Support Us

މަރުވެފައިވާ ބައްޕަ ކާލި މީހުންގެ ވާހަކަ

ސައުދީ ޢަރަބިޔާގައި މަސައްކަތް ކުރަމުން ދިޔަ މިސްރު ޒުވާނުން ތަކެކެވެ. އެމީހުންނާ އެކު އެއް ގެޔެއްގައި އިންޑިޔާގެ މަސައްކަތްތެރިޔަކުވެސް އުޅުނެވެ. އޭނާ އުޅެނީ އެގޭގައި ވަކިން ހުންނަ ކޮޓަރިއެއްގައެވެ.

ކޮންމެއަކަސް މިސްރު މަސައްކަތްތެރިން އުޅެނީ ވަރަށް ގުޅިގެން އެކުވެރިކަމާ އެކުގައެވެ. ކައިބޮއި ހަދަނީވެސް އެކުއެކީގައި އެއް ސުފުރާއެއްގައެވެ. ނަމަވެސް އިންޑިޔާ މީހާ އެމީހުންނަކާ އެހާ ގުޅުން ރަނގަޅެއް ނޫނެވެ. ކައިބޮއި ހަދަނީވެސް ވަކިންނެވެ. އޭނާގެ ޤަޢުމުން އެކި ޒާތްޒާތުގެ ކާބޯތަކެތި ގެނެސް ހަދާއިރު އެއިން އެކައްޗެއްގެ ރަހަވެސް މިސްރު މީހުންނަށް ދައްކާ ނުލައެވެ. ހަލްވާ އާއި އެކި ޒާތުގެ ފޮނިކާތަކެއްޗާއި ފާޑުފާޑުގެ މިރުހާއި ހަވާދުގެ ބާވަތްތަކެވެ. ތެޅި މިރުހާއި ރޯ މިރުހާއި މިހެން ގޮސް ކައްކައި ކާން ބޭނުންވާ ހުރިހާ ބާވަތެއްހެން ގެންނަނީ ސީދާ އިންޑިޔާ އިންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރީ ޗުއްޓީއާ ދިމާކޮށް މި އިންޑިޔާ މީހާ ޗުއްޓީ ހޭދަކުރުމަށް އޭނާގެ ޤައުމަށް ދިޔައެވެ. އެތަންވަޅު މިސްރު ޒުވާނުންތައް އޭނާގެ ކޮޓަރި ހުޅުވައިގެން އެމީހުން ކައްކަން ބޭނުންވާ ބައެއް ސާމާނު ނެގިއެވެ. ތެޅި މިރުހާއި ހަވާދުގެ ބާވަތްތަކެވެ.

ފަހެ ޗުއްޓީ ހޭދަކޮށްފައި އިންޑިޔާ މީހާ އަތުވެއްޖެއެވެ. އަދި ގެޔަށް ގޮސް އޭނާގެ ކޮޓަރިޔަށް ވަދެފައި މޮޔައެއްހެން ދެލޯ ނިތްކުރިޔަށް ލައިގެން ކޮޅުކޮޅަށް ދުވަންފެށިއެވެ. ހިންދީ ބަހުން އެކި ޒާތްޒާތުގެ ބަނދިވަރުތައް ގޮވަމުންނެވެ. މީހާ ހީވަނީ ޖިންނި އަވަލާފައި ހުރި މީހެއްހެނެވެ.

މިކަންތައްގަނޑު ބޮޑުވެގެން މިޞްރު ޒުވާނުން އޭނާ ކުރެން އަހައިފިއެވެ. "އަނެއްކާ ކަލޭ ތިޔަ އުޅެނީ ކޮންފަދަ ގިލަންވެރިކަމެއް ލައިގަނެގެން ހެއްޔެވެ؟ ކަލޭގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ މުޅި މީހާ ދާހިއްލައި ފޯވެ، ތިޔަހާ ބިރުން ތިޔަ އުޅެނީ ކޮން ކަމަކާ ހެެއްޔެވެ؟"

އޭނާ ބުންޏެވެ. "އަހަރެން ރަށަށް ދިޔައީ އަހަރެންގެ ބައްޕަ މިކޮޓަރީގައި ބާއްވާފައެވެ. އެނބުރި އައިސް ކޮޓަރިއަށް ވަން އިރުން ބައްޕައެއް ނެތެވެ."

މިސްރު ޒުވާނުން ޚައިރާންވެ އަންތަރީސްވެފައި ބުންޏެވެ. "ތިބާގެ ބައްޕަ މިތަނަށް ގެނައީ ކޮން އިރަކު ހެއްޔެވެ؟ މީގެ އެތައް އަހަރެއް ކުރިން އޭނާ މަރުވެފައިވާ ވާހަކަ ކަލޭ ނުބުނަން ހެއްޔެވެ. ތިޔަ ދައްކަނީ ކޮންކަހަލަ ސޭކު ވާހަކައެއް ހެއްޔެވެ. އަނެއްކާ ކަލޭގެ ބުއްދި ގޯސްވީ ހެއްޔެވެ؟"

އިންޑިޔާ މީހާ ބުންޏެވެ. "އާނއެކެވެ. އޭނާ މީގެ އެތައް އަހަރެއް ކުރިން މަރުވެއްޖެއެވެ. އަދި އަހަރެން އޭނާގެ ހަށިގަނޑު އަންދާލީމެވެ. އަދި އޭނާގެ އަޅިތައް ފޮށްޓަކަށް ލައިގެން ގެނެސް، އަހަރެން ބަހައްޓާފައި ހުރީ މިކޮޓަރީގައެވެ. އެހެރަ ކާބޯތަކެތި ހުރި މޭޒުމަތީގައެވެ. އެކަމަކު މިހާރަކު އެއެއް ނެތެވެ."

އެހިނދު މިސްރު ޒުވާނުންތައް އެކަކު އަނެކަކުގެ މޫނަށް ބަލާފައި ހަދާނެ ގޮތް ހުސްވެފައި ތިއްބެވެ. އެތަނުން އެކަކަށް، ބޭއިޚްތިޔާރުގައި އިންޑިޔާ މީހާ ކައިރީ އަހާލެވުނެވެ. "އެއީ އަސޭމިރުހެއް ނޫން ހެއްޔެވެ؟"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ބަލާގާތްތެރި ވާހަކައެއް. އަދިވެސް މިކަހަލަ ވާހަކަ ތަކެއް ގެނެސްދޭނެ ކަމަށް ހީކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *