Support Us

ކޮލަމް ކަލާވެހި: މިބާވަތުން ދެވަނަޔަށްވެސް ދަންނަވާނީ، މިކަހަލަ ތަންތަނަށް ވަދެވަޑައިނުގަންނަވާށޭއެވެ!

ބާޒާރުމަތީ ބައެއް ފިހާރަތަކަށް ހީވަނީ ހަ ރޯދަޢީދު އެއްފަހަރާ އައިސްގެން އުޅޭހެންނެވެ. ގަމުތެރޭ ފިހާރަތަކުގައި އެޔަށްވުރެ ފޯރި ގަދަހެން ހީވެއެވެ. ޖީ.އެސް.ޓީ އަށް މިފަހުން މި އިތުރުވި %2ގެ އިތުރުވުމެކޭ، އަނބު މޫސުމުގެ އަސަރު މާލޭ މާރުކޭޓަށް ކުރުމެކޭ އެއްފަދައެވެ. ބިދޭސީންނަށް ވިއްކުމުގައި ސެއްލައެވެ. ދިވެހީންނަށް ގަތުމުގައި ހޭވައްޓައިލުމެވެ. އެކަމަކު އެއީ އަދި ފަހުގެ ވާހަކަޔެކެވެ. ތަފްޞީލާއި ސަބަބުތަކާއެކީ ފަހުން ދައްކައިލާން އިހަށް ބާއްވައިލައިފައި، މިކަހަލަ ސުރުޚީޔަކަށް މިފަހަކުން ލިޔުނު ވާހަކަވެސް ބާއްވައިފައި، މި ސުރުޚީގެ ދެވަނަ ބައިގައި މި ލިޔެލަނީ އަދި އެހެން ވާހަކަޔެކެވެ.

ދިވެހީންނަކީ ދިވެހީންގެ ތިޖާރީ މަޞްލަޙަތުތަކާއި ދުޅަހެއުކަން އިސްކޮށްގެން، ދިވެހީންނަށް އިޤްޠިޞާދީ ފުރުޞަތުތައް ފަހިކޮށްދީގެން، ދިވެހީންގެ ޢާއިލާތަކުގެ މަޢީޝަތު ކުރިޔަށް ނެރެގެން މަސައްކަތްކުރާ ބައެއްކަމަށް ބުނާ ދިވެހީންވެސް އުޅެއެވެ. އެހެންނަމަވެސް، ކަމާ ބަހާ ދިމާވުމާއި ނުވުމުގެ މިންގަނޑެއް އަދި މި މުޖުތަމަޢުން އެހައި ސާފުކޮށް ފެންނަން ނެތީތީ، މިދެންނެވިހެން ބުނާ އަޑު ޖައްވުގައި ކިތަންމެ ވަރުގަދަޔަށް ހިފައިފައި ހުއްޓަސް، އަޅުގަނޑުމެންގެ ބައެއް ފިހާރަތަކުގެ ވެށީގައި ހިނގާ ޢަމަލީ ކަންކަމުގައި އެ އަޑުގެ ސިފަ ހިފައިފައި ހުންނަ ތަން ފެންނަން ނެތުމަކީ އަދި އެހެން ވާހަކަޔެއް ދެއްތޯއެވެ؟

މީގެ ދެ ހަފުތާ ކުރީގެ ހުކުރުދުވަހެއްގެ މެންދުރުފަހުގެ ވަގުތެއްގައި އަޅުގަނޑާ ދިމާވި ކަމެއްގެ ވާހަކަ މިތާނގައި ލިޔެލީމައި މިދަންނަވާ އެއްޗެއް އެނގިވަޑައިގެންފާނެއެވެ!

މާލޭގެ ބޮޑު މަގެއްގައި ހުންނަ ބޮޑު ފިހާރަޔެކެވެ. ފިހާރައިގައި ނަންހުސްކޮށް އެހުންނަ ތަކެތީގެ ބާވަތުން މިތާނގައި ފަށައިގެންފިއްޔާ އެ ފިހާރަޔަކީ ކޮން ފިހާރަޔެއްކަން އެންމެނަށް އެނގި، އޭގެ ސަބަބުން އެންމެންގެ މަޞްލަޙަތަށް ބުރޫއަރައިފާނެތީ، ތަނުގައި ހުރި ތަކެތީގެ ބާވަތްތަކެއް އަޅުގަނޑު މިތާކު ނުލިޔާނަމެވެ. އެކަމަކު މި ލިޔުން ފެނިގެން ކަމާ ނުބައްދަލު ރުޅިއެއް އިސްކޮށްގެން  އެ ފިހާރައިގެ ވެރީން އަޅުގަނޑާ ދިމާކުރާން ފަށައިގެންފިއްޔާ އަޅުގަނޑު ކުރާނޭ ކަމެއް ނޯންނާނެއެވެ. އަޅުގަނޑުމެންގެ މިސާލުބަހުގައި އެ އޮންނަ، މިސްކިތު ހުޅުޖެހި މީހާގެ މިސާލުން އަމިއްލަޔަށް ބޭޒާރުވުން އެއީ އެކަމާ އަޅުގަނޑު ކުރާނޭކަ ކަމެއް އޮންނާނެ ކަމެއްވެސް ނޫނެއް ނޫން، ދެއްތޯއެވެ!

ފިހާރައިގެ އެތެރޭގެ ކާރޫބާރޫ ތަންކޮޅެއް ބޮޑެވެ. ދުވަހަކީ ހުކުރުދުވަސް ވީމައި ކަމަށްވެސް ވެދާނެއެވެ. އެހެންކަމާއެކު، އަޅުގަނޑުވެސް ބެލީ އަޅުގަނޑު ގަންނަން ދިޔަ އެތި ގަނެލައިގެން އަވަހަށް އެތަނުން ނިކުމެވޭތޯއެވެ. އެކަމަކު….

ކުއްލިޔަކަށް އަޅުގަނޑުގެ ކަންފަތުގައި އެ ޖެހުނީ ފިހާރަޔަކަށް ވަންނަ ބައެއް 'ކަސްޓަމަރުން’ގެ ކަންފަތުގައި އެ އަޑެއް ޖެހުނީމައި އެ މީހުންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުރުހުމެއް އުފެދިދާނޭ ކަހަލަ އަޑެކެވެ. އަދި އެ އަޑު ނިކުތީ ކާކުގެ އަނގައިން ކަމާއި، އެ އަޑު އަމާޒުކުރެވުނީ ކާކަށް ކަން އެނގުމުންވެސް….

"މިއަދު ބޮޑު ގިނަ މީހުން ހުންނަނީ! ކަލޭ ހުރިހާ ކަޝްޓަމަރު ވަރަށް ބޮޑު ބަލަނީ! އެހެންނޫނީ ނަގަނީ، ގެއްލެނީ!" އަޑަކީ އަޅުގަނޑުމެން އެންމެން އެ ޤައުމެއްގެ މުރާލި، ހީވާގި މަސައްކަތްތެރީންނާ ނުހަނު ޤަބޫލު ޤައުމެއްގެ ރައްޔިތެއްގެ އަޑުކަން ކަށަވަރެވެ. ބަހުރުވަޔަކީ އެމީހުން ނުހަނު ހިންމަތާއި މިންނަތުން އަޅުގަނޑުމެންގެ ބަސް ދަސްކުރަން އުޅޭތަނުން އެ މީހުންނަށް އަޅުގަނޑުމެން ދަސްކޮށްދޭ ބަހުރުވައެވެ. އެކަމަކު އެ އަޑަކީ ހަރުކަށި، އަމުރުވެރި އަޑެކެވެ. އަދި އެ އެންގުން ރައްދުވާ ފަރާތަކީ ކިޔަމަންތެރި، އަމާނާތްތެރިކަމާއެކު ވަޒީފާ އަދާކުރުމުގެ ނިޔަތުގައި އެތަނުގައި ހުރި ޒުވާން ފުރައިގެ ދިވެއްސެކެވެ. އެހައި ހިސާބުން އަޅުގަނޑުގެ ހިތުގައި އުފެދިގަތް ސުވާލުތަކެއް ދަންނަވައިލީމައި މިވަގުތަށް ހަމަ އެންމެ ރަނގަޅުވާނޭ ކަމަށް ފެނެއެވެ.

ބޮޑު ފިހާރަޔެއްގައި ވަޒީފާ އަދާކުރާ ދިވެއްސަކަށް އަމުރުކުރާން ބިދޭސީއަކު ހުރެފައި، އެ މީހާ ކުރާ އަމުރުގައި ތަނުގެ މިލްކުވެރިޔާގެ އަޑުގައި ނޫނީ ނުހުންނާނޭ ކަހަލަ ރާގެއް އެކުލެވުނުހެން އަޅުގަނޑަށް ހީވުމަކީ ގޯހެއްބާވައޭ އަޅުގަނޑުގެ ހިތަށްއެރިއެވެ. ބަލަ ހިތާއޭ، ތިޔަ ހަދަނީ ހަމަ ގޯހެއްހޭ އަޅުގަނޑުގެ ހިތް އަޅުގަނޑުގެ ޒަމީރު ގާތު ސުވާލުކުރިއެވެ. ނުވަތަ، ތަނުގެ ވިޔަފާރީގެ ވެރިޔާގެ ނަމާއި އެޑްރެސް ކަރުދާހުގައި ލިޔެވިފައި އޮތީ ދިވެހިރާއްޖެޔަށް ނިސްބަތްވާ ގޮތަށް ކަމަށް ވިޔަސް، ވިޔަފާރީގެ ޙަޤީޤީ ވެރިޔާއަކީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ މީހެއް ބާވައޭވެސް އަޅުގަނޑުގެ ހިތް އަޅުގަނޑުގެ ސިކުނޑިޔާ ކުޅެލަމުން އަހައިލިއެވެ. އެކަމަކު ދިވެހި ޒުވާނާޔަށް އަމުރުކުޅަ ބިދޭސީ މީހާޔަކީވެސް ހަމަ އެހައި ޒުވާން ކުއްޖަކަށް ވީމައި، ދެން އުފެދުނު ސުވާލު ބޮނޑި އަދި މާ ގޯހެވެ. އެއީ، މިތަނުގައި މި އުޅޭ ބިދޭސީންނަކީ ތަނުގެ ޙަޤީޤީ ވެރިޔާގެ ގާތްތިމާގެ ކުދީން ބާވައޭ، އެ ކުދީން އެހައި 'ފެންމައްޗަށް އަރައިގެން' އެ އުޅެނީ، އަނެއްކާ އެ ކުދީންނަކީ 'ފުރީ ވިސާ’ގައި ރާއްޖޭގައި އުޅޭ ކުދީން ބާވައޭ، މިކަހަލަ ނުސިޔާނު ސުވާލުތަކެކެވެ. ކުރާނޭ ކަމެއް ނެތެވެ. އެ ސުވާލުތައްވެސް އައިތާކަށް ވަދެ ފިލަން މަސައްކަތްކުރުން ނޫން ގޮތެއް އެ ދަނޑިވަޅުގައި ނެތީތީ… ދެއްތޯއެވެ؟

ދެން އަނެއްކާ ހިތަށް އެރީ މުޅީން އެހެން ރާގެއްގެ ސުވާލެކެވެ. އެއީ، ބިދޭސީ ޒުވާނާ އެ ބުނާ ކަހަލަ 'ކަސްޓަމަރުން' ވަދެ ފުރިފައި އޮއްވައި، އެ 'ކަސްޓަމަރުން’ނަށް ހަމަ ސާފުކޮށް އިވޭ ވަރަށް، "މިއަދު ބޮޑު ގިނަ މީހުން ހުންނަނީ! ކަލޭ ހުރިހާ އެންމެން ވަރަށް ބޮޑު ބަލަނީ! އެހެންނޫނީ ނަގަނީ، ގެއްލެނީ!" މިހެން ބުނުމަކީ 'ކަސްޓަމަރުން’ނާ ދިމާޔަށް ފައުޅުގައި ވަގަށްގޮވުން ނޫން ބާވައޭވެސް އަޅުގަނޑު ހިތަށް އެރިއެވެ. އެހެން ކަމަށް ވީމައިވެސް ތޯއްޗެކޭ، އަޅުގަނޑުގެ 'މޫޑު' އެ ހިސާބުން ޚަރާބުވެއްޖެއެވެ. ގަންނާން ކަމަށް ދިޔަ އެތީގެ މުހިންމުކަމަށް ވުރެ ތަނުން ނިކުމެގެން އެޔަށްވުރެ މަރުޙަބާ ރަނގަޅު ފިހާރަޔަކުން ވިޔަފާރިކޮށްލުމުގެ އެދުން ބޮޑުވެއްޖެއެވެ. އެހެންކަމުން، އަޅުގަނޑު އެތަނުން ނިކުތީއެވެ!

މިފަހަރުވެސް އަޅުގަނޑު ދަންނަވަން އޮތް ވާހަކަޔަކީ އެއީ އެވެ. ރާއްޖޭގެ ރީޓެއިލް ވިޔަފާރިޔަކީ ނުހަނު ވާދަވެރިކަން ބޮޑު މާޙައުލެއްގައި ކުރެވޭ ވިޔަފާރިޔެކެވެ. އެއް ބާވަތެއްގެ އެއްޗިހި ވިއްކާ އެއް ފިހާރަޔާ އަނެއް ފިހާރަޔާ ދެމެދު ހުންނަ ދުރުމިން، ބައިބޯ ގިނަ ރަށްރަށުގައި ނުލާހިކު ކުޑައެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ޤާނޫނާއި ޤަވާޢިދާއި އިޖްތިމާޢީ މިންގަނޑުތަކާ ބީރައްޓެހި ތަންތަނަށް ވެދެވަޑައިގެން އަމިއްލަފުޅު މިޒާޖުގެ އުފާވެރިކަން ނަންގަވައިނުލައްވާށެވެ. ރާއްޖޭގެ ޤާނޫނޫތަކާއި ޤަވާޢިދުތަކާއި އިޖްތިމާޢީ ރިވެތި މިންގަނޑުތަކަށް އިޙްތިރާމްކުރާ ތަންތަނުން އެއްޗިހި ބައްލަވައިގަންނަވާށެވެ. ދިވެހީންގެ ތިޖާރީ މަޞްލަޙަތުތަކާއި ދުޅަހެއުކަން އިސްކޮށްގެން، ދިވެހީންނަށް އިޤްޠިޞާދީ ފުރުޞަތުތައް ފަހިކޮށްދީގެން، ދިވެހީންގެ ޢާއިލާތަކުގެ މަޢީޝަތު ކުރިޔަށް ނެރެގެން މަސައްކަތްކުރާ، ދިވެހީންގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ 'ކަސްޓަމަރުން' ކަމުގައި ތިޔަ ބޭފުޅުން ވެވަޑައިގަންނަވާށެވެ.

މިފަހަރުވެސް އަޅުގަނޑު ދަންނަވާނީ، ކުރީން މިދެންނެވި ޒާތުގެ ނުކިއްސަރު ކަންކަން ހިނގާ ތަންތަނަށް ވަދެވަޑައިނުގަންނަވާށޭއެވެ!