ދެމިތުރުން ހަތުރުވެރި ކުރުވާ ކަމެއް ކަމުގައި ވެޔޭ ވެރިކަން
ހެމުން ހިނިތުންވި މާޒީ ވެސް ހަނދާން ނައްތާ ލަޔޭ ވެރިކަނ
އަދަކު ނޫން އިއްޔެވެސް ފެންނަން ހުރީ ތާރީޚްގައި ފެވިފައި
ބަދަހި ގުޅުމާ ތިމާގެކަމާ މުލުން ލުއްސާލިކަން ވެރިކަން
ހުޅަނގު ރޯމަންގެ ސީޒަރު ހަށިކޮޅަށް ފަހަތުން އެދިން ޙަމަލާ
ހުޅަނގު މީހުންމެ ތަހުޒީބަސް ދެޔޭ ދައްކައި ދެކޮޅުވެރިކަން
ދިވެހި ވެރިކަން އެތައް ނިމުމާ ގުޅޭ ނާއިބު ރައީސުންނާ
ރިވެތިކޮށް ފެންނަ ހެކިތަކުގައިވަނީ ބޭނުންވުމޭ ވެރިކަން
ޒަމާނެއް ނެތް ތަޅާ ނުފޮޅާ ރިޔާސީ ފިތުނަ ވެރިކަމުގައި
ނަމާ އަބުރަށް ގަދަރަކަށް ވެސް ބަލައި ނުލަޔޭ އަދައި ވެރިކަން
މޮޅީ ފިތުނައިގެ އޮއިވަރުގައި ދަމައި ގެންދާކަމޭ އެންމެން
ގޮޅީކުޑަ ބަންދު ވީނަމަވެސް ނުކުމެ ވައްޓާލަޔޭ ވެރިކަން
މަދުންފެނުނަސް ބައެއް ޝަޚްޞުން ފަދަވެ ގާނދީ، އެ މަންޑޭލާ
ލަދުން ނަމަވެސް ދުރަށް ނުދެޔޭ އެކަކުވެސް އެދިއުޅޭ ވެރިކަން
