގޭ ރައްޔިތެކެވެ. ހޮއި، ހޮޅި، މާނައެއް ނެތް ޝިއާރުތަކަކީ އެފަދަ އެއްޗހިތަކެއް ކަމުގައި ބުނަން އެނގޭނޭ ރައްޔިތެކެވެ. ތިމާވެރިކަމަށް އައުމަށްޓަކައި ތަނުގެ ގަވާއިދުތަކާއި ގާނޫނުތަކާއި އަމިއްލަ ޕާޓީ ވެސް ގުރުބާންކޮށްލާ މީހަކީ ތަނަށް އެއްވެސް ވަލާއެއް ނޯންނާނޭ މީހެއްކަން އެނގޭ ރައްޔިތެކެވެ. ބޭރު ގައުމުތަކާއި އެކުވެރިކަމުގެ ގުޅުން ބަދަހި ކުރުމާއި ބޭރު ގައުމުތަަކަުގެ ބާރުތައް ތަނުގައި ގާއިމުކޮށް އެފަދަ މީހުންނަ ތަން ވިއްކާލުމުގެ ތަފާތު ދަންނަ ރައްޔިތެކެވެ. މިފަދަ ހޭލުންތެރި ރައްޔިތެއް އޮވެއްޖެ ނަމަ، ޑިމޮކުރަސީގެ ނިޒާމަކީ ޕްލޭޓޯ ބުނާ ފަދައިން ނުރައްކާތެރި ނިޒާމަކަށް ނުވާނެއެވެ. ނަމަވެސް، ހޭލުންތެރި ރައްޔިތެއް ނެތް ނަމަ، އެމީހުންގެ ވޯޓަކީ ނީލަމުގެ ބާޒާރުގައި އެންމެ މަތީ އަގެއްކީ ފަރާތަކަށް ވިއްކާލެވޭ އެއްޗަކަށް ވެއްޖެ ނަމަ، ޑިމިކުރަސީގެ ނިޒާމަކީ ހުރިހާ ގޮތަކުން ވެސް ނުރައްކާތެރި ނިޒާމެކެވެ. އޭރު އެ ނިޒާމުގެ ތަނަށް ގެންނާނީ ފަސާދައެވެ. ފަގީރުކަމެވެ. އާޚިރުގައި އެ ފަދަ ނިޒާމެއްގެ ސަބަބުން ތަނުގެ ސިޔާދަތާއި މިނިވަންކަން ވެސް ގެއްލިގެން ހިނގައިދާނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.