Support Us

ކޮލަމް ކޯދު: ތަސައްވުފު ނުވަތަ ސޫފިއްޔަތަކީ ކޮބާ؟- 3

’ތަސައްވުފު ނުވަތަ ސޫފިއްޔަތަކީ ކޮބާ؟' މި މައިގަނޑު ނަމުގައި ދެން ބަލާލަން އޮތީ ސޫފިއްޔަތުގެ ތަހުރީކު އުފެދި، ތަރައްގީވުމުގެ މައްޗަށެވެ. މިގޮތުން އެންމެ ފުރަތަމަ ބަލައިލަން ޖެހެނީ ސޫފިއްޔަތުގެ ތަހުރީކުގެ ފުރަތަމަ މަރުހަލާ ކަމުގައިވާ ޒުހުދުވެރިންގެ މަރުހަލާގެ މައްޗަށެވެ. މި މަރުހަލާ ދެބައަކަށް ބަހާލައިގެން ގެނެސްދޭން ގަސްދުކުރަމެވެ. މިއީ ފުރަތަމަ ބައެވެ. މި އަށްފަހު، އިރާދަކުރެއްވިއްޔާ މީގެ ދެވަނަބައި ގެނެސްދެވޭނެއެވެ. ދެން، ސޫފިއްޔަތުގެ ތަހުރީކުގެ އެެހެން މަރުހަލާތަކުގެ މައްޗަށް ވެސް އަލިއަޅުވާލެވޭނެއެވެ. ސޫފީންގެ މަރުހަލާއާއި އެމީހުންގެ ނަޒަރިއްޔާތަކާއި އެމީހުންގެ ކަންތައްތައް ހުރި ގޮތުގެ ވާހަކައާއި އެމީހުންގެ ތަރީގާތަކުވެ ވާހަކައެވެ. އަދި، އެއަށް ފަހު، ސޫފިއްޔަތު ފާސިދުވެދިޔަ ގޮތުގެ މައްޗަށް ވެސް ބަލާލަން ގަސްދުކުރަމެވެ. ދެން، ރާއްޖޭގައި ވެސް، ޚާއްސަ ގޮތެއްގައި، ހަތްދިހައިގެ އަހަރުތަކުގެ މެދެކާ ހިސާބަށް އައިރު، ވަރަށް އާދައިގެ ނަމަވެސް، ސޫފިއްޔަތުގެ ހަރަކާތެއް އޮތް ވާހަކަ ވެސް، ނަންގަނެލަން ޖެހެއެވެ. މީގެ އިތުރުން، ސޫފިއްޔަތުގެ ތާރީޚަށް ބަލައި، އެ ތާރީޚުން މިއަދު، އަޅުގަނޑުމެންނަށް ލިބިގަނެވިދާނޭ ފައިދާއަކީ ކޮބައި ކަމުގެ މައްޗަށް ވެސް ނަޒަރު ހިންގާލަން ޖެހެއެވެ.

'ތަސައްވުފު ނުވަތަ ސޫފިއްޔަތަކީ ކޮބާ؟' ގެ އަދުގެ ބައި ޚާއްސަކުރެވެނީ ސޫފިއްޔަތުގެ ތަހުރީކުގެ ފުރަތަމަ މަރުހަލާގެ މައްޗަށެވެ. ސޫފިއްޔަތުގެ ތަހުރީކުގެ ފުރަތަމަ މަރުހަލާކަމުގައި ބެލެވޭ ޒުހުދުވެރި އަޅުވެރިކަމުގެ މައްޗަށް ބަލާލުމެވެ. ސޫފިއްޔަތުގެ ތަހުރީކު މި ގޮތުގައި ފެށެން ދިމާވި ސަބަބުތަކާއި މި މަރުހަލާގެ ބައެއް މުހިއްމު ސޫފީ އިލްމުވެރިންނަކީ ކޮބައިކަމާއި އަދި ސޫފީންގެ ގޮތުގައި އެބޭކަލުން ބެލެވުނީ ކޮން ސިފަތަކެއް އެބޭކަލުންގެ ކިބައިގައި ހުރުމުން ކަމަށް ވެސް މި ބައިގައި ބަލާލަން ގަސްދުކުރަމެވެ.

ސޫފިއްޔަތުގެ ތަހުރީކުގެ ތާރީޚު ދިރާސާކުރައްވާ މުއައްރިޚުން އެ ތަހުރީކުގެ ފެށުން ގުޅުވާލަނީ އިމާމު ހަސަން އަލްބަސްރީގެ ދުވަސްވަރާއެވެ. ހިޖުރައިން އެއްވަނަ ގަރުނުގެ ފަހުކޮޅައި ދެވަނަ ގަރުނު ފެށުނު ހިސާބާއެވެ. މީގެ މާނައަކީ އިމާމު ހަސަން އަލަބަސްރީ އޭނާއަކީ ސޫފިއްޔަތުގެ މުއައްސިސުކަމާއި އެ ތަހުރީކުގެ ބާނީކަމުގައި ކަނޑައަޅާލުމެއް ނޫނެވެ. ތަހުރީކެއް ފެށި، އެތަހުރީކު ފުރިހަމަވެ، އެއަށް ވަކި ސިފައެއް ލިބުމުން، ފަހުން، އެކަން ފެށިދިޔުމުގެ މައްޗަށް ބަލައި، އެކަމުގެ ފެށުން ތާރީޚީ ކޮންމެވެސް ހިސާބަކާއި އަދި ކޮންމެވެސް މީހަކާ ގުޅާލެވި އެކަމުގެ ފެށުން ކަނޑައަޅާލެވެނީއެވެ. އެހެންވެ، ދެން ބަލާލަން ޖެހެނީ ހަސަން އަލްބަސްރީއާ ސޫފިސިއްޔަތުގެ ފެށުން ގުޅާލުމުގެ މައްޗަށެވެ.

މިކަމުގެ މައްޗަށް ބަލާލުމުގެ ކުރިން، އިމާމު ހަސަން ބަސްރީގެ ކުރު ތައާރުފެއް ލިޔެލަން ޖެހެއެވެ. އޭނާ އުފަންވެވަޑައިގަތީ ހިޖުރައިން 21 ވަނަ އަހަރުގައި މަދީނާގައެވެ. އޭނާގެ އުމުރުފުޅުން ގާތްގަނޑަކަށް ފަނަރަ ވަރަކަށް އަހަރުގައި ބަސަރާއަށް ހިޖުރަކުރެއްވިއެވެ. އަދި، ބަސަރާގައި ބޮޑުފުޅުވެ، ތައުލީމު ހާސިލުކުރައްވައި ހިޖުރައިން 110 ވަނަ އަހަރުގައި އަވަހާރަވީ ވެސް ބަސަރާގައެވެ. ބަސްރާއަށް ނިސްބަތްކޮށް، އެކަލޭގެފާނު އަލްބަސްރީ އޭ ކިޔެނީ އެހެންވެއެވެ.

އިމާމު ހަސަން އަލްބަސްރީގެ ޒަމާން ހިމެނުނީ ތަފާތު ތަޖުރިބާތަކެއް އިސްލާމީ އުއްމަތް ތަޖުރިބާކުރި ޒަމާނެއް ކަމުގައެވެ. ސިޔާސީ ހަމަނުޖުހެމާއި މަދަނީ ހަނގުރާމަ ހިނގި ޒަމާނެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތްތާ އެއް އަހަރެއްހާ ދުވަސް ފަހުން، އޭރު ހުންނެވި ޚަލީފާ، އުމުރު ބިން އަލްޚައްތާބުގެފާނު ޝަހީދުކޮށްލެވުނެވެ. އަދި، ހަސަނު އަލްބަސްރީގެ އުމުރުފުޅުން ފަނަރަވަރަކަށް އަހަރުގައި، ހިޖުރައިން 36ވަނަ އަހަރު، މުސްލިމުންގެ ތިން ވަނަ ޚަލީފާ އުޘްމާނު ބިން އައްފާނުގެފާނު އަވަހާރަކޮށްލެވުނެވެ. މި ހިތާމަވެރި ހާދިސާވެގެން ދިޔައީން މުސްލިމުންގެ މެދުގައި މަދަނީ ހަނގުރާމެއް ފެށުމުގެ ސަބަބަކަށެވެ. ޖަމަލު ހަނގުރާމައިގެ ނަމުން ނަންދެވުނު ހަނގުރާމައާއި ސިއްފީނު ހަނގުރާމައެވެ. މި ހަނގުރާމަތަކުގެ ސަބަބުން އިސްލާމީ އުއްމަތް ބައިބައި ވިއެވެ. ސިޔާސީ ދެބާރެއް އުފެދިގެންނެވެ. ހަތަރުވަނަ ޚަލީފާ އަލީގެފާނުގެ އިތުރުން ޝާމުކަރައިގައި އެކަރަ ހިންގެވުމުގެ ވެރިކަމުގެ މަގާމުގައި ހުންނެވި މުއާވިޔަތުގެފާނު، އަލީގެފާނުގެ ބާރުގެ ދަށުން ބޭރުވެވަޑައިތަވެ. އެންމެ ފަހުން، މި ފިތުނަގަނޑުގެ އާޚިރު ނަތީޖާއަކަށްވީ މުސްލިމުންގެ ހަތަރުވަނަ ޚަލީފާ އަލީ ބިން އަބީ ތާލިބުގެފާނު ވެސް އަވަހާރަކޮށްލެވިގެން ދިޔުމެވެ. އަދި، އިސްލާމީ ޚިލާފަތު ވިރާސީ ވެރިކަމަކަށް ބަދަލުވެ، މުއާވިޔަތުގެފާނު ވެރިކަމަށް އިސްކުރެވި، އުމަވީ ދަރިކޮޅުގެ ދައުލަތް ގާއިމުކުރެވި، އެ ދައުލަތުގެ ދަށުގައި އިސްލާމީ އުއްމަތް އެއްބައިކުރެވިގެންނެވެ. 'އާއްމު އަލްޖަމާއަތި' (އެއްބައި ކުރުމުގެ އަހަރު)، މި ނަމުން ނަންދެވި، އެއްވެރިކަމެއްގެ ދަށަށް އިސްލާމީ އުއްމަތް އިއާދަކުރެވުނީ ހިޖުރައިން 40ވަނަ އަހަރުއެވެ.

މިހިސާބަށް ޒަމާން ދައުރުވަމުން އައި އިރު، އިސްލާމީ ދައުލަތް ވެސް އޮތީ ވަރަށް ބޮޑަށް ފުޅާވެ، ބޮޑުވެފައެވެ. އަރަބިކަރައިގެ އިމުގެ ތެރެއިން މުސްލިމުން ނިކުމެ، އެތައް ބިންތަކެއް ފަތަހަކޮށްފައެވެ. އަރަބިކަރައިގެ އުތުރުން ޝާމުކަރައެވެ. އަދުގެ، ސީރިޔާ، ލުބްނާނު، އުރުދުން، އަދި ފަލަސްތީނު ވެސް ހިމެނޭ ސަރަހައްދެވެ. މީގެ އިތުރުން، އަރަބި ކަރައިގެ އިރުން، ފާރިސްކަރައެވެ. އަދުގެ އިރާގާއި އިރާނު ހިމެނޭ ސަރަހައްދެވެ. އަދި، މީގެ އިތުރުން އަދުގެ އަފްޣާނިސްތާނާއި މެދު އޭޝީޔާ ހިމެނޭ ސަރަހައްދުގެ ބޮޑު ބައެއް ވެސް މެއެވެ. އަދިވެސް، އެހެން ބިންތަކެވެ. މިސުރާއި އުތުރު އެފްރިކާގެ ބިންތަކެވެ. އަދުގެ، ލީބިޔާ، ތޫނިސް، ޖަޒާއިރު އަދި މޮރިތޭނިޔާ ވެސް ހިމެނޭ ސަރަހައްދެވެ.

އިސްލާމީ ދައުލަތް ފުޅާވެ ބޮޑުވުމުގެ ނަތީޖާއަކީ އިސްލާމީ ދައުލަތަކީ ބާރުގަދަ އަދި މުއްސަނދި ދައުލަތަކަށް ވެގެން ދިޔުމެވެ. މިކަމުގެ ސަބަބުން، ވެރިކަމުގެ ތެރެއަށާއި، އަދި، އާންމު ދިރިއުޅުމުގެ ތެރެއަށް ވެސް، މުއްސަނދިކަން އައިސް، ތަރަފުގެ ދިރިއުޅުން، މުއްސަނދިކަމާ ގުޅިގެން އަންނަ އުފަލާއި އަރާމާއި ދުނިޔަވީ ހިތްހަމަޖެހުމަކީ ދުނިޔޭގެ ހުރިހާވެސް ބޭނުންކަމުގައި ބެލެވޭ ދިރިއުޅުން، ވަނުމެވެ. އުމަވީ ދައުލަތުގެ ޚަލީފާވެރި ގިނަ ބޭކަލުންނަކީ ވެސް އިސްލާމީ އުސޫލަތަކާ ދުރުވެވަޑައިގެންނެވި ބޭކަލުންނަށް ވުމެވެ. މިސާލަކަށް އުމަވީ ދައުލަތުގެ ދެވަނަ ޚަލީފާ ޔަޒީދު ސިފަކުރެވުނީ ރަލުގެ މަސްތުގައި ދުވަސްތައް ހޭދަކުރެއްވި ޚަލީފާއެއްގެ ގޮތުގައެވެ. މީގެ އިތުރުން، އުމަވީންގެ ދުވަސްވަރު، ސިޔާސީ އިދިކޮޅު މީހުންނާ ހަނގުރާމަކޮށް އެމީހުން ނެތިކޮށްލެވުނެވެ.

މިނަންގަތް ސިޔާސީ ހަމަނުޖެހުމާއި އަދި އެކަމާ ވިދިގެން ކުރެވުނު ހަނގުރާމަތަކާއި އަދި އިސްލާމީ ދައުލަތް ފުޅާވެ، ބޮޑުވެ މުސްލިމުންގެ ދިރިއުޅުމަށް މިބޮޑު ބަދަލު ގެނުވި މުއްސަނދިކަމާއި، މި ހުރިހާ ކަމެއް ވެގެން ދިޔައީ ބައެއް މުސްލިމުން، އެމީހުންގެ އަމިއްލަ ނަފްސު މުރާޖައާކޮށް، އެމީހުންގެ ދިރިއުޅުން ހުރީ އިސްލާމީ އަޚުލާގީ އިމުގެ ތެރޭގައިތޯ ސުއާލުކުރުން މެދުވެރިކުރުވި ކަންކަމަށެވެ. މިފަދަ ސުއާލުތައްކޮށް، ތިމާގެ އަމިއްލަ ނަފްސު ހެޔޮ މަގަށް އެޅުވުމަށްޓަކައި، ބައެއް މުސްލިމުން ޚިޔާރުކުރި މަގަކީ އަޅުވެރިކަމާއި ޒުހުދުގެ މަގެވެ. ސިޔާސީ އަދި އިދާރީ ކަންކަމާ ވެސް ދުރުވެ ތިބެއެވެ. ގިނަގިނައިން ނަމާދުކޮށް ރޯދަހިފައި، ޒިކުރުކޮށް މާތްރަސްކަލާނގެ މަތިން ހަނދުމަކުރުމުގައި ދެމި ތިބެ، ދުނިޔަވީ އުފަލާއި އަރާމު، އެކަންކަމީ ހުއްދަވެގެންވީ ކަންކަމުގައި ވިޔަސް، އެފަދަ ކަންކަމާ ދުރުހެލިވުމެވެ. އެދުވަސް ވަރު، އާދެ، ހިޖުރައިގެ ފުރަތަމަ ގަރުނުގެ ފަހުކޮޅުގައްޔާއި ދެވަނަ ގަރުނުގެ ކުރީ ކޮޅު، އުޅުއްވި މިފަދަ މަޝްހޫރު ބޭކަލުންގެ ތެރޭގައި ހަސަނު އަލްބަސްރީ ހިމެނިވަޑައިގަތެވެ.

ހަސަނު އަލްބަސްރީގެ ދީނީ އަދި އަޚުލާގީ ހައްސާސިއްޔަތު ދެނެގަނެ، އޭނާގެ އަޅުވެރިކަމާއި ޒުހުދުގެ ސިފަ ވަޒަންކޮށްލުމުގެ ގޮތުން، އޭނާ ލިޔުއްވި ކަމަށް ބުނެވޭ ސިޓީއެއްގެ ވާހަކައިން ތަން ކޮޅެއް މިތާ ނަކަލުކޮށްލާނަމަވެ. ސޫފިއްޔަތުގެ ފުރަތަމަ މަރުހަލާކަމުގައި ބެލެވޭ ޒުހުދުގެ މަރުހަލާގެ ހިއްސީ ތަސައްވުރެއް ލިބިގަނެ، އެކަމުގައި އެކުލެވޭ މައިގަނޑު ސިފަތައް ވެސް ދެނެގަތުމަށްޓަކައެވެ.

ހަސަނު އަލްބަސްރީގެ މި ނަންގަތް ސިޓީ ލިޔުއްވީ އުމަރު ބިން އަބްދުލްއަޒީޒުގެފާނަށެވެ. މިކަލޭގެފާނަކީ އުމަވީ ދައުލަތުގެ ޚަލީފާއެކެވެ. މިކަލޭގެފާނަކީ އުމަވީ ދައުލަތުގެ އެހެން ޚަލީފާއިންނާ ޚިލާފަށް ޒާހިދު، ދީންވެރި، އަދުލުވެރި ޚަލީފާއެއްގެ ގޮތުގައި ފާހަގަކުރެވުނު ހާކިމެކެވެ. މިހެންވެ، އޭނާއަށް 'ހެޔޮ މަގުގައި ދެމިހުންނެވި ފަސްވަނަ ޚަލީފާ’ކަމުގެ ލަގަބު ދެވިފައެވެއެވެ. އާދެ، ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާއަށް ފަހު، ޚަލީފާއިން ކަމުގައި އިސްވެވަޑައިގެންނެވި އަބޫބަކުރުގެފާނާއި އުމަރުގެފާނާއި އުޘްމާނުގެފާނާއި އަލީގެފާނާއި މި ހަތަރު އަސްހާބުބޭކަލުންގެ އިތުރުންނެވެ. އުމަރު ބިން އަބްދުލް އަޒީޒު ވެރިކަން ކުރެއްވީ ހިޖުރައިން 99ވަނަ އަހަރުން ފެށިގެން 101ވަނަ އަހަރަށެވެ. މި ތާރީޚު މަތިން ހަނދާންކޮށްލުމުން އޭނާއަށް ހަސަނު އަލްބަސްރީ ލިޔުއްވި ސިޓީގެ ތާރީޚު ވެސް ލަފާކޮށްލެވޭނެއެވެ.

އުމަރު ބިން އަބްދުލް އަޒީޒަށް ހަސަނު އަލްބަސްރީ ލިޔުއްވި ސިޓީގައި ނަސޭހަތްތެރިވެ ވަޑައިގެން، ވިދާޅުވެފައި ވެއެވެ. "ދުނިޔޭގެ ކެހިވެރިކަމާ މެދު ރަނގަޅަށް ސަމާލުވެވަޑައިގެން ހުންނަވާށެވެ. އެހެނީ ދުނިޔެއަކީ ހަރުފައެއް ކަހަލަ އެއްޗެކެވެ. އޭގެ ހަން، ބޭރު ފުށް، އަތުގެ ބީހިލުމަށް އޮމާނެވެ. ނަމަވެސް އޭގެ އެތެރެފުށުގައި އެކުލެވިގެންވަނީ މަރާލާނޭ ފަދަ ގަދަފަދަ ވިހައެކެވެ. މަނިކުފާނަށް ދުނިޔެއިން އުފާލިއްބައިދޭ ކަންކަމުން ދުރުހެލިވެ ވަޑައިގެން، ދުނިޔެއިން ބޭނުންޖެހޭ އެންމެ ކުޑަ މިންވަރަކުން ފުއްދަވާލައްވާށެވެ. ދުނިޔެއާ މެދު، އެބަހީ ދުނިޔޭގެ އުފަލައި ލައްޒަތު ހޯއްދެވުމުގެ މަސައްކަތާ މެދު، އަޅާލެއްވުން ދޫކޮށްލައްވާށެވެ. އެހެނީ ދުނިޔެ މެދުވެރިކުރުވާ ފުރުސަތުތައް މަނިކުފާނު ވެސް ދެކެވަޑައިގެންފީމު ނޫންތޯއެވެ؟ ހަމަ ޔަގީންނުން ވެސް ދުނިޔެ ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާނޭކަން މަނިކުފާނަށް އެނގިވަޑައިގެންވޭ ނޫންތޯއެވެ؟ ދުނިޔެ ކުރިމަތިކުރާ ދަތި އުނދަގޫތައް، ސާބިތުވެ ހުންނަވައި، ތަހައްމަލުކުރައްވާށެވެ. ލުއި ފަސޭހަކަން މަނިކުފާނަށް ލަސްނުވެ ލިބިވަޑައިގަންނަވާނޭ ކަމުގެ އުއްމީދުގައެވެ. މަނިކުފާނަށް ހިތްހަމަޖެހުން ގިނައިން ދުނިޔެ މެދުވެރިކުރުވި ވަރަކަށް ދުނިޔެއާ މެދު ޝައްކުކުރައްވާށެވެ. އެހެނީ، ދުނިޔަވީ މީހާ، ދުނިޔެއިން އޭނާއަށް ލިބޭ އުފަލާ މެދު ހިތްހަމަޖެހި، ދުނިޔެއިން އޭނާއަށް ރައްކާތެރިކަން ލިބިއްޖެ ކަމަށް ހީކުރެވިއްޖެ ނަމަ، ލަވާފައި ކޮންމެވެސް ހިތް ހަމަނުޖެހުމަކާ ދިމާއަކަށް ދުނިޔެ އޭނާ ގެންދެއެވެ. އެހެނީ، ދުނިޔެއިން އެއްޗެއް އޭނާއަށް ލިބިއްޖެކަމަށް ހީވެ، އޭގެ މަތީ އޭނާ އިށީނދެއްޖެ ހިނދު، ކުއްލިއަކަށް ދުނިޔެ އެފުށް މިފުށަށް ޖެހިދެއެވެ. އެހެންވެ، ސަމާލުވެވަޑައިގެން ހުންނަވާށެވެ! ދުނިޔެ މެދުވެރިކުރުވާ އުއްމީދުތަކަކީ މުޅިން ދޮގު އުއްމީދުތަކެކެވެ. ދުނިޔެއިން ހާސިލުކުރެވިދާނޭ ކަމަށް ބަލާކަންކަމީ މުޅިން ދޮގުކަންކަމެވެ…"

ހަސަން އަލްބަސްރީގެ މިސިޓީފުޅުގެ މިބައިގައި ދުނިޔޭގެ ހެއްލުންތެރިކަމުގައި ނުޖެހުމަށް ބާރުއަޅާފައިވާ މިންވަރު ފާހަގަކުރެވެއެވެ. ދުނިޔެއަކީ ހަރުފައެއްކަމާއި ދުނިޔޭގެ އުފާތަކަކީ ވަގުތީ އުފާތަކެއްކަމާއި އިންސާނާ މަރުވެ، ދުނިޔެއިން ނިކުމެގެން ދާން ޖެހޭނޭ ދުވަސް އަންނާނޭކަމާއި، އަދި އެހެންވެ، ދުނިޔެ އެދިގެން ނޫޅުމަށާއި ދުނިޔޭގައި ދިރިއުޅުމުގައި މަދު އެތިކޮޅަކުން ފުއްދާލުމަށް އޭނަގެ ސިޓީގައި ޚަލީފާ އުމަރު ބިން އަބްދުލް އަޒީޒަށް ނަސޭހަތްތެރިވެވަޑައިގެން އިރުޝާދުދެއްވާފައިވެއެވެ.

ހަސަނުލް ބަސްރީގެ ސިޓީފުޅުގައި އަދި އިތުރަށް ވެސް ވިދާޅުވަފައި އޮވެއެވެ. ދުނިޔޭގައި އުޅުމުގައި ފަގީރު ހާލަތު ޚިޔާރުކޮށްގެން އުޅުމަށެވެ. މިކަމަށް ބާރުދިނުމުގެ ގޮތުން ނަބީބޭކަލުންގެ މިސާލުތައް އެކަލޭގެފާނުގެ ސިޓީފުޅުގައި ގެންނަވައި ބަޔާންކުރައްވާފައިވެއެވެ. ސަލާމާއި ސަލަވާތް ލެއްވި އިތުރު މުހައްމަދުގެފާނާއި މޫސާގެފާނާއި އަދި އީސާގެފާނަކީ ވެސް މަދު މިންވަރަކުން ފުއްދަވާލައްވައިގެން ފަގީރު ހާލުކޮޅު ޚިޔާރުކުރެއްވައިގެން ދުނިޔޭގައި އުޅުއްވި ބޭކަލުން ކަމުގައި ހަސަނުލް ބަސްރީގެ ސިޓީފުޅުގައި ވިދާޅުވެފައި އޮވެއެވެ.

މިސިޓީއިން، އެންމެ ފުރަތަމަ ސޫފީންކަމުގައި ބެލެވުނު ބޭބޭފުޅުންގެ ޚާއްސަ ބައެއް ސިފަތައް ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ އުފާތަކުގެ އަވައިގައި ނުޖެހުމެވެ. ދުނިޔެއިން ލިބެން އޮތް އެއްޗެއްގެ އެންމެ މަދު މިންވަރުން ފުއްދާލައި، ފަގީރު ހާލަތު ޚިޔާރުކޮށްގެން އުޅުމެވެ. އާދެ، ޒުހުދުވެރި އަޅުވެރި ދިރިއުޅުމެއް ޚިޔާރުކޮށްގެން ދުނިޔަވީ ހަޔާތް ވޭތުކޮށްލުމެވެ.

މިކަން އެންމެ ފުރަތަމަ ފާހަގަކޮށްލެވުނީ ހަސަން އަލްބަސްރީ އުޅުއްވީ އިރާގުގައެވެ. އިރާގުގެ ބަސްރާގައްޔާއި ކޫފާގައެވެ. ދެން، އެ ރަށްރަށުން ފެށިގެން އައި މި ޒުހުދުވެރިކަމާއި އަޅުވެރި ކަމުގެ ދިރިއުޅުން، އޭރުގެ އިސްލާމީ ދުނިޔޭގެ އެހެން ހިސާބުތަކަށް ވެސް ފެތުރިގެން ދިޔައެވެ. ޚާއްސަ ގޮތެއްގައި ޚުރާސާނަށެވެ. ޚުރާސާނަކީ މިއަދުގެ އުތުރު އިރުމަތީ އިރާނާއި އަފްޣާނިސްތާނާއި އަދި މެދު އޭސިޔާގެ ބައެއް ހިމެނޭ ސަރަހައްދެކެވެ. ޚުރާސާނުގެ އޭރުގެ މައި ރަށްތަކަކީ ނީޝާޕޫރާއި މަރްވުއާއި ހިރާތާއި ބަލްޚެވެ. (މިރަށްރަށުން ނީޝާޕޫރު މިއަދު އޮތީ އީރާނުގައެވެ. އަދި މަރްވުއަކީ ތުރުކުމާނިސްތާނުގެ ތަނެކެވެ. ހިރާތާއި ބަލްޚު ހިމެނެނީ އަދުގެ އަފްޣާނިސްތާނުގައެވެ.) މި ރަށްތަކަކީ އެދުވަސްވަރުގެ އިސްލާމީ ދުނިޔޭގައި ކިޔެވުމުގެ މަރުކަޒުތައް ކަމުގައި ބެލެވުނު، ނަން މަޝްހޫރު ރަށްތަކެވެ. އެދުވަސް ވަރު– އާދެ، ހިޖުރައިން ދެވަނަ ގަރުނުގެ ކުރީކޮޅުން ފެށިގެން – ދީނީ އަދި ސިޔާސީ ހަރަކާތްތަކުގެ މަރުކަޒަކަށް ޚުރާސާނު ވިއެވެ. އުމަވީ ދައުލަތް ވައްޓާލުމުގެ ހަރަކާތް ފެށިގެން އައީ ޚުރާސާނުންކަން ހަނދާންކޮށްލުމުން މިކަމަށް ހެކިލިބެއެވެ. އެ ހަރަކާތުގެ އެންމެ އިސް އެއް ވެރިޔަކަށް ހުންނެވީ ޚުރާސާނުގެ ބޭކަލެއްކަމަށްވާ އަބޫ މުސްލިމެވެ.