Support Us

ކޮމާންޑަރ އިސްމާޢީލް ދީދީ އެނގެނީ ކިހާވަރަކަށް؟

ދިވެހި ސިފައިންގެ ފުޓްބޯޅަ މުބާރާތް ތަޚުސީސްކުރެވިފައިވަނީ ދިވެހި އަސްކަރިއްޔާގައި ކޮމާންޑަރުކަން އެންމެ ފުރަތަމަ ކުރެއްވި ކޮމާންޑަރ އިސްމާޢީލް ދީދީއަށެވެ. މިގޮތުން 1994 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސިފައިންގެ އެންމެ ފޯރިގަދަ މުބާރާތް ކޮމާންޑަރ އިސްމާޢީލް ދީދީއަށް ދިވެހި ސިފައިން ތަޚުސީސްކޮށްފައި ވަނީ އެމަނިކުފާނުގެ އަސްކަރީ އަދި ޤައުމީ އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް، އެ އަގުހުރި ޤައުމީ ޚިދުމަތްތެރިޔާގެ ނަންފުޅު ދިރުވާ އާލާކުރުމަށެވެ.

ކޮމާންޑަރ އިސްމާޢީލް ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 1859 ޑިސެންބަރު 7 ވީ ބުދަ ދުވަހުއެވެ. އިސްމާޢީލް ދީދީގެ ބައްޕައަކީ ހޮޅުދޫ ނެވިގޭ ޙާޖީ ޙަސަން މަނިކު ނުވަތަ ދޮންކޮއްކޯގެ ދޮންމަނިކެވެ. މަންމައަކީ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ކައްދައިދީ (ޚަދީޖާ) އެވެ. ކޮމާންޑަރ އިސްމާޢީލް ދީދީގެ އެއްބަނޑު އެއްބަފާ ބޭފުޅުންނަކީ ބޭބެފުޅު ޢަލީ ދީދީއާއި ކޮއްކޯފުޅު ދޮން ދީދީ (ޒުލޭޚާ ދީދީ) އާއި ފާޠުމަތު ދީދީއާއި، މުޙައްމަދު ދީދީއާއި ޢަބްދުﷲ ދީދީއެވެ.

ކޮމާންޑަރ އިސްމާޢީލް ދީދީވަނީ ރާއްޖެއާއި ސްރީލަންކާއިން ތަޢުލީމު ހާސިލުކުރައްވާފައެވެ. މާލޭގައި ކިޔަވާ ވިދާޅުވީ އެދުރުގޭ ދޮށީ ތުއްތުގެ އަރިހުންނެވެ. ފަހުން ސްރީލަންކާގެ ގާއްޔަށް ވަޑައިގެން އިސްމާޢީލް ލައްބޭގެ އަރިހުން ޤުރުއާނާއި ދީނީ ތަޢުލީމު އުނގެނި ވަޑައިގެންނެވިއެވެ. އިނގިރޭސި ތަޢުލީމު ހާސިލުކުރެއްވީ ގާލީގެ ސަރުކާރުގެ ސްކޫލަކުންނެވެ.

ކޮމާންޑަރ އިސްމާޢީލް ދީދީއަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ ރަސްކަމުގެ ދެވަނަ ފަހަރު، މީލާދީން 1892 ވަނަ އަހަރުގެ އެޕްރީލު މަހުގެ 21 ވަނަ ދުވަހު ދިވެހި ސިފައިން އުފެއްދެއްވިއިރު ހުންނެވި ސިފައިންގެ ފުރަތަމަ ކޮމާންޑަރެވެ. މާލޭގެ ކަމުވޮށިވެގެންވާ ޢާއިލާތަކުގެ "ދީދީ"ންގެ އަށް ބޭފުޅެއްގެ މައްޗަށް "ސިފައިން" އުފެއްދެވީ ކީރިތި މަހާރަދުންނާއި ދިވެހި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދޭ ސެރެމޯނިއަލް ބައެއްގެ ގޮތުގައެވެ. އަދި ރަދުންނާއި ދައުލަތުގެ ސަލާމަތާއި ދިފާޢީ ލަޝްކަރުގެ ފައުޖެއްގެ ގޮތުގައެވެ. ސިފައިން އުފެއްދުމަށް މެދުވެރިވި މައިގަނޑު ސަބަބަކަށްވީ ކޮމާންޑަރ އިސްމާޢީލް ދީދީގެ ހުނަރުވެރިކަމާއި ލީޑަރޝިޕުގެ ދަށުން އާގަނޑުވަރުގައި ފަރިތަކުރަމުން ދިޔަ ފައިހަމަކޮށް ހިނގުމުގެ ހަރަކާތް ނުވަތަ ހެވިކަމާމެދު ނޫރައްދީން ރަދުން ހިތްޕުޅާ ހަމަކުރެއްވުމެވެ. ރާއްޖެއަށް ހެވިކަން ތަޢާރަފުކުރައްވައި ސިފައިންނަށް ހެވިކަން ދަސްކޮށްދެއްވި މުދައްރިބަކީ ވެސް ކޮމާންޑަރ އިސްމާޢީލް ދީދީއެވެ. އެމަނިކުފާނު ކޮމާންޑް ކުރެއްވީ އަމިއްލަފުޅަށް ހެއްދެވި ދިވެހި ކޮމާންޑްތައް ބޭނުންކުރައްވައިގެންނެވެ.

