Support Us

ކޮލަމް ކޯދު: މީހުން ބުނާ ވާހަކަކޮޅެއް

ތިރީގައި މިވަނީ މީހުން ބުނާ ވާހަކަކޮޅެކެވެ.

  1. މަހެއް ފެނަށް އެއްލާލައިގެން އެއަށް އަދަބެއް ނުދެވޭނެއެވެ.
  2. ފެން ވަޅެއްގެ މުހިއްމުކަން އެނގެނީ އެވަޅުން ފެން ހިކުނީމައެވެ. ދުޅަ ހެޔޮ ސިއްހަތެއްގެ މުހިއްމުކަން އެނގެނީ ބަލިވީމައެވެ. މިނިވަންކަމުގެ މުހިއްމުކަން އެނގެނީ މިނިވަންކަން ގެއްލި އަޅުވެތިވީމައެވެ.
  3. ދަތްތައް ކިތަންމެ ތޫނު ކަމުގައި ވިޔަސް، ފެނަކު ދަތެއް ނޭޅޭނެއެވެ.

އާދެ، ބާރު ބޭނުން ކޮށްގެން ކޮންމެ ކަމެއް ހާސިލެއް ނުކުރެވޭނެއެވެ.

  1. ފެން ނެތް ތަނެއްގައި ބޮނޑަށް ކިނބުލަކަށް ވެގެން އުޅެވިދާނެއެވެ.
  2. ކަނޑުގެ ލޮނުގަނޑުން މަހަށް ފުދުނު ނަމަ، އެމުގައި މަސް ދައެއް ނުގަތީހެވެ.
  3. އަލްބޭނިޔާގެ ކޮމިޔުނިސްޓު މުސްތަބިއްދު ވެރިޔާ، ތިރީގައި އެެވާ ފޮޓޯއިން ފެންނަ، އަންވަރު ޚޯޖާ ބުނެފައި އޮވެއެވެ. "އަހަރުމެން އަލްބޭނިޔާ މީހުން، ކާނެ އެއްޗެއް ނެތަސް، އަހަރުމެންގެ ކޮމިޔުނިސްޓު އުސޫލުތަކެއް ދުލެއް ނުކުރާނެއެވެ."

އާދެ، އަންވަރު ޚޯޖާއަކީ މުސްލިމު އަޣުލަބިއްޔަތެއް އޮތް އަލްބޭނިޔާގައި، އެއްވެސް ދީނަކަށް އުޅުން މުޅިން މަނާކޮށް، ލާއިލާހިއްޔަތުގެ ދައުލަތެއް އަލްބޭނިޔާގައި އުފެއްދި މުސްތަބިއްދު ވެރިޔާއެވެ. އޭނާ 1985ގައި މި ދުނިޔޭ ދޫކޮށް ދަންދެން އަލްބޭނިޔާގައި ވެރިކަން ކުރިއެވެ.

މަތީގައި އޭނާ ބުނެފައިވާ ބުނުމަކީ ފަހަރެއްގައި ވެސް އަލްބޭނިއާގެ އެންމެން ނުވަތަ ގިނަ ބަޔަކު ގަބޫލުކުރާ ގޮތަކަށްވުން ލާޒިމެއް ނޫނެވެ، ނަމަވެސް، އެ ބުނުމަކީ އަލްބޭނިޔާގެ މީހުންގެ ކިބައިން އޭނާ ބޭނުންވި ގޮތެވެ. ކޮމިޔުނިސްޓުންގެ ގޮތުގައި ދެމިތިބުމެވެ.

މިފަދަ ހަގީގަތެއް ނެތް ޝިއާރުތައް، ތިމާމެންގެ އަމިއްލަ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ހަދައި އެންމެންގެ މައްޗަށް ފާކުރަން އުޅޭ ވެރިން، ހުރިހާ އިރެއްގައި ވެސް، އަބަދުވެސް، މަސައްކަތް ކުރެއެވެ. އާދެ، ހަގީގަތެއް ނެތް، ނުވަތަ އޭގެ ހަގީގަތަކީ ކޮބައިކަން ނޭނގޭ ރަންނާނި ޝިއާރުތައް ބޭނުން ކޮށްގެންނެވެ. ރަންނާނީއޭ ހެއްޔެވެ؟ ރަނގަބީލެއްހެން ތެޅޭ، އަޑެއް ނޫނީ އެހެން އެއްޗެއް އޭގައި އެކުލެވިފައިނުވާ ޝިއާރުތަކެވެ.

ޝިއާރުތަކުގެ ހަގީގަތަކީ ކޮބައިކަން ބަޔާންކޮށްދެވިއްޖެ ނަމަ، އޭގެ މައްޗަށް ވިސްނާލަން އެނގޭނެ ނޫން ހެއްޔެވެ؟ މިސާލަކަށް ފިކުރެކޭ ކިޔާއިރު، އެ ފިކުރަކީ ކޮބައިކަން، ދިރުވަން ބޭނުންވާ ހެޔޮ ފިކުރަކީ ކޮބައިކަން ސާފުކޮށް އެނގޭނެހެން ބުނެދީފި ނަމަ، އޭގެ ހެވާއި ނުބައާ މެދު ބުއްދީގެ ނަޒަރުން ކިރާލައި އެއްޗެއް ބުނަން އެނގޭނެ ނޫން ހެއްޔެވެ؟ ނަމަވެސް، އަންވަރު ޚޯޖާ ފަދަ ޚޯޖާއިން އެމީހުންގެ ޝިއާރުގެ ހަގީގަތް ބަޔާން ކޮށްދޭކަން ބޭނުމެއް ނުވާނެއެވެ. އެމީހުންގެ ހުރިހާ ވެސް ބޭނުމަކީ އެމީހުންގެ އަމިއްލަ އެދުން ހާސިލުކުރުމެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ވެރިކަމުގެ ގޮނޑިއާ ހަމައަށް ވާސިލުވުމެވެ. އެކަން ކުރުމަށް ގުރުބާން ނުކުރާނެ އެއްވެސް އެއްޗެއް ނޯވެއެވެ. އަމިއްލަ ޕާޓީއެވެ. އަމިއްލަ އުސޫލުތަކެވެ. އަމިއްލަ ދީނާއި ގައުމެވެ.

މިފަދަ ޚޯޖާއިންނަށް އެ މީހުންގެ އަމިއްލަ އެދުން ހާސިލުވާ ނަމަ އެކަން ވަނީ ކިހިނެއް ހެއްޔެވެ؟ އެ މީހުންގެ ފަހަތުގައި، އެފަދަ ޚޯޖާއިން ފަދައިން، އަމިއްލަ އެދުމުން ފޯވެފައިވާ، ބައަކު ތިިބީމައެވެ. މިފަދަ މީހުންނަކީ އެމީހުންގެ ލޯ ސަލާމަތުން ތިބި ބައެއް ނަމަވެސް، އެ މީހުންގެ އަމިއްލަ އެދުމުގެ ސަބަބުން އެމީހުންގެ ސިކުނޑިތައް ކަނުވެ، އެމީހުންގެ ސަލާމަތް ބުއްދި، ގެއްލިފައިވާ ބައެކެވެ. މީގެ އިތުރުން، އާންމުން، ހޭލުންތެރި ނުވެ، މިފަދަ ޚޯޖާއިންނާއި އެމީހުންނަށް ތަބާވާ މީހުންގެ އަމަލުތަކާއި ވާހަކަތަކަށް އަޅާނުލައި، ބީރު ކަންފަތެއް ދީ އެމީހުން ބޭނުން ގޮތަކަށް ކަންތައް ކުރަން ދޫކޮށްލައިގެން ތިބޭތީ ވެސް މެއެވެ. އެހެންވުމުން، މާނައެއް ނެތް ޝިއާރުތައް އުފުލަމުންދާ ޚޯޖާއިންނަށް އެމީހުން ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ މަގުފަހި ވެގެން ދަނީއެވެ. އާޚިރުގައި ކަން ނިމިގެންދަނީ މުޅި ޖަމާއަތަށާއި ގައުމަށް ބޮޑެތި ބޮޑެތި ގެއްލުންތައް ލިބިގެންނެވެ. އެތައް ސަތޭކަ މިލިޔަން ޑޮލަރު ދައްކާފައި އެއަރޕޯޓު މިނިވަން ކުރަން ޖެހުނު ގޮތް މިސާލަކަށް ފުދެއެވެ. ނަމަވެސް، ކީރިތި ގުރުއާނުގެ އިބާރާތެއް ބޭނުން ކުރާ ނަމަ، ބުނަން ޖެހެނީ وما يذكر إلا أولو الألباب، މިހެންނެވެ. އާދެ، ކިތަންމެ ވަރަކަށް ހަނދާންކޮށްދިން ނަމަވެސް، އެއިން ފައިދާއެއް ކުރާނީ ބުއްދީގެ އަހުލުވެރިަންނަށެވެ. ސިކުނޑި މަރުވެ، ބުއްދި ކަނުވެފައިވާ ބަޔަށް ކުރާނެ ފައިދާއެއް ނޯންނާނެއެވެ.