ހުޅުޖަހަން ހުޅަނގާ އިރުން ދަރު އެއްކުރަން ފައްޓައިފިޔޭ
އުޅުމުގައި ދުޝްމިނުކަމަށް އެންމެންގެ ހިތް ލެނބިގެންފިޔޭ
ގަސްގަހުން މާ ފަރިވެ ފޮޅިލައި ޖައްވު ސާފުވެފައި އޮތުން
މަސްތަކަށް ދެމިއޮންނަ އޮތުމަށް އިސްވެރިން ރުޅިއައިސްފިޔޭ
ދުންތަކާ ގަދަފަދަ އަޑުން ބިން ނަރަކަ އެއްފަދައިން ހަދަން
އުންޑަޔަށް ބަޑިބޭސް އަޅާފައި ރޯކުރަން އަންގައިފިޔޭ
ގޯސްވެގެން ދުނިޔޭގެ ޙާލަތު ދާނެ ގަދަ ޙަމަލާ ތަކެއް
ހޯސްއަޅާފައި އޮއްސުމަށް މަޖިލީސްތަކުން ނިންމައިފިޔޭ
އެންމެ ގަދަ ހަތިޔާރު ނިއުކުލިޔައިގެ ބިޔަ ޙަމަލާ ދެމުން
ގެންދިއުން ހަމަ އެންމެ އިސްކަމަކަށް ހަދަން ވިސްނައިފިޔޭ
ޒަލްޒަލާ އެއް ގަދަ އަޔަސް ނާރާ ވަރަށް ބިންގަނޑު ގުޑާ
ގަލްފު ހަނގުރާމައިގެ ހާސްގުނަ ވޯރއަކަށް ހުޅު ލައިފިޔޭ
ހަމަހިމޭން ކަމުގައި ދުނިޔެ އަދު އޮތްއޮތުން ނައްތާލުމަށް
ކަމަރު ބަނދެ ތައްޔާރުވާން ލަސްކަރުތަކަށް އަންގައިފިޔޭ