ކޮމާންޑަރ އިސްމާޢީލް ދީދީ ސިފައިންގެ ކޮމާންޑަރުގެ މަޤާމުގައި ގާތްގަނޑަކަށް ހަތް އަހަރު ޚިދުމަތް ކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި ސިފަވަންތަ ބައެއްގެ ގޮތުގައި ސިފައިން ބައްޓަންކުރެއްވުމަށް ކުރެއްވި މަސައްކަތާއި ސިފައިންގެ ބިންގާ ހަރުދަނާ ބިންގަލެއްގެ މަތީގައި ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރެވެއެވެ. ސިފައިންގެ ކޮމާންޑަރުގެ މަޤާމުގެ އިތުރުން ނޫރައްދީން ބަންޑާރައިގެން ސެކްރެޓަރީއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ކޮމާންޑަރ އިސްމާޢީލް ދީދީއަށްފަހު ސިފައިންގެ ކޮމާންޑަރުކަން ކުރެއްވީ ކޮމާންޑަރ އަތިރީގޭ ޢަބްދުﷲ ދީދީއެވެ.

ދިވެހި އަސްކަރިއްޔާގެ ކޮމާންޑަރުގެ މަޤާމު އަދާކުރެއްވުމަށް ފަހު ވެސް ދައުލަތަށް ވަރަށް އަގުހުރި އަދި އެހާމެ އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮމާންޑަރ އިސްމާޢީލް ދީދީ ކޮށްދެއްވިއެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ޚިދުމަތަކީ މީރުބަހުރުގެ މަޤާމުގައި ކުރެއްވި ޚިދުމަތްތަކެވެ. އެ ދުވަސްވަރު ޖައްރާފާ ބޭނުންކޮށްގެން މާލޭގެ އުތުރު ފަރާތު ފަޅުކޮނުމުގެ މަސައްކަތުގައި އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މީރުބަޙުރުގެ މަޤާމާއި އަމީރުލް ބަޙުރުގެ މަޤާމު ވެސް ފުރުއްވިއެވެ. އެހިސާބުން ފެށިގެން "މީރުބަހުރު އިސްމާޢީލް ދީދީ"ގެ ނަންފުޅުން މަޝްހޫރުވެ، އެ ނަންފުޅުން މުޚާޠަބު ކުރެވެން ފެށިއެވެ.

ޖައްރާފާ ބޭނުންކޮށްގެން މާލޭގެ އުތުރުފަރާތުގެ ފަޅުކޮނުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރެވުނުއިރު އެ މަސައްކަތުގެ އިސް ވެރިއަކަށް ރަދުން ހަމަޖެއްސެވީ މުރާލިކަމާއި ހީވާގިކަމުގައި ދެވަނައެއް ނެތް އަދި މަސައްކަތުގެ އާޖުފާޖު އޭރު އެންމެ ބޮޑަށް ދެނެވަޑައިގެން ހުންނެވި ކޮމާންޑަރ އިސްމާޢީލް ދީދީއެވެ. ޖައްރާފާ މީހުން ބޭނުންކޮށްގެން އެ މަސައްކަތް ކުރެވުނު ދުވަސްވަރު ޖައްރާފާ މީހުންނަށް ފެތުމާއި ކަސްރަތު ހިމެނޭހެން ހެނދުނާއި ހަވީރު ތަމުރީނު ދެއްވައި އެބައިމީހުންނަކީ ޖެހިލުންކުޑަ، ހިތްވަރުގަދަ ބައެއްގެ ކަމުގައި ހެއްދެވިއެވެ. އެ ދުވަސްވަރު މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ޖައްރާފާ މީހުން ފޮނުއްވައިގެން އަލިފާން ނިއްވުމުގެ ޚިދުމަތް ކޮމާންޑަރ އިސްމާޢިލް ދީދީ ފެށްޓެވިއެވެ. ދިވެހިރާއްޖޭގައި ދައުލަތުގެ ފަރާތުން ރަސްމީ ސިފައެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދެވޭނެ ގޮތާއި ނިޒާމެއް އެކުލަވާލައްވައި އެ ޚިދުމަތް ފެށްޓެވި ބޭފުޅަކީ ކޮމާންޑަރ އިސްމާޢީލް ދީދީއެވެ. މީގެ އިތުރުން ކޮމާންޑަރ އިސްމާޢީލް ދީދީ ވަނީ ދިވެހިތާރީޚު ދިރާސާކުރެއްވި އެޗްސީޕީ ބެލްގެ ތަރުޖަމާނެއްގެ ގޮތުން ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ. ބެލްގެ އަރިހުގައި ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ދިވެހި ތާރީޚަށް އެ ކޮށްދެއްވި ޚިދުމަތާއި ބެލްއަށް ފޯރުކޮށްދެއްވި އެހީތެރިކަން ބެލްގެ ތާރީޚު ފޮތުގައި ވަނީ ފާހަގަކޮށް ކޮމާންޑަރ އިސްމާޢީލް ދީދީއަށް ޝުކުރު ދަންނަވާފައެވެ.

ކޮމާންޑަރ އިސްމާޢީލް ދީދީއަކީ މާލެއަށް ކުރިމަތިވި ބޮޑުވިއްސާރައާއި ބޮޑުރޯގާގެ ދުވަސްވަރު ވެސް ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި އާދަޔާ ޚިލާފު ހިތްވަރެއް ދެއްކެވި ބޭފުޅެކެވެ. މިގޮތުން އެންމެފަހުން އިންފުލްއެންޒާގެ ޝިކާރައަކަށް ވެވަޑައިގެން ހޭފުޅުނެތިގެން މަގުމައްޗަށް ވެއްޓިވަޑައި ގަންނަންދެން ވެސް ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި އެހީތެރިވެ ދެއްވުމުގައި ސާބިތުވެ ހުންނެވިއެވެ.

ކޮމާންޑަރ އިސްމާޢީލް ދީދީއަކީ ދައުލަތުން އެދިވަޑައިގެންނެވި ކޮންމެ ކަމެއްގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވި އަދި ވަރަށް ފުރިހަމަ ލީޑަރޝިޕެއް ދެއްކެވި ނަމޫނާ ޝަޚުޞިއްޔަތެކެވެ. މިގޮތުން މީލާދީން 1909 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ބަދަލުކޮށްލުމަށް ގެންނަން އުޅުނު މަޝްހޫރު "ގޯދީރާޖާގެ ނާކާމިޔާބުވި ބަޣާވާތް" ނާކާމިޔާބު ކޮށްލެއްވުމުގައި އަދާކުރެއްވި ދައުރު ފާހަގަ ކުރެވެއެވެ. އެ ހަނގުރާމައިގައި ދިވެހި ލަޝްކަރުގެ ކޮމާންޑަރަކަށް ރަދުން ހަމަޖެއްސެވި ހިސާބުން ކޮމާންޑަރ އިސްމާޢީލް ދީދީ ވަރަށް ފުރިހަމައަށް ތައްޔާރުވެ ވަޑައިގަތެވެ. ދިވެހި އަސްކަރިއްޔާގެ ކޮމާންޑަރުކަމުގައި އެހެން ބޭފުޅަކު ހުންނަވަނިކޮށް، ހަތިޔާރުއެޅި ޕިޗޯރީ ކުލީ ސިފައިންނާ ދެކޮޅަށް ހަނގުރާމައަށް ފޮނުއްވި ކަނޑުމަތީގެ ލަޝްކަރުގެ ކޮމާންޑަރަކަށް، ކޮމާންޑަރ އިސްމާޢީލް ދީދީ ހަމަޖެއްސެވުމާއި އެ ޒިންމާ މަތިކުރެއްވުމުން އެކަން ހެޔޮހިތުން ޤަބޫލުކުރެއްވި ކުރެއްވުމަކީ އެ މަނިކުފާނު އަސްކަރީ ޤާބިލުކަމާއި ލީޑަރޝިޕުގެ ހަރުދަނާކަމާއި ހިތްވަރާއި ޢަޒުމުގެ ވަރުގަދަކަން އަންގައިދޭ ވަރަށް އަލިގަދަ ދަލީލެކެވެ.

