Support Us

ކޮލަމް ކޯދު: ރޯމަނުންނޭވެ! އަހަރެންގެ ގައުމުގެ މީހުންނޭވެ! އަހަރެން ދެކެ ލޯބިވާ މީހުންނޭވެ!

(މިއީ ޝޭކްސްޕިޔަރުގެ 'ޖޫލިޔަސް ސީޒަރ، މި ތަމްސީލުގައި 'ސީޒަރާ ދެކޮޅަށް ތެދުވެ، ސީޒަރު މަރާލުމަށް ފަހު، އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ބުރޫޓަސް ގައުމުގެ މީހުންނާ މުޚާތަބުކޮށް ދެއްކި ވާހަކަ ކޮޅުގެ ދިވެހި ތަރުޖަމާއެކެވެ. އެ ވާހަކަ ކޮޅުގެ އަސްލު ތިރީގައި އެވަނީއެވެ.)

ރޯމަނުންނޭވެ! އަހަރެންގެ ގައުމުގެ މީހުންނޭވެ! އަހަރެން ދެކެ ލޯބިވާ މީހުންނޭވެ!

އަހަރެން ކަންކުރި ގޮތުގެ ސަބަބު އެނގިދިޔުމަށްޓަކައި އަހަރެން މި ބުނާ އެއްޗެއްގެ އަޑު އަހާށެވެ! އަދި، އަހަރެން މިބުނާ އެއްޗެއްގެ އަޑު އިވިދިޔުމަށްޓަކައި، ހިމޭނުން ތިބޭށެވެ.

އަހަރެންގެ ޝަރަފަށްޓަކައި، (އަހަންނަކީ އަބަދުވެސް ތެދު ބަހުން ވާހަކަދައްކާ، އަދި ގައުމަށް އިޚުލާސްތެރި މީހަކަށްވީ ކަމަށްޓަކައި،) އަހަރެން މި ބުނާ އެއްޗެއް ގަބޫލުކުރާށެވެ. އަދި އަހަރެންގެ ވާހަކަ ގަބޫލުކުރެވި ދިޔުމަށްޓަކައި އަހަރެންގެ ޝަރަފުވެރިކަމަށް (އަހަރެންގެ ތެދުވެރިކަމާއި އިޚުލާސްތެރިކަމަށް) އިހުތިރާމު ކުރާށެވެ.

(އަހަރެން ކުށްވެރިކުރާ ނަމަ،) ކަލޭމެންގެ ބުއްދީގެ އަލީގައި އަހަރެން ކުށްވެރިކުރާށެވެ. އަދި، ކަލޭމެން ކަނޑައަޅައި ނިންމާ ގޮތަކީ (އެބަހީ، އަހަރެންގެ އަމަލު ރަނގަޅު ކަމުގައި ބެލިކަމުގައި ވިޔަސް، ނޫނީ އަހަރެން ކުށްވެރިކުރި ކަމުގައި ވިޔަސް،) އެންމެ ރަނގަޅު ގޮތް ކަމުގައި ވެދިޔުމަށްޓަކައި (ޖަޒުބާތުތަކުގެ އަޅުންނަށް ވެނުދިޔުމަށްޓަކައި،) ކަލޭމެންގެ (ސަލާމަތް ބުއްދީގެ މަގު ދައްކައިދޭ ކަލޭމެންގެ) ހިއްސުތައް ހޭލައްވާލާށެވެ!

މި ޖަމާއަތުގެ ތެރޭގައި، ސީޒަރު ދެކެ ލޯބިވާ ރަހުމަތްތެރިއަކު ހުރެއްޖެ ނަމަ، އެ މީހަކަށް އަހަރެން ބުނަމެވެ. އެ މީހަކު ހިތުގައި ސީޒަރަށްޓަކައި އޮތް ލޯތްބަށް ވުރެ އަހަރެންގެ ހިތުގައި ސީޒަރަށް އޮތް ލޯބި ވަކި ކުޑައެއް ނޫނެވެ.

އެހެންކަމަށްވާ އިރު، ސީޒަރާ ދެކޮޅަށް އަހަރެން ތެދުވީ ކީއްވެގެންތޯ އެ ރަހުމަތްތެރިޔާ އެނގެން އެދިގެން، އަހަންނާ ސުއާލުކޮށްފި ނަމަ، އޭނާއަށް އަހަރެން ދޭނޭ ޖަވާބަކީ މިއެވެ. '(އަހަރެން ސީޒަރު މަރާލީ) ސީޒަރު ދެކެ އަހަރެން ލޯބިވާލެއް ކުޑަވެގެންނެއް ނޫނެވެ. ނަމަވެސް، ރޯމު ދެކެ އަހަރެން ލޯބިވާލެއް ބޮޑުވީމައެވެ.

