Support Us

ކޮލަމް ކޯދު: މީސްތަކުން ދުރުވެ، އެކަނިވެރިވުން

ތިރީގައި ހުށަހަޅާލެވިފައި އެ ވަނީ އެމެރިކާގެ 19 ވަނަ ގަރުނުގެ މަޝްހޫރު ޅެންވެރިއެއް ކަމުގައިވާ އެލާ ޥީލަރ ޥިލްކޮކްސްގެ (1919 ނިޔާވީ،) އެންމެ މަޝްހޫރު އެއް ޅެން ކަމަށްވާ 'ސޮލިޓިޔުޑް’، މި ޅެމުގެ ދިވެހި ތަރުޖަމާއެކެވެ. (ޅެމުގެ އަސްލު ތިރީގައި ފެންނަން އެ އޮތީއެވެ.)

އޭނާ މި ޅެން ލިޔުނީ އޭނާ ކުރި ދަރުތެއްގައި ދިމާވި ހުވަފަތް އަންހެނެއްގެ ހިތާމަވެރިކަން ފެނިފައެވެ. ބުނެވޭ ގޮތުގައި އޭނާގެ މުޅި އެ ދަތުރު ހޭދަކުރީ އެ އަންހެން މީހާ ހިތްހަމަ ޖައްސުވައިދެވޭތޯ ބެލުމުގައެވެ. ދަތުރަށް ފަހު، އެލާއަށް އެ އަންހެން މީހާގެ މަތިން ހަނދާން ނައްތާ ނުލެވުނެވެ. ނަތީޖާއަކަށްވީ މި ޅެން ލިޔުމެވެ.

ހޭށެވެ! އޭރުން މުޅި ދުނިޔެ ވެސް ކަލެއާ އެކު ހޭނެއެވެ.

ގިސްލައި ރޯށެވެ! ގިސްލައި ރޯންޖެހޭނީ ކަލޭ އެކަނިމާއެކަންޏެވެ.

އެހެނީ (އެހެން މީހުންގެ އުފާތަކުން) އުފާ، ދުވަސްވީ މުސްކުޅި ދުނިޔެ ހޯދައި ލިބިގަންނަން ޖެހެއެވެ.

ނަމަވެސް، އެއަށް އުފުލަން ޖެހި ފުދިިފައިވާ ވަރަށް، އުނދަގޫތައް، ދުނިޔެއަށް ލިބިގެން ވެއެވެ.

ލަވަކިޔާށެވެ! (އެ ލަވަތައް އަޑުއަހައި) ފަރުބަދަތައް ވެސް، ޖަވާބު ދޭނެއެވެ.

ހިތާމައިގެ ފުން މާނޭވާއެއް ލާބަލާށެވެ! އޭގެ އަޑު ޖައްވުގެ ތެރެއަށް އަރައި ގެއްލި ދެއެވެ.

އުފާވެރި އަޑެއް ނަމަ، އޭގެ ރައްދު އަޑު އެނބުރި އާދެއެވެ.

ނަމަވެސް، އަޅާލުމުގެ އަޑަކަށް އެދެވި، އިއްވާލެވިއްޖެ ނަމަ، ބިރުހީވެ، އެ އަޑާ ފެއަށް ޖެހެވެއެވެ.

ކަމަކާ މެދު އުފާ ފާޅުކުރާށެވެ! މީސްތަކުން ކަލޭ ހޯދަން އަންނާނެއެވެ.

ދެރަވެ، ހިތާމަކޮށްބަލާށެވެ! މީސްތަކުން އެނބުރި ދާނެއެވެ.

އެހެނީ، ކަލޭގެ އުފަލުން (އެމީހުން ލިބެން އޮތް) އެންމެ މަތީ ދަރަޖައެއް އެ މީހުން ބޭނުންވެއެވެ.

ނަމަވެސް، ކަލޭގެ ހިތާމަތަކުން އެއްވެސް އެއްޗެއް އެމީހުން ބޭނުމެއް ނުވެއެވެ.

އުފާކޮށް ހަމަޖެހިފައި ހުންނާށެވެ! އޭރުން ކަލޭގެ ވަރަށް ގިނަ ރައްޓެހިން ތިބޭނެއެވެ.

ދެރަވެ ހިތާމަކުރުމުގައި ހުންނާށެވެ! އޭރުން އެ ހުރިހާ ރަހުމަތްތެރިން ކަލެއަށް ގެއްލޭނެއެވެ.

ކަލޭގެ މާމުއި މީރު ބުއިންތައް ބޯން އިންކާރު ކުރާނޭ އެކަކު ވެސް ނުހުންނާނެއެވެ.

ނަމަވެސް، ކަލޭގެ ހަޔާތް މެދުވެރިކުރުވާ ހިތި ހަބަރުގެ ބުއިންތައް ބޯންޖެހޭނީ ހަމަ ކަލޭ އެކަންޏެވެ.

ޖާފަތް ބާއްވައި ކެއުންތައް ތައްޔާރުކުރާށެވެ! އޭރުން ކަލޭގެ ހޯލުތައް އޮންނާނީ ފުރިފައެވެ.

ނަމަވެސް، ކާނޭ އެއްޗެއް ނެތި ބަނޑަށް ހުރެބަލާށެވެ! ދުނިޔެއަށް ކަލޭ ނުފެނި، ކަލޭ ކައިރިން ހިނގައިފައި ދާނެއެވެ.

ކާމިޔާބު ހޯދައި، އެހީތެރިކަން ފޯރުކޮށްދޭށެވެ! ކަލޭ ދިރިހުރުމަށް އެކަން އެހީވެދޭނެއެވެ.

ނަމަވެސް، ކަލޭ (ނިކަމެތިވެ) މަރުވަަމުން ދާއިރު ވެސް، އެހީއެއްވެ ދޭނޭ އެކަކުވެސް ނުހުންނާނެވެ.

އުފަލާއި މަޖާ ކުރުމުގެ ހޯލުތަކުގައި ޖާގަ އޮވެއެވެ.

ސާހިބުވަންތަ (ބޮޑެތި ބޮޑެތި) ބޭބޭކަލުންގެ ބޮޑެތި ރޭލުތަކަށެވެ.

ނަމަވެސް، ދާން ޖެހެނީ، ވަކިވަކިން، މީހަކަށް ފަހު މީހެއް ސަފު ހަދައިގެން އެކަންޏެވެ.

ވޭނީ ހިތާމަތަކުގެ ހަނި މަގުތަކުން ހިނގާފައި ދާންޖެހޭ އިރުއެވެ.