Support Us

ކޮލަމް މާޒީ: އަހަރީ ދުވަސް، އަހަރީ ރިޕޯޓުގައި

މިއީ ދައުލަތުގެ ބައެއް އިދާރާތަކުން އަހަރީ ރިޕޯޓު ލިޔާ ދުވަސްވަރެވެ. ބައެއް އިދާރާތަކުން ލިޔަނީ އަހަރީ ރިޕޯޓެވެ. އަނެއް ބައި އިދާރާތަކުން ލިޔަނީ އަހަރު ރިޕޯޓެވެ. މި މަސައްކަތުގައި އުޅުއްވާ ބައެއް މުވައްޒަފުން މި ދުވަސްވަރު އަޅުގަނޑާ ވަރަށް ގިނައިން މި ސުވާލު އެބަ ކުރައްވައެވެ. ރަނގަޅީ ކޮން ގޮތެއްތޯއެވެ؟ އަހަރު ރިޕޯޓުހެއްޔެވެ؟ ނުވަތަ އަހަރީ ރިޕޯޓުހެއްޔެވެ؟ އަޅުގަނޑަށް ފެންނަ ޖަވާބު އަރުވަމެވެ. އަޅުގަނޑަށް ފެންނަ ލަފައެއް، ސަބަބާއެކު ކޮންމެ ބޭފުޅަކަށް ވެސް ދަންނަވަމެވެ. ނަމަވެސް އަޅުގަނޑަކީ ގޮތް ނިންމުމުގެ އިޚުތިޔާރެއް، ހައިސިއްޔަތެއް ނުވަތަ ބާރެއް އޮންނަ މީހަކަށް ނުވާތީ އަޅުގަނޑަށް އެރުވޭނީ ފެންނާން ހުރި ހެކިތަކުގެ އަލީގައި ހަމަ އެކަނި ޚިޔާލެއްތާއެވެ!

މި ދެންނެވި ސުވާލު، މާ ގިނައިން އަޅުގަނޑާ ކުރެވޭތީ އަޅުގަނޑު ހިތަށް އެރީ އަޅުގަނޑުގެ ރައުޔު ލިޔުމަކުން ހާމަކޮށްލުމަކީ ތަންކޮޅެއް ފަސޭހަވާނޭ ކަމެއްކަމުގައެވެ. އޭރުން މި ލިޔުމުގެ "ލިންކު" ޙިއްޞާކޮށްލީމާ ގިނަ ވާހަކަތަކެއް ނުދައްކައި އަޅުގަނޑަށް ފެންނަ ގޮތް ދަންނަވައިލެވުނީތާއެވެ. އެ ޚިޔާލު ހާމައަށް ފެންނާން އޮންނާނެތާއެވެ.

"އަހަރީ ރިޕޯޓު" މިއީ ވަރަށް ޢާންމުކޮށް ލިޔެ އުޅުނު ގޮތެކެވެ. މިހާރު ވެސް ލިޔެ އުޅެއެވެ. ނަމަވެސް މިއީ ރަނގަޅު ގޮތެއް ނޫންކަމަށް ބަހުގެ ބައެއް "ބޮޑުން" ވިދާޅުވާކަން އަޅުގަނޑަށް އެނގެއެވެ. އެ ބޭފުޅުންގެ ރައުޔަކީ ދިވެހި ނަންނަމުގެ ފަހުއަކުރުގައި އީބީފިލި ޖަހައިގެން ނަންއިތުރު ހެދުމަކީ ކަމުދާ ގޮތެއް ނޫނޭއެވެ. ސަބަބަކަށް ދައްކަވަނީ އެ ގޮތަށް ނަމުގެ ފަހު އަކުރުގައި އީބީފިލި ޖަހަނީ، "އަކީ" މި އަކުރު ކުރުމުކޮށްލުމަށް ޓަކައިކަމަށާއި އެ ގޮތަށް ނަމުގެ ފަހު އަކުރުގައި ފިލިޖަހައިގެން ނަންއިތުރެއް ނެހެދޭނެކަމަށެވެ. މިސާލަކަށް ދައްކަވަނީ "އަޅުގަނޑީ ބަކަރިއެކެވެ." މި މިސާލެވެ. (މާނައަކީ އަޅުގަނޑަކީ ބަކަރިއެކެވެ.) އަނެއް މިސާލަކީ "އަޅުގަނޑީ މަނިކުފާނަށް ކިޔަމަންތެރި ޚާދިމް"އެވެ. ("އަޅުގަނޑަކީ މަނިކުފާނަށް ޚިޔަމަންތެރި ޚާދިމް"އެވެ.)

ރަނގަޅު ބަހުސެއްގެ ފެށުމެކެވެ. އެ ބޭފުޅުންގެ ރައުޔަށް އިޙުތިރާމުކުރަމެވެ. ނަމަވެސް މި ގޮތަށް ވަކާލާތުކުރައްވާ ބޭފުޅުން ނިސްބަތްވާ އިދާރާތަކުގައި ވެސް "އަހަރީ ދުވަސް" ފާހަގަކުރައްވައެވެ. ފާހަގަކުރައްވަނީ "އަހަރު ދުވަހެއް" ނޫނެވެ. އަދި އަހަރީ ދުވަހުގެ ޖަލްސާއަށް ދަޢުވަތު އެރުވޭ ބޭފުޅުން ތުރުކުރައްވާން އެދިވަޑައިގެންފައި އޮންނަނީ ވެސް ހަވީރީ ހެދުމެކެވެ. "ހަވީރު ހެދުމެއް ނޫނެވެ. މި ވަނީ ކިހިނެއްތޯއެވެ!

ގަލަމީ ތަޞްވީރުން އެކި މަންޒަރު ސިފަކޮށްދީފައި ހުރެއެވެ. "ގަލަން ތަސްވީރަކުން"ނެއް ނޫނެވެ. އާ އަހަރު ފާހަގަކުރާން "މިޔުޒިކީ އީދު" ބާއްވައެވެ. ބާއްވަނީ "މިޔުޒިކު އީދެއް" ނޫނެވެ. "އަހަރީ ދުވަސް" ފާހަގަކުރެއެވެ. ފާހަގަކުރަނީ "އަހަރު ދުވަހެއް" ނޫނެވެ. އެހެންވީމާ، ނަމުގެ ފަހު އަކުރުގައި އީބީފިލި ޖަހައިގެން ނަންއިތުރު ހަދައި ބޭނުންކޮށް އުޅުމަކީ އާ ކަމެއް ނޫންކަން އެބަ ސާބިތުވެއެވެ. އަދި އެއީ "އަހަރީ ރިޕޯޓާ" ދެކޮޅު ހައްދަވާ ބޭފުޅުން ވެސް ގަބޫލުފުޅުކުރައްވާ އުޞޫލެއްކަން ވެސް ވަރަށް ސާފެވެ.

ކުރީން ވެސް ދަންނަވައިލެވުނު ފަދައިން "އަހަރީ ރިޕޯޓު" ކަމުނުދާކަމަށް ވަކާލާތުކުރައްވާ ބައެއް ބޭފުޅުންގެ އަތްމަތީ މިސާލަކީ "އަޅުގަނޑީ ބަކަރިއެއް" މި ޢިބާރާތެވެ. "އަޅުގަނޑީ ބަކަރިއެކޭ" ބުނެވޭ ބަހުގެ މާނައަކީ "އަޅުގަނޑަކީ ބަކަރިއެއް" ކަމަށް ވިޔަސް "އަހަރީ ރިޕޯޓު"ގެ މާނައަކީ "އަހަރަކީ ރިޕޯޓު"ކަމަކަށް ހަމަ އެކަކު ވެސް މާނައެއް ނުކުރާނެއެވެ. އެ ގޮތަށް އެ މާނަ ދޭހައެއް ވެސް ނުވާނެއެވެ. އެހެނީ ލަފުޒުތަކުގެ ހަގީގީ މާނަ ދެނަގަނެވޭތީ ޙާލަތުންނެވެ. (ކޮންޓެކްސްޓުންނެވެ.) މިސާލަކަށް: "އެއީ ވަރަށް ފޮނި ބޮނޑިބަތެކެވެ." މިހެން ބުނުމުން އެއީ އެ ބޮނޑިބަތުގައި ހަކުރު ރަހަ މާ ގަދައީކަން ސާފުކޮށް ދޭހަވެއެވެ. އެކަމަކު "އޭނާއަކީ ވަރަށް ފޮނި މީހެކޭ" ބުނުމުން އެއީ އޭނާގެ ގައިގައި ހަކުރުގެ ރަހަ ގަދައީކަމަކަށް ހަމަ އެކަކު ވެސް ހީއެއް ނުކުރާނެއެވެ. ހީކުރާނީ އަދި ސާފުކޮށް ދޭހަވާނީ، އެ މީހަކީ "އެކަށީގެންވާ ވަރަށް ވުރެ މައްޗަށް ބޮޑާވެގަނެގެން" އުޅުމުގެ ސިފަ ހުރި މީހެއް ކަމަށެވެ. އެހެނީ، އެއީ މުޅީން ދެ ޙާލަތެއްގައި ތަފާތު ދެ މާނައެއްގައި ބޭނުންކޮށްފައި އޮތް ދެ ޖުމުލައެއްކަން ކިޔާ މީހުންނަށް އެއްވެސް އޮޅުމެއް ނެތި ދޭހަވާނެއެވެ. މި ވާހަކަ މާ ދިގުކޮށް ނުދެއްކިޔަސް އަޅުގަނޑަށް ހީވަނީ އަޅުގަނޑު މި ދަންނަވާން އުޅޭ އެއްޗެއް ސާފުކޮށް ދަންނަވައިލެވިއްޖެކަމަށެވެ.

އާދޭހެވެ! ބޭރު ބަސްބަހުން ދިވެހިބަހަށް ވަދެ އިސްތިޢުމާލުކުރެވޭ ބައެއް ނަންއިތުރުތަކުގެ ތައްގަނޑަށް، ދިވެހިބަހުގެ ނަންތައް ބޭނުންކޮށްގެން ނަންއިތުރު އުފެދި ބޭނުންކުރެވެވުން އަންނަނީ ހަމައެކަނި އިއްޔެއަކު މިއަދަކު ނޫނެވެ. މިއީ މީގެ ބައި ގަރުނުގެ ކުރީގެ ލިޔުންތަކުން ވެސް ފެންނާން ހުރި އުޞޫލެކެވެ. ގައުމީ، ވަޠަނީ، ދީނީ، މަޒުކަޒީ، ފަރުދީ، ނަފުސީ، އިޚުތިޔާރީ މި ތައްގަނޑަށް، އަހަރީ، ހަވީރީ، މިޔުޒިކީ، ފިލްމީ، ގަލަމީ ފަދަ ކިތަންމެ ނަންއިތުރުތަކެއް މާ ކުރީއްސުރެ އުފެދި ބޭނުންކުރެވެމުން އާދެއެވެ. އާންމު އުސޫލަކީ އުބުފިއްޔަށް ނިމިފައި ހުންނަ ނަންނަމުން ނަންއިތުރު އުފައްދާނަމަ، އެ އުބުފިލީގެ ބަދަލުގައި އެ އަކުރުގައި އީބީފިއްޔެއް ޖެހުމެވެ. (މިސާލު އަހަރު= އަހަރީ)

ސީނު ސުކުނަށް ނިމިފައި ހުންނަ ލަފުޒުތަކުން ދެ ގޮތަކަށް ނަންއިތުރު އުފެދިފައި ހުރެއެވެ. ފުރަތަ، ގޮތަކީ އެ ސީނު ހާއަކަށް ބަދަލުކުރުމާއެކު ހާގައި އީބިފިލި ޖެހުމެވެ. (މިސާލު: ދުވަސް = ދުވަހީ) ދެވަނަ ގޮތަކީ: ސުކުން އޮތް ސީނު، ހާއަކަށް ބަދަލުކޮށްލުމާއެކު ހާގައި އަބަފިލިޖެހުމަށް ފަހު، ވާވެއްގެ އީބީފިއްޔެއް އިތުރުކުރުމެވެ. (މިސާލަކީ: ބަސް = ބަހަވީ)

ވީމާ، އިސްވެ ދަންނަވައިލެވުނު މިސާލުތަކާއި ހެކިތަކުގެ އަލީގައި އަޅުގަނޑަށް ދެންނެވޭން އޮތީ "އަހަރީ ދުވަސް"، "ހަވީރީ ހެދުން"، "މިޔުޒިކީ އީދު" "ގަލަމީ ތަސްވީރު"، "ގަލަމީ ނަން"، "ފިލްމީ ތަރީން" ކިޔާ އުޞޫލުން، (އަދި މި ގޮތްގޮތަށް ކިޔޭކަމަށްވާ ނަމަ) "އަހަރީ ރިޕޯޓު" މި ގޮތަށް ލިޔެ ކިޔައި ހެދުމުގައި ހަމަ، އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި "އަހަރީ ދުވަސް" ފާހަގަކުރި ވާހަކަ ލިޔާން ހަމަ އެންމެ އެކަށީގެންވަނީ ވެސް "އަހަރީ ރިޕޯޓު"ގައި ކަމަށެވެ. އަޅުގަނޑު ނަމަ، އަޅުގަނޑަށް ބާރެއް އިޚުތިޔާރެއް އޮންނަ ޙާލަތެއްގައި ނަމަ، އަޅުގަނޑު ލިޔުނީހީ އަދި ލިޔާނީ ވެސް "އަހަރީ ރިޕޯޓު" މިހެންނެވެ. ވަކިވަކީން ސުވާލުކުރައްވާ ހުރިހާ ބޭފުޅުންނަށް އެއް ފަހަރާ ޖަވާބު އެރުވިއްޖެކަމަށް އުންމީދުކުރަމެވެ. (والله أعلم بالصَّواب)