Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ފެން ވިއްކާ އަލިކޮއި

އަލިކޮޔަކީ ފެން ވިއްކާ މީހެކެވެ. ކޮންމެ ދުވަހަކު ވެސް ބާޒާރުގައްޔާއި ރަށުގެ މަގުތަކުގައި ފެން ވިއްކަން އަލިކޮއި ހިނގައި އުޅެއެވެ. އޭނާގެ މުށި ބޮޑު ދޯރަށް ފެން އަޅައިގެން، ފެން ގަންނާނެއްބާއޭ ގޮވަމުން ރަށުތެރޭގައި އޭނާ ހިނގައި ފެން ވިއްކާ އުޅެއެވެ. ރަށު އެންމެންހެން އޭނަ ދަނެއެވެ. އަދި، އޭނާގެ ހިތްހެޔޮކަމާއި ރިވެތި އަޚުލާގާއި އޭނާގެ ސާފުތާހިރުކަމަށްޓަކައި އަދި އޭނާ ކިޔައިދޭ އޭނާގެ ހެއްވާ އިބުރަތްތެރި ވާހަކަތަކަށްޓަކައި ވެސް އެންމެން އޭނާ ދެކެ ލޯބިވެއެވެ.

އަލިކޮއިގެ ވާހަކަ ރަސްގެފާނަށް އިވިވަޑައިގެން ރަަސްގެފާނުގެ ދަރުބާރަށް އަލިކޮއި ހާޒިރުކުރެވުނެވެ. އަދި، އަލިކޮއި ގާތު ރަސްގެފާނު ވިދާޅުވިއެވެ. "މިއަދުން ފެށިގެން އަލިކޮއި މަސައްކަތްކުރާނީ މި ދަރުބާރުގައެވެ. އަހަރެންގެ މެހެމާނުންނަށް ފެންފޮދު އެރުވުމުގައެވެ. އަދި، އެއަށްފަހު، އަހަރެންގެ ކައިރީގައި، އަހަރެން މުނިފޫހިފިލުވައިދޭން ވާހަކަ ކިޔައިދޭން އިންނާނީއެވެ."

އަލިކޮއި ވަރަށް އުފާކޮށް، ގެއަށް ގޮސް އަންހެނުން ގާތު އާ ވަޒީފާގެ ވާހަކަ ބުންޏެވެ. އަދި، ދެމަފިރިން ވެސް ކުރިއަށް އޮތް ފާގަތި ދުވަސްތައް މަތިން ހިތަށް އަރުވައި އުފާކުރިއެވެ.

ދެން، ޖެހިގެން އައި ދުވަހު އަލިކޮއި ގަނޑުވަރަށް ގޮސް ރަސްގެފާނުގެ ދަރުބާރުގައި މަސައްކަތް ފެށިއެވެ. ކޮންމެ ދުވަހަކުވެސް ރަސްގެފާނުންގެ މެހެމާނުންނަށް ފެންފޮދު އަރުވައިފައި ރަސްގެފާނުގެ އަރިހުގައި އަލިކޮއި އިނދެއެވެ. އަދި، ދުވަހުގެ މަސައްކަތް ނިމުމުން އަލިކޮއަށް ހައްގު އުޖޫރަ ރަސްގެފާނު އަލިކޮޔަށް ދެއްވަައެވެ.

މި ފަދަ ގޮތެއްގައި ދުވަސްތަކެއް ވޭތުވެދިޔައެވެ. އަދި، ރަސްގެފާނު ލޯބިފުޅުވާ ރަސްގެފާނުގެ ވަރަށް އަރިސް މީހަކަށް އަލިކޮއި ވެއްޖެއެވެ. މިކަމާ އަލިކޮއި ވެސް ވަރަށް އުފާކުރެއެވެ. ނަމަވެސް، މިކަމާ ހިތްހަމަނުޖެހޭ އެކަކު ރަސްގެފާނުގެ ދަރުބާރުގައި އުޅެއެވެ. އެއީ ރަސްގެފާނުގެ ބޮޑުވަޒީރެވެ. ބޮޑުވަޒީރަކީ އޭނާ ދެކޭ ގޮތުގައި ބޮޑުވަޒީރެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި އޭނާއަކީ ޚުދް ރަސްގެފާނެވެ. ރަށުގެ އެންމެ ބާރުގަދަ މީހާއެވެ. އަދި އެކަން އެންމެ ހައްގު މީހަކީ ވެސް އޭނާ ކަމުގައި ބޮޑު ވަޒީރު ދެކެއެވެ.

ކޮންމެއަކަސް އަލިކޮޔަކީ ރަސްގެފާނު އަރިހުގައި މަގުބޫލު މީހަކަށް ވުމުން، ބޮޑުވަޒީރު މިކަމާ ހިތްހަމަނުޖެހި، އަލޮކޮޔާ މެދު ހަސަދަލައި އަލިކޮއިގެ ދުވަސް ދުއްވާލަން ރޭވިއެވެ. މިގޮތުން، އެއްދުވަހު، އަލިކޮއިގެ މަސައްކަތް ނިންމާފައި ގެއަށް ދަނިކޮށް ބޮޑުވަޒީރު އަލިކޮއި ގެނެސް އަލިކޮއި ގާތު ބުންޏެވެ. "އަލިކޮޔާއެވެ! އަލިކޮއިގެ މަސައްކަތާ މެދު ރަސްގެފާނު ހިތްޕުޅާހަމަކުރައްވައެވެ. ނަމަވެސް، ރަސްގެފާނުގެ ކުޑަ ޝަކުވާއެއް އެބައޮތެވެ. ރަސްގެފާނު ވިދާޅުވަނީ އަލިކޮއިގެ އަނގައިން ނުބައި ވަސް ދުވާތީ ރަސްގެފާނަށް އުނދަގޫފުޅުވާ ވާހަކައެވެ. އެހެންވެ، ކޮންމެ ދުވަހަކުވެސް، ރަސްގެފާނުގެ މެހެމާނުންނަށް ފެންފޮދު އަރުވާފައި ރަސްގެފާނުގެ އަރިހުގައި އިންނަ އިރު، އަލިކޮއިގެ އަނގަމަތީ އެއްޗެއް އަޅައިގެން އިންނާށެވެ!"

ދެން، ޖެހިގެން އައި ދުވަސްތަކުގައި ބޮޑުވަޒީރު ބުނި ފަދައިން އަލިކޮއި ކަންތައް ކުރިއެވެ. ރަސްގެފާނުގެ މެހެމާނުންނަށް ފެންފޮދު އެރުވުމަށް ފަހު، އަލިކޮއިގެ އަނގަމީތީ ބޮޑު ރުމާލަކުން މާސްކެއް ހަދައި އަޅައިގެން ރަސްގެފާނުގެ އަރިހުގައި އިނދެއެވެ.

އަލިކޮއި އަނގަމަތީ ރުމާލެއް އަޅައިގެން އިންނަތަން، ރަސްގެފާނަަށް ފެނިވަޑައިގަތުމުން، ވެގެން އުޅޭ ގޮތް ސާފުކުރައްވަން ބޭނުންފުޅުވިއެވެ. އަދި، ދެތިން ހަފަތާއެއް ވޭތުމުން، ބޮޑުވަޒީރު ގެންނަވައި ސުއާލުކުރެއްވިއެވެ. އަލިކޮއި އޭނާގެ އަނގަމަތީ ރުމާލެއް އަޅައިގެން އިންނަނީ ކީއްވެގެންކަން ބޮޑުވަޒީރަށް އެނިގިފައިވޭތޯއެވެ؟ ދެން، ބޮޑުވަޒީރު ރަސްގެފާނަށް ދެންނެވިއެވެ. "ތިިކަން އޮތީ އަޅުގަނޑަށް އެނިފައެވެ. އަލިކޮއި އެކަމުގެ ސަބަބު އަޅުގަނޑު ގާތު ބުނެފައި އޮތީމައެވެ. ނަމަވެސް، އަޅުގަނޑަށް ބޮޑު އަދަބެއް ލިބިދާނެތީ އެވާހަކަ ދައްކަން ނުކުރެނީއެވެ. ނަމަވެސް، މިއަދު ރަސްގަފާނު އެ ސުއާލު ކުރެއްވުމުން ދެން އެވާހަކަ ދަންނަވަމެވެ. އަލިކޮއި ބުނި އޭނާ ރަސްގެފާނު އަރިހުގައި އިންނައިރު، ރަސްގެފާނުގެ އަނގަފުޅުން ނުބައި ވަސް ދުވާތީ އޭނާ ނޭފަތާއި އަނގަމަތީ އެއްޗެއް އަޅައިގެން އިންނަ ވާހަކައެވެ."

ބޮޑުވަޒީރުގެ ވާހަކަ އަޑުއައްސަވާފައި ރަސްގެފާނު ވަރަށް ހިތްޕުޅާ ނުވިއެވެ. ދެން، އަނބިކަނބަލުން އަރިހަށް ވަޑައިގެން ރަސްގެފާނުގެ އަނގަފުޅުން ނުބައި ވަސް ދުވާތޯ އެއްސެވިއެވެ. އަނބިކަނބަލުން ނޫނެކޭ ރަސްގެފާނުގެ އަނގަފުޅުގެ ވަސް ގޮމަކަސްތޫރި ވަހެކޭ އެއްފަދައޭ ދެންނެވިއެވެ. އަދިވެސް ރަސްގެފާނުގެ އަނބިކަނބަލުން ވިދާޅުވިއެވެ. "ތިޔަހެން ބުނި މީހެއްގެ ބޭނުމަކީ ރަސްގެފާނުންގެ އަބުރުފުޅަށް ހުތުރު ބަސް ބުނުމެވެ. އެހެންވެ، އެމީހެއްގެ ބޯ ކަނޑައި އެމީހަކަށް ވަރަށް ވެސް ހަރުކަށި އަދަބުދޭން ޖެހެއެވެ."

މިއީ ރަަނގަޅު ނިންމުމެއް ކަމަށް ރަސްގެފާނު ގަބޫލުފުޅުކުރެއްވިއެވެ. ދެން، ރަސްގެފާނުގެ ޖައްލާދު ގެންނަވައި، މިއަދު ގަނޑުވަރުގެ މަސައްކަތް ނިންމާފައި ގަނޑުވަރުން ނިކުންނަ މީހުންގެ ތެރެއިން ފިނިފެންމަލުގެ ބާގައެއް ހިފައިގެން ނިކުންނަ މީހާ ގެނެސް އޭނާގެ ބޯ ބުރިކުރުމަށް ރަސްގެފާނުގެ ޖައްލާދަށް އަމުރުފުޅު ކުރެއްވިއެވެ.

ދެން، އެ ދުވަހުގެ މަސައްކަތް ނިމުމުން، އަލިކޮއި ގެންނަވާފައި އޭނާގެ މަސައްކަތަށާއި އޭނާގެ ރިވެތި އަޚުލާގަށް ރަސްގެފާނު ތައުރީފުކުރެއްވުމަށް ފަހު، ޝުކުރު އަދާކުރެއްވުމުގެ ގޮތުން، އަލިކޮއިގެ އުޖޫރައިގެ އިތުރުން ވަރަށް ރީތި ފިނިފެންމަލުގެ ބާގައެއް ވެސް ދެއްވިއެވެ.

ފިނިމެންމަލުގެ އެ ބާގަ ހިފައިގެން ގަނޑުވަރުން ނިކުންނަން ދަނިކޮށް، ބޮޑުވަޒީރު އަލިކޮއި ހުއްޓުވިއެވެ. އަދި، އެ ފިނިފެންމަލުގެ ބާގަ ހޯދީ ކޮންތާކުންތޯ ސުއާލުކުރިއެވެ. އެއީ ރަސްގެފާނު ދެއްވި އެއްޗެއް ކަމަށް އަލިކޮއި ބުނުމުން، ބޮޑުވަޒީރަަށް އެ ބާގަ މާ ހައްގުކަން ބޮޑުކަމަށް ބުނެ، އަލިކޮއި އަތުން އެ ފިނިފެންމަލުގެ ބާގަ އަތުލިއެވެ. ދެން، އެ ބާގަ ހިފައިގެން ބޮޑުވަޒީރު ގަނޑުވަރުން ނިކުންނަން ދިޔައެވެ. އެތަން ޖައްލާދުއަށް ފެނުމުން، ބޮޑުވަޒީރު ގެނެސް، ރަސްގެފާނު އަމުރުފުޅު ކުރައްވާފައިވާ ގޮތުގެ މަތިން، ބޮޑުވަޒީރުގެ ބޯ ކަނޑާލިއެވެ.

އަނެއް ދުވަހު، ކުރީއެކޭ ވެސް އެއްފަދައިން، އަލިކޮއި ރަސްގެފާނުގެ ދަރުބާރަށް ހާޒިރުވިއެވެ. ރަސްގެފާނުގެ މެހެމާނުންނަށް ފެން އެރުވުމަށް ފަހު، ރަސްގެފާނުގެ އަރިހުގައި އަލިކޮއި އިށީނެވެ. ދެން، ހައިރާންވެ ވަޑައިގެން، އަލިކޮއި ގާތު ރަސްގެފާނު ވިދާޅުވިއެވެ. ނޭފަތާ އެއްކޮށް އަނގަމަތީ ތި އަޅާ ރުމާ އެޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޖަވާބުގައި އަލިކޮއި ދެންނެވިއެވެ. "އަޅުގަނޑު ގާތު ބޮޑުވަޒީރު ބުނީ އަޅުގަނޑުގެ އަނގައިން ނުބައި ވަސް ރަސްގެފާނުގެ ނޭފަތްޕުޅަށް ދުވާތީ އަޅުގަނޑުގެ އަނގަ ބަންދުކޮށްގެން އިނުމަށެވެ. އެ ރުމާ އަޅަނީ އެހެން ވެގެންނެވެ!" ދެން ރަސްގެފާނު ވިދާޅުވިއެވެ. "އިއްޔެ އަލިކޮޔަށް ދިން ފިނިފެންމަލުގެ ބާގަ ކޮބައި ހެއްޔެވެ؟" އަލިކޮއި ދެންނެވިއެވެ. "އެ ބާގަ ލިބުން ހައްގީ ތިމަންނައަށޭ ބުނެފައި، އަޅުގަނޑު އަތުން ބޮޑުވަޒީރު އެ މާ ބާގަ އަތުލީއެވެ!" ދެން ރަސްގެފާނު ވިދާޅުވިއެވެ. "ބޮޑުވަޒީރު އެ ބުނީ ރަނގަޅަށެވެ! އެ މާބޮނޑި ލިބުން އެންމެ ހައްގުކަން ބޮޑީ އޭނާއަށެވެ!"