Support Us

ކޮލަމް ނާރެސް: ހެޔޮ އަމަލުގެ ސަބަބުން ހިލަގަނޑަކުން ސަލާމަތްވި ގޮތް

"މާތް اللَّهُ، އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި، ޢުމަރު ބްނުލް ޚައްޠާބުގެ ދަރިކަލުން އަބޫޢަބްދުއްރަޙުމާނު، ޢަބްދު اللَّهِގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. [ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. {ތިޔަބައިމީހުންގެ ކުރީގައި ދިރިއުޅުނު މީހުންކުރެ ތިން މީހަކު (ދަތުރަކު) ނުކުތޫއެވެ. ފަހެ، އެބައިމީހުންނަށް އެއް ރެޔަކު ފަރުބަދައެއްގެ ހޮހަޅުގައި ނިދަންޖެހުނެވެ. ފަހެ، އެބައިމީހުން އެ ހޮހަޅައަށް ވަނެވެ. ފަހެ، (އެތަންވަޅު) ފަރުބަދައިން ވެއްޓިގެން އައި (ބޮޑު) ހިލައެއް އެ ހޮހަޅުގެ ދޮރުމަތީގައި ޖެހި، އެ ދޮރު ބަންދުވިއެވެ. ފަހެ، އެބައިމީހުން އެކަކު އަނެކަކަށް ބުނޫއެވެ. ތިޔަބައިމީހުން (އެބަހީ: އަހަރެމެން) ކޮށްފައިވާ ހެޔޮ ޢަމަލުތައް މެދުވެރިކޮށް، اللَّهُ އަށް ދަންނަވައިގެން މެނުވީ، މި ހިލައިގެ ކިބައިން އެކަލާނގެ އަހަރެމެން ސަލާމަތެއް ނުކުރައްވާހުއްޓެވެ.

އޭގެ ތެރެއިން އެކަކު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަޅުގެ މަންމަ އާއި ބައްޕައަކީ، އުމުރުން ދުވަސްވެ، މުސްކުޅިވެފައިވާ ބަޔެކެވެ. އަޅާގެ މައިންބަފައިން ރޭގަނޑުގެ ބުއިން (އެބަހީ: ރޭގަނޑު އެބައިމީހުންނަށް ދެވޭ ކިރު) ބޮއިފުމަށްދާނދެން، މި އަޅާގެ އަނބިދަރީންނަށް ވެސް ނޯކަރަކަށް ވެސް ރޭގަނޑުގެ ބުއިން ނުދެމެވެ. ފަހެ، އެއް ދުވަހަކު މި އަޅާގެ ބަކަރިތައް ހުއިހައްޕަން ނުކުމެ، ވިނަކޮޅެއް ފެނޭތޯ ވަރަށް ދުރަށް ނުކުމެވުނެވެ. ފަހެ، މި އަޅާގެ މައިންބަފައިން ނިދުމުގެ ކުރީގައި މި އަޅާއަށް ގެޔަކަށް ނާދެވުނެވެ. ފަހެ، އެ ދެމީހުންނަށް ދިނުމަށް ކިރުފެލައިގެން މި އަޅާ އައިސް ބެލިއިރު، އެ ދެ މީހުންތިބީ ނިދައިފައެވެ. ފަހެ، އެ ދެ މީހުންނަށް ގޮވައި ހޭލެއްވުމަކަށް ވެސް، އަދި އެ ދެ މީހުންގެ ކުރިން މިއަޅާގެ އަހުލުވެރިންކުރެ މީހަކަށް ނުވަތަ ނޯކަރަކަށް ވެސް އެއުރެންގެ ރޭގަނޑުގެ ބުއިން ދިނުމަކަށް މިއަޅާގެ ހިތެއް ނުރުހުނެވެ. ފަހެ، ކިރުއަޅައިފައިވާ ކަންވާރު ހިފައިގެން އެ ދެ މީހުން ހޭލާނެ އިރެއްގެ އިންތިޒާރުގައި މި އަޅާ ހުރީމެވެ. މި ގޮތުގައި ހުރެ ފަތިސްވިއެވެ. އޭރު މި އަޅާގެ ދެފައިގައި ހިފައިގެން ތިބެ ކުދި ދަރީންކޮޅު ބަނޑުހައިވެގެން ރޮއި އާދޭސްކުރެއެވެ. ފަހެ، އެހާރުން އެ ދެ މީހުން ހޭލައި، އެ ދެ މީހުންގެ ރޭގަނޑުގެ ބުއިން ބޮއެފިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މި އަޅާގެ މި ޢަމަލަކީ، އިބަރަސްކަލާނގެ ވަޖުހުފުޅު އެދިގެން ކުރެވުނު ހެޔޮ ކަމެއްކަމުގައި ވަނީ ނަމަ، މި ހިލަގަނޑުގެ ސަބަބުން އަޅަމެން ބަންދުވެފައި މި ވާ ބަންދުވުމުން، އަޅަމެން ސަލާމަތް ކުރައްވާނދޭވެ! ފަހެ، އެ ހިނދު، އެ ހިލަގަނޑު ކުޑަކޮށް އެއްފަރާތްވެލިއެވެ. އެކަމަކު އެބައިމީހުންނަށް ނުކުމޭވަރެއްނުވިއެވެ.

