Support Us

ކޮލަމް ކޯދު: އަލީ ޝަރީއަތީގެ ލިޔުންތަކުން ހޮވާލެވިފައިވާ ބުއްދިވެރި ބަސްކޮޅެއް

އަލީ ޝަރީއަތީއަކީ އިރާނުގެ ސިޔާސީ އަދި އިޖުތިމާއީ މުފައްކިރެވެ. އީރާނުގައި އޮތް ޝާހުގެ މުސްތަބިއްދު ވެރިކަމާ އިދިކޮޅު ހަދައި، އިންގިލާބީ ހެޔޮ ބަދަލަކަށް ވަކާލާތުކޮށް ވާހަކަދައްކަވައި ލިޔުއްވި ލިޔުންތެރިއެކެވެ. އެންމެ ފުރަތަމަ، އޭނާ ކިޔަވާ ވިދާޅުވީ އީރާނުގައެވެ. ދެން، ކިޔަވައިދެއްވުމުގައި ދުވަސްކޮޅެއް ހޭދަކުރެއްވުމަށް ފަހު، ފުރާންސަށް ވަޑައިގެން، ޕެރިސް ޔުނިވަރސިޓީގައި މަތީތައުލީމު ފުރިހަމަކުރައްވައި. 1964ގައި އިޖުތިމާއީ އިލްމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި، 1979ގެ އީރާނުގެ އިސްލާމީ އިންގިލާބުގެ މުންޒިރަކީ، އެކަމުގެ މައްޗަށް ނަޒަރުހިންގައި، ވިސްނައި، އެކަމާ ގުޅޭ ނަޒަރިއްޔާތުތަކާއި އެ ނަޒަރިޔާތުގެ މައްޗަށް ބިނާވާ ތަސައްވުރެއް ހުށަހަޅާލި މުފައްކިރަކީ އަލީ ޝަރީއަތީއެވެ. އަދި 1979ގައި އިރާނަށް އިންގިލާބެއް ގެނެވުނު ކަމުގައި ވިޔަސް، އިންގިލާބުގެ ކަންތައް ނިމިގެން ދިޔައީ އޭނާގެ ޚިޔާލާތާއި ތަސައްވުރާ އެއްގޮތުގެ މަތިންނެއް ނޫނެވެ. އިންގިލާބުގެ ކުރިން، 1977 ވަނަ އަހަރު، ޔޫކޭގައި، އޭނާ އަވަހާރަކޮށްލެވުމުން ވެސް މެއެވެ. ނުވަތަ އަނެއް ބަޔަކު ދެކޭ ގޮތުގައި، ހިތްހުއްޓިގެން، އުމުރުންފުޅުން 43 އަހަރުގައި އޭނާ އަވަހާރަވުމުން ވެސް މެއެވެ. އަދި އިންގިލާބުގެ ގިޔާދަތު ދީނީ އިލްމުވެރިންގެ އަތްމައްޗަށް ފުރޮޅިގެން ދިޔުމުން ވެސް މެއެވެ.

މިތަނުގައި އިތުރުކޮށްލަންޖެހޭ ކަމަށް ދެކޭ ވަރަށް ވެސް މުހިއްމު ވާހަކަކޮޅެއް އެބައޮތެވެ. އިސްލާހީ މުޖުތަމައީ ބަދަލަކީ ފިކުރީ ގޮތުން އެކަމަށް ތައްޔާރުވެގެން ކުރެވޭ ކަމެކެވެ. މުޖުތަމައީ ބަދަލެކޭ މިތާ ބުނެ އިޝާރަތްކުރަނީ ޖަމާއަތުގެ ކަންކަން ރާވައި ހިންގާލުމަށެވެ. މި މުޖުތަމައީ ބަދަލު އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރަން އެދޭ ނަމަ، އެކަމާ ބެހޭ ގޮތުން ވެސް ވިސްނައި ފިކުރުކޮށް އަދު އެކަން ކުރާނޭ ގޮތް ހިއްސީ ސިފައެއްގައި ބަޔާންކުރަން ޖެހެއެވެ. މިކަން އިހުގައި ކުރި ގޮތުގެ މައްޗަށް ނަޒަރު ހިންގައިގެން ވެސް މެއެވެ. ނަމަވެސް، އިހުގައި މިކަން ކުރި ގޮތަށް ހަރުފުން ހަރުފަށް މިއަދު އެކަން ހިންގައެއް ނުލެވޭނެއެވެ. ސަބަބަކީ އިހާއި މިހާރު ކަންކުރާ ގިނަ ގޮތްތައް ބަދަލުވެފައި އޮތުމެވެ. މިސާލަކަށް އިސްލާމީ އުސޫލުގެ މައްޗަށް އިގުތިސާދު ބިނާކުރަން ބަލާލާއިރު، އިހުގައި ފައިސާގެ މަފްހޫމާއި މިހާރުގެ ފައިސާގެ މަފްހޫމު ތަފާތެވެ. އިހުގައި ފައިސާގެ އަގު ކަނޑައަޅާލުމުގައި ފައިސާގެ ޒާތަށް ވެސް ރިއާޔަތް ކުރެއެވެ. މިހާރު އެކަން އެގޮތަށް ރިއާޔަތް ނުކުރެވެއެވެ. އިހުގައި ޒަކާތުގެ ނިސާބާއި ޒަކާތް ނެގޭ ބާވަތްތައް ކަނޑައަޅާލެވިފައި އޮތީ އޭރުގެ ދިރިއުޅުމުގެ ފެންވަރު ހުރި ގޮތުގެ މައްޗަށް ބަލައި އޭރުގެ ޚަރަދަ ބަރަދުތައް ވެސް ހުރި ނެތް ގޮތުގެ މައްޗަށް ވެސް ބަލައިގެންނެވެ. އަދި، އޭރުގެ އާންމު ވިޔަފާރީގެ ސަގާފަތުގެ މައްޗަށް ވެސް ބެލިގެންނެވެ. މިހާރު މިހުރިހާ ކަންކަމަށްވަނީ ބޮޑެތި ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހެންވެ، މިކަންކަން އިސްލާމީ އުސޫލުތަކަށް ފައްތައި އިހުގައި މިފަދަ ކަންކަމަށް ދެވިފައި އޮތް ސޫރައަށް ބަދަލުގެންނަން މަޖުބޫރުވެއެވެ. އިހުގައި އޮތް މިފަދަ ކަންކަން އެ އޮތް ގޮތަށް ހިންގާލުމަކީ މުސްތަހީލުކަމެކެވެ. އަލީ ޝަރީއަތީމެން ފަދަ މުފައްކިރުން ވިސްނެވީ މިކަން ކުރާނެ ގޮތަކާ މެދުގައެވެ. އެހެންވެ، މިފަދަ މުފައްކިރުން ފަދަ ބޭކަލުން އަޅުގަނޑުމެންގެ ތެރޭގައި ވެސް އުފެދެން ޖެހެއެވެ.

  1. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ޒަމާނުގައި މިސްކިތަށް ތިން ސިފައެއް ލިބިފައި އޮތެވެ. އަޅުކަން ކުރުމާއި ތައުލީމާއި ތަރުބިއްޔަތުކުރުމާއި އަދި ރައްޔިތުންގެ މަޖުލީހެއްގެ ސިފައެވެ. އެ ދުވަސްވަރު، ކޮންމެ މުވާތިނަކީ މިސްކިތުގެ މެމްބަރެކެވެ. މިސްކިތަކީ މިހާރު ގަނޑުވަރެއް ފަދަ ތަނެކެވެ. ނަމަވެސް، މަތީގައި ނަންގަނެވުނު އެއްވެސް ސިފައެއް މިސްކިތަށް މިހާރު ލިބިގެން ނުވެއޭ ބުނެވިދާނެއެވެ.
  2. އަހަރެންގެ ފައިވާން ގެއްލިދާނެތީ އެކަމާ މެދު ވިސްނަން މިސްކިތުގައި އިނުމަށް ވުރެ، ބޭރުގައި، މާތްﷲގެ ރަސްކަންފުޅު މަތިން ހަނދުމަކުރުން މަތީ ހުރެ ހިންގުން ވެސް އަހަންނަށް މާ ރަނގަޅެވެ.
  3. މުސްލިމުންގެ މެދުގައި ޚިޔާލު ތަފާތުވެ، ދެބަސްވެ، އަރާރުންވެ ތަޅާފޮޅާ ހެދުން ގުޅިފައި އޮތީ އެމީހުންގެ އިސްލާމީ އަގީދާއަކާ ނޫނެވެ. އެކަން ގުޅެނީ ދައުލަތްތަކާއި (ސިޔާސީ މީހުންގެ) މަސްލަހަތުތަކާއެވެ.
  4. ދީން ވިއްކައި ވިޔަފާރިކުރާ މީހުން މިކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެމީހުންގެ މި ވިޔަފާރިޔާ ދެކޮޅުހަދައި އާންމު މީސްތަކުން ތެދުވާނެ ދުވަހެއް އަންނާނެއެވެ. ހިތާމައަކީ އެދުވަހުން، އެ ދެކޮޅު ހެދުމުގެ ގުރުބާނީއެއްގެ ގޮތުގައި ދީން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާތީއެވެ.
  5. އެމީހުންގެ ގޮތަކީ އަބަދުވެސް ރަނގަޅު ގޮތް ކަމުގައި ދެކޭ މީހުންނާ އެކުގައި އުޅުމަކީ ވަރަށް ވެސް ދަތި އުނދަގޫ ކަމެކެވެ.
  6. އިންގިލާބެއްގެ ކުރިން، މީސްތަކުން އިލްމީ ހޭލުންތެރިކަމަކުން ހޭލުންތެރި ވެފައި ނެތް ނަމަ، ބަޔަކު މީހުން އެ އިންގިލާބު އެމީހުންގެ އަމިއްލަ ފައިދާއަށް ޖަހައިގަނެގެން ގެންދިޔުމުން އެކަކު ވެސް ބަދުނާމު ކުރަން ނުހަދާށެވެ!

(މި މަންޒަރު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ވެސް ރީތިކޮށް ފެނެއެވެ. ތަނުގެ ސިޔާސީ ސަގާފަތް ބަދަލުނުވެ، ތަނުގެ އާންމު މީހުންގެ ވިސްނުން ބަދަލު ނުވެ، ބޭރު ފުށުގެ ބަދަލުވުމަކުން ޑިމޮކުރަސީއޭ ކިޔާ ނިޒާމެއް ގެނައުމުން، ބަދަލުވެގެން ދިޔައީ ހަމައެކަނި ނަމެވެ. ހަގީގަތް އޮތީ އޮތް ގޮތަށެވެ. ކުރިން ވެސް އޮތް ފަސާދައާއި ގާތް މީހުންނަށް ވަޒީފާ ދިނުމާއި މަދު ބައެއްގެ އަތްމަތީ ހުރިހާ ސިޔާސީ ބާރެއް އޮތުން، މިފަދަ އެއްވެސް ކަމަކަށް ހަގީގީ ބަދަލެއް ނާދެއެވެ! އާންމުންގެ އަސާސީ ބޭނުންތައް އެމީހުންގެ އިންސާނީ ކަރާމަތް ނަގާނުލައި ފުއްދޭނޭ ނިޒާމެއް ގާއިމު ނުކުރެވެންޏާ، އެ ނިޒާމަށް ކޮންމެ ނަމެއްކީ ކަމުގައި ވިޔަސް އެ ހެޔޮ ނިޒާމަކަށް ނުވާނެއެވެ.)

  1. އަލުން އަނެއްކާ ވެސް، ގަބުރުތަކުންނާއި މަރުވީމާ މީހުންގެ މައްޗަށް ކިޔެވޭ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުމުން، ކީރިތި ގުރުއާން ނެރެ ސަލާމަތް ކުރަން ޖެހިއްޖެއެވެ. ކީރިތި ގުރުއާން ކިޔެވެން ޖެހޭނީ ދިރި ތިބީންގެ މައްޗަށެވެ. މަރުވެފައި ތިބޭ މީހުންގެ މައްޗަކަށް ނޫނެވެ. (ހަމަ އެހެންމެ. ކީރިތި ގުރުއާން ވާން ޖެހޭނީ، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ގޮތުގައި ރީތި ރާގުރާގަށް ކިޔެވޭ އަދި ހަމައެކަނި ހިތުދަސްކުރެވޭ ފޮތަކަށް ނޫނެވެ! ކީރިތި ގުރުއާން ވާން ޖެހޭނީ އޭގައި ބަޔާން ކުރެވިފައިވާ ރިސާލަތު ފަހުމުކޮށްގަންނަން ކިޔެވޭ ފޮތަކަށެވެ!)
  2. އަހަރުމެން އިސްލާމް ދީނަށް ނިސްބަތްވާ މީހުންގެ މިއަދުގެ މައްސަލައަކީ އަހަރުމެންގެ ފަރުދީ އަދި ޖަމާއީ ހަޔާތުގައި އިސްލާމް ދީން ހިންގާ ނުލުމެއް ނޫނެވެ. އިސްލާމް ދީނުގެ ރިސާލަތު، މެސެޖު، ފަހުމު ނުވުމެވެ. (އިސްލާމް ދީނުގެ ރިސާލަތަކީ، އަޚުލާގީ ގޮތުން ހެޔޮ ލަފާ، އެކަކު އަނެކަކަށް އަޅާލައި އިހުތިރާމުކުރާ އޯގާތެރި ފަރުދުންތަކެއް އުފައްދާނޭ ގޮތް ބުނެދިނުމެވެ. އަދި ހަމަ އެހެންމެ، ހަމަހަމަކަމާއި އަދުލުވެރިކަމުގެ މައްޗަށް ބިނާވާ ސިޔާސީ ނިޒާމެއް އުފައްދާނީ ކިހިނެއްކަން ބުނެދިނުމެވެ.)
  3. ކަލޭގެ ގޭގައި އަލިފާން ރޯވެ، ގެ އަދަމުން ދަނިކޮށް، އަޅުކަންކޮށް މާތްﷲއަށް ކުއްތަންވުމަށް އަންނާށޭ ގޮވާ މީހާގެ ގޮވުމަކީ ޚިޔާނަތްތެރިއެއްގެ ގޮވުމެކެވެ. ގޭގެ އަލިފާންގަނޑު ނިއްވާ ނުލައި އެހެން ކަމެއް ކުރަން ބުނުމަކީ ހެޔޮ ވިސްނުމުން އެއްކިބާވެ، ހިމާރަކަށް ވުން ފަދަ ކަމެކެވެ. އެ ގޮވަނީ މާތް މުގައްދަސު ކަމެއް ކުރަން ކަމުގައި ވިޔަސް ވެހެވެ.
  4. ދީނީ އިލްމުގެ އަހުލުވެރިން އެމީހުންގެ މަސްއޫލިއްޔަތު އުފުލުމުން އެއްކިބާވެ، މީސްތަކުން ވިސްނާ ފިކުރު ކުރުމުން ދުރުކޮށް، އެމީހުންގެ ސިކުނޑިތައް ގަނޑުކޮށްލާ ބަޔަކަށް ވުމުން، ދީނާ މީސްތަކުން ދުރުވުމުން އެކަމާ ހައިރާންވާކަށް ނުޖެހެއެވެ. އެހެނީ، މީސްތަކުން އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދާލާނޭ އެހެން ގޮތްތަައް ހޯދާނެއެވެ.
