Support Us

ކޮލަމް: ހަވާސް

މަނިކުބޭގެ ސިޔާސީ ވާހަކަ: ކޮބާތަ ޑިމޮކްރަސީއަކީ؟

މަނިކުބެއާ ދިމާނުވެ އަނެއްކާ ވެސް ދުވަސްކޮޅެއް މިވީ މި ފަހަރު މެލޭޝިޔާއަށް އޭނާ ދިއުމުންނެވެ. މިހާރަކަށް އައިސް އޭނާ އަބަދުވެސް އުޅެނީ ބޭރުގެ ކޮންމެވެސް ގައުމެއްގައެވެ. ހީވާ ގޮތުން ކޮންމެވެސް ކަހަލަ ވިޔަފާރިއެއް ކުރަނީއެވެ. އެ ވާހަކަ ވެސް އަހާލަން ނުކެރިގެން މި އުޅެނީ ފޮނިކަނޑަން ފަށާނެތީއެވެ. އެހެންވެ މެލޭޝިޔާގެ ދަތުރާ ބެހޭ ގޮތުން ވެސް އެނގޭ ކަމަށް ނަހަދާ އިނީއެވެ. އެކަމަކު ކޮފީއަށް ދައުވަތު ދޭން ގުޅައިފައި، ހަބަރެއްނުވެ މިދިޔައީ މެލޭޝިޔާގައި އުޅެލާފައި އައުމުންނޭ މަނިކުބެ ބުންޏެވެ.

މަނިކުބޭ ބޭނުންވަނީ ރާއްޖޭގެ ސިޔާސީ ވާހަކަތައް ދައްކާލާށެވެ. އަދި އޭނާގެ ވިސްނުމާއި ދިރާސާތައް އެއީ އެންމެ މޮޅު ގޮތް ކަމަށް އެހެން އެންމެނަށް ވިސްނައިދޭށެވެ. އެހެންވެ، މަޑުމަޑުން އިނދެ އަޑުއަހައިލުން ނޫން ގޮތެއް ނެތެވެ.

ކޮފީ ބޯން އިށީނުމާއެކު މަނިކުބެ ވާހަކަ ފެށިއެވެ.

"މި ކަން މި ނިމުނީނުން މި."

"ކޮން ކަމެއް؟"

"ޕްރައިމަރީ ކަންތައް. ބޮޑު ތަފާތުން ނަޝީދު މިކަން ނިންމާނެ."

"ތިއީ ހީވާ ގޮތް. ހާދަ ބައެއްގެ ތާއީދު އެބައޮތޭ ސޯލިހަށް ވެސް."

"ތާއީދޭ ތި ބުނަނީ ކެމްޕޭނު ޖަލްސާތަކަށް ގޮސް އޮންނަ މީހުންތައް ފެންނާތީދޯ؟ އެއީ އެއްގޮތަކަށް ވެސް ތާއީދު ކަމަށް ނިންމައިގެން ނުވާނެ. ސަރުކާރު ކުންފުނިތަކުގައި އުޅޭ މީހުން މަޖުބޫރުވެގެން ގޮސް އެ ތިބެނީ އަތްޖަހަން. ވަޒީފާގެ ބިރަށްޓަކައި."

"ތިއީ ވަރަށް ހެއްވާ ވާހަކައެއް. ވަޒީފާގެ ބިރަށްޓަކައި ނަމަ، އެސް.ޓީ.އޯގެ އެމް.ޑީ އަމްރުވެސް ގޮސް އުޅޭނީ ސޯލިހުގެ ކެމްޕޭނުގައެއްނު. އެކަމަކު ނަޝީދާ އެއްކޮށް ފާޅުގައި އެއޮށް އުޅެނީ އަމްރު. ވަޒީފާއަކުން ވެސް ވަތްކެއް ނުކުރޭ. ސޯލިހަކީ މާ ފުދިފައި ހުންނަ މީހެކޭ."

"ސޯލިހު ރިއެކްޓްކުރަން ވަގުތު ނަގާނެ."

"ކިތަންމެ އިރަކުން ރިއެކްޓްކުރިޔަސް، އަމްރު ވަޒީފާއަކުން ވަތްކެއް ނުކުރާނެ. އަމްރު ބަހައްޓާނެ އެސް.ޓީ.އޯގައި. އަމްރުއަށް ވެސް އޮންނާނޭ އޭނާ ބޭނުން ކެންޑިޑޭޓަކު އިހުތިޔާރުކުރުމުގެ މިނިވަންކަން. ބަލަ ރައީސް އޮފީހުގެ މިނިސްޓަރު ޝިފައްޓޭ ވެސް އެ އުޅެނީ ނަޝީދާއެކު. އޭނާވެސް މަގާމަކުން ވަތްކެއް ނުކުރެއެއްނު."

"ދެން ބަލަން ތިބެމާ ހިނގާ."

"ކިތަންމެ ދުވަހަކު ބަލަން ތިއްބަސް ނުވާނެ އެހެން ކަމެއް. އެކަމަކު އަހަންނަށް ވެސް އެނގޭ އެއްޗަކީ ސޯލިހު ދޫކޮށްލައިފައި ނަޝީދުގެ ކެމްޕޭނާ ގުޅެންޏާ އަމްރު ޖެހޭނީ އެސް.ޓީ.އޯއިން އިސްތިއުފާ ދޭންކަން."

"އެއީ ކީއްވެ؟"

"ސަބަބަކީ އެސް.ޓީ.އޯއަކީ އެހެން ހުރިހާ ކުންފުނިތަކަށްވުރެ މާ މުހިންމު ކުންފުންޏެއް. ދުވަހުން ދުވަހަށް ބޭނުންވާ، ރައްޔިތުންގެ އަސާސީ ވަރަށް ގިނަ ކަންތައްތަކެއް ހިންގާ ތަނެއް އެސް.ޓީ.އޯއަކީ. ކާޑުގެ ހުރިހާ ބާވަތްތަކަކާއި ތެލާއި ގޭހާއި ބޭހާ މިހެން ގޮސް ހުރިހާ އަސާސީ މުދާ ގެންނަތަން. ރައީސަށް އިތުބާރުނުކުރާ މީހަކު އެކަހަލަ މުހިންމު ތަނެއްގައި ބަހައްޓަން ހެޔޮވެސްނުވާނުން. އޭނާ ހަދާލާ އެންމެ ގޮތަކުން، ރައްޔިތުން ބަނޑަށްޖެހި މުޅި ސަރުކާރު ކޮށިއަރުވާލަފާނެއެއްނު. ޑިފެންސް މިނިސްޓަރު ކަމަށާއި އެސް.ޓީ.އޯގެ އެމް.ޑީ އަކަށް ލާނީ ރައީސަށް އެންމެ އިތުބާރުކުރެވޭ މީހުން. ނަޝީދުގެ ކެމްޕޭނާ ގުޅުމުން އަމްރުއާ ދޭތެރޭ ރައީސަށް މިހާރު އިތުބާރު ކުރެވޭނެހެނެއް ހިޔެއްނުވޭ."

"އިތުބާރު ނުކުރެވުނަސް އަމްރު މަގާމުން ދުރުކުރާކަށް ނުކެރޭނެ. ޔަގީނޭ، ކައިރީގައި ތިބި އެންމެން މިހާރު ކޮށާނެ އަމްރު ދުރުކުރާށޭ ކިޔައިގެން."

"ކީއްވެ ނުކެރޭންވީ؟ ކެރޭނެ. ކުރަންޖެހޭ ކަމެއް ވިއްޔާ ސޯލިހު ކުރާނެ. އެކަމަކު ތެޅިގަނެގެން އެއްވެސް ކަމެއް ނުކުރާނެ ސޯލިހެއް. މީގެން ވެސް ދައްކުވައިދެނީ ސޯލިހުގެ ކެތްތެރިކަމާއި ހިޔާލު ތަފާތުވުމަށް ފުރުސަތު ދޭ މިންވަރު. ފުދިފައި ހުރި މިންވަރު."

"ވަކި ކުރިޔަސް އަމްރު ހާހެއް ނުވާނެ. އޭނާގެ އަމާޒު މިހާރު އެހެރީ 2024 ގެ މަޖިލިސް ގޮނޑިއަކަށް. ނަޝީދު ފަހަތުގައި ހުރިއްޔާ އަމްރުއަށް ގޮނޑި ކަށަވަރުވާނެ. އަމްރުއަކީ ހުވަދުއަތޮޅުގައި ވަރަށް ތާއީދު ބޮޑު މީހެކޭ. މޮޅު ހިންގުންތެރިއެއް."

"އެނގިދާނެތާ ދޯ؟"

"ޕްރައިމަރީގައި ސޯލިހު މޮޅުވާނޭ ބުނާއިރު ބަލަ ދައުލަތުގެ ޓީވީގައި ވެސް މުޅިން ވެސް އޮންނަނީ ސޯލިހުގެ ކެމްޕޭން ހަބަރުތައް. ނަޝީދުގެ އެއްވެސް ހަބަރެއް ނާދޭ. ކިހާ ދަށް ފެންވަރުގެ ކަންތައް އެ ހުންނަނީ. ދައުލަތުގެ ޓީވީ ވެއްޖިއްޔާ އެންމެނަށް ހަމަހަމަވާން ޖެހޭނެ ދޯ؟"

"ތިކަން އަދިކިރިޔާތަ ތި އެނގުނީ؟ ނުދެކެންތަ 2018 ގެ ރިޔާސީ ކެމްޕޭނުގެ ކަންތައް ތިޔަ ބުނާ ދައުލަތުގެ ޓީވީން ގެންދިޔަ ގޮތް؟ މުޅިން ވެސް ރައީސް ޔާމީންގެ އިވެންޓުތައް ދެއްކީ. އިދިކޮޅުގެ އެއްވެސް އެއްޗެއް ނުދައްކާ."

"ރަނގަޅު ވާހަކައެއް. އެކަމަކު އެގޮތް ކަމުނުގޮސްގެންނު އެ ފަހަރު ބަދަލުކުރީ. ދައުލަތުގެ ޓީވީއަށް ހަމަހަމަކަން ގެންނަން ނޫންތަ ވައުދުވީ؟"

ވައުދުވީ ހުވާކުރުމުގެ ކުރިންނެއްނު. ހުވާކުރީމަ ހުރިހާ ކަމެއްވެސް އަނެއް ފުށަށް ޖަހާނޭ. އެހެންވެ މިހާރު އެ ދަނީ ހަމަ އެ ގޮތަށް."

"ސިޔާސީ މީހުންގެ އެއްވެސް ވައުދެއްގެ އިތުބާރެއްނޯވޭ ދޯ؟"

"ސިޔާސީ ވައުދުތަކަކީ އަޅުވާލާ އަނދުނެކޭ މަ ބުނަނީ އެހެންވެގެނޭ."

އެކަމަކު ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއްގައި ދައުލަތުގެ ޓީވީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ސޯލިހެއް ކަމަކު."

"ބަލަ ރައީސުލްޖުމްހޫރިއްޔާގެ ހަބަރުތައް ދައުލަތުގެ ޓީވީން ގެނެސްދޭންޖެހޭނުން ހޫނުކޮށް ހުއްޓާ."

"އެއީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ދައްކާ ވާހަކަތަކެއް ނޫނޭ. އެއީ ސީދާ ޕްރައިމަރީއާ ދިމާކޮށް ދައްކާ ކެމްޕޭނު ވާހަކަތައް. މުޅިން ވެސް ނަޝީދަށް ދޭ ރައްދުތައް. އެކަން އެހެންވެގެން ނުވާނެ."

"އެކަން ނުވެސް ހުއްޓުވޭނެ."

"އެހެންވެ ކޮބާ ވީ ރަނގަޅެއް؟"

"ކާކުތަ ބުނީ ރަނގަޅެއް ވެއްޖެޔޭ؟"

"ރަނގަޅުވާނެ ކަމަށް ދޯ މި ބަދަލު ގެނައީ. ވަރަށް ދެރަ މިހެންވާތީ. އިދިކޮޅު ޕާޓީގެ އެއްވެސް ހަބަރެއްވެސް ޓީވީއެމަކުން ނުގެނޭ. ނަޝީދުގެ ހަބަރެއްވެސް ނުގެނޭ. އެ މީހުންގެ ހަބަރެއް ގެނަޔަސް ގެންނާނީ އެ މީހުންނަށް ފުރައްސާރަކޮށް، ސަރުކާރަށް ތާއީދު ކުރެވޭ ގޮތަށް، އެ ފަޅިއަށް ބުރަކޮށްފައި."

"ޑިމޮކްރަސީއަކީ އެއީއެއްނު."

"ކޮބާތަ ޑިމޮކްރަސީއަކީ؟"

"އިންތިހާބު ވަންދެން ހިތު ހުރިހާ ވައުދެއްވެފައި، ހުވާކުރެވުނީމަ ހިތަށް އެރިހާ ގޮތަކަށް ކަންތައް ކުރުން."

"ތިއީ އަހަރެން ދަންނަ ޑިމޮކްރަސީއެއް ނޫން."

"އެއީ ދިވެހިން ދަންނަ ޑިމޮކްރަސީ. އެއީ ޔޫކޭގެ ޑިމޮކްރަސީއެއް ނޫން. އަދި އެއީ މެލޭޝިޔާގެ ޑިމޮކްރަސީއެއް ވެސް ނޫން."

އެހެން ހަމަ ބުނިތަނާ މަނިކުބެ ރުންކުރުވެއްޖެއެވެ.

"އަހަންނާ ދިމާކުރަންދޯ ތި އުޅެނީ؟"

"ނޫން ނޫން. އެއްވެސް މީހަކާ ދިމާކުރުމެއް ނެތް. މިއީ ދިވެހިންގެ ދިމާކުރާތީ އޮންނަ ގޮތް ހަމަ."

ވާހަކަގަނޑު މިހާ ހިސާބަށް ދިޔައިރު، ނަސީބަކުން މަނިކުބެ އޮތީ ބިލް ދައްކައިފައެވެ. އެހެންވެ އޭނާ ނައްޓާލިޔަކަސް މައްސަލައެއް ނެތްތާއެވެ.

ކުއްލިއަކަށް ފޯނެއް އައުމުން، ފަހުން ގުޅާނަމޭ ކިޔައިފައި މަނިކުބެ ނައްޓާލިއެވެ. ހީވަނީ ސަޅިބައިސާ ކަނޑަން އެހެން ދިމާލަކަށް ދާންޖެހުނީހެންނެވެ. ފޮނިކަނޑައިފައި މަނިކުބެ އެހެން އުޅުނަސް މަނިކުބެ އޯކޭއެވެ.