Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އަންހެން މީހާއާއި އޭނާ ގެންގުޅުނު ހަރުފަ

އެއްދުވަހަކު އަންހެނަކު ހިނގާފައި ދަނިކޮށް މަގުމަތިން ކުޑަކުޑަ ހަރުފައެއް ފެނުނެވެ. ހަރުފަ އޮތީ ފިނި ހިފައި ބަނޑުހައިވެ ތުރުތުރު އަޅައަޅައެވެ. ދެން، އަންހެން މީހާ އެ ހަރުފަ ނަގައިގެން އޭނާގެ ގެއަށް ގެނެސް އެ ހަރުފައާ އަޅައިލިއެވެ. އެއަށް ކާންދީ ބޮޑު ކުރިއެވެ.

ހަރުފަ ނިދަނީ ވެސް އަންހެން މީހާއާ އެކުގައި އޭނާގެ އެނދުގައެވެ. އަންހެން މީހާގެ ގައިގާ އޮޅާލައިގެން އޮވެ، އޭނާގެ ހޫނުން ހޫނު ލިބިގަނެގެންނެވެ.

އަންހެން މީހާ ހަރުފަ ގެންގުޅެ، އެއަށް ލޯބިދީ އަޅާލައި ބަލަހައްޓާތާ މިހާރު ދުވަސްގަނޑެއް ވެއްޖެއެވެ. އަދި، އެއްކަލަ ކުޑަކުޑަ ހަރުފަ މިހާރު ބޮޑު ވަރުގަދަ ހަރުފައަކަށް ވެއްޖެއެވެ. ދެން، ހަމަ ކުއްލިއަކަށް ހަރުފަގެ އުޅުމަށް ބޮޑު ބަދަލެއް އައިކަން އަންހެން މީހާއަށް ފާހަގަކުރެވުނެވެ. މިހާރު ހަރުފަ ކެއުން ހުއްޓާލައިފިތާ ދެތިން ދުވަސް ވެއްޖެއެވެ. ނަމަވެސް، އަންހެން މީހާ ގެއަށް އައުމުން އަބަދުވެސް އޭނާ ފަހަތުން ހަރުފަ ދެއެވެ. ނިދަނީ ވެސް ހަމަ ކުރިއެކޭ ވެސް އެއްފަދައިން އަންހެން މީހާގެ އެނދުގައި އޭނާގެ ކައިރީގައެވެ. ދޭތެރެ ދޭތެރެއިން އަންހެން މީހާގެ ގައިގައި ހަރުފަ އޮޅާލައެވެ.

ކޮންމެއަކަސް ހަރުފަ ކެއުން ހުއްޓާލުމުން، ހަރުފަ ބަލިވީ ކަމަށް ހީކޮށް އަންހެން މީހާ ހަރުފަ ޑޮކްޓަރަށް ދައްކާލަން ގެންދިޔައެވެ. ޑޮކްޓަކައީ ޖަނަވާރާ ބެހޭ ޚާއްސަ ޑޮކްޓަރެކެވެ. ޖަނަވާރުންގެ ޖިސްމާނީ ބަލިތަކަށް ފަރުވާ ކުރުމުގެ ހުނަރުގެ އިތުރުން، ޖަނަވާރުންގެ ތަބީއަތް ވެސް ވަރަށް ރަނގަޅަށް ދަންނަ ޑޮކްޓަރެކެވެ.

އަންހެން މީހާގެ ހަރުފަ ވަރަށް ރަނގަޅަށް ބައްލަވައި ޓެސްޓުތައް ހެއްދެވިއެވެ. އަދި އެއަށް ފަހު، އެ ޓެސްޓުތަކުގެ ނަތީޖާތަކުގެ އަލީގައި ޑޮކްޓަރު ބުނުއްވިއެވެ. "ހަރުފައިގެ ސިއްހަތު ހަމަ ވަރަށް ރަނގަޅެވެ. އެއަށް އެއްވެސް ބައްޔެއް ޖެހިފައި ނެތެވެ. ނަމަވެސް ހަނދާން ކުރަން ޖެހޭނީ ހަރުފައަކީ ހަރުފަ ކަމެވެ. އޭގެ ތަބީއަތް ބަދަލެއް ނުވާނެއެވެ. ކިތަންމެ ރަނގަޅަށް އެއަށް ހިތި ކަމުގައި ވިޔަސް، އޭތީގެ ކިބައިގައި ލެއްވިފައި ހުރި ކަމެއް ހުންނާނެއެވެ. ހަރުފަ ކެއުން ހުއްޓާލީ ކަމަނާ ކާލަން ތައްޔާރުވުމުގެ ގޮތުންނެވެ. ކަމަނާ ގައިގައި އޭތި އެ އޮޅާލަނީ ކަމާނާގެ ވަށަމިން ވަޒަން ކޮށްލުމުގެ ގޮތުންނެވެ. ކަމަނާގެ ސައިޒު ވަޒަންކޮށް، ކަމަނާ އޭގެ ކާނާއަކަށް ހަދާލަން ކިހާ ދުވަހަކު އެއްޗެއް ނުކައި ހުންނަން ޖެހޭތޯ ބެލުމުގެ ގޮތުންނެވެ. ދެން، އެކަން އޭއްޗަށް ޔަގީން ވުމުން، ކަމަނާ އޭތީގެ ކޮއްތަށް ހަދާލާނެއެވެ!"

މި ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ އިންސާނުންގެ ތެރޭގައި ވެސް މި ކަހަލަ ހަރުފަ ފަދަ މީހުން އުޅޭނޭކަން ދެނެގަތުމެވެ. ވަރަށް ގާތްވެ، 'ގައިގައި އޮޅާލައިގެން' އެފަދަ ހަރުފަ ވެސް އުޅެއެވެ. މީހުންގެ ލޯތްބާއި އިތުބާރު ހޯދުމަށްޓަކައެވެ. ދެން، އެކަންކަން ލިބުމުން، އެއްވެސް ލަދެއް ނެތި، އެ ފަދަ ހަރުފަތައް ވެސް އެ މީހުންގެ ލޯތްބާއި އިތުބާރު ދިން މީހުން އެ ހަރުފަތަކުގެ ކޮއްތަކަށް ހަދައި ދިރުވާލައެވެ.

މި ދުވަސްވަރަކީ މި ފަދަ ސިޔާސީ ހަރުފަތައް އޭގެ ހޮރުހޮރުން ނިކުމެ މީހުންގެ ގައިގައި އޮޅާލައިގެން އުޅޭތަން ފެންނަ ދުވަސްވަރެކެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފަދައިންނެވެ. މިސްކިތްތަކުންނާއި ނިކަމެތިންގެ ގޭގެއިން ވެސް މިހާރު ފެނެއެވެ. ދުވާލެއްގެ މައްޗަށް އެއްލަކައަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރުން އެންމެ ރަނގަޅު ކަމަށް ދުށް އެފަދަ ހަރުފައިން މިހާރު ދައްކަނީ އެ މީހުންނަކީ ވަރަށް ވެސް ހިތްތިރި ބައެއް ކަމުގައެވެ. ކުރިން ވެސް އެފަދަ ހިތްތިރިކަން ދެއްކުމަށް ފަހު، މީހުންގެ އިތުބާރު ހޯދައި، ކުރީ ކޮން ކަމެއް ހެއްޔެވެ؟ ދިރުވާލީ ކޮން އެއްޗެއް ހެއްޔެވެ؟ ބޭރު އަސްކަރީ ބައެއް ގައުމަށް ގެނެސް، ގައުމުގައި ތަމްކީނު ކުރީއެވެ. އާދެ، ގައުމު ބޭރު ބައެއްގެ މުށުތެރެއަށް ލައިދިނީއެވެ!

ދެން އޮތް ސުއާލަކީ މިފަހަރު މި ފަދަ ހަރުފަތަކުގެ އާޚިރު އެދުމަކީ ކޮބައި ބާވައެވެ؟ އެކަމުގެ ނިޝާނެއް، އިޝާރަތެއް އެ ފަދަ ހަރުފަތައް ކުރިން ދައްކާފައިވާ ބައެއް ވާހަކަތަކުން ފެނި ލިބެއެވެ. ތަނުގައި އުޅޭ ބޭރު މީސްމީހުން ތަނުގެ ރައްޔިތުންނަށް ހެދުމެވެ. މިފަދައިން ކަންތައްކޮށް، ކުރިން ނަންގަނެވުނު ބޭރު ބާރުގެ މުށުތެރޭގައި ސުވާއްޔެއްގެ ގޮތުގައި އޮތް ގައުމު ދިިރުވާލެވޭ ގޮތް ހަދައިދިނުމެވެ.

މިއީ ޚިޔާލީ ފޮލާއެކޭ، ފިިތުނައިގެ ވާހަކައެކޭ ހަރުފައިގެ ތަބީއަތް އެނގެން ބޭނުން ނުވާ މީހުން ބުނެފާނެއެވެ. ނަމަވެސް، މިކަން މިފަދަ ގޮތެއްގައި ތަކުރާރުވެފައި އޮތްތަން އެތައް ތަނަކުން ފެންނަން އެބަ އޮތެވެ. ފަލަސްތީީނުގައެވެ. އެ ދުވަސްވަރުގެ ބައެއް އަރަބި ލީޑަރުން، އިނގިިރޭސި އިސްތިއުމާރީ ހަރުފައާ އެއްބައިވުމުން ނަތީޖާއެއްގެ ގޮތުން، ފަލަސްތީނު ގެއްލުނީއެވެ. ހަމަ އެހެންމެ، މިނިވަން ސިއްކިމް، އެތަނުގެ ބައެއް ސިޔާސީ ހަރުފަތައް، ވެރިކަމުގެ ދަހިވެތި ކަމުގައި އިންޑިިއާގެ އެހީ ހޯދުމުގެ ނަތީޖާއަކަށްވީ، މިނިވަން މަމްލަކާއެއްގެ ގޮތުގައި އޮތް ސިއްކިމް، ވުޖޫދުން ފޮހެވި ގޮސް، އިންޑިޔާގެ ބަޔަކަށް ވުމެވެ. މީގެ އިތުރުން، އިރުމަތީ ޕާކިސްތާނު، ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮތުމަށް ފަހު، ބަންގުލާދޭޝްއަށް ބަދަލުވެގެން ދިޔުމުގައި ވެސް އެތަނުގެ ސިޔާސީ ހަރުފައިންނާ އިންޑިއާއާ ގުޅި، ޕާކިސްތާނުގެ އަސްކަރީންނާ އިންޑިޔާގެ އަސްކަރީން ހަނގުރާމަ ކުރެވި، އެ ހަނގުރާމައިގައި އިންޑިއާގެ އަސްކަރީން ކާމިޔާބު ހޯދައި ޕާކިސްތާނުގެ ދެބައި ވަކިކޮށް، ބަނގުލާދޭޝް އުފެދުނެވެ. ޝައްކެއް ނެތް ގޮތުގައި، މިކަން މެދުވެރިވުމުގައި ދީނީ އަދި ނަސްލީ އަދި އިގުތިސާދި އަދި ސިޔާސީ ކަންތައްތަކެއް ވެސް ހުއްޓެވެ. މިކަންކަން، އޭރުގެ އިރުމަތީ ޕާކިސްތާނުގެ މައްސަލައިގެ ތެރެއަށް ވަނުމަށް، އިންޑިއާއަށް އެހީވެދިނެވެ.

ކޮންމެއަކަސް މިކަން ކަމުން ފިލާވަޅު ލިބިގަނެ، ރާއްޖެއިން ފެންނަ ސިޔާސީ ހަރުފަތަކާ މެދު ސަމާލުވާން ޖެހެއެވެ. ނޫން ނަމަ، ހަރުފަ ގެންގުޅުނު އަންހެން މީހާގެ ނަސީބުހާ އަހަރުމެންގެ ނަސީބު ރަނގަޅު ނުވެދާނެއެވެ. ބޭސްވެރި ޑަކްޓަރުގެ ވާހަކައިގެ ސަބަބުން، އަންހެން މީހާ އޭނާ ގެންގުޅުނު ހަރުފައިގެ ނުރައްކަލުން ސަލާމަތްކަން ލިބުނެވެ. ނަމަވެސް، ސިޔާސީ ކުލަތަކުގެ ހުމުން ރައްކާތެރިކަން ހޯދައި، އިހުގެ ހާދިސާތަކުންނާއި ސިޔާސީ ހަރުފަތައް ދައްކާފައި ހުރި ވާހަކަތަކުން ފިލާވަޅު ލިބިގަނެ، އެފަދަ ސިޔާސީ ހަރުފަތައް ބިންމަތި ފުރޮޅެމުންދާ އިރު، އަޅާ ދަޅައިގެ އަލިކަމުން ލޯތައް ސަލާމަތްކޮށް، ހަގީގަތަކީ ކޮބައިކަން ދެނެގަންނަން އެންމެން ވެސް މަސައްކަތް ކުރަން ޖެހެއެވެ. ހަނދާން ކުރަން ޖެހޭ ހަގީގަތަކީ ހަރުފައެއްގެ ތަބީއަތް ބަދަލެއް ނުވާނޭ ކަމެވެ. ހަމަ އެހެންމެ، އާންމުން ގުނބޯ ހައްދައިގެން، ބޭރު ބާރެއް ގައުމުގައި ތަމްކިނު ކުރި ބައެއް، ތަނުގެ ރައްޔިތުންނަށް ބޭރުގެ ބައެއް ހަދައި، ކުރިން ނަންގަނެވުނު ބާރުގެ އަތްދަށަށް ގައުމު އިތުރަށް ގެންދިޔުމަށްޓަކައި މަސައްކަތް ނުކުރާނެ ކަމަށް ހީކުރުން ވާނީ ކުށް ހީއަކަށެވެ.