Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

"ދީނަށް ގޮވާލާ ހުޅަނގުގެ މީހުން އަހަރުމެންގެ ތެރެއަށް އައި އިރު، އެ މީހުންގެ އަތުގައި އޮތީ ބައިބަލްއެވެ. އަހަރުމެންގެ އަތުގައި އަހަރުމެންގެ ބިން އޮތެވެ. ދެން، އެ މީހުން އަހަރުމެން ގާތު ބުންޏެވެ. ދުއާކޮށް އަޅުކަން ކުރަމާ އަންނާށެވެ! އެމީހުން އެދުނު ގޮތަށް އަހަރުމެންގެ ދެ އަތްތިލަ އުފަލާލައި، ލޯ މަރާލައި، ދުއާކޮށް އަޅުކަންކުރަން ފެށީމެވެ. ދެން، ދުއާކޮށް ނިމިގެން، އަހަރުމެންގެ ލޯ ހުޅުވާލިއިރު ކަމަކުދާކަށް ނެތެވެ. އެއިރު އެ މީހުންގެ ބައިބަލް އޮތީ އަހަރުމެންގެ އަތުގައެވެ. ނަމަވެސް، އަހަރުމެންގެ ބިން، އަހަރުމެންގެ ވަތަން، އޮތީ އެމީހުންގެ އަތުގައެވެ!"

މަތީގައި އެވާ ވާހަކަކޮޅަކީ ދެކުނު އެފްރިކާގެ ދީނީ ލީޑަރެއް ކަމުގައިވާ އާޗްބިޝޮޕް ޑެސްމަންޑު ޓޫޓޫއަށް ނިސްބަތްވާ ވާހަކަކޮޅެކެވެ. އާދެ، މުބައްޝިރުންގެ ގޮތުގައި އެފްރިކާއަށް ޔޫރަޕުގެ ދީނީ މީސްމީހުން އައިސް، ހުޅަނގުގެ އިސްތިއުމާރީ ބާރުތަކަށް އެހީވެ، ދީން ބޭނުންކޮށްގެން، އެފްރިކާގެ ގައުމުތައް ހުޅަގުގެ އިސްތިއުމާރީ ބާރުތަކުގެ ދަށަށް ގެނައި ވާހަކައެވެ.

މިއިން ފެންނަ އާންމު މަންޒަރަކީ ކޮބާ ހެއްޔެވެ؟ ތަނުގެ އަހުލުވެރިން، ޣާފިލުކަންމަތީ ބައިތިއްބައިގެން، އެކިއެކި ވާހަކަތައް ދައްކައިގެން، އެ ތަނުގެ ބިންތަކާއި ޚައިރާތުތައް ބޭރު މީސްމީހުން އަތުލާ ގޮތުގެ ވާހަކައެވެ. މިއީ އަބަދުމެ ތަކުރާރުވާ ކަމެކެވެ. އަބަދުމެ، ފެންނަމުންދާ މަންޒަރެކެވެ. އަރަބި ފަލްސަފީ އިލްމުވެރިއެއް ކަމަށްވާ މާލިކް ބިން ނަބީ ވިދާޅުވެފައިވާ ފަދައިން، ތަނުގައި 'އިސްތިއުމާރު ކުރުމުގެ އެކަށޭނަކަން' އުފެދުމުން އެ ތަން އިސްތިއުމާރުގެ ބާރުގެ ދަށަށް ދެއެވެ.

އިސްތިއުމާރުކުރުމުގެ އެކަށޭނަކަން އުފެދެނީ ކިހިނެއް ހެއްޔެވެ؟ ހޭލުންތެރިކަން ނެތުމެވެ. އަމިއްލައަށް ވިސްނާ ފިކުރުކުރުން ނެތުމުންނެވެ. 'ފަރުދިއްޔަތުގެ' އީމާންކަން ތަނުގައި އަށަގަތުމެވެ. މާނައަކީ، ޖަމާއަތުގެ ފައިދާއަށް ކުޑަކޮށް ވެސް ބެލުމެއް ނެތި، އެހެން އެއްވެސް މީހަކަށް ކުޑަކޮށް ވެސް އަޅާލުމެއް ނެތި، ހުރިހާ ހެވެއް، ފައިދާއެއް، ލިބެން ޖެހޭނީ ތިމާއަށްކަމަށް ދެކި، އެ ލަނޑުދަނޑިއާ ހަމައަށް ވާސިލުވާން މަސައްކަތް ކުރުމެވެ. ތަނުގެ އާންމު އަގުތަކާއި ރިވެތި އަޚުލާގީ ސިފަތައް ނެތިގެން ދިޔުމެވެ. މިކަންކަން ގުޅެނީ ރޫހާނިއްޔަތާއެވެ. ރޫހާނިއްޔަތުގެ ބައި ދަށަށް ހިނގައްޖެ ނަމަ، ދެން، ވެރިވާނީ ޚާލިސް މާއްދިއްޔަތުގެ ގޮތްތަކެވެ. ހަޔާތީ ހުރިހާ މަގުސަދުތަކެއް، މާއްދީ އުފާތައް ލިބިގަތުމުގައި ހޭދަކުރުމުގެ ގޮތެވެ. އަދުގެ އިބާރާތަކުން ބުނާ ނަމަ، ހަތެއް ސައްވީހުގައި ޕާޓީކޮށް މަޖާކުރުމުގެ ގޮތެވެ. މަސްތުވާތަކެތީގެ ތެރެއަށް ގެނބި ޣަރަގުވުމެވެ. މީގެ އިތުރުން، މަސައްކަތް ނުކޮށް ބޭކާރީންގެ ގޮތުގައި އުޅުމުގެ ގޮތް ތަނަށް ވެރިވުމެވެ. މިކަންކަން ތަނުގައި އާންމުވެއްޖެ ނަމަ، މާލިކު ބިން ނަބީ އެ ވިދާޅުވާ އިސްތިއުމާރުކުރުމުގެ އެކަށޭނަކަން އުފެދުނީއެވެ. ދަރަނީގެ ތެރެއަށް ގެނބި ޣަރަގުވުމުން، އަޅުވެތިކުރުމުގެ އެކަށޭނަކަށް އުފެދޭ ގޮތަށެވެ.

ދެން، ޑެސްމަންޑް ޓޫޓޫގެ ވާހަކަ ކޮޅަށް އަލުން އެނބުރިލަމާ ހެއްޔެވެ؟ އޭނާގެ ގައުމުގެ މީހުން އަތަށް ބައިބަލްދީ ޣާފިލުކޮށްލުމަށް ފަހު، އެ މީހުންގެ ބިމުގެ މައްޗަށް އިސްތިއުމާރީ ބާރުތައްވެރިވެ ގޮތުގެ ވާހަކަ ކޮޅުގެ މައްޗަށެވެ.

މިފަދަ މަންޒަރެއް ރާއްޖެއިން ފެންނަހެން ހީވާ ކަހަލައެވެ. މި ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރު، އަހަރުމެންގެ އަތަށް ވެސް 'ބައިބަލްއެއް' ދެވުނެވެ. އާދެ، ކުރީ ސަރުކާރުގެ ވައްކަމުގެ ބައިބަލްގެ ވާހަކައެވެ. ދެން، އެފްރިކާގެ މީހުން ދުއާކުރަން އަތް އުފުލާލައި ލޯ މަރާލި ފަދައިން، އަހަރުމެން، އެ ވައްކަމުގެ ވާހަކަ ގޮވަން، އަހަރުމެންގެ ލޯތައް ބަންދުކޮށް އަނގަހުޅުވާލީމެވެ. އަދި، އެ ގޮތުގައި ހަތަރު އަހަރުވޭތުކޮށްލީމެވެ. ދެން، މަދު ބަޔަކު އެ ވާހަކަތައް ގޮވުން ހުއްޓާލައި ލޯ ހުޅުވާލި އިރު ކަމަކުދާކަށް ނެތެވެ. އެފްރިކާގެ ގައުމުތައް އިސްތިއުމާރީ ބާރުގެ ދަށަށް ދިޔަ ފަދައިން، ލޯ ހުޅުވާލި އެ ބަޔަކަށް ފެންނަނީ އަހަރުމެންގެ ބިމަށް ވެސް، ބޭރު ސިފައިންގެ ބަޔަކު އައިސް ތަމްކީނުވެފައިވާ ތަނެވެ. އެއީ ކުރިން ވެސް ކުރި ވައްކަންތައް ނުހުއްޓި އެކަން ވެސް ކުރަމުން ކުރި އިތުރު ކަމެކެވެ. އެ ބޭރު ބާރުގެ ވެރިން، މިހާރު ތަނަށް ޒިޔާރަތް ކުރިޔަސް، ތަނުގެ ވެރިކަމުގެ މަގާމު އޮތް ތަނަށް އައުމެއް ނޫނެވެ. އެ މީހުންގެ އަމާޒަކީ ރާއްޖޭގައި އެ މީހުންގެ ހަންފެތުރުމުގެ އޮށް އިންދިފައިވާ ހިސާބުތަކަށް ގޮސް، އެ އޮށުން ފަޅަމުންދާ ގަސް ހެދޭ ނުހެދޭ ގޮތް ބެލުމެވެ!

ދެން، ހެއްޔެވެ؟ އެންމެ ފަހުން، އެމީހުންގެ އިސް ބައެއް މީހުން ތަނަށް ޒިޔާރަތްކޮށް، އެ މީހުން އިންދި ގަސް ވަރުގަދައަށް ހެދެމުންދާކަން ފެނުމުން އެކަމާ އުފާކޮށް، އެ މީހުންގެ އޭޖެންޓުނަށް ޝުކުރުއަދާކުރިއެވެ. އަދި، އެމީހުންގެ ހަން ފެތުރުމުގެ ފުރަތަމަ ފޭސް ކާމިޔާބު ވެއްޖެ ކަމަށް ވެސް ދެކުނެވެ. އެއަށް ފަހު، ދެން އޮތީ ދެ ވަނަ ފޭހުގެ މަސައްކަތެވެ. އާދެ، އެމީހުންގެ އޭޖެންޓުން ވެސް ކުރިން ބުނެފައިވާ ފަދައިން، ތަނުގައި ތިބި ބޭރު މީހުން ތަނުގެ މުވާތިނުންނަށް، ތަނުގެ ރައްޔިތުންނަށް ހެދުމުގެ ފޭހެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހު ދެވަނަ ފޭހުގެ މަސައްކަތް ކުރެވޭނޭ ކަމަށް ލަފާކުރެވެއެވެ. މިކަން ކުރެވިއްޖެ ނަމަ، އެ މީހުންގެ މަގުސަދު ހާސިލުވުމާ ވަރަށް ގާތްވީއެވެ. ތަން، އެމީހުންގެ ބާރުގެ ދަށަށް ގެންދިޔުމުގެ މަގުފަހިވެގެންދާނެއެވެ. އެއްކަލަ އަލަށް އިތުރުވި މުވާތިނުންގެ ވަލާއު އޮންނާނީ ތަނަކަށް ނޫނެވެ. އެމީހުންނަށް ރައްޔިތުކަން ހޯދައިދިން ބާރަށެވެ. ދެން، ސީދާ ވޯޓަކުން، ވެސް، ތަން އެމީހުންގެ އަތްދަށަށް ދިޔުމުގެ މަގު ފަހިވެދާނެއެވެ.

މިއީ ޚިޔާލީ ވާހަކައެއް ކަމުގައި އެއްބަޔަކު ދެކިދާނެއެވެ. އަނެއް ބަޔަކު، ޚާއްސަކޮށް ބޭރުމީހުންގެ އޭޖެންޓުކަން ކުރާ ބަޔަކު، މިއީ ފިތުނަފަސާދައިގެ ވާހަކައެއްކަމުގައި ވެސް ދެކިދާނެއެވެ. ނަމަވެސް، މިފަދަ ވާހަކަތަކަށް މިތާ ބުނަން އޮތް ވާހަކައަކީ ތާރީޚު ދައްކައިދެނީ މި ދެއްކި ވާހަކައަކީ ތެދެއް ކަމެވެ. އިސްތިއުމާރީ ބާރުތައް ތަންތަނަށް ވެރިވަނީ މިފަދަ ގޮތެއްގައި ކަމެވެ. ވިހިވަނަ ގަރުނުގެ ކުރީކޮޅުން ފެށިގެން، ފަލަސްތީނަށް ޔަހޫދީން ވެރިވެގަތީ މިފަދަ ގޮތަކަށެވެ. ވިހި ވަނަ ގަރުނަށް އެޅުނު އިރު، ފަލަސްތީނުގެ އާބާދީގެ 92 ޕަސެންޓުއަށް ވުރެ މަތީ އަރަބިންނެވެ. ޔަހޫދީންގެ އާބާދީއަކީ، އޭރު، ނިސްބަތުން ވަރަށް ވެސް ކުޑަ އަދަދެކެވެ. ބައެއް ތަފާސް ހިސާބު ބުނަނީ އޭރުން ޔަހޫދީންގެ އާބާދީއަކީ ޖުމްލަ އާބާދީގެ އަށް ޕަސެންޓުކަމެވެ. ބިމުގެ ވެރިކަން ވެސް އޮތީ މިފަދަ ގޮތަކަށެވެ. ފަލަސްތީނުގެ ބިމުގެ 98 ޕަސެންޓަށް ވުރެ ބޮޑު ބައެއްގެ މިލްކުވެރިކަން އޮތީ އަރަބިންގެ އަތް މަތީގައެވެ. ނަމަވެސް، މައިގަނޑު ގޮތެއްގައި އާންމުންގެ ޣާފިލު ކަމުގެ ސަބަބުންނާއި ސިޔާސީވެރިންގެ ދަހިވެތި ކަމުގެ ސަބަބުން، ތަނުގައި އިސްތިއުމާރުކުރުމުގެ އެކަށޭނަކަށް އުފެދި، ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ތަނުގެ އާބާދީގެ ނިސްބަތާއި ބިމުގެ ވެރިކަން އޮތް ގޮތް ބަދަލުވެ، ތަނުގެ އަހުލުވެރިންނަށް ތަން ގެއްލިގެން ދިޔައީއެވެ. ހަމައެހެންމެ، ހަތްދިހައިގެ އަހަރުތަކާ ހަމައަށް މިނިވަން ބައެއްގެ ގޮތުގައި އޮތް ސިއްކިމްގެ މިނިވަންކަން ވެސް ގެއްލި، އިންޑިޔާގެ ބަޔަކަށް ހަދާލެވުނީއެވެ.

