Support Us

ކޮލަމް ކޯދު: ތަސައްވުފު ނުވަތަ ސޫފިއްޔަތަކީ ކޮބާ؟- 4

ޚުރާސާނުގެ އެންމެ ނަން މަޝްހޫރު 'ސޫފީންގެ' ތެރޭގައި ހިމަނާލެވޭ ބޭކަލުންގެ ތެރޭގައި ބަލްޚުގެ އަމީރެއް ކަމުގައި ވެވަޑައިގެންނެވި އިބުރާހިމް ބިން އަދްހަމު ފާހަގަކޮށްލެވެއެވެ. އޭނާގެ ބައްޕާފުޅަކީ ބަލްޚުގެ ވެރިއެކެވެ. އިބްރާހިމް ބިން އަދްހަމު އުފަންވެވަޑައިގަތީ ހިޖުރައިން 100ވަނަ އަހަރު މައްކާގައެވެ. އޭނާގެ ބައްޕާފުޅާއި، އޭރު، އޭނާއަށް އާލާސްވެ އިންނެވި އޭނާގެ މަންމާފުޅު ހައްޖުގެ އަޅުކަމައިގެން އުޅުއްވަނިކޮށެވެ. އޭނާ އަވަހާރަވީ ހިޖުރައިން 162ވަނަ އަހަރުއެވެ.

މުސްލިމުން ބަލްޚު ފަތަހަކޮށް އެތަން އިސްލާމީ ރަށަކަށް ވުމުގެ ކުރިން، ބަލްޚަކީ ބުދުދީނުގެ މަރުކަޒެކެވެ. ބުދު ދީނުގެ ސަގާފަތް އަށަގަންފައި އޮތް ތަނެކެވެ. އިބްރާހިމް ބިން އަދްހަމު އޭނާގެ މުއްސަނދި، ތަނަވަސް ދިރިއުޅުން ދޫކޮށްލެވި ގޮތާއި ބުދުދީނުގެ ބާނީ ގައުތަމާ ބުއްދާގެ ސިޔަރަތާއި އަޅާކިޔެއެވެ. މި ދެބޭކަލުންނަކީ ވެސް ވެރިކަމުގެ އާއިލާއަކަށް ނިސްބަތްވެ ވަޑައިގެންނެވި، އަދި މުއްސަނދި، ތަނަވަސް ދިރިއުޅުމެއް ލިބިވަޑައިގެން ތިއްބެވި ދެބޭކަލުންނެވެ. ނަމަވެސް، ޒުހުދާއި އަޅުވެރިކަމުގެ މަގު ދެބޭކަލުން ވެސް ޚިޔާރުކުރައްވައި، ދުނިޔެއަށް ފުރަގަސްދެއްވުމުން، ދެބޭފުޅުންގެ ސިޔަރަތުގެ އެއްގޮތްކަން ފާހަގަކޮށްލެވެނީއެވެ.

އިބްރާހިމް ބިން އަދްހަމުގެ ދިރިއުޅުއްވުން ބަދަލުކޮށްލަން މެދުވެރިވީ ކީއްވެގެންކަމާ ބެހޭ ގޮތުން ކިޔައިއުޅޭ މަޝްހޫރު ވާހަކައެއް އޮވެއެވެ. އެއްދުވަހަކު، ޝިކާރައަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް އަޑެއް އިވިވަޑައިގެން ކަމަށް މި ވާހަކައިގައި ބުނެވެއެވެ. އިބްރާހިމް ބިން އަދްހަމާ މުޚާތަބުކޮށް އެ އަޑު ބުނަމުން ގެންދިޔައީ އޭނާ ދުނިޔެއަށް ފޮނުއްވުނީ ޝިކާރަކޮށް ކުޅިވަރާއި މަޖާކުރުމުގައި ހަޔާތުގެ ވަގުތުތައް ދުއްވާލަން ނޫންކަމެވެ. ތަކުރާރުކޮށް އެތައް ފަހަރަކު، މި އަޑު އިވިވަޑައިގަތުމުން، ރަށަށް އެނބުރިވަޑައިގެން، އޭނާގެ ތަނަވަސް ދިރިއުޅުއްވުން ދޫކޮށްލައްވައި އަޅުވެރިކަމާއި ޒުހުދުގެ ދިރިއުޅުއްވުން ޚިޔާރުކުރެއްވީ ކަމުގައި މިވާހަކައިގައި ބުނެފައި އޮވެއެވެ. ދެން، އޭރުގެ އިސްލާމީ ދުނިޔޭގެ އެކި ހިސާބުތަކަށް، އިބުރާއިމް ބިން އަދްހަމު ދަތުރުތައް ކުރެއްވިއެވެ. އިލްމު އުނގެނުމާއި މާތްރަސްކަލާނގެ މައުރިފާކޮށް ދެނެގަތުން އެދިވަޑައިގެންނެވެ. މިގޮތުން މައްކާއަށް ވަޑައިގެން، އޭރުގެ މަޝްހޫރު އިމާމުވެރި ފިގުހުވެރި އިލްމުވެރިއެއް ކަމަށްވާ އިމާމު އައްޘައުރީގެ އަރިހުން ކިޔަވާވިދާޅުވެ ދަރިވަރުވެޑައިގަތެވެ. އެއަށްފަހު، ޝާމްކަރައަށް ވަޑައިގެން އިލްމު އުނގެނުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވިއެވެ. މީގެ އިތުރުން، ބައެއް ހަނގުރާމަތަކުގައި ވެސް ބައިވެރިވެވަޑައިގެން ޖިހާދު ވެސް ކުރެއްވިއެވެ. އަދި، އަމިއްލަ އަތްޕުޅުން މަސައްކަތްކުރައްވައި ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސެވިއެވެ. މީސްމީހުންގެ ދަނޑުދަނޑުތަކުގައި މަސައްކަތް ކުރައްވައި ބަގީޗާތައް ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިގެންނެވެ.

މާތްރަސްކަލާނގެ މައުރިފާކުރުމުގެ މަގު، އުނގެނިވަޑައިގަތީ، ނަސާރާއިންގެ ރާހިބެއް ކަމުގައިވާ ސައިމަންގެ އަރިހުންކަން އިބުރާހީމު ބިން އަދުހަމު އޭނާގެ ދަރިވަރެއްގެ ގާތު ވިދާޅުވިކަމަށް ވެއެވެ. މިނަންގަތް ރާހިބު އިންނެވި ރާހިބުޚާނާގެ ގޮޅިއަށް ވަޑައިގެން އޭނާގެ އަޅުކަމާއި އަދި އޭނާގެ ހާލަތާ ބެހޭ ގޮތުން ސުއާލުކުރެއްވި ވާހަކަ އިބުރާހީމު ބިން އަދުހަމު ވިދާޅުވިއެވެ. "ކަލޭގެފާނު މި ގޮޅީގައި އިންވާތާ ކިހާ ދުވަހެއް ވެއްޖެތޯއެވެ؟" ދެން ސައިމަނު ވިދާޅުވިއެވެ. "ހަތްދިހަ އަހަރުވެއްޖެއެވެ." އަދިވެސް، އިބުރާހީމު ބިން އަދުހަމު ސުއާލުކުރެއްވިއެވެ. "މަނިކުފާނު ފަރިއްކުޅުވަނީ ކޮން އެއްޗެއްތޯއެވެ؟" ޖަވާބުގައި ސައިމަނު ވިދާޅުވިއެވެ. "ކޮންމެ ރެއަކު ބަދަންއޮށެކެވެ." ދެން، އެފަދަ އޮށަކުން، ފަރިއްކޮޅު ހަމަޖައްސަވާލައްވައި ފުއްދަވާލެއްވުމުގެ ހިއްވަރެއް ލިބިވަޑައިންނަވަނީ ކިހިނެއްތޯ ސުއާލުކުރެއްވުމުން ސައިމަނު އެކަން އޮޅުންފިލުވައިދެއްވިއެވެ. އޭނާ ވިދާޅުވެދެއްވި ގޮތުގައި އޭނާގެ ގޮޅިއަށް އަހަރަކު އެއް ފަހަރު ރާހިބުންގެ ގޭގެ މީހުން ޒިޔާރަތްކުރެއެވެ. ދެން، އޭނާގެ ގޮޅީގައި އެބައި މީހުން ގަޑިއެއްހާ އިރު ހޭދަކޮށް، ގޮޅީ ވަށައިގެން ހިނގާލައި ހަދައި، އަދި އެ ގޮތުގައި، އޭނާއަށް އިހުތިރާމު އަދާކޮށް ކަމޭހިތައި ހަދައެވެ. ދެން ސައިމަނު ވިދާޅުވިއެވެ. އަޅުކަމުގެ ސަބަބުން ތިމަންގެ ހަށިކޮޅު ވަރުބަލިވެ ފޫހިވާ ގޮތް ވެއްޖެ ނަމަ، މި ޒިޔާރަތުގެ ކަންތައް ތިމަންގެ ނަފްސަށް ހަނދާންކޮށްދެއްވައި ހިއްވަރު ދެއްވަމެވެ. އަދި، އެމީހުންގެ އެއް ގަޑިއިރުގެ ޒިޔާރަތް ހިތަށް ގެންނަވައި، އަހަރު ދުވަހުގެ އަޅުކަމުގެ މަސައްކަތުގައި ނަފްސު މަޝްޣޫލުކޮށް، އަވަދިނެތި ކޮށްލައްވަމުއެވެ. އަދިވެސް، އިބުރާހިމު ބިން އަދުހަމާއި މުޚާތަބުކޮށް ސައިމަން ވިދާޅުވިއެވެ. "އޭ މުސްލިމު އަޚާއެވެ! އަބަދުގެ އަބަދަށްޓަކައި މާތްރަސްކަލާނގެ އަޒަމަތްތެރިކަން ހިތަށް ވެރިވެދިޔުމަށްޓަކައި އެއްގަޑިއިރު(ގެ އަޅުކަމުގެ ބުރަ) ކަލޭގެފާނަށް އުފުއްލެވިދާނެތޯއެވެ؟" މިވާހަކަ އަޑުއެއްސެވުމުން، މާތްރަސަކަލާނގެ މައުރިފާކުރުމުގެ ގޮތް އޭނާގެ ހިތަށް ވެރިވި ވާހަކަ، އިބުރާހީމު ބިން އަދުހަމު އޭނާގެ ދަރިވަރު ގާތު ވިދާޅުވިއެވެ. ޒުހުދުގެ ހަޔާތް ޚިޔާރުކުރައްވައި، އެކަން ކުރިމަތިކުރުވާ ދަތިތައް ތަހައްމަލުކޮށް، ކެތްތެރިވެ، މާތްރަސްކަލާނގެ ހަނދުމަކުރުން މަތީ ދެމިހުރެގެންނެވެ.

މީގެ އިތުރުން ވެސް، އިބުރާހީމު ބިން އަދުހަމު އޭނާގެ ދަރިވަރުންނަށް މާތްރަސްކަލާނގެ ޚިދުމަތުގައި ދެމިތިބުމަކީ ކޮބައިކަން އޮޅުންފިލުވައި ދެއްވިއެވެ. އޭނާ ދެކިލައްވާ ގޮތުގައި އެ ޚިދުމަތުގެ ފެށުމަކީ ހަނު ތިބެ މާތްރަސްކަލާނގެ މަތިން ހަނދުމަކޮށް ފިކުރުކުރުމެވެ. ހަނު ތިބުން ދޫކޮށްލަންވާނީ އެކަލާންގެ ރަސްކަންފުޅު މަތިން ހަނދުމަކުރުމުގެ ގޮތުން ޒިކުރުތައް ކިޔާއިރު އެކަންޏެވެ.

މި ވާހަކައިން ވެސް، އެ ދުވަސްވަރުގެ، އާދެ ހިޖުރައިން ދެ ވަނަ ގަރުނުގެ ތެރޭގައި، ސޫފީންގެ ގޮތަކީ ކޮބައިކަން ސާފުވެއެވެ. ކުރީގައި ނަންގަނެވި ދިޔަ ހަސަނު އަލްބަސްރީގެ ސިޓީއިން ވެސް ފާހަގަވެދިޔަ ފަދައިން، ޒުހުދުވެރިކަމެވެ. ދުނިޔޭގެ މާއްދީ އުފާތަކުން ދުރުހެލިވެ، އަޅުކަމުގައި މަޝްޣޫލުވެ، ރޫހާނިއްޔަތުގެ ސިފަ ތަރައްގީކުރުމެވެ. ހަނު ތިބެއާއި އަދި ދުލުން ޒިކުރުތައް ކިޔައި، މާތްރަސްކަލާނގެ މަތިން ހަނދުމަކުރުން މަތީ ދެމިތިބެއެވެ.

މި މަގާމުގައި މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ. ސޫފީންގެ މި ނަންގަތް ގޮތަކީ އެމީހުންގެ އަމިއްލަ އިޚްތިޔާރީ ކަމެކެވެ. ފަހަރެއްގައި ވެސް، އިންސާނާގެ ރޫހާނިއްޔަތުގެ ބައި ކުރިއެރުވުމަށްޓަކައި ދުނިޔޭގެ ހުރިހާ އުފާތަކެއް ދޫކޮށްލަންޖެހޭނޭކަން އިސްލާމް ދީން އުނގަންނައެއް ނުދެއެވެ. ކީރިތި ޤުރުއާން އުނގަންނައިދެނީ ދުނިޔޭގެ ހެވާއި އަދި އާޚިރަތުގެ ހެޔޮކަން ވެސް ލިބިގަތުމަށެވެ. ސަލާމާއި ސަލަވާތްލެއްވި ރަސޫލާގެ ހަދީސްފުޅެއްގައި އޮންނަނީ އެކަލޭގެފާނަކީ ރޭގަނޑުގެ އަޅުކަން ކުރައްވައި، ރޯދަ ހިއްޕަވައި އަދި ހަމަ އެއާއެކު، ރޭގަނޑު އަވަހާރަފުޅު ވެސް ލައްޕަވައި، ބައެއް ދުވަސްދުވަހު ރޯދައަށް ނުހުންނަވައި ފަރިއްކުޅުވައި، އަދި މީހުންނާ ކައިވެނި ބައްލަވައިގެންނަވައިގެން ވެސް އުޅުއްވާ ރަސޫލު ބޭކަލެއްކަމުގައެވެ. އަދި އެކަލޭގެފާނުގެ ރިސާލަތުގައި، ހެޔޮލަފާ ސާލިހު އަޅުވެރި މުއުމިނުންތަކައް އުފެއްދުމާއި، އަދި މީގެ އިތުރުން، ހަމަހަމަކަމާއި އަދުލުވެރިކަމުގެ މައްޗަށް ބިނާވާ މުޖުތަމައެއް ބިނާކުރުން ވެސް ހިމެނެއެވެ. ދުނިޔެއާއި އެކަހެރިވެގަނެ ހުރެ، އަދި، އެއްވެސް މާއްދީ ފައިދާއެއް ދުނިޔެއިން ލިބި ނުގަނެ، އިތުރު އެކަލޭގެފާނުގެ ރިސާލަތު، ޚާއްސަ ގޮތެއްގައި އެ ރިސާލަތުގެ ދެވަނަ މަގުސަދު، ފުރިހަމަކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެހެންވެ، ސޫފީންގެ ބޭކަލުން، ދުނިޔެއާ އެކަހެރިވެ ވަޑައިގެން އުޅުއްވި އުޅުއްވުމަކީ އެބޭކަލުންގެ އަމިއްލަފުޅު، އެބޭކަލުންގެ ހަޔާތުގެ އަމިއްލަ ޚިޔާރާއި ގުޅިފައި އޮތް ކަމެކެވެ. ކުރީގައި ނަންގަނެވިދިޔަ ފަދައިން، އިސްލާމީ އުއްމަތާ އެ ދުވަސްވަރު ކުރިމަތިވި ސިޔާސީ އަދި އިޖުތިމާއީ އަދި އިގުތިސާދީ ސަބަބުތަކަކާ ހުރެ، މުޖުތަމާއާއި އެކަހެރިވެ އުޅުއްވަން ނިންމެވި ނިންމެވުމެއްގެ ނަތީޖާއެކެވެ. ފަހަރެއްގައި ވެސް، އިސްލާމް ދީނުގެ އުނގަންނައިދިނުންތައް ލާޒިމުކުރާ ކަމެއް ނޫނެވެ. އިސްލާން ދީން އުނގަންނައިދެނީ، ދުނިޔޭގެ މަޖަލުގެ ވެސް، އަދި ތިމާގެ ޝަހުވަތްތަކުގެ ވެސް އަޅަކަށް ނުވެ، ދުނިޔޭގެ ހެޔޮ އެދިގެން، މަސައްކަތްވެސް ކުރުމަށެވެ. އެގޮތުގައި ތިބެ، އެބަހީ އެދުންތަކުގެ އަޅުންނަށް ނުވެ ތިބެ، ދުނިޔެއިން ވެސް އުފަލާއި އަރާމާއި ފައިދާ ލިބިގަތުމަށްޓަކައި މަސައްކަތް ވެސް ކުރުމަށެވެ.

އިބުރާހިމް ބިން އަދްހަމަށް ފަހު، އޭނާގެ ޒުހުދުވެރިކަމުގެ ގޮތް، އޭނާގެ ދަރިވަރު ޝަފީގު އަލްބަލްޚީ، ޚުރާސާނުގައި، ކުރިއަށް ގެންދެވިއެވެ. ޝަފީގު އަލްބަލްޚީއަކީ ވެސް ކުރިން ވަރަށް މުއްސަނދި ބޭކަލެކެވެ. އޭނާގެ ބާރުގެ ދަށުގައި ތިންސަތޭކަ ރަށް އޮތް ކަމަށް ބުނެވެއެވެ. ނަމަވެސް އޭނާ އަވަހާރަވި ދުވަހު އޭނާ ކަފުންކޮށްލާނޭ ކަފުނެއް ހޯދާނޭ މިންވަރުވެސް އޭނާގެ އަތްޕުޅުގައި ނެތްކަމަށް ބުނެވެއެވެ.

ސޫފީންގެ މަގު، ޝަފީގު އަލްބަލްޚީ ޚިޔާރުކުރެއްވި ގޮތާ ބެހޭ ގޮތުން ވެސް ކިޔާ ވާހަކައެއް އޮވެއެވެ. އެކަން މެދުވެރިކުރުވީ، ވިޔަފާރި ދަތުރެއްގައި އޭނާ ބުދު ދީނުގެ ފައްޅިއަކަށް ޒިޔާރަތްކޮށް އެ ފައްޅީގައި އަޅުކަމުގައި އުޅުނު މީހަކާ އޭނާ ވާހަކަ ދެއްކެވި ވާހަކައެކެވެ. އެ އަޅުވެރިޔާ ގާތު ބުދަށް އަޅުކަންކުރުމަކީ ބާތިލު ކަމެއް ކަމާއި އަޅުކަން ކުރަން ޖެހޭނީ ހަމައެކަނި ޚާލިގުވަންތަ އަލީމުވަންތަ (ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ) މާތްރަސްކަލާނގެއަށް ކަމަށް ޝަފީގު ވިދާޅުވިއެވެ. އަދި އެކަލާނގެއީ ގާދިރުވަންތަ (ހުރިހާ ކަމަކަށް ކުޅަދުންވަންތަ) ރާޒިގުވަންތަ (އެންމެނަށް ވެސް ރިޒުގު ދެއްވާ) ރަސްކަލާނގެކަން ވެސް ޝަފީގު ވިދާޅުވިއެވެ. ދެން ޖަވާބުގައި އެ އަޅުވެރިޔާ ޝަފީގަށް ދެންނެވިއެވެ. ކަލޭގެފާނު ތިވިދާޅުވާ ބަސްފުޅާ ކަލޭގެފާނުގެ އަމަލުފުޅާ ދިމަލެއް ނުވެއެވެ. ދެން، މިކަން ސާފުކޮށްދއްވުމުގެ ގޮތުން އިތުރަށް އޭނާ ޝަފީގަށް ދެންނެވިއެވެ. މާތްރަސްކަލާނގެއަކީ ރާޒިގު ވަންތަ ރަސްކަލާނގެކަމަށްވާ އިރު، ކަލޭގެފާނު މި ރަށަށް ރިޒުގު ހޯއްދަވަން ވަޑައިގެން ތިޔައުޅުއްވަނީ ކީއްވެތޯއެވެ؟ މަނިކުފާނުގެ ރަށުގައި ހުންނެވިޔަސް، މަނިކުފާނަށް މިންވަރުކުރެވި، ކަނޑައެޅިފައި އޮތް ރިޒުގެއް ލިބިވަޑައިގަންނަވާނެ ނޫންތޯއެވެ؟ މިވާހަކަ އަޑުއައްސަވައި، ޝަފީގު ޒުހުދުގެ މަގު ޚިޔާރުކުރެއްވުމަށް ނިންމެވިއެވެ. އަދި ރަށަށް އެނބުރިވަޑައިގެން ސަދަގާތުގެ ގޮތުގައި، ފަގީރުންނަށް، އޭނާގެ ހުރިހާ މުދަލެއް ބައްސަވާލައްވައި، ކިޔަވާ ވިދާޅުވުމާއި އުނގެންނެވުން ޚިޔާރުކުރެއްވިއެވެ.

ޝަފީގުގެ މިނަންގަތް ވާހަކައިގެ ބޭނުމަކީ ފަހަރެއްގައި ވެސް، ބުދަށް އަޅުކަންކުރުން ރަނގަޅުކުރުމެއް ނޫނެވެ. ޒުހުދުގެ ގޮތް ޚިޔާރުކުރެއްވުމަށް އޭނާއަށް މެދުވެރިވި ސަބަބު ބަޔާންކުރުމެވެ. ކުރިން ވެސް ނަންގަނެވިދިޔަ ފަދައިން، ޝަފީގާއި އަދި ވެސް އެފަދަ ސޫފީވެރި ބޭކަލުން ޒުހުދުގެ ގޮތް ޚިޔާރުކުރެއްވުމީ އެބޭކަލުންގެ އަމިއްލަ އިޚްތިޔާރީ ކަމެކެވެ. އެބޭކަލުންގެ އަމިއްލަ ހޮވުމެކެވެ. ފަހަރެއްގައި ވެސް އިސްލާމް ދީނުގެ ތައުލީމާތުތައް ލާޒިމުކުރާ ކަމެއް ނޫނެވެ.

އިހުގެ ސޫފީ ބޭކަލުންގެ ތެރޭގައި ޝަފީގު ފާހަގަކޮށްލެވޭ އެހެން ކަމެއް އޮވެއެވެ. އޭނާއަކީ މާތްރަސްކަލާނގެއަށް ވަކީލުކުރުމަކީ ސޫފީންގެ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ހާލަތެއްކަން އެންމެ ފުރަތަމަ ހިމެނުއްވި ބޭކަލެވެ. މީގެ މާނައަކީ އެ ސިފައަކީ ހަމައެކަނި ސޫފީވެރި ބޭކަލުންގެ ސިފައެއް ކަމުގައި ބުނުމެއް ނޫނެވެ. ޒުހުދުވެރިކަމުގެ ހަޔާތެއް ވޭތުކޮށްލުމަށްޓަކައި މި ވަކީލުކުރުމުގެ ސިފަ މުހިއްމުވެފައި އެކަމަށް ބާރުއަޅާކަން ބުނުމެވެ.

މިހިސާބުން ފާހަގަކޮށްލަން ޖެހޭ ކަމަކީ، ސޫފިންގެ ތަހުރީކު ޝަފީގުގެ ދުވަސްވަރަށް އައިސް، ހިޖުރައިން ތިންވަނަ ގަރުނަށް އެޅުނު އިރު، ސޫފިއްޔަތުގެ ވަކި ނިޒާމެއް، އެބަހީ ޒުހުދުވެރިއެއްގެ ގޮތުގައި، އަމިއްލަ ނަފްސު ތަރުބިއްޔަތުކޮށް، ހޭނުވުމަށްޓަކައި، ރަސްމުތަކެއް، ކަނޑައެޅިފައި އޮތް ވަކި ގޮތްތަކެއް، ހަމަޖެހޭން ފެށިކަމެވެ. މި ގޮތްތައް އެންމެ ފުރަތަމަ ފެނިގެންދަނީ ޝަފީގުގެ ދަރިވަރެއް ކަމުގައިވާ ހާތިމް އަލްއަސައްމުގެ (އަވަހާރަވީ 237ހ ވަނަ އަހަރު) ވާހަކަތަކުންނެވެ. ހާތިމު، އޭނާގެ އުސްތާޒު ވިދާޅުވިކަމަށް، ބަޔާންކުރައްވައެވެ. ނަރަކައިގެ އަޒާބުން ދިންނެވުމަށްޓަކައި ހަތަރު ކަމެއް ހާސިލުކުރަން މަސައްކަތް ކުރަން ޖެހެއެވެ. އެއީ މާތްރަސްކަލާނގެ މައުރިފާކުރުމާއި ތިމާގެ ނަފްސު ދެނެގަތުމާއި މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ނަހީކުރެއްވި ކަންތައްތައް ދެނެގަތުމާއި މާތްރަސްކަލާނގެއާއި އަދި ތިމާގެ ނަފްސުގެ ވެސް އަދުއްވަކީ ކޮބައިކަން ދެނެގަތުމެވެ. މިކަންތައްތައް ތަފްސީލުކޮށްދެއްވަމުން ހާތިމު ވިދާޅުވިއެވެ. މާތްރަސްކަލާނގެ މައުރިފާވުން ބިނާވަނީ، އެކަލާނގެ ފިޔަވައި، ރިޒުގެ ދެއްވައި، އަދި މަނާކުރައްވައި، އަދި ފައިދާތައް މެދުވެރިކުރެއްވުމާއި ގެއްލުން މެދުވެރިކުރައްވާ އެހެން އެއްވެސް ފަރާތެއް ނެތްކަން ހިތުގެ އަޑިން ކަށަވަރުކޮށް ގަބޫލުކުރުމެވެ. ތިމާގެ އަމިއްލަ ނަފްސު ދެނެގަތުން ބިނާވަނީ މި ނަންގަތް ކަންކަމަށް ފޯރުވޭނޭ އެއްވެސް ބާރެއް ތިމާގެ ކިބައިގައި ނެތްކަން ގަބޫލުކުރުމެވެ. އަދި ތިމާގެ ހަވާ ނަފްސުގެ އެދުންތަކާ ދެކޮޅުހަދައި ތިމާގެ ނަފްސު މާތްރަސްކަލާނގެ ކިބަފުޅަށް ފުރިހަމައަށް ދީލާލުމެވެ. މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ނަހީކުރެއްވުންތައް އެނގުމަކީ ތިމާގެ މައްޗަށް ހިނގާނީ މާތްރަސްކަލާނގެ އަމުރުފުޅުތައް ކަން ދެނެގަތުމެވެ. އަދި، ތިމާގެ ރިޒުގު ލިބުން އޮތީ މާތްރަސްކަލާގެ ކިބަފުޅުން ކަން ދެނެގަތުމެވެ. އަދި ތިމާގެ ހުރިހާ އަމަލުތަކެއްގައި ވެސް އިޚުލާސްތެރިވުމެވެ. އިޚުލާސްތެރިވުމުގެ ނިޝާނަކީ ދެ ސިފައެއް ތިމާގެ ކިބައިގައި ނުވުމެވެ. އެ ދެސިފައަކީ އެއްޗިއްސަށް ދަހިވެތިވެ އެދުންވެރިވުމާއި ކަންކަމުގައި ކެތްކުޑަވުމެވެ. މާތްރަސްކަލާނގެ އަދުއްވާ ދެނެގަތުމަކީ ތިމާގެ ކިބައިގައި އަދުއްވަކު ވާކަން ދެނެގަތުމެވެ. އާދެ، ނުރަނގަޅު ކަންކަމަށް ބާރުއަޅައި އެކަންކަމަށް ދައުވަތުދޭ ހަވާ ނަފްސުގެ އަދުއްވެވެ. މާތް ރަސްކަލާނގެ ތިމާގެ ހެޔޮ އަމަލު ގަބޫލުކުރެއްވުން ބިނާވެފައި އޮންނަނީ ތިމާގެ ކިބައިގައިވާ މި އަދުއްވާ ދެކޮޅަށް ތިމާގެ ހިތް ހަނގުރާމަކޮށް، އެ އަދުއްވު މުޅިން ބަލިކޮށް، އޭނާގެ މައްޗަށް ގަދަވެގަނެ، ތިމާ ހޯދާ ކާމިޔާބުގެ މައްޗަށެވެ.

މީގެ އިތުރުން ވެސް، ހިޖުރައިން ދެވަނަ ގަރުނު ނިމޭ ހިސާބަށް އައިރު، ސޫފީން، އެހެން މީހުންނާ ތަފާތުކޮށްދޭނޭ ވަކި ގޮތްތަކެއް އޮތް ކަމުގެ ނިޝާތައް ފެނުނެވެ. މި ގޮތްތައް ވެސް ގުޅެނީ ހަމަ ޒުހުދުވެރިވުމާއި އަޅުކަން ކުރުމާއެވެ. އެކަން ރަނގަޅަށް ސާފުވެ ދިޔުމަށްޓަކައި، މިނަންގަތް ދުވަސްވަރު، ޒުހުދުވެރިކަމާ ބެހޭ ފޮތް ފޮތް ލިޔެވެން ފެށިއެވެ. މިގޮތުން އަޅުގަނޑުމެންގެ އަތުގައި އޮތް އެންމެ އިހުގެ ފޮތް ކަމުގައި ބެލެވޭ ފޮތަކީ މަރްވުގެ ސޫފީއެއް ކަމުގައިވާ އަބްދުއްލާހި އަލްމުބާރަކުގެ އައްޒުހުދު ވަ އައްރަޤާއިޤު މި ފޮތެވެ. މި ފޮތުގައި ޒުހުދަކީ ކޮބައިކަމާއި ޒުހުދާ ގުޅޭ ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކާއި އަދި ޒުހުދާ ބެހޭ ގޮތުން ސަލާމާއި ސަލަވާތް ލެއްވި އިތުރު ރަސޫލާއަށް ނިސްބަތްކުރެވޭ ބައެއް ހަދީސްއާއި އަދި ހެޔޮލަފާ ސަލަފުންގެ، އާދެ، އެންމެ އިހުގެ މުސްލިމުންގެ ތިން ޖީލުގެ ބޭކަލުންގެ، ޒުހުދާ ބެހޭ ވާހަކަތައް ހިމެނެއެވެ. މީގެ އިތުރުން ޒުހުދުވެރިން ޒުހުވެރިވާން ޖެހޭ ސަބަބުތައް ވެސް މި ފޮތުގައި ބަޔާންކުރެވިފައި ވެއެވެ. މި ފޮތުގައި ޒުހުދާ ބެހޭ ގޮތުން ލިޔެވިފައިވާ ދެތިން ވާހަކަ ނަކަލުކޮށްލާނަމެވެ.

ކީރިތި ޤުރުއާނުގައި ޒުހުދުގެ ދިރިއުޅުމަށް ބާރުއަޅައިދޭ މާނަ ދޭހަވާ މިފަދަ ބައެއް އާޔަތްތައް ކިތާބު އައްޒުހުދިގައި ނަކަލުކުރެވިފައިވެއެވެ. އޭގެ ތެރޭގައި بل تؤثرون الحياة الدنيا ولآخرة خير وأبقى (އެބައިމީހުން [އެބަހީ މައްކާގެ މުޝްރިކުން] ލޯބިކޮށް އިޚްތިޔާރުކުރަނީ ދުނިޔަވީ ހަޔާތެވެ. ނަމަވެސް، އުޚްރަވީ ހަޔާތް ހެޔޮކަން ބޮޑުވެފައި ދެމިހުރެއެވެ. [އަލްއަޢުލާ ސޫރަތުގެ ސޯޅަ ވަނަ އާޔަތާއި ސަތާރަ ވަނަ އާޔަތް].) މިއާޔަތުގެ މާނަ އިތުރަށް ސާފުވެދިޔުމަށްޓަކައި އިބްނު އަލްމުބާރަކް މިސާލެއް ދެއްވާފައިވެއެވެ. "ދުނިޔޭގެ މިސާލަކީ ގަނޑުފެން ކޮޅެއްގެ މިސާލެވެ. އޭގެ އަގު ދަށްވެފައި ދާދި އަވަހަށް ވިރިދެއެވެ. މިއާ ޚިލާފަށް އާޚިރަތުގެ މިސާލަކީ ޖައުހަރެއްގެ (ޑައިމެންޑްގެ) މިސާލެވެ. އޭގެ އަގު ބޮޑުވެފައި އެއީ ވިރި ދާނޭ އެއްޗެއް ނޫނެވެ.

އަދިވެސް އެހެން އާޔަތެކެވެ. (تريدون عرض الحياة الدينا ويريد الله الآخرة [ކަލޭމެން އެދެނީ (ނެތިގެން ދާނޭ، ވަގުތީ) ދުނިޔަވީ އެއްޗިއްސަށެވެ. (ނަމަވެސް) މާތްރަސްކަލާނގެ (ކަލާމެންނަށްޓަކައި، އެދިވޮޑިގެން، ލޯބިވެވޮޑިގަންނަވަނީ) އާޚިރަތެވެ. އާދެ ދުނިޔެއިން ލިބިގަނެވޭ މުދަލާއި އުފަލާއި ލައްޒަތަކީ މާޔީ، (އިލޫޝަރީ)، އެބަހީ، އެއަށް ދާއިމީ ސިފައެއް ލިބިގެން ނުވާ، ހަގީގަތެއް ނެތް ފަދަ އަވާމެންދުރެއްގެ ސިފަ ލިބިގެންވާ ފަދަ ކަންކަމެވެ. މިނޫން ވެސް އިތުރު މިފަދަ މާނަ ދޭހަވާ އެތައް އާޔަތްތަކެއް ކިތާބު އައްޒުހުދިގައި ނަކަލުކުރެވިފައިވެއެވެ.

އިބްނު އަލްމުބާރަކުގެ ކިތާބު އައްޒުހުދި ގައި ނަންގަނެވިފައި ހަދީސްތަކުގެ ތެރޭގައި މިންނަންގަންނަ ހަދީސްތައް ހިމެނެއެވެ. ما الدنيا في الآخرة إلا مثل ما يجعل أحدكم إصبعه في اليم فلينظر بم يرجع. (ކަލޭމެންގެ ތެރެއިން މީހަކު އޭނާގެ އިނގިލި ކޯރުގެ ފެންގަނޑު ތެރަށް ގަންބާލާފައި ނަގައި ބަލާލާއިރު އެ ފެންގަނޑުން އިނގިއްޔަށް ލިބިފައި އޮންނަ މިންވަރު ނޫނީ އާޚިރަތާއި އަޅާ ބަލާއިރު ދުނިޔޭގެ މިސާލު ނުވެއެވެ.) އާދެ، ދުނިޔަވީ ހަޔާތާއި އުޚުރަވީ ހަޔާތް އަޅާ ކިޔާލައިފި ނަމަ، ދުނިޔަވީ ހަޔާތުގެ އެއްވެސް އަގެއް ނެތެވެ. ސަބަބަކީ ދުނިޔެއިން އިންސާނާއަށް ލިބިގަނެވޭނޭ މާއްދީ އެއްވެސް ފައިދާ އެއް ނެތެވެ. ފެންގަޑެއްގެ ތެރެއަށް އިނގިލި ލައިފައި ނަގާއިރު އިނގިލީގައި އެ ފެންގަޑުން އިނގިލީގައި ހަރުލާފައި ހުންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ކުރާނެ މިންވަރަކަށް އެއްޗެއް ހަރުލާފައެއް ނުހުންނާނެއެވެ. އެހެންވެ، މުއުމިނާއަށް ދުނިޔަވީ އުފާތަކުގެ އަޅަކަށްވެގެން ހުރެވޭކަނަށް ނެތެވެ. އޭނާގެ އެންމެ މުހިއްމު މަގުސަދަކަށްވާން ޖެހޭނީ ދުނިޔޭގައި ހެޔޮ އަމަލުކޮށް އުޚުރަވީ ހަޔާތް ލިބިގަތުމަށް ވެސް މަސައްކަތް ކުރުމެވެ.

އަދި ވެސް އެ ފޮތުގައި ނަކަލުކުރެވިފައިވާ އެހެން ހަދީސެކެވެ. لو كانت الدنيا تعدل عند الله جناح بعوضة ما سقى كافرا منها شربة ماء. (މަދިރިއެއްގެ ފިޔައަކާއި ދުނިޔޭ[ގެ އަގު] އެއްވަރުވި ނަމަވެސް، އެކަލާނގެއަށް އިންކާރުކުރާ މީހަކަށް، މާތްރަސްކަލާނގެ [ދުނިޔެއިން، ކޯވަރެއްގެ] ފެން ފޮދުވެރެއް ނުދެއްވީހެވެ.) އާދެ، ހަމަ ކުރީގެ ހަދީސްގެ މާނައިގައިވާ ހަދީސެކެވެ. ދުނިޔަވީ ހަޔާތުގެ އުފާތަކަކީ ހަގީގަތެއް، އެއްވެސް އަގެއް، ނެތް ކަމުގެ މާނަ ދޭހެވާ ހަދީސެކެވެ. އެ އުފާތަކުގައި ހަގީގަތެއް ނެތްކަމަކީ އެކަމަކީ މާޔީ ކަމަކަށް (އިލޫޝަންއަކަށް) ވެގެން ދިޔުމެވެ. އެއްވެސް ގޮތަކަށް ދާއިމީ ސިފައެއް ލިބިފައި ނެތް، ފެނި ގެއްލިދާ އަވާ މެންދުރެއް ފަދައިން، ނިމިދާ ކަމަކަށް ވުމެވެ. އެހެންވެ، ދުނިޔޭގައި ބަޔަކު އުފަލުގައި އުޅުމުން، އެކަމާ ހަސަދަވެރިވާކަށް ނުޖެހެއެވެ. އެފަދަ އުފާތަކަކީ އާޚިރަތުގެ މަތިން ހަނދާންނައްތާލާ ކަމަކަށްވާ ނަމަ، އެކަމާ މެދު ހިތާމަކޮށް، އެފަދަ އުފާތަކުގެ ތެރެއަށް ބަޔަކަށް ޣަރަގުވެ، އާޚިރަތުގެ މަތިން ހަނދާން ނެތިފައިވާ ނަމަ، އެބަޔެއްގެ މައްޗަށް ހަމްދަރުދީވާން ޖެހެއެވެ.

އަދި ވެސް، އިބްނު އަލްމުބާރަކް އޭނާގެ ޒުހުދާ ބެހޭ ފޮތުގައި ނަކަލުކޮށްލާފައިވާ އެހެން ހަދީސެކެވެ. ازهد في الدنيا يحبك الله، وازهد فيما عند الناس يحبك الناس. (ދުނިޔެއާ މެދު ޒުހުދުވެރިވެ [ދުނިޔެއަށް ނޭދޭ]ށެވެ. އޭރުން މާތްރަސްކަލާނގެ ކަލޭދެކެ ލޯބިވެ ވޮޑިގެންވާނެއެވެ. އަދި، މީސްތަކުންގެ އަތް މަތީގައިވާ އެއްޗިއްސައްވެސް ޒުހުދުވެރިވެ [އެއެއްޗިއްސައް ވެސް ދަހިވެތިވެ އެދިނުގަންނާ]ށެވެ. އޭރުން މީސްތަކުންވެސް ކަލޭ ދެކެ ލޯބިވާނެއެވެ. އާދެ، ޒުހުދުގެ މަގަށް ބާރުއަޅައި ހިއްވަރުދޭ އިތުރު ވާހަކައެކެވެ. ދުނިޔޭގެ އެދުންތަކުގެ އަޅަކަށް ނުވުމަކީ މާތްރަސްކަލާނގެ ރުހުން ލިބެން އޮތް މަގެކެވެ. އަދި، ހަމަ އެހެންމެ މީސްތަކުންނަށް ލިބިފައިވާ އެއްޗިއްސަށް ދަހިވެތިވެ އުޅުން ދޫކޮށްލުމަކީ މީސްތަކުންގެ ލޯބިވެސް ލިބޭނޭ ކަމަކެވެ.

މިމަގާމުގައި ހަދީސާ ބެހޭ ކުޑަ ނޯޓެއް ލިޔެލަން ޖެހެއެވެ. ހަދީސް ޖަމާކުރުމުގެ ތަހުރީކު ފެށުނީ ހިޖުރައިން ތިންވަނަ ގަރުނުގެ ތެރޭގައެވެ. މީގެ މާނައަކީ ހަދީސް ޖަމާކުރެވިފައި ހުރި، އޭގެ ކުރީގެ، މަދު ލިޔުންތައް ނެތުމެއް ނޫނެވެ. ހިޖުރައިން ފުރަތަމަ ގަރުނުގެ ފަހުކޮޅަށް ނިސްބަތްވާ، ހައްމާމު އިބްނު މުނައްބިހުގެ (އަވަހާރަވީ 101ހ. ގައި) ސަހީފާ ފަދަ ބައެއް ސަހީފާތައް ހުއްޓެވެ. ނަމަވެސް، ހަރަކާތެއްގެ ގޮތުގައި ހަދީސް ޖަމާކުރަން ފެށުނީ، ފިގުހީ މައްސަލަތައް ބަހުސްކުރުމުގައި، ޝަރުއީ ނައްސުތައް މާނަކުރުމާއި އަމިއްލަ ރައުޔުތައް ފާޅުކުރުން ހިފެހެއްޓުމަށްޓަކައި، ޝަރުއީ ނައްސެއް އޮންނަން ޖެހޭނެކަން އިމާމު ޝާފިއީ އޭނާގެ ރިސާލަތުގައި ވިދާޅުވުމާއި ގުޅިގެންނެވެ. އެހިސާބަށް އައިރު، އާދެ، ހިޖުރައިން ތިންވަނަ ގަރުނަށް އެޅުނު އިރު، ހަދީސްގެ ވާހަކަތައް އޮތީ ވަރަށް ވެސް ފުޅާވެފައެވެ. ސީދާ، ސަލާމައި ސަލަވާތް ލެއްވި އިތުރު ރަސޫލާގެ ބަސްފުޅުތަކާއި އެ ބަސްފުޅުތަކުގެ މާނަކުރުންތަކާއި އަދި އެމާނަކުރުންތަކުގެ މާނަކުރުންތައްވެސް އޮތީ ހަދީސްގެ ތެރޭގައި ހިމެނިފައެވެ. މި ވަގުތު މިމައްސަލައިގެ ތަފްސީލަކަށް ދެވޭކަށް ނެތެވެ. ނަމަވެސް ހަނދާންކޮށްލަން ޖެހޭނީ، ހަދީސް ފޮތެއްގައި އޮންނަ ހުރިހާ ހަދީސަކީ ސީދާ ކީރިތި ރަސޫލާ ވިދާޅުވި ބަސްފުޅަކަށް ނުވެ ހިނގައިދާނޭ ކަމެވެ. އެއީ ސައްހަ ހަދީސެކޭ ކަނޑައަޅާލެވުނު ކަމުގައި ވިޔަސް ވެހެވެ. ސައްހަ ހަދީސްއަކަށް ވުމަކީ ހަދީސެއް ސައްހަކަމަށް ކަނޑައަޅުއްވާ ހަދީސް އިލްމުވެރިޔަކު، ހަދީސް ސައްހަވެ ދިޔުމަށް އޭނާ ކަނޑައަޅުއްވާފައިވާ މިންތަކަކަށް ހަދީސް ފެތުމެވެ. ކޮންމެހެން އެ ހަދީސް، ސީދާ އެ އޮތް ގޮތަށް ކީރިތި ރަސޫލާގެ ދޫފުޅުން ނިކުތުމެއް ނޫނެވެ. އެހެންވެ، ހަދީސްގެ ވާހަކަ ދައްކާއިރު، ހަދީސަކީ ކީރިތި ރަސޫލާ ވިދާޅުވި ވާހަކައަކަށް، ނޫނީ ހަދީސެއްގެ މާނަކުރުމަކަށް ނޫނީ އެމާނަކުރުމުގެ މާނަކުރުމަކަށް ވެސް ވެދާނެކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

މިކަން ހަނދާނުގައި ބަހައްޓައިގެން ޒުހުދާ ބެހޭ ހަދީސްތައް ވެސް ކިޔާލުން މުހިއްމެވެ. އެހަދީސްތަކުން އެނގެނީ އެދުވަސް ވަރުގެ، އާދެ، ހިޖުރައިން ދެވަނަ ގަރުނާއި ތިންވަނަ ގަރުނުގެ، ބައެއް މުސްލިމު ޒުހުދުވެރިން، ދުނިޔެއާ ދޭތެރޭ ދެކެވަޑައިގަތް ގޮތެވެ. އަދި، އެ ގޮތަށް އުޅުއްވުމަށް ބާރުއަޅުއްވައި، އަމިއްލަ ނަފްސަށް ހިއްވަރު ދެއްވުމުގެ ގޮތުން ހަދީސްތައް ވެސް، އާދެ، މަތީގައި ނަންގަނެވުނު މާނައިގައި، ގެނެވިފައިވާ ކަމެވެ.

އަބްދުއްލާހި ބިން އަލްމުބާރަކުއަށް ފަހު، ހިޖުރައިން ދެވަނަ ގަރުނުގެ ފަހުކޮޅާއި ތިންވަނަ ގަރުނުގެ ކުރީ ކޮޅުގެ ސޫފީއަކަށް ދެން ފާހަގަކޮށްލެވެނީ މަރްވުގެ ބިޝްރު ބިން އަލްހާރިޘް އަލްޙާފީއެވެ. އާދެ ހުސްފައިންޕުޅާ އުޅުއްވި ބިޝްރުއެވެ. އޭނާއަކީ އޭނާގެ ޅަ އުމުރުފުޅުގައި ރަލުގެ މަސްތީ ހަފުލާތަކުގައި ބައިވެރިވެ އުޅުއްވި ބޭކަލެކެވެ. އަދި، އޭނާ ވިދާލުވާ ގޮތުގައި، އޭނާއަށް އަލިމަގު ފެނިވަޑައިގަތީ އޭނާ ފައިވާނަކަށް ނާރުއްވައި ހުންނަވަނިކޮށް ކަމަށް ވުމުން، ދުނިޔޭގައި، އޭނާގެ ހަޔާތުގެ ބާކީ ދުވަސްތައް ފައިވާނަށް ނާރުއްވައި އުޅުއްވަން ގަސްދުކުރެއްވީއެވެ. އާދެ، އެފަދަ މިންވަރެއްވެސް އޭނާ ދުނިޔެއިން ބޭނުންކުރެއްވުމަށް ވެސް އިންކާރުކުރެއްވީއެވެ.

ބިޝްރުގެ ވާހަކަތަކާއި ޅެންޅެމުގައި ފާހަގަކޮށްލެވޭ ކަމަކީ ދުނިޔެއާ ދުރުވެ، ޒުހުދުގެ ގޮތުގައި އުޅޭއިރު، މީސްތަކުންގެ ކިބައިން ލިބިދާނޭ މަލާމާތުގެ ބަސްތަކާއި ފުރައްސާރަކުރުމަށް އަޅާނުލުމެވެ. އޭނާގެ ވާހަކަކޮޅެއްގެ ހުލާސާ ލިޔެލާނަމެވެ.

އޭނާގެ ދަރިވަރާ މުޚާތަބުކޮށް ބިޝްރުވިދާޅުވެފައި އޮވެއެވެ. މާތްރަސްކަލާނގެ ރުއްސުވުމުގެ މަގު ޚިޔާރުކޮށް އެމަގުގައި ހިނގާށެވެ. މީސްތަކުންގެ ކިބައިން ލިބޭ ތައުރީފަކަށް ނޫނީ މަލާމާތަކަށް ވެސް ބަލަން ނުހަދާށެވެ. އެމީހުން ދެކެ ކަލޭ ޖެހިލުންވެ، ބިރުގަންނަންނަ މީހުން ތިބީ އެމީހުންގެ ހިތްތައް މަރުވެފައިވާ ހާލުގައެވެ. ކަލޭ އަޅާލައި ވިސްނަން ޖެހެނީ އެބައެއްގެ ހިތްތައް މާތްރަސްކަލާނގެ އީމާންކަމުގެ ނޫރުފުޅުން އަލިވެ، ދިރުން ލިބިފައިވާ މީހުންނާ ދޭތެރޭއެވެ. ކަލޭ އުޅެމުން ތިޔަދަނީ، ކަށްވަޅުތަކުގެ މަތީގައި މަރުވެފައި ތިބެމެ، ދިރިއުޅެމުންދާ މީހުންގެ ތެރޭގައެވެ. އެމީހުންގެ ހިތްތައްވަނީ އަންނަން އޮތް ދުނިޔެއަށް ހޭލުންތެރި ނުވެ، މަރުވެފައެވެ. ކަލޭ ދޫކޮށްލާފައި މީހަކު ހިނގައިދާނެތީ ކަންބޮޑު ނުވާށެވެ. ހަމައެކަނި މާތްރަސްކަލާނގެ ކަލެއަށް ފުދިވޮޑިގެންވާކަން ޔަގީންކަމާއެކު ގަބޫލުކޮށް، ކަލެއާ އެކުގައި އަބަދުވެސް އެކަލާނގެ ވޮޑިގެންވާކަން ހަނދާންކުރާށެވެ. މީހުންނާ އެކު އުޅުމަށް ވުރެ، ވަކީން އެކަހެރި ގޮތެއްގައި އުޅެ މަރުވުން މޮޅު އިތުރުވެގެން ވެއެވެ. އެހެނީ، ކަލޭގެ މައްޗަށް ބާރުވެރިވުމަށް މީސްތަކުންނަށް ފުރުސަތެއް ދީފި ނަމަ، ފާފައިގެ މަގަށް އެމީހުން ކަލޭ ގެންދާނެއެވެ. އެކަމަށް އިންކާރުކޮށްފި ނަމަ، ފާފައިގައި ޖައްސާނެ ދަލެއް ފަތުރައި، އެދަލުގައި ކަލޭ ޖައްސާނެއެވެ. އެހެންވެ، އަދުގެ މުޖުތަމާ ދޫކޮށް އެކަނި އުޅުން އިޚްތިޔާރުކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އެކަނި އުޅުމުގައި ސަލާމަތްކަން ވެއެވެ. އަދި އެ ސަލާމަތްކަމުގައި އޮތް ފައިދާ ފުދެއެވެ.

މިހާތަނަށް ގެނެސްދެވުނު، ޒުހުދުވެރިންގެ ވާހަކަތަކަށް ބަލާލާއިރު، އެމީހުންގެ ވާހަކަތައް ތަރައްގީވަމުން އައިގޮތް ފާހަގަކޮށްލެވޭނެއެވެ. ދުނިޔޭގެ އުފާތަކުގެ އަވައިގައިޖެހި، އެފަދަ ކަންކަމުގެ އަޅަކަށް ނުވުމެވެ. އަމިއްލަ އަތުން މަސައްކަތްކޮށްގެން، ދުނިޔެއިން މަދު މިންވަރެއް ބޭނުންކޮށްލައިގެން ފުއްދާލައިގެން ދުނިޔަވީ ހަޔާތް ވޭތުކޮށްލުމެވެ. މާތްރަސްކަލާނގެ މަތިން ހަނދުމަކަށް ހަނުހުރުމާއި ނޫނީ ޒިކުރުކުރުމުގައި އުޅެއެވެ. ދެން، މިކަން ކުރިއަށް ވުރެސް އިތުރަށް ގެންދެވުނެވެ. ދުނިޔެއަކީ އެއްވެސް ފައިދާއެއް ނެތް ތަނެއް ކަމުގައި ދުށުމެވެ. ދުނިޔޭގެ އުފާތަކުގެ އަވައިގައި ޖެހި ނުދިޔުމަށްޓަކައި އެކަހެރި ދިރުއުޅެމެއް އުޅުން ޚިޔާރުކުރުމެވެ. ކުރިން ވެސް ނަންގަނެވި ދިޔަ ފަދައިން، މިއީ ސޫފީންގެ އިޚްތިޔާރީ ކަމެކެވެ. ފަހަރެއްގައި ވެސް، ދުނިޔެއާ ދޭތެރޭ މިފަދަ ތަޝާއުމީ (ޕެސިމިސްޓިކް) ގޮތެއްގައި ދެކެ، ދުނިޔެއިން އެއްވެސް އުފަލެއް ލިބގަތުން އިސްލާމީ ތައުލީމާތުތައް މަނައެއް ނުކުރެއެވެ.

ދުނިޔެއާ ދޭތެރޭ މިފަދަ ތަޝާއުމީ ގޮތް ދުށް އެހެން ސޫފީން ވެސް އޭރުގެ އިސްލާމީ ދުނިޔޭގެ އެހެން ރަށް ރަށުން ފެނިގެން ދިޔައެވެ. މީގެ އެއް މިސާލަކީ އިރާގު ކަރައިގައި އުޅުއްވި ފުޟައިލު ބިން ޢިޔާޟެވެ އޭނާ އުފަންވެވަޑައިގަތީ ޚުރާސާނުގައެވެ. ނަމަވެސް ފަހުން ދިރިއުޅުއްވީ އިރާގުގެ ކޫފާގައެވެ. އަދި، އަވަހާރަވީ ހިޖުރައިން 187ވަނަ އަހަރު މައްކާގައެވެ. ދުނިޔޭގެ މާތް މުއްސަނދި މީސްމީހުންގެ ގަނޑުވަރުތަކުގައި އުޅުއްމަށް ވުރެ، ބިމުގެ ހިރަފުހަށް ވުން ވެސް މޮޅު އިތުރުވެގެންވާ ކަމުގައި ފުޟައިލު ވިދާޅުވެއެވެ. އަދި، މީސްތަކުން މަރު ދެކެ ބިރު ގަންނަކަމަށްވާ ނަމަ، އެމީހުން ކައިބޮއި ދުނިޔެއިން އެއްވެސް އެއްޗެއް ލިބިގަތުމަކަށް ނޫޅޭނޭޔޭ ވެސް ފުޟައިލު ވިދާޅުވެފައި އޮވެއެވެ. ފުޟައިލުގެ ދަރިވަރަކު ވިދާޅުވާ ގޮތުގައި، ފުޟައިލާއެކު ތިރީހަކަށް އަހަރު އޭނާ ހޭދަކުރެއްވި އިރު، އެންމެ ފަހަރަކު މެނުވީ ފުޟައިލު ހިނިފުޅުވެޑުވި ތަނެއް ނޫނީ ހިނިތުންވެ ލެއްވި ތަނެއް ދެކެވަޑައި ނުގަންނަވާ ކަމުގައި އެ ދަރިވަރު ވިދާޅުވިއެވެ. އޭނާގެ މިޒާޖުފުޅު ބަދަލުވީ އޭނާގެ ދަރިކަލަކު އަވަހާރަވި ދުވަހުއެވެ. އެދުވަހު، ހިނިތުންވެލައްވައި ވިދާޅުވީ ތިމަންނާ ވަކި ގޮތެއް އެދިލެއްވި ކަމަކު، މާތްރަސްކަލާނގެ އެހެން ގޮތެއް އިރާދަކުރެއްވީއެވެ. އާދެ، ތިމަންނާގެ ދަރިކަލުން ދިރިހުންނަން އެދިވަޑައިގެން ކަމުގައި ވިޔަސް، މާތްރަސްކަލާނގެ އެގޮތް އެދިވަޑައި ނުގެންނެވީއެވެ. އަދި، އެކަމާ ފުޟައިލު ރުހިވަޑައިގެން ހިނިތުންވެލެއްވީއެވެ. އާދެ، ދުނިޔެއިން އެއްވެސް އެއްޗެއް ބޭނުންފުޅުވެ ވަޑައިގެން، ދުނިޔެއާ ދޭތެރޭ އެއްގޮތަކަށް ވެސް އަޅާލެއްވުން، ފުޟައިލުގެ ކިބައިގައި ނެތެވެ.

ފުޟައިލުގެ އިތުރުން، ދެން އިރާގު ކަރައިން ފެނިގެން ދިޔަ އެންމެ ފާހަގަކޮށްލެވޭ ސޫފީވެރިޔަކީ އަންހެން ކަނބަލެކެވެ. އާދެ، ރާބީޔާ އަލްޢަދަވިއްޔާއެވެ. އެ ކަމަނާއާ ބެހޭ ގޮތުން މާ ގިނަ މައުލޫމަތެއް އެނގޭކަށް ނެތެވެ. އެނގެނީ އެކަމަނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 100ވަނަ އަހަރުގައި އިރާގުގެ ބަސްރާގައި ކަމެވެ. އަދި ވަރަށް ތުއްޕުޅުއިރުގައި އެކަމަނާގެ ފަގީރު ބައްޕާފުޅު އަވަހާރަވިކަމެވެ. އަދި، ޔަތީމު ހާލުކޮޅުގައި ބޮޑުފުޅުވެ، ފަހުން، އަޅެއްގެ ގޮތުގައި ވިއްކާ ލެވުނު ވާހަކަ ވެސް ބުނެވެއެވެ. އެކަމަނާ އަވަހާރަވީ ހިޖުރައިން 185ގައި އިރާގުގެ ބަސްރާގައެވެ.

އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ ޒުހުދުވެރި އަޅުވެރިޔެއްގެ ގޮތުގައެވެ. އެކަމަނާއާ ކައިވެނީގެ ގޮތުން ގުޅުމަށް މީސްމީހުން އެދުމުން، ވިދާޅުވަނީ ކައިވެންޏަށް ބޭނުން ޖެހެނީ ޒާހިރީ، އެބަހީ، ބޭރުފުށުގެ، ވުޖޫދެއް އޮތް މީސްމީހުންނަށެވެ. އެކަމަނާއަށް އެފަދަ ވުޖޫދެއް އޮތް ކަމުގައި އެކަމަނާ ދެކެވަޑައި ނުގަންނަވާ ކަމުގައި ވިދާޅުވެއެވެ. އެހެނީ އެކަމަނާގެ ފިކުރާއި ޚިޔާލާތުތައް އޮތީ މާތްރަސްކަލާނގެ ވުޖޫދުގެ ތެރެއަށް ގެނބި ގެއްލިފައެވެ. އާދެ، އިންސާނާއަށް ޒާހިރީ ވުޖޫދެއް ލިބިފައވާކަމުގެ ޖައުހަރަކީ، އަސާސަކީ، އޭނާގެ ފިކުރާއި ޚިޔާލުތަކެވެ. (މިތަނުގައި ފަރަންސޭސި ފަލްސަފާވެރިއެއްގެ ބުނުން ހިތަށް އާދެއެވެ. ރެނޭ ޑެއިކާޓުގެ "އަހަރެން ވިސްނަމުއެވެ. އެހެންވެ، އަހަރެން ވުޖޫދުގައި ވަމެވެ" [އައި ތިންކް، ދެއަރފޯ އައި އޭމް.] މި ބުނުމެވެ.) އެކަމަނާގެ ނަންފުޅު އެންމެ ބޮޑަށް ގުޅިފައި ވަނީ ތިރީގައި ނަކަލުކޮށް ދިވެހިކޮށްލެވިފައިވާ ޅެން ބަސްކޮޅާއެވެ. މި ޅެން ބަސްކޮޅުގެ ޖުމްލަ މާނަ އަމާޒުވަނީ މުޅި އެކަމަނާގެ މުޅި ހަޔާތްޕުޅު މާތްރަސްކަލާނގެއަށްޓަކައި ތަކުރީސުކުރެވިފައިވާކަމެވެ. އެކަލާނގެއަށް ލޯބިކޮށް އެކަލާނގެ ހަނދުމަކުރުމުގައި ހަޔާތުގެ ވަގުތުތައް ހޭދަކޮށްލުމުވެ.

عرفت الهوى مذ عرفت هواك

ލޯތްބަކީ ކޮބައިކަން އަޅަށް އެނގުނީ އިބަ ރަސްކަލާނގެ ދެކެ ލޯބިވާން އެނގުނީއްސުރެންނެވެ

وأغلقت قلبي على منا عاداك

ދެން، އިބަ ރަސްކަލާނގެއާ އަދާވަތްތެރިވެގަތް އެއްވެސް މީހަކަށް (އަޅުގެ ހިތުން ޖާގައެއް ނުދީ އަޅުގެ ހިތް އެފަދަ މީހުންނަށް) ބަންދުކޮށްލީމެވެ.

وقمت أناجيك يا من ترى

އަދި، އަޅު މުނާޖާ ދަންނަވައި (ދުއާކުރަމުން) ދިޔައީމުއެވެ، އޭ ދެކެދެނެވޮޑިގެންވާ ރަސްކަލާކޯއެވެ!

خفايا القلوب ولسنا نراك

ހިތްތަކުގައި ފޮރުވި ވަންހަނާކުރެވިފައިވާ ފޮރުވުންތަކެވެ. އަޅަމެނަށް އިބަ ރަސްކަލާނގެ ނުފަންނަ ހާލުގައެވެ.

أحبك حبيك، حب الهوى

ދެ ލޯތްބަކުން އަޅު އިބަރަސްކަލާނގެ ދެކެ ލޯބިވަމެވެ. ހަވާ ނަފްސުގެ، (އެބަހީ، އަޅުގެ އަމިއްލަ އެދުމުގެ) ލޯބީގެ ލޯބިވުމަކުންނާއި،

وحبا لأنك أهل لذاك

(އަމިއްލަ އެދުމެއް ނެތް)، އެ ލޯތްބަކީ ހަމައެކަނި އިބަރަސްކަލާނގެއަށް ހައްގުވާ (ޚާލިސް) ލޯތްބަކުން ވެސް މެއެވެ.

فأما الذي هو حب الهوى

މީގެ ތެރެއިން އަޅުގެ އަމިއްލަ އެދުމުގެ ލޯތްބަކީ (އަޅުގެ އުފަލަށްޓަކައި)

فشغلي بذكرك عمن سواك

އިބަރަސްކަލާނގެ މަތިން ހަނދުމަކޮށް، ޒިކުރުކުރުމުގައި އަޅުގެ ނަފްސު މަޝްޣޫލުކޮށް، އަވަދި ނެތިކޮށްލައި، އެހެން ހުރިހާ އެއްޗެއް މަތިން ހަނދާން ނައްތުވާލާ ލޯތްބެކެވެ.

فأما الذي أنت أهل له

ދެން، ހަމައެކަނި އިބަރަސްކަލާނގެއަށް ހައްގުވެގެންވާ، (އެއްވެސް އަމިއްލަ އެދުމެއް ނެތް)، ލޯތްބަކީ،

فلست أرى الكون حتى أراك (ކައުނަށް އަޅު ބަލާލުމުން) ކައުނުން އިބަރަސްކަލާނގެ (ކުޅަދުންވަންތަކަން) އަޅަށް ނުފެންނަ ހާލު ކައުނު އަޅާއަށް ނުފެނުން މެދުވެރިކުރުވާ ލޯތްބެވެ.

فلا الحمد في ذا وذاك لي

ކުރިން ނަންގަނެވުނު ލޯތްބާއި އަދި ފަހުން ނަންގަނެވުނު ލޯބި އަޅާއަށް ލިބުމުގެ ހުރިހާ މޮޅަކާއި ތައުރީފެއްގެ ހައްގުވެރިޔަކީ އަޅާއެއް ނޫނެވެ.

ولكن لك الحمد في ذا وذاك

ނަމަވެސް، ކުރިން ނަންގަނެވުނު ލޯތްބާއި އަދި ފަހުން ނަންގަނެވުނު ލޯބި ވެސް ލިބުމުގެ ހުރިހާ މޮޅަކާއި ތައުރީފެއްގެ ހައްގުވެރިޔަކީ ހަމަ އެކަނި އިބަ ރަސްކަލާނގެއެވެ.

މި ޅެން ބައިތުކޮޅުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ އިޚުލާސްތެރިވުމުގެ މުހިއްމު ކަމެވެ. ޝައްކެއް ނެތް ގޮތުގައި، މާތްރަސްކަލާނގެ ހަޒުރަތުގައި ހެޔޮ އަމަލުތައް ގަބޫލުވެވިގެންދަނީ އިޚުލާސްތެރިކަމުގެ މައްޗަށް ބެލިގެންނެވެ. ރާބިޔާގެ މިވާހަކަ ކޮޅުން، މި އިޚުލާސްތެރިކަން އޭގެ އިންތިހާއަށް ގެންދެވިފައި ވެއެވެ. މާތްރަސްކަލާނގެއަށް ކިޔަމަންތެރިކަން އަދާކޮށް އެކަލާނގެ ކިބަފުޅަށް ލޯބިކުރުމުގެ އެންމެ މަތީ ހަރުފަތަކީ އެ ލޯބިކުރުމުގައި ވެސް، އެއްވެސް އަމިއްލަ އެދުމެއް ނެތުމެވެ. އެކަލާނގެ ރަސްކަންފުޅަށްޓަކައި އެކަލާނގެއަށް ލޯބިކުރުމެވެ.

ތަސައްވުފު ނުވަތަ ސޫފިއްޔަތުގެ ފުރަތަމަ މަރުހަލާކަމުގައި ބެލެވޭ ޒުހުދުވެރިކަމުގެ މަރުހަލާގެ ވާހަކަތައް ނިންމާލާނީ އަހްމަދު ބިން އާސިމް އަލްއަންޠާކީގެ ވާހަކަކޮޅަކުންނެވެ. މީނާ އުފަންވެވަޑައިގަތީ އިރާގުގެ ވާސިތުއޭ ކިޔުނު ރަށެއްގައެވެ. ހިޖުރައިން 140ވަނަ އަހަރުގައެވެ. އަވަހާރަވީ ޝާމުކަރައިގެ ދިމިޝްގުގައި ހިޖުރައިން 215ވަނަ އަހަރުއެވެ. އިމާމު ޛަހަބީ އޭނާގެ އައުލާމުގައި އަހުމަދު ބިން އާސިމް ސިފަކުރައްވަނީ އޭނާއަކީ "އޭނާއަށް ތަބާވެވޭ އިމާމެއްކަމާއި އަދި އޭނާއަކީ ދިމިޝްގުގެ ވާއިޒުކަމުގައެވެ". ތިރީގައި ނަކަލުކޮށްލާ އޭނާގެ ވާހަކަކޮޅު ނުވަތަ ހިވާރަކީ އޭނާއާއި އޭނާގެ ދަރިވަރަކާ ދެމެދު ދެކެވުނު ވާހަކަކޮޅެކެވެ. މިވާހަކަކޮޅުގެ އަސްލު ލިޔެވިފައިވަނީ މީސްތަކުންގެ ސީރަތުގެ ވާހަކަ ބަޔާންކޮށްފައިވާ ފޮތެއް ކަމުގައިވާ އަބޫ އައްނުޢައިމުގެ ޙުލްޔަތު އަލްއައުލިޔާއި މި ފޮތުގައެވެ.

ސ: މަޝްވަރާކުރުމާ ބެހޭ ގޮތުން މަނިކުފާނުގެ ޚިޔާލަކީ ކޮބައިތޯއެވެ؟

ޖ: އެކަން ކުރެވެނީ އިތުބާރުހުރި ތެދުވެރި މީހަކާ އެކުގައި ނޫންނަމަ، އެ މަޝްވަރާގެ މައްޗަށް އިއުތިމާދު ނުކުރާށެވެ.

ސ: ނަސޭހަތް ދިނުމާ ބެހޭ ގޮތުން މަނިކުފާނު ވިދާޅުވަނީ ކީކޭތޯއެވެ؟

ޖ: އެންމެ ފުރަތަމަ ކަލޭ ބަލަންވާނީ ކަލޭގެ ނަސޭހަތުގެ ބަސްކޮޅަކީ ކަލޭ އަމިއްލަ ނަފްސު މިންޖުކޮށްދޭނޭ ބަސްކޮޅެއްތޯއެވެ. އެހެންކަމަށް ވަނީނަމަ، ކަލޭގެ ބަސްކޮޅުވާނީ އިލްހާމުގެ މައްޗަށް، (އިލާހީ އުނގަންނައި ދިނުމުގެ މައްޗަށް) ބިނާވާ ވާހަކައަކަށެވެ. އަދި، އޭގެ ސަބަބުން، ކަލެއަށް އިހުތިރާމު ލިބި، ކަލޭގެ މައްޗަށް އިތުބާރުކުރެވޭނެއެވެ.

ސ: މީހުންނާ އެކުގައި އުޅުމާ މެދު، މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯއެވެ؟

ޖ: ވިސްނުން ތޫނު، އިތުބާރުކުރެވޭ މީހަކު ލިބިއްޖެ ނަމަ، އޭނާއާ އެކުގައި އުޅޭށެވެ. ނަމަވެސް، އެ ނޫން މީހެއް ނަމަ، ވަލު ޖަނަވާރުން ކިބައިން ފިލައި ދުވާހެން، އޭނާގެ ކިބައިން ފިލައި ދުވެދާށެވެ.

ސ: މާތްރަސްކަލާނގެއާ ކުއްތަންވުމުގެ މަގު އަޅުގަނޑު ހޯދާނީ ކިހިނެއް ހެއްޔެވެ؟

ޖ: ކަލޭގެ އެތެރެ ފުށުގެ ފާފަތައް ދޫކޮށްލައިގެންނެވެ.

ސ: ބޭރުފުށުގެ ފާފަތަކަށް އަޅާނުލައި އެތެރެ ފުށުގެ ފާފަތައް ދޫކޮށްލުން މުހިއްމުވަނީ ކީއްވެތޯއެވެ؟

ޖ: އެހެނީ، ކަލޭގެ އެތެރެ ފުށުގެ ފާފަތަކުން ކަލެއަށް އެއްކިބާ ވެވިއްޖެ ނަމަ، ކަލޭގެ ބޭރު ފުށުގެ ފާފަތަކުން ވެސް ކަލެއަށް އެއްކިބާވެވިގެންދާނެއެވެ.

ސ: އެންމެ ގެއްލުން ހުރި ފާފައަކީ ކޮބައިތޯއެވެ؟

ޖ: އެއީ ފާފައެއްކަން ކަލެއަށް ނޭނގޭ ފާފައެވެ. އަދި، މިއަށްވުރެ ވެސް ގެއްލުން ބޮޑުވެގެންވަނީ، ހުރިހާ އިރަކުވެސް އެއީ ފާފައެއްކަމުގައިވީ އިރު، (އެކަން، ނޭނގި ނަމަވެސް)، އެފާފައަކީ ހެޔޮ އަމަލެއް ކަމުގައި ދެކޭ ނަމައެވެ.

ސ: އަޅުގަނޑަށް އެންމެ ފައިދާ ހުރި ފާފައަކީ ކޮބައިތޯއެވެ؟

ޖ: ކަލޭ މި ދުނިޔެ ދޫކޮށްފުމަށް ދާންދެން، އެފާފަ ކުރެވުނުކަމުގެ މައްޗަށް ރޮއި ހަދައި، ކަލޭގެ ލޮލު ކުރިމަތީ އަބަދުމެ ފެންނަހެން އޮންނަ ފާފައެވެ. އެފާފަ އެ ގޮތުގައި ބާއްވަނީ އެފަދަ ފާފައެއް ދެން ދުވަހެއްގައި ވެސް ނުކުރުމަށްޓަކައެވެ. ކީރިތި ގުރުއާނުގެ ތަޙުރީމު ސޫރަތުގެ އަށްވަނަ އާޔަތުގައި ނަންގަނެވިފައިވާ އިޚުލާސްތެރި ތައުބާވުމަކީ މިއީއެވެ.

ސ: އެންމެ ގެއްލުން ހުރި ހެޔޮ އަމަލަކީ ކޮބައިތޯއެވެ؟

ޖ: ކަލޭގެ ނުބައި އަމަލުތައް ހަނދާން ނެތިކޮށްލާ ފަދަ ހެޔޮ އަމަލެވެ. ކަލޭގެ ލޯ ކުރިމައްޗަށް އެ ފަދަ ހެޔޮ އަމަލުތައް ގެނެސް، އޭގެ މައްޗަށް ބަރޯސާވެ، ކަލޭގެ ނުބައި އަމަލުތަކުގެ ނަތީޖާއާ މެދު ކަލޭ ބިރު ނުގަނެ، އޮޅުމުގެ ތެރެއަށް ވެއްޓި، ކަލޭގެ ހެޔޮ އެއަމަލުތަކާ މެދު ފަޚުރުވެރިވެ، ކަލޭގެ ނަފްސަށް އިތުބާރުކުރަން މެދުވެރިކުރުވާ ހެޔޮ އަމަލުތަކެވެ.

ސ: (އެހެން މީހުންނަށް) އަހަރެންގެ ޝަޚްސު (މާނައަކީ އަހަންނަކީ ހަގީގަތުގައި ކާކުކަން އަންގައިދޭ އަހަރެންގެ ސިފަތައް) އެންމެ ރަނގަޅަށް ފޮރުވެވި، ވަންހަނާ ކުރެވިފައިވަނީ ކޮންތާކު ހެއްޔެވެ؟

ޖ: ކަލޭގެ ގޭގައިވާ ކަލޭގެ ކޮޓަރި ތެރޭގައެވެ.

ސ: އަހަރެންގެ ގޭގައި އަހަންނަށް (އަހަރެންގެ ހަގީގަތް ފޮރުވުމުގެ) ރައްކާތެރިކަން ނުލިބޭ ނަމަޔޯއެވެ؟

ޖ: ކަލޭގެ ނަފްސުގައި ޝަހުވާނީ އެދުންތައް ތަތްކޮށް ނުލާ، ނޫނީ ކެހިވެރި ހެއްލުންތަކަށް ކަލޭގެ ނަފްސު ދީލާލުން މެދުވެރި ނުކުރުވާ، ކޮންމެ ތަނެއްގައެވެ.

ސ: މާތްރަސްކަލާނގެ ރަހުމަތްފުޅުތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ފައިދާ ބޮޑު ރަހުމަތްފުޅަކީ ކޮބައިތޯއެވެ؟

ޖ: އެކަލާނގެއަށް އުރެދުމުން ކަލޭ ރައްކާތެރިކުރުވާ، އަދި، އެކަލާނގެއަށް ކަލޭ ކިޔަމަންތެރި ކުރުވާ އެކަލާނގެ ރަހުމަތްފުޅެވެ.

ސ: ތިޔަ ވިދާޅުވެދެއްވީ (މައްސަލައިގެ) ޚުލާސާއެކެވެ. އަދި އިތުރަށް ސާފުވާ ގޮތަށް އަޅުގަނޑަށް އޮޅުންފިލުވައި ދެއްވާނުތޯއެވެ؟

ޖ: އެންމެ ރަނގަޅެވެ. (އަޑުއަހާށެވެ!) އެއީ ތިން ކަމަކައިގެން އެކަލާނގެ ކަލެއަށް އެހީތެރިވެ ވޮޑިގަތުމުންނެވެ: ކަލޭގެ ވަރުގަދަ ޖަޒުބާތުތައް މެދުވެރިކުރުވާ ނުރުހުންތައް ހުއްޓުވަން ފުދިދާނޭ ވަރުގެ ބުއްދިއެއް ކަލެއަށް ދެއްވުމެވެ؛ ކަލޭގެ ނޭނގުން ނެތިކޮށްލަން މެދުވެރިކުރުވާނޭ ފަދަ އެނގުމެއް ކަލެއަށް ދެއްވުމެވެ؛ ފަގީރުކަމުގެ ބިރު ކަލޭގެ ކިބައިން ދުރުކުރުވާނޭ ފަދަ އަމިއްލަ ފުދުންތެރިކަމެއް ކަލެއަށް ދެއްވުމެވެ.

ކުރިންވެސް ބަޔާންކުރެވިދިޔަ ފަދައިން، ސޫފީން އުފެދުނީ އިސްލާމީ މުޖުތަމައުގައި ދިމާވި ބައެއް ކަންކަމާ ވިދިގެންނެވެ. އަހުލީ ހަނގުރާމަތަކެވެ. މުއްސަނދިކަމާއި ތަރަފުގެ ދިރިއުޅުމެވެ. މީގެ އިތުރުން، ފިގުހު އިލްމު އުފެދި، ނަމާދާއި ރޯދަފަދަ، އަޅުކަމަކީ އާލީ ކަންކަމަށްވެ، އާދެ، އެކަމަގު ރޫހާނީ މަގުސަދާ މެދު ވިސްނާލުމެއް ނެތި، ހަމައެކަނި ސޫރީ ގޮތެއްގައި އަދާކޮށްލެވޭ ބޭރުފުށުގެ ކަމަކަށްވެ، ރޫހާނީ ބަނޑުހައިކަމެއް އުފެދުމުން ވެސް މެއެވެ. މިކަމުގެ ސަބަބުން، ޒުހުދުވެރިވުން، އެއީ ރޫހާނިއްޔަތުގެ ސިފަ ލިބިގަނެ، މާތްރަސްކަލާނގެއާ ކުއްތަންވުމަށް އޮތް މަގެއް ކަމުގައި ބެލެވި، ބަޔަކު އެ ގޮތް ޚިޔާރުކުރިއެވެ. ނަމަވެސް، އެފަދަ ޒާހިދުންނަކީ ވެސް، ހަމަ މުސްލިމު މުޖުތަމައުތަކުގައި މުސްލިމުންގެ ތެރޭގައި، މާ ބޮޑު ޚާއްސަ ގޮތްތަކެއް ގެންގުޅުނު ބައެއް ނޫނެވެ. ނަމަވެސް، އަހްމަދު ބިން އާސިމުގެ ވާހަކަކޮޅުން، މި ޒުހުދުވެރިންގެ މަރުހަލާއިން، ސޫފީންގެ ތަހުރީކު އާ މަރުހަލާއަކަށް ހިނގައި ދިޔުމުގެ އަލާމާތްތައް ފެނިގެން ދެއެވެ. އެހެން މުސްލިމުންނާ ސޫފީންނާއި ފަސޭހައިން ވަކިކުރެވޭ ކަހަލަ ސިފަތަކެއް ސޫފިންނަށް ލިބެމުންދާކަން އެ ވާހަކަތަކުން ފާހަގަވާން ފަށައެވެ. އާދެ، ދެން، އަންނަ ބައެއްގައި މި މަރުހަލާގެ މައްޗަށް ބަލާލެވޭނެއެވެ. މި މަރުހަލާއަށް ސޫފީންގެ މަރުހަލާއޭ ކިޔެއެވެ. ދެން އަންނަ ބައިގައި، އިރާދަކުރެއްވިއްޔާ، މި މަރުހަލާގެ ވާހަކައާއި މި މަރުހަލާގައި ފާހަގަވެގެން ދިޔަ ސޫފީންގެ ޚާއްސަ ސިފަތައް ބަޔާންކުރެވޭތޯ ބަލާލާނަމެވެ.