...

Support Us

ކޮލަމް ކަލާވެހި: ތާރު އެޅި މަގަކުން ހިނގައިލައިފައި ގޮސް، އަރާމު ނިންޖަކުން ދޮންމަނިކަށް ގޭގައި ނިދޭނީ…

ޚިޔާލީ ފޮލަޔެއްގެ ފޮނިމީރުކަމުގެ އެންމެ މަތީ ލައްޒަތުން އުފާ ލިބިގަންނަމުން ދިޔަ، ދޮންމަނިކުގެ ދޮންމަނިކަށް އޮވެވުނީ، އެހައި އަރާމު ނޫނަސް، ބާވަތަކުގެ ނިންޖެއްގައެވެ. ނިދީގައި އޭނާޔަށް ފެންނަމުންދިޔަ ހުވަފެނުން ހޭލެވެމުން ދިޔައިރު ޒާތެއްގެ ދެބަދޭތެރެޔެއް ވެލައި އޮވެ، ހިތަށް އެރިއެވެ. އެ ބޭފުޅާ އެ ވިދާޅުވަނީ ހަމަ ތެދުފުޅެކެވެ. ތާރު އެޅި މަގަކުން ހިނގައިލައިފައި ގޮސް، ގޭގައި އަރާމު ނިންޖަކުން ނިދައިލުމުގެ ފުރުޞަތަކީ މިއަދު ދިވެހީންގެ ހަމަ ކޮންމެ މީހަކަށްވެސް ލިބެން ޖެހޭނޭ ފުރުޞަތެކެވެ. އެކަމަކު އެއީ އަހަރެންނަށް އެކަނި ފެންނަ ފެނުމެއް ކަމަށް ވަންޏާ، ދެން ކަންވާނީ ކިހިނަކުން ބާވައޭ ދޮންމަނިކުގެ ހިތަށް އަރައިފައިބަމުން ދިޔައެވެ.

ދޮންމަނިކަށް އެ ހީވީ ހަމަ ރަނގަޅަށެވެ. އަޑިގުޑަންކޮށް އޮތް، ވާރޭ ފޮދެއް ވެހިއްޖިއްޔާ ކިސަޑުގެ ކޯރަކަށް ބަދަލުވާ މަގުގައި ތާރު ފަށަލައެއް ލެވުނަސް، އަދި އެހިސާބުން ނުނިމޭނޭކަން އެނގެނީ ހަމައެކަނި އޭނާޔަކަށް ނޫނެވެ. ގެޔަށް އަންނަން ހިނގާން އޮތް މަގު ކިތަންމެ އޮމާންވެފައި ހަލިވިޔަސް، އެވަރަކުން ޙަޔާތުގެ އެންމެހައި މައްސަލަޔެއް ހައްލެއް ނުވާނެއެވެ. ހަރުކޮށްފައި އެ ހުންނަ މަގުބައްތިތަކުން މުޅި ހިސާބު އަލިވިޔަސް، ދިރިއުޅުމުގެ ކަންކަމަށް އެޅިފައި ހުންނަ އަނދިރި ހިޔަނިތަކެއްވެސް ނުފިލާނެއެވެ. އެހެނީ، ތިމާގެ ބާރު ފޯރާފަށުން ބޭރުން ހިނގާ ކަންކަމުން މީހެއްގެ ހިތާއި ހަށިގަނޑާއި ޒަމީރާއި އުންމީދުތައް ކަމީނާކޮށް ބަލިކުރަންޏާ، މަގެއްގެ ހަލިކަމަކުން، މަގުބައްތިޔެއްގެ އަލިކަމަކުން، ނުވަތަ އެނޫންވެސް ޢުމްރާނީ ކަމަކުން ތިމާގެ ރޫޙަކަށް ލިބޭނޭ ކުޑަވެސް އަރާމެއް، ނިދޭނޭ ފޮނިފޮނި ނިންޖެއް، ހަމަ އެއްގޮތަކަށްވެސް ނޯންނާނެއެވެ.

މިދަންނަވާ ދޮންމަނިކާއެކު ނިކަން ވިސްނާވަޑައިގެންބައްލަވާށެވެ!

ތިމާގެ އަމިއްލަ ޤައުމުގެ އެންމެ އަގުބޮޑު ޤުދުރަތީ ވަޞީލަތް ކަމަށްވާ، ޤައުމުން ބޭރުން ޤައުމަށް ފައިސާ ވައްދައިދޭ ވަޞީލަތް ކަމަށްވާ، ޤައުމުގެ ފަޅުރަށްތަކާއި، ފިނޮޅުތަކާއި ފަޅުތަކުގެ ޙަޤީޤީ މިލްކުވެރިކަން ބިދޭސީން ހަދާނޭ ގޮތެއް ހަދާން ހިތަކަށް ދޫވެފައި އޮންނަކަން އެނގޭ މީހެއްގެ ހިތުގައި އެކަމުގެ ބުއްދިވެރިކަމާމެދު ކުދިކުދި ސުވާލު ނަމަވެސް ނުއުފެދި ހިނގައިދާނެތޯއެވެ؟ ދެން، އެފަދަ ބިދޭސީން ނަގައިފައި، މިދެންނެވި ވަޞީލަތްތަކުގެ ބާރުވެރި އަދި މިލްކުވެރިކަމުގައި ތިބި ދިވެހީންގެ ޢަދަދު ދެއަތުގެ އިނގިލިތަކުން ގުނައިފިއްޔާ އިނގިލި ބާކީވާހާވެސް މަދުކަން އެނގޭ މީހާގެ ހިތުގައި އެކަމުގެ ޢަދުލު އިންސާފާ މެދު އުފެދޭ ސުވާލުތަކެއް ދޮންމަނިކުގެ ހިތުގައި ހަމަ ނުއުފެދޭނޭ ތޯއެވެ؟ އެ ފަޅުރަށްތަކާއި ފިނޮޅުތަކާއި ފަޅުތައް އެ މީސްމީހުންނަށް ލިބުނީ މިނިވަން ދުނިޔޭގެ ތިޖާރީ ހަމަތަކުން ބަލައިފިއްޔާ ހަމަޔާއި އިންޞާފުންތޯވެސް އޭނާ ސުވާލުކުރާނެ ނޫންތޯއެވެ؟ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބީލަމަށްލައިގެން ވިހި އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރި ރަށްތައްވެސް ދޫކުރެވުނީ އިންޞާފުންތޯ އަހައިލުމުގެ ޖާގަ އޭނާޔަށްވެސް އޮންނާނޭ ނޫންތޯއެވެ؟ އަދި އެ ރަށްތައް ދޫކުރެވުނީ އިންޞާފަކުން ނޫނޭ ކިޔައިގެން ބަޔަކު ކޯޓުތަކަށް މައްސަލަތަކެއް ވެއްދިނަމަ ނަމަ، މިހައި ދުވަސް ވީ އިރު އެ ހުރިހައި މައްސަލަތަކެއް ޙައްލުވެ، ނިމިއްޖެތޯވެސް އޭނާޔަށް ސުވާލުކުރެވިދާނެ، އެހެން ނޫންތޯއެވެ؟ އަދި އޭގެ ކުރީން ދޫކޮށްފައި ހުރި ފަޅުރަށްތަކާއި ފިނޮޅުތަކާއި ފަޅުތައް ދޫކުރެވުނީ ކޮން އުޞޫލުތަކަކުންތޯވެސް ސުވާލު ކުރެވިދާނެ، އަޅެ ނޫންތޯއެވެ؟

ދޮންމަނިކުގެ ހިތް އެވަރަކުވެސް ނުފުރެއެވެ. ސުވާލުތައް ވަމުން ދިޔައީ ހައްތާ ގިނައެވެ.

ދެން އެންމެ ރަނގަޅޭ، ވިހި އަހަރަށް ބީލަމަށް ލައިގެން ދޫކުރި ފަޅުރަށްތައް ދޫކުރިތާ ވިހި އަހަރު ވީމައި ދެން އެ ރަށްތައް އަނެއްކާވެސް ބީލަމަށް ލުމަކީ ބައިނަލް އަޤްވާމީ ތިޖާރީ ހަމަތަކުގެ 'ބެސްޓް ޕްރެކްޓިސް' ނޫންހޭވެސް ދޮންމަނިކަށް އަހައިލެވިދާނެ ނޫންތޯއެވެ؟ އެކަމަކު، އެ ރަށްތައް ދޫކުރި މުއްދަތާއި، އޭގެ ކުރީންވެސް ދޫކޮށްފައި ހުރި ރަށްތަކުގެ މުއްދަތު، ފުރަތަމަ ފަންސާސް އަހަރަށް، ދެން އަނެއްކާ އޭގެ ފަހުން އޮނަސައްތަ އަހަރަށް ދަންމައިލިއިރު އެ ރަށްތަކުގެ ޙަޤީޤީ މިލްކުވެރީން ކަމުގައިވާ، މިރާއްޖޭގެ ޢާންމު ރައްޔިތުންގެ ޢާންމު ޚިޔާލެއް އެކަމުގައި ހޯދި ބާވައޭ ވެސް އަހައިލެވިދާނެ، އެހެންނޫންތޯއެވެ؟

މިހިސާބަށް ޚިޔާލުގެ އަސް ސުވާލުތަކައިގެން ދުއްވައިގެން އިރު، ދޮންމަނިކުގެ ނިދި މުޅީން ފިލައިފިއެވެ.

ދެން އެންމެ ރަނގަޅޭ، ދޮންމަނިކު ހިތަށްއެރިއެވެ. މި ރާއްޖޭގެ ފަޅުރަށްތަކާއި ފިނޮޅުތަކާއި ފަޅުތަކަށް ދާންދެން ބިދޭސީންގެ އަތްމަތީގައި، އަދި ދިވެހީންކުރެ ވަރަށް މަދު ބިލިޔަނަރުންކޮޅެއްގެ އަތްމަތީގައި އެބަހުއްޓެވެ. އަދި އެ ފަޅުރަށްތަކާއި ފިނޮޅުތަކާއި ފަޅުތައް ހިއްކައިގެންނާއި ނުހިއްކައި، ގަމުކޮޓަރިތަކާއި މޫދުކޮޓަރިތައް އަޅައިފައި އެބަހުރި މެއެވެ. އެކަމަކު އަނެއްކާވެސް ދޮންމަނިކުގެ ކުރިމައްޗަށް އެހެރަ އަންނަން ފެށީ އެއްކަލަ ކަހަލަ ސުވާލުތަކެކެވެ. މުޅި ދުނިޔެއިން އަންނަ މެހުމާނުންނަށް ނުލާހިކު ބޮޑު އަގުގައި ވިއްކައިގެން ލިބޭ ފައިސާޔަށް ވަނީ ކީއްބާވައެވެ؟ އެ ފައިސާ ވަންނަނީ ރާއްޖޭގެ ބެންކުތަކަށް ބާވައެވެ؟ ނޫނީ ދައުލަތުގެ ބައިތުލްމާލަށް ބާވައެވެ؟ އެ ފައިސާއިން ދިވެހީންނަށް ލިބޭންވާ ބައި، ޔަޢުނީ ޓެކްސް، ހަމަޔަށް ލިބޭ ބާވައެވެ؟ އެހެންނޫނީ، ޓެކްސް ދައްކަނީ އެ ތަންތަން އަހަރުދުވަސް ކުރިޔަށްލައި، 365 ދުވަސް ގަނޑުކޮށް، ހެޔޮ އަގުގައި ބޭރުގެ ކޮންމެވެސް އެޖެންސީޔަކަށް ވަރަށް ކުޑަ އަގަކަށް ވިއްކައިލައިފައި ޓެކްސް ދައްކަނީ އެ އަގުން ބާވައެވެ؟ އެހެންކަމަށް ވަންޏާ، އެކަހަލަ ބޭރު އެޖެންސީތަކުގެ ހިއްޞާދާރުންނަށްވެސް ތިބެނީ ހަމަ އެ ރިސޯޓުތަކުގެ ވެރީން ބާވައެވެ؟ ކަން އޮތީ އެހެންކަމަށް ވަންޏާ، އެއީ ހަމަ ދުނިޔޭގެ ތިޖާރީ ހަމަތަކުން ރަނގަޅުކަމެއް ބާވައެވެ؟ އެކަހަލަ ކަންކަން ހިނގައިތޯ ބަލައި، ފިޔަވަޅު އަޅާނޭ ބަޔަކު މިތާނގައި ނެތީ ބާވައެވެ؟

އެކަމަކު އަހަރެން މިއީ ކާކުހޭ ދޮންމަނިކު ހިތަށްއެރިއެވެ. މާލީ އަދި ތިޖާރަތުގެ ދާއިރާއިން ޑޮކްޓަރުފާސް ނަގައިގެން އުޅޭ ކިހައި ގިނަ މާހިރުންނެއް މިޤައުމުގައި އެބަ އުޅޭހޭ މަނިކު ހިތަށްއެރިއެވެ. ބޮޑެތި ވަޒީފާތަކުގައި ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަތައް ނަގައިގެން އެކަހަލަ ކަންކަން ބެލެހެއްޓުމުގެ ޒިންމާޔާ ޙަވާލުވެގެންވެސް އެކަހަލަ ޤާބިލް ކިތަކަށް މީހުން އެބައުޅޭ ބާވައޭވެސް މަނިކު ހިތަށްއެރިއެވެ. އަދި އެ މީސްމީހުން އެމީސްމީހުންގެ ފަރުދީ، އިޖްތިމާޢީ، ޤާނޫނީ، އަދި ޤައުމީ ވާޖިބު އެބަ އަދާކުރޭ ބާވައޭވެސް ދޮންމަނިކުގެ ނިކަމެތި ހިތަށް އެރިއެވެ.

ދޮންމަނިކުގެ ހިތަށް ދެން އަރަންފެށީ ހަމަ އެކަމާ ގުޅޭ އެހެން ޚިޔާލުތަކެކެވެ. އެ ޚިޔާލުތަކާ ގުޅޭ ސުވާލުތަކެއް މެއެވެ. އެއީ، އެމެރިކާ ކަހަލަ ތަހުޒީބުކަމަށް ކިޔާ ޤައުމުތަކުގައި ގެންގުޅޭ ކަހަލަ، ' ޓެކްސް އޮން ފޮރިން އަރންޑް އިންކަމް' ނުވަތަ ޤައުމުގެ ރައްޔިތުން ޤައުމުން ބޭރުގައި އެކި މުޢާމަލާތް ހިންގައިގެންނާއި މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ޓެކްސް ނެގުމަކީ މި ރާއްޖޭގައި ކުރާ ކަމެއް ބާވައޭއެވެ. އަދި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ހޯދާ ފައިސާ ނުވަތަ އެ ފައިސާއިން އެކަށީގެންވާ އިންސައްތައެއް ރާއްޖޭގެ ބެންކުތަކުގެ ނިޒާމުގެ ތެރެއިން ރޯލުކުރަން ޖެހުން އެއީ އޮންނަ ކަމެއް ބާވައޭއެވެ. އެއީވެސް ދުނިޔޭގެ ތަހުޒީބު ބައެއް ފަރާތްތަކުން ތާއީދުކުރާ ކަމެއް ބާވައޭއެވެ. ނުވަތަ ރާއްޖޭގެ އެއްޗެއް ރާއްޖޭން ބޭރުގައި ވިއްކާ ނަމަ، އެ ވިއްކާ އެއްޗެއްގެ އަގުގެ ގޮތުގައި ލިބޭ ފައިސާ ނުވަތަ އެ ފައިސާއިން އެކަށީގެންވާ އިންސައްތައެއް ބޭރު ފައިސާގެ ގޮތުގައި ރާއްޖޭގެ މަރުކަޒީ ބެންކާ ޙަވާލުކޮށްފައި، އެ ފައިސާއަށް ރަސްމީ ރޭޓުން ޖެހޭ ދިވެހި ރުފިޔާ އެ ވިއްކި ފަރާތަށް ލިބޭ ކަހަލަ ޤަވާޢިދެއް މިރާއްޖޭގައި އޮވޭ ބާވައޭއެވެ. މިކަންކަން ހަމަޖެހިފައި ނެތް ނަމަ ކަންކަން އެ މަގުމަގުން ހިންގަން ރާއްޖޭގެ މާލީ މުއައްސަސާތަކަށް ލަފާދޭ، ދުނިޔޭގެ އެކި ޖަމުޢިއްޔާތަކުން ހަމަ ނުދެނީ ބާވައެވެ؟ ނުވަތަ އެ ފަދަ ލަފާ ދިނަސް، އެޔަށް އަނެއްކާ ބީރު ކަންފަތެއް ދެވެނީ ބާވައެވެ؟ ސުވާލެވެ. ހައްތާވެސް ސުވާލެވެ.

ޖަވާބުތައް ވީ ތަނެއް، ކަނޑެއް، ފަޅެއް، މޫދެއް، ފިނޮޅެއް، ފަޅުރަށެއް، ދޮންމަނިކަކަށް ހަމަ ނޭނގުނެވެ.

ދޮންމަނިކު މިރޭވެސް ގެޔަށް އައީ އަހަރީ މި މޫސުމަށް އަލަށް ތާރުއެޅި މަގަކުންނެވެ. އެކަމަކު އަރާމު ނިންޖަކާ އޭނާޔާ ދޭތެރެޔަށް ވަދެ ހުރަސް އެ އަޅަނީ އެއްކަލަ ކަހަލަ އެތަކެއް ސުވާލެވެ.

ކުރު މުއްދަތާއި ދިގު މުއްދަތުގެ ބޮންޑު ރާއްޖޭނެ ބޭރަށް ވިއްކައިގެން ދެކޮޅުޖެއްސޭތޯ ބެލުމުގެ ހުވަފެން ދުށުންތޯ ރަނގަޅީ، ނެތް ފައިސާ ޗާޕުކޮށްގެން ޗަލުވާލެވޭތޯ ބެލުންތޯ މޮޅީ، މިހިރިމިހިރީ ދޮންމަނިކު ކަހަލަ މާލީ ޑޮކްޓަރުކަމުގެ ފާސް ނެތް މީހުންނަކާ އަރާއަރަފޯދިގެން ވާނޭ ސުވާލުތަކެއް ނޫނެވެ. އެކަމަކުވެސް، މިއަދު ރުފިޔާޔަކަށް ގަންނަން ލިބޭ އެތި މާދަމާ ދެރުފިޔާޔަށް ނޫނީ ނުލިބޭނޭހެން ހީވާތީ، ދަރީންގެ ދަރީންވެސް ދުނިޔޭގެ އަލިކަން ދެކޭނީ ދަރަނިވެރީންގެ ގޮތުގައިހެން ހީވާތީ އެހެރަ ގަންނަ ފިނި ބިރެއްގެ ސަބަބުން ނިދި އަންނަ ގޮތެއް ހަމަ ނުވިއެވެ. ގާތުގައި ނެތް މީހަކު ލޯބިލޯބި ނާނާއެއް ކިޔައިދިނަސް، އިނގިރޭސީން ހަދާހެން ޚިޔާލީ ކަންބަޅި ގުނިޔަސް، އަދި ހަމަ ނުނިދޭނޭހެން ދޮންމަނިކަށް ހީވާންވެސް ފަށައިފިއެވެ.

ތާރު އެޅި މަގަކުން ހިނގައިލައިފައި އައިސް، އަރާމު ނިންޖަކުން ދޮންމަނިކަށް ގޭގައި ނިދޭނީ… އެންމެ ފުރަތަމަޔަށް، ނިދި އޭގެ ޒާތުގައި މީހާ ގާތަށް އައިސްގެންތާއޭ ދޮންމަނިކު ހިތަށްއެރިއެވެ. އެހެންކަމުން، ދަރިދަރި މިރިމިރިޔަށް ޤައުމު ދަރަނިވެރިވުމާއި، ތަކެތީގެ އަގު އެއްދުވަހަށް އުފުލެމުން ދިޔުމާއި، ބޭރު ފައިސާގެ ވަގު ރޭޓުތައްވެސް އެ މަގުން ހިނގުމާއި، މިހުރިހައި ކަމެއް ބޮޑު އެއް ބުޅަލަށް ހަދައި، އެ ބުޅަލަކީ އަސްލު ބުޅަލުގެ ޙަޤީޤަތާ ޚިލާފަށް، ނުހަނު ބިރުވެރި އެއްޗަކަށް ހަދައިފައި، ބޮޑުބުޅަލާ ނާދޭ ނާނާ ކިޔައިދީގެންނަމަވެސް މަނިކުބޭ ނިންދަވައިދޭނޭ މާއްދިއްޔަތެއް ނެތް ހިޔަންޏެއް ވިޔަސް ދޮންމަނިކުބޭ ގާތަކަށް ހަމަ ނައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.