Support Us

ރަމްލާ ޢަބްދުލްޣަނީ: ޝާޢިރިއްޔަތުގެ އުޑުން ބަބުޅާ އަލިއަލި ތަރިއެއް

އެއީ "ގައުމު މި ލޯބި މަގޭ ދިރިދެމިދާށަ އެދޭ" މިފަދަ ފޯރިގަދަ ރީތި ގައުމީ ލަވަތަކާއި ޅެންތަކުގެ ޝާޢިރާއެވެ. ރަމްލާ ޢަބްދުލް ޣަނީއެވެ. އަޅުގަނޑު ކިޔާ ނަމުން ނަމަ ރަމްލާއްތައެވެ.

ރަމްލާއްތައަކީ، އަޅުގަނޑު ވަރަށް ބޮޑަށް ލޯބިވާ ބޭފުޅެކެވެ. އެއީ ފުންނާބު އުސް ޅެންވެރިއެކެވެ. ކުޅަދާނަ ލިޔުންތެރިއެކެވެ. މަޢުލޫމާތުގެ ފުންކަނޑެކެވެ. ޤާބިލް ހިންގުންތެރިއެއް ވެސްމެއެވެ. އިޚްލާޞްތެރި މުވާޠިނެކެވެ. ވަފާތެރި މުވައްޒިފެކެވެ. ހިތްޕުޅު ހެޔޮ، މިޒާޖުފުޅު ރަނގަޅު ބޭފުޅެކެވެ. ހިތްޕުޅުތިރި، ކެތްތެރި، އޯގާވެރި ބޭފުޅެކެވެ. މީހުންނަށް ނުހަނު ހެޔޮ، ދީލަތި ބޭފުޅެކެވެ. މިފަދަ އެތައްއެތައް ރިވެތި ސިފަތަކެއް ނަން ހުސްކޮށް ރަމްލާއްތައަށް ލިބިވަޑައިގެންފައި ވެއެވެ.

މިއީ ރަމްލާ ޢަބްދުލް ޣަނީއަށް އަޅުގަނޑު ކުރާ ޚުޝާމަދެއް ނޫނެވެ. އަދި އޮފު ތާރީފެއް ވެސް ނޫނެވެ. މިއީ އެ ކަމަނާއާ އެކު އެތައް ދުވަހަކު އެތައް ކަމެއްގެ ތެރޭގައި އުޅެވުނު އުޅެވުންތަކުގެ ތެރެއިން އެނގި، ދަސްވެ، ތަޖުރިބާ ކުރެވުނު ހަގީގަތްތަކެވެ.

އާދޭހެވެ! މި އަހަރު ދިވެހިބަހުގެ އެކެޑަމީން ގައުމީ ޅެންވެރީންގެ ދުވަސް ތަޚްޞީޞް ކުރެއްވީ ލޮބުވެތި ރަމްލާއްތައަށެވެ. އާދޭހެވެ! ރަމްލާ ޢަބްދުލް ޣަނީއަށެވެ. މި ކަމަށް ޓަކައި އެކެޑަމީގެ ޢިއްޒަތްތެރި ވެރީންނާއި މެންބަރުންނާއި މުވައްޒަފުންނަށް ނުހަނު އިޙުތިރާމާ އެކު ޝުކުރު ދަންނަވަމެވެ. އަދި ރަމްލާ ޢަބްދުލް ޣަނީއަށް ތަހުނިޔާއާއި މުބާރަކު ބާދީ އަރިސްކުރަމެވެ.

އާދޭހެވެ! ރަމްލާ ޢަބަދުލް ޣަނީއަކީ ދިވެހި ޝާޢިރިއްޔަތުގެ އުޑުން ބަބުޅާ އަލިއަލި ތަރިއެކެވެ. މި އަހަރުގެ ޅެންވެރީންގެ ދުވަސް ރަމްލާ ޢަބްދުލް ޣަނީއަށް ތަޚްޞީޞް ކުރެއްވި ކަމުގެ ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން އުފަލާ އެކުއެވެ. މިހެންވުމުން އަޅުގަނޑު ހިތަށް އެރީ ރަމްލާ ޢަބްދުލް ޣަނީއާ ބެހޭ ގޮތުން މަޢުލޫމާތު ބޭނުންފުޅުވާނޭ ކިތަންމެ ބަޔަކު ތިބޭނޭ ކަމުގައެވެ. މަދަރުސާތަކުގެ ދަރިވަރުންނަށް ވެސް މި ފުރުސަތުގައި އެ ކަމަނާ އެނގުން މުހިންމު ކަމުގައެވެ. އެހެން ހިތައި ރަމްލާއްތައާ ބެހޭ ގޮތުން އެނގި ހުރި އެއްޗެއް ބަޔާންކުރާން ގަސްތުކޮށް މި ލިޔުންލިޔުނީއެވެ. ތާރީޚަށް ޓަކައި ވެސް މެއެވެ. އަދި ހަމައެހެންމެ، ރަމްލާ ޢަބްދުލް ޣަނީއާ ބެހޭ ގޮތުން އެއްޗެއް ދެންނެވުމަކީ އެ ކަމަނާއާ އެކުގައި އެތައް ދުވަހަކު އުޅުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކިގެން ވެސް މެއެވެ.

އާދޭހެވެ! ރަމްލާ ޢަބްދުލް ޣަނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1941ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ދެވަނަ ދުވަހުއެވެ. ގެއަކީ، މާލޭ، ހެންވޭރު ހަތިހާއެވެ. އެ ގެ ހުންނާނީ މާލޭ މެދުޒިޔާރަތް މަގުގައެވެ. ހުކުރު މިސްކިތު ޙަރިއްމައިގެ އިންފާރުގެ ހުޅަނގު ދެކުނު ކަންމަތީގައި ހުއްޓި ހުރެ ދެކުނަށް ބަލައިފި ނަމަ އެންމެ ސާފުކޮށް ފެންނާނީ ހ. ހަތިހާއެވެ. ބަނޑޭރިކޮށީގެ އިރުދެކުނު ކަންމަތީ ހުއްޓި ހުރެ ދެކުނަށް ބެލުމުން ވެސް ފެންނާނީ ހަމަ ހ. ހަތިހާއެވެ. ވަރަށް ހިތްފަސޭހަ ގެއެކެވެ.

ޝާޢިރިއްޔަތުގެ ވާދީގައި ރަމްލާ ޢަބްދުލް ޣަނީ ފާހަގަ ކުރެވެނީ ކުޅަދާނަ ޝާޢިރާއެއްގެ ގޮތުގައެވެ. ކޮންމެ މައުޒޫއަކަށް ވެސް ވަރަށް ފަރިތަފުޅުކަމާ އެކު ޅެން ހައްދަވައެވެ. ރަމްލާ ޢަބްދުލް ޣަނީ ޅެން ހައްދަވަން ދަސްފުޅުކުރެއްވީ އަމީނިއްޔާ ސްކޫލުގައި އުޅުއްވި ދުވަސްވަރުއެވެ. ޢުމުރުފުޅުން 14 ނުވަތަ 15 އަހަރުފުޅުގައެވެ. ޅެން ހައްދަވަން ