Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ފަލިޖެހުމުގެ މުބާރާތް

ދެ ޓީމެއްގެ ދެމެދުގައި ފަލިޖެހުމުގެ ރޭހެއް ބޭއްވުނެވެ. އެއްކޮޅުން އަރިބީންގެ ޓީމެކެވެ. އަނެއްކޮޅުން ޖަޕާނުގެ ޓީމެކެވެ. ކޮންމެ ޓީމެއްގެ ދޯނީގައި ތިބެން ހަމަޖެހިފައި އޮތީ މުޅިއެކު ނުވަ މީހުންނެވެ. ކޮންމެއަކަސް ރޭސް ނިމުނީ ވަރަށް ބޮޑު ތަފާތަކުން ޖަޕާނު ޓީމު ކުރިހޯދައި މޮޅުވެގެންނެވެ.

ދެން މިހެން ކަންތައް ދިމާވީ ކިހިނެއްތޯ ބަލަން އަރަބި ޓީމު ބޭނުންވިއެވެ. އެމީހުންގެ ކަމާ ބެހޭ މީހުން މައްސަލަ ބަލައި ތަހުގީގުކޮށް، ތަހުލީލުކުރުމުން ފާހަގަކުރެވުނީ ޖަޕާނު ޓީމުގައި ގޮތް ކިޔާނޭ އެއް ލީޑަރު ހުރެފައި ފަލިޖަހައި މަސައްކަތް ކުރަން އަށް މީހުން ތިބިކަމެވެ. ނަމަވެސް އަރަބި ޓީމުގައި ގޮތްކިޔާނޭ އަށް ލީޑަރުން ތިބެފައި ފަލިޖަހައި މަސައްކަތްކުރަން ހުރީ އެންމެ މީހެއް ކަމެވެ.

ދެން އަރަބި ޓީމު ގަސްދުކުރީ އެއް ލީޑަރު ބަހައްޓައިގެން އަނެއްކާ ވެސް އަލުން ރޭސް ބޭއްވުމަށެވެ. ކޮންމެއަކަސް މިފަހަރު ވެސް، ވަރަށް ބޮޑު ތަފާތަކުން ކުރިހޯދައި މޮޅުވީ ހަމަ ޖަޕާނުގެ ޓީމެވެ. އަނެއްކާ ވެސް އަރަބިން މައްސަލަ ތަހުލީލުކޮށް ބެލިއެވެ. މިފަހަރު ވެސް، އެމީހުންނަށް ފާހަގަކުރެވުނީ ޖަޕާނު ޓީމުގައި އެއް ލީޑަރަކު ހުރެފައި ފަލިޖަހަން އަށް މީހުން ތިބި ކަމެވެ. އަރަބިންގެ ޓީމުގައި ވެސް ހުރީ ހަމަ އެއް ލީޑަރެވެ. ނަމަވެސް ތިން ނާއިބު ލީޑަރުންނާއި ހަތަރު ނާއިބުގެ ނާއިބު ލީޑަރުން ވެސް ތިއްބެވެ. ފަލިޖަހަން ހުރީ ހަމަ އެންމެ މީހެކެވެ. ދެން އަރަބިން ނިންމީ އެމީހުން ބަލިވުމުގެ ސަބަބަކީ ފަލިޖެހި މީހާއެވެ.

މި ވާހަކައިގެ މަންޒަރު އަޅުގަނޑުމެންގެ ތެރެއިން ވެސް ފެންނަހެން ހީވެއެވެ. މިސާލަކަށް މިނިސްޓުރީއަކަށް ބަލާލާށެވެ! މިނިސްޓަރަކާއި ދިހަ އިސްޓޭޓު މިނިސްޓަރާއި އަދި ކޮންމެ މިނިސްޓަރަކަށް ނާއިބަކު ހުރެދާނެއެވެ. ދެން، އިސް މި ސަފަށް އެކްޒެކެޓިވް އޮފިސަރުންނާއި ޑިރެކްޓަރ ޖެނެރަލުން ވެސް އިތުރުކޮށްލެވިދާނެއެވެ. މީގެ އިތުރުން، ބޭރުގައި ހުންނަ ދިވެހި އެމްބަސީތައް ވެސް ބަލާލާށެވެ. އެއްވެސް ކަމެއް ނެތް އެތައް އެތައް 'ސިޔާސީ' މުވައްޒަފުންނެވެ! ދެން ކަންތައްތައް ނުވެ، ޚަރަދުތައް ބޮޑުވެ، ތަން ބަނގުރޫޓުވާ ހިސާބަށް ދިޔުމުން ކޮންމެ ވެސް އެހެން ބަޔަކު ބަދުނާމުކުރަންވީއެވެ. ކުރީ ސަރުކާރެވެ. ޔަހޫދީންނޭވެ. ހުޅަނގެވެ!