އެހެންވީމާ، ލޯ މަރައިގެން، ކުރީ ސަރުކާރަށް ވަގަށް ގޮވަން ތިއްބައި ލޯ ހުޅުވާލެވޭ އިރު، ވާނެ އެއްޗެއް އޮންނާނީ ވެފައެވެ. ޑެސްމަންޑު ޓޫޓުގެ ވާހަކަކޮޅުގައި އޮތް ފަދައިން، އޭރުން، އަހަރުމެން ކިޔާނޭ އެއްޗެއް ކިޔަންވީއެވެ. ނަމަވެސް، ތަނުގެ މިނިވަންކަމާއި ތަނުގެ ޚައިރާތުތައް އޮންނާނީ ބޭރު ބައެއްގެ އަތްމަތީގައެވެ! މިކަން ހުއްޓުވޭނީ އެންމެން ވެސް ހޭލުންތެރިވެގެންނެވެ. މިއީ ޚިޔާލީ ވާހަކައެއް ކަމުގައ ނުދެކި، މިއީ ނުވުމަށް ވުރެ، ވުން ގާތްކަމެއް ކަމަށް ގަބޫލުކުރެވި އެކަން މެދުވެރިވާން އޮތް ސަބަބުތައް ނައްތާލެވިގެންނެވެ. އަސާސީ ގޮތެއްގައި، އެއީ މަތީގައި ނަންގަނެވު އިސްތިއުމާރު ކުރުމުގެ އެކަށޭނަކަށް މެދުވެރިކުރުވާ ސަބަބުތަކެވެ. މީގެ އިތުރުން، ރައްޔިތުން ގުނބޯ ހައްދައިގެން، އެމީހުންގެ ލޯތައް މަރުވައިގެން، ބޭރު މީހުންގެ އޭޖެންޓުކަން ކުރަން އުޅޭ މީހުންނަށް ނޫނެކޭ ބުނުމުގެ ހިއްވަރު ލިބިގަންނަންވީއެވެ.

ނިންމާލަމުން އަދި އެއް ވާހަކަ ބުނެލަން ޖެހެއެވެ. މެރިފައިވާ ލޯތައް ހުޅުވާލުމަށާއި އަދި، ބޭރު ބާރުތަކުގެ އޭޖެންޓުކަން ކުރާ މީހުންނަށް ނޫނެކޭ ބުނުމަށް ހިއްވަރު ލިބިގަތުމެގެ ގޮތުން މީހުން ބުނެ އުޅޭ ވާހަކައެކެވެ. އާދެ، ބުއްދިވެރިންނަކީ އެ މީހުން ހަދާ ގޯސްތަކުން އިބުރަތް ލިބިގަންނަ މީހާއެއް ނޫނެވެ. ހަގީގީ ބުއްދިވެރިންނަކީ އެހެން މީހުން ހަދާ ގޯސްތަކުން އިބުރަތް ލިބިގަނެ، އެ ގޯސްތައް ތަކުރާރު ވިޔަ ނުދޭ މީހުންނެވެ. އެހެންވެ، ފަލަސްތީނާއި ސިއްކިމް ފަދަ ތަންތަނުން ހެދި ގޯސްތަކުން އިބުރަތް ލިބިގަނެ އެތަން ތަނަށްވީ ގޮތް ވިޔަ ނުދޭން މަސައްކަތްކުރަން ޖެހެއެވެ.