ދެވަނަ މީހާ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަޅުގެ ބޮޑުބޭބޭގެ އަންހެން ދަރިއަކު އިނެވެ. އޭނާއަކީ މީސްތަކުންކުރެ މި އަޅާ އެންމެ ލޯބިވާ އިންސާނާއެވެ. އެހެން ރިވާޔަތެއްގައިވެއެވެ. ފިރިހެނުން އަންހެނުން ދެކެ ލޯބިވާ ކަންތަކުގައި މި އަޅާ އޭނާ ދެކެ އިންތިހާއަށް ލޯބިވީމެވެ. ފަހެ، އެކުއްޖާއާ ނަހަމަގޮތުގައި ގުޅުން ހިންގުމަށްޓަކައި މި އަޅާ ކުރިމަތިލީމެވެ. ނަމަވެސް، އަޅުގެ ނުބައި އެދުމަށް އޭނާ ދެކޮޅުހަދައި، އޭނާގެ ނަފުސު ސަލާމަތްކުރިއެވެ. އެއަށްފަހު، އޭނާއަށް (އެބަހީ: އޭނާއަށާއި އޭނާގެ އަހުލުވެރީންނަށް) ބަނޑުހައިކަމާއި ތަދުމަޑުކަން ކުރިމަތިވިއެވެ. ފަހެ، އޭނާ މިއަޅާގެ ކިބައިން އެހީއަށް އެދިގެން އައެވެ. ފަހެ، މި އަޅާ އެދޭ ކަމެއްކުރުމަށް އޭނާގެ ނަފުސު، މި އަޅާއާ ޙަވާލުކުރުން ޝަރުޠުކޮށް، އޭނާ އެކަމަށް ރުހުމުން، އޭނާއަށް 120 ދީނާރު މި އަޅާ ދިނީމެވެ. އެހެން ރިވާޔަތެއްގައިވަނީ، ފަހެ، (މި އަޅާގެ ހިތުގައިވާ ވަޙުޝީ އެދުން ފުއްދުމަށްޓަކައި) މި އަޅާ އޭނާގެ ދެ ފައިގެ ދެމެދުގައި އިށީނުމުން (އެބަހީ: ޒިނޭކުރުމަށް ގަސްދުކުރުމުން) އޭނާ ބުންޏެވެ. ތިބާ اللَّهُއަށް ބިރުވެތިވާށެވެ! އަދި ބަންދުކުރައްވައިފައިވާ ތިޔަސިލް އޭގެ ޙައްޤު އަދާނުކޮށް (އެބަހީ: ކައިވަނި ނުކޮށް) ހުޅުވަން ނުހަދާށެވެ! ފަހެ، އެ ވަގުތު މި އަޅާ އޭނާއާ ދުރަށް ހިނގައްޖައީމެވެ. އޭރު ވެސް، އެއީ މީސްތަކުންކުރެ މި އަޅާ އެންމެ ލޯބިވާ މީހާއެވެ. އަދި މި އަޅާ އޭނާއާ ޙަވާލުކުރި ރަންތައް ވެސް އޭނާއަށް ދިނީއެވެ. އަޅުގެ ވެރިރަސްކަލާކޮ! މި އަޅާގެ މި ޢަމަލަކީ، އިބަރަސްކަލާނގެ ވަޖުހުފުޅު އެދިގެން ކުރެވުނު ހެޔޮ ކަމެއް ކަމުގައިވަނީނަމަ، މި ހިލަގަނޑުގެ ސަބަބުން އަޅަމެން ބަންދުވެފައި މި ވާ ބަންދުވުމުން، އަޅަމެން ސަލާމަތްކުރައްވާނދޭވެ! ފަހެ، އެ ހިނދު، އެ ހިލަގަނޑު ކުޑަކޮށް އެއްފަރާތްވެލިއެވެ. އެކަމަކު އެބައިމީހުންނަށް ނުކުމޭވަރެއް ނުވިއެވެ.

ތިންވަނަ މީހާ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މި އަޅާ ކުއްޔަށް މަސައްކަތްކުރުވުމަށް ބަޔަކު ހޯދީމެވެ. (އެބައިމީހުންގެ މަސައްކަތް ނިމުމުން) އޭގެތެރެއިން އެންމެ މީހަކު މެނުވީ އެހެން އެންމެންނަށް ދޭންވާ އުޖޫރަ ހަމައަށް ދިނީމެވެ. އޭނާ، އޭނާއަށްވީ ޙިއްސާ ނުނަގައި، މި އަޅާގެ އަތުގައި ބަހައްޓައިފައި ދިޔައީއެވެ. ފަހެ، އެތަކެތި މިއަޅާ ބަލަހައްޓައި އިތުރުކުރީމެވެ. އެންމެފަހުން، އެ މުދައުތައް ގިނަވެ، އިތުރުވެގެންދިޔައެވެ. އޭގެ އެތައް ދުވަހެއްގެ ފަހުން އޭނާ އައެވެ. އަދި ބުންޏެވެ. އޭ اللَّهُގެ އަޅާއެވެ! އަހަރެންގެ މަސައްކަތަށް ލިބުން ޙައްޤު އުޖޫރަ ދޭށެވެ! މި އަޅާ ބުނީމެވެ. ތިބާއަށް ފެންނަން މި ހުރި ޖަމަލާއި ގެރި ބަކަރިއާއި އަޅުންނާއި މި ހުރިހައި ތަކެއްޗަކީ ތިބާގެ ޙައްޤެވެ. އޭނާ ބުންޏެވެ. އޭ اللَّهُގެ އަޅާއެވެ! އަހަރެންނާ ސަމާސާ ނުކުރާށެވެ! (އެބަހީ: ތިމަންނާއަށް ލިބެންޖެހޭ އެއްޗަކަށްވުރެ މިއީ މާ ގިނަ މިންވަރެކެވެ.) މި އަޅާ ބުނީމެވެ. އަހަރެން ތިބާއަކާ ސަމާސާއެއް ނުކުރަމެވެ. ފަހެ، އޭނާ އެ ހުރިހައި އެއްޗެއް ހިފައިގެން ދިޔައީއެވެ. އޭގެ ތެރެއިން އެއްވެސް އެއްޗެއް ނުބަހައްޓައެވެ. އަޅުގެ ވެރިރަސްކަލާކޮ! އަޅާގެ މި ޢަމަލަކީ، އިބަރަސްކަލާނގެ ވަޖުހުފުޅު އެދިގެން ކުރެވުނު ކަމެއްކަމުގައި ވަނީނަމަ، މި ހިލަގަނޑުގެ ސަބަބުން އަޅަމެން ބަންދުވެފައި މި ވާ ބަންދުވުމުން އަޅަމެން ސަލާމަތްކުރައްވާނދޭވެ! ފަހެ، އެ ހިނދު އެ ހިލަގަނޑު އެއްފަރާތަށްޖެހުނެވެ. ފަހެ، އެބައިމީހުން، އެ ތަނުން (ސަލާމަތުން) ނުކުމެއްޖައޫއެވެ.}" (مُتَّفَقٌ عَلَيْهِ)