އަޅެ، ނިކަން ބުނެބަލާށެވެ! ކަލޭމެން ޚިޔާރުކުރާނީ ސީޒަރު ދިރިހުރެގެން، އަޅުންގެ ގޮތުގައި ދުނިޔޭގައި ކަލޭމެން ދިރިއުޅުމަށް ހެއްޔެވެ؟ ނޫނީ މިނިވަނުންގެ ގޮތުގައި އުޅުމަށްޓަކައި، ކަލޭމެން ޚިޔާރުކުރާނީ ސީޒަރު މަރުވެދިޔުން ހެއްޔެވެ؟

އަހަރެން ދެކެ ސީޒަރު ލޯބިވުމުން، އޭނާ މަރުވުމުން އޭނައަށްޓަކައި އަހަރެން ގިސްލައި ރޮއި ހިތާމަކުރަމެވެ. އޭނާއަށް ނަސްރު ލިބި، ނަސީބުވެރިވުމުން، އެކަމަށްޓަކައި އަހަރެން އުފާފާޅުކުރަމެވެ. އޭނާ ހިއްވަރުގަދަވުމުން، އެކަމަށްޓަކައި އޭނާއަށް އަހަރެން ގަދަރުކޮށް އިހުތިރާމު އަދާކުރަމެވެ. ނަމަވެސް، (ރޯމުގެ މަސްލަހަތުގެ މައްޗަށް އޭނާގެ) އަމިއްލަ އެދުން އޭނާ އިސްކުރުމުން އަހަރެން އޭނާ ގަތުލުކުރީމެވެ. އެހެންވީމާ، މިކަމުން އެނގެނީ، އޭނާގެ ލޯތްބަށްޓަކައި ކަރުނަ އޮހޮރާކަމެވެ. އޭނާގެ ކާމިޔާބީއަށްޓަކައި އުފާފާޅުކުރުން އެބަ އޮތް ކަމެވެ. އޭނާގެ ހިއްވަރު ގަދަ ކަމަށްޓަކައި އިހުތިރާމު އަދާކުރުން އެބަ އޮތް ކަމެވެ. އަދި، (ގައުމުގެ މަސްލަހަތުގެ މައްޗަށް) އަމިއްލަ އެދުން އިސްކުރުމުން އެކަމަށްޓަކައި މަރު އޮތް ކަން ވެސް މެއެވެ.

އަޅުވެތިކަން އިޚްތިޔާރުކުރާނޭހާ ދަށު ދަރަޖައިގެ މީހަކު މިތާ ކަލޭމެންގެ ތެރޭގައި ހުރީ ކާކު ހެއްޔެވެ؟

އެފަދަ އެކަކު ވެސް މިތާ ހުރި ނަމަ، އެ މީހަކު އަނގަހުޅުވައި ވާހަކަ ދައްކާށެވެ! (ސީޒަރު ގަތުލުކުރުން) އެއީ އަހަރެން ކުރި ކުށެއް ކަމަށް ވާނީ އޭނާގެ ނަޒަރުގައެވެ.

ރޯމަނަކަށް ވާން ބޭނުން ނުވާނޭހާ ނާތަހުޒީބު މީހަކު މިތާ ކަލޭމެންގެ ތެރޭގައި ހުރީ ކާކު ހެއްޔެވެ؟

އެފަދަ އެކަކު ވެސް މިތާ ހުރި ނަމަ، އެ މީހަކު އަނގަހުޅުވައި ވާހަކަ ދައްކާށެވެ! (ސީޒަރު ގަތުލުކުރުން) އެއީ އަހަރެން ކުރި ކުށެއް ކަމަށް ވާނީ އޭނާގެ ނަޒަރުގައެވެ.

އޭނާގެ ގައުމު ދެކެ ލޯބިނުވާ، އެހާ ނުބައިނުލަފާ މީހަކު މިތާ ކަލޭމެންގެ ތެރޭގައި ހުރީ ކާކު ހެއްޔެވެ؟

އެފަދަ އެކަކު ވެސް މިތާ ހުރި ނަމަ އެ މީހަކު އަނގަހުޅުވައި ވާހަކަ ދައްކާށެވެ! (ސީޒަރު ގަތުލުކުރުން) އެއީ އަހަރެން ކުރި ކުށެއް ކަމަށް ވާނީ އޭނާގެ ނަޒަރުގައެވެ.

އަހަރެންގެ ވާހަކަ މެދު ކަނޑާލާނަމެވެ. މި ބުނި ފަދަ މީހެއްގެ ޖަވާބެއް އަޑުއަހާލުމަށްޓަކައެވެ.