  5. ބޭރު ދައުލަތެއްގެ އިސްތިއުމާރީ ބާރުގެ ދަށަށް ދިޔުމާއި މީސްތަކުންގެ ސިކުނޑި ގަނޑުވެ، ވިސްނުމާ ދުރުވެ، ހިމާރުންނަށް ވުމާ މާ ބޮޑު ތަފާތެއް ނެތެވެ. އެދެކަމުގެ ދެމެދުގައި އޮތް ތަފާތަކީ ފުރަތަމަ ކަން އަންނަނީ ބޭރުންނެވެ. ދެވަނަކަން އަންނަނީ ތަނުގެ އެތެރެއިންނެވެ.

މިކަމުގެ މައްޗަށް ފުންކޮށް ވިސްނާލުން ހުއްޓެވެ. ތަންތަން އިސްތިއުމާރުކުރެވެނީ ނުވަތަ އެތަންތަން ބޭރު ބާރުތަކުގެ މުށުތެރެއަށް ލެވެނީ އެތަން ތަނުގައި އެކަން އެ ގޮތަށްވެ ދިޔުމުގެ ހާލަތެއް އޮތުމުންނެވެ. އަޅުގަނޑުމެންގެ ތެރެއަށް ބަލާލަމާ ހިންގަވާށެވެ. ތަނުގައި ޒިހުނިއްޔަތުގެ ސަގާފަތެއް ނެތެވެ. ސަބަބަކީ ލިޔެކިޔުމާ ދުރުކަމެވެ. މީގެ ނަތީޖާއަކަށް ވަނީ، ސިޔާސީވެރިން އެމީހުންގެ އަމިއްލަ ބޭނުންތައް ފުއްދުމަށްޓަކައި މީހުން ވާވެއްދުން ފަސޭހަވުމެވެ. އެއްވެސް މާނައެއް ނެތް ޝިއާރުތައް ނެރެ، ކޮންމެ ބަޔަކު ވެސް އަނެއްބަޔަކާ ދިމާއަށް ހުތުރު އެއްޗެހި ގޮވުމެވެ. ދެން، މިވަރުން ނުފުދިގެން، ބޭރު ބާރުތަކާ ގުޅި، ބޭރު ބާރުތަކުގެ އަސްކަރީން ތަނަށް ގެނައުމެވެ. މިހާރު އެ އޮތީ އެކަން ވެސް ކޮށްފައެވެ. ދެން، ބޭރު ބާރުގެ މަސްލަހަތުތައް ތަނުގައި އަށަގަނުވައެވެ. ވަޒީފާ ދިނުމުގައި ވެސް އެމީހުންގެ މީހުންނަށް އިސްކަން ދެވުމެވެ. ތަނުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖައްސުވައި އަދި އުފެއްދުންތެރިކަމާ ދުރުކުރުވައި ބޭކާރުކޮށްލެވެއެވެ. ބޭރުގެ ވަކި ބައެއްގެ ކުންފުނިތަކަށް ހުރިހާ މަޝްރޫއުތައް ދިނުމެވެ. އެކަންކަން ކުރެވުނަސް ނުކުރެވުނަސް ވެހެވެ. ދެން، އެމީސް މީހުންނަށް ތަނުގެ ބިން ވިއްކައި ނުވަތަ ދިގު މުއްދަތަށް ކުއްޔަށް ދިނުމެވެ. ދެން، އެ މީހުންގެ މީހުން ތަނުގެ ރައްޔިތުންނަށް ހެދޭ ނަމަ އެކަން ވެސް ކުރުމެވެ. މިކަން މިގޮތަށް ހަމަޖެހުމުން، ތަނުގެ މިނިވަންކަމަށް ބުރޫ އަރާނޭ ހާލަތަކު އެ އޮތީ އުފެއްދިފައެވެ. އިނގިިިރޭސީންގެ އަތްދަށަށް އިންޑިޔާ ދިޔައި މިފަދަ ގޮތަކަށެވެ. ހަވާއީ އެމެރިކާގެ އަތްދަށަށް ދިޔައީ ވެސް މިފަދަ ގޮތަކަށެވެ. ސިއްކިމް އިންޑިޔާގެ ތަނަކަށް ވީ ވެސް މިފަދަ ގޮތަކަށެވެ. މިހާރު ބޫޓާނު އިންޑިޔާގެ މުށުތެރެއަށް ލެވިފައި އެ އޮތީ ވެސް މިފަދައިން ކަންތައް ކުރެވިގެންނެވެ. މިކަންކަން މިގޮތަށް ކުރެވެމުންދާ އިރު، އާންމުން މަޝްޣޫލުކޮށްލެވިފައި ވަނީ އެމީހުން ނަފުރަތު ކުރާ މީހުންނަށް ހަޑިހުތުރު އެއްޗެހި ކިޔުމާއި އެމީހުން ތާއީދުކުރާ ބަޔަކަށް ކަނު ސިފައެއްގަައި ތަބާވެ ތިބުމަށެވެ! މިހެން ކަންތައް ވުމުން، މިދިިޔަ ގަރުނުގެ އަރަބި މުފައްކިރެއްކަމުގައިވާ މާލިކް ބިން ނަބީ ވިދާޅުވާ 'އިސްތިއުމާރު ކުރެވުމުގެ ގާބިލިކަން' އެ އޮތިީ އުފެދިފައެވެ. ދެން، އެފަދަ ބަޔަކު އިސްތިއުމާރު ކުރެވި ދެއެވެ.

  1. ބާތިލު ބަލައި ނުގަނެ އެއަށް ނޫނެކޭ ބުނުމުގެ ހިއްވަރު ލިބިގަންނާށެވެ! ބާތިލުގެ ގޮތްތައް ބަލައިގަތުމުގައި ކިތަންމެ ބޮޑު ވަގުތީ ފައިދާއެއް އޮތް ކަމުގައި ވިޔަސް ވެހެވެ.\
  2. އަހަރުމެންގެ މުޖުތަމާއަކި އޭގެ ދެބައިކުޅަ އެއްބައި ނިދައި އައްސިވެ، އެމީހުންގެ ސާހިބުންގެ ޖާދުލުގައި ޖެހިފައި ތިބި ބައެކެވެ. (އާދެ، އަމިއްލައަށް ވިސްނައި ފިކުރުކުރާ ބައެއް ނޫނެވެ!) ދެން އަނެއް ބަޔަކީ ދުވެ ފިލާދާ ބައެކެވެ. އަހަރުމެންވާން ޖެހޭނީ ނިދާފައި ތިބި މީހުން ހޭލައްވައި ފިލަން ދުވާ މީހުން އަނބުުރައި ގެންނާނޭ ބަޔަކަށެވެ.
  3. ދެފުށް ދެގޮތް މުނާފިގަކަށްވެ، ކަންކަމުގެ ހަގީގަތް އޮޅުވާލައިގެން، މީހުންގެ މަގުބޫލުކަށް ހޯދުމަށް ވުރެ، ކަންކަން އޮތްގޮތަށް ސަރީހަކޮށް ވާހަކަ ދައްކައިގެން މީހުންގެ ނުރުހުމާއި ނަފުރަތު ލިބުން މާ ރަނގަޅެވެ.
  4. އަހަރެންގެ އަވަށްޓެރިޔާ ބަނޑަށް މަރުވުމުން، އަވަށު އެންމެން ނިކުމެ ހުރިހާ ގެރި ބަކަރިއެއް އޭނާއަށްޓަކައި ކަތިލުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ އޭނާގެ ބަނޑުހައިހޫނުކަން ކުރިން ދެނެގަނެ، އެ ތަކެތި ކަތިލައި އޭނާއަށް ކާންދެވުނު ނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