އެ ދުވަހު ބަނޑޭރިގޭ ދޮރޯށީން ނުކުމެގެން ފުރަން ނިކުން ހިތްވަރުގަދަ ލަޝްކަރުގެ ވެރިޔަކަށް ހުންނެވި ދިވެހި ދައުލަތަށް ނުހަނު ވަފާތެރި، ކޮމާންޑަރ އިސްމާޢީލް ދީދީ ހިތްޕުޅަށް ގެންނަވާށެވެ. ހަރުކޮށް ހިންގަވާފައި ވަޑައިގެންނެވިއިރު ދެއަތް ހެއްލެމުން ދިޔައީ އިހުނަށްވުރެ އަރިކަށްޓާ މާބޮޑަށް ވެސް ފެއިންނެވެ. އެ ޝަޚްސިއްޔަތުގެ ލޮލުގައި ހުންނަ މީހުން ޖެހިލުންވާ އަސަރު އެ ދުވަހު މާގަދައަށް ވިދަވިދާ ހުއްޓެވެ. މޫނާއި ކަދުރާއިން ހިއްލަމުންދިޔަ ދާތަކުން ވެސް ކިޔައިދެނީ އެ ހިތުގައި ޖަހަމުން ދިޔަ ޤައުމީ ލޯބީގެ ވިންދާއި ޢަޒުމާއި ހިތްވަރެވެ. ޖޯޝާއި ފަންވަރެވެ. އެ ދޮން މޫނު ވަނީ އެއްކޮށް ރަތްވެފައެވެ. އެ މޫނުން ފެންނަމުން ދިޔައީ ކޯފާގެ އަސަރުތަކެވެ. އެ އަސަރުތައް ހިލިގެން އެ އަންނަނީ ޙުއްބުލްވަޠަން ނުވަތަ ޤައުމީ ލޯތްބާއި ޤައުމީ ރޫޙުގެ ސަބަބުންނެވެ. އެ ނުގުޑާފަދަ ވަރުގަދަ ޢަޒުމުގައި ވަޑައިގެން އެ ހަނގުރާމައިގައި ދުޝްމަނުން ބަލިކުރައްވައި ދިވެހީންނަށް ނަޞްރު ހޯއްދަވައިދެއްވިއެވެ. އަދި ދުޝްމަނުން ހައްޔަރުކޮށްގެން މާލެ ގެނެސް މާލޭގައި އެ މީހުން ބެލެހެއްޓުމާއި، އެ މީހުންގެ ޤައުމަށް ޑީޕޯޓުކުރުމަށް އެ ޤައުމަށް ގެންދިއުމުގެ ޒިންމާ ވެސް އުފުއްލެވީ ކޮމާންޑަރ އިސްމާޢީލް ދީދީއެވެ.

ކޮމާންޑަރ އިސްމާޢީލް ދީދީއާ ބެހޭގޮތުން ދިވެހި ޖުމްހޫރިއްޔަތުގެ ބާނީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވެއެވެ. "ތެދު ދެކެ ލޯބިވާ އެކަކަށްވެސް އިންކާރު ނުކުރެވޭނެއެވެ. އަލްފާޟިލް އަލްޙާއްޖު މީރުބަހުރު އިސްމާޢީލް ދީދީއަށްވުރެ ވަކީން ތެދުވެރި، ވަކީން ވަފާތެރި، ވަކީން ކެރޭ ޚާދިމުން ދިވެހި ދައުލަތް ދެކެފައިވާނަމަ ދެކިފައި ހުންނާނީ ވަރަށް ވެސް މަދުންނެވެ. އޭނާއަށް ޓަކައި ދިވެހި ޤައުމު ފަޚުރުވެރިވުން ޙައްޤުވެގެންވަނީ ނިހާޔަތުގެ ދަރަޖައަށެވެ."

ކޮމާންޑަރ އިސްމާޢީލް ދީދީ އަވަހާރަވީ އުމުރުން 83 އަހަރުފުޅުގައި، 1943 މޭ 10 ވަނަ ދުވަހުއެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގައެވެ. އެ މަރުޙޫމުގެ ފުރާނަށް މާތްﷲ ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށް ދެއްވާށިއެވެ. އަދި އެ އަގުހުރި ޤައުމީ ޚިދުމަތުގައި ބަރަކާތްލައްވައި، ތަފާތު ގިނަ ދާއިރާތަކުން އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ދިވެހި ދައުލަތަށް ކޮށްދެވި އެ ޚިދުމަތް ތަކުގެ ޒިކުރާ އަބަދު ވެސް އާލާވަމުން ދިއުމުގެ ހެޔޮ ތަޢުފީޤު މިންވަރުކޮށް ދެއްވާށިއެވެ. އާމީން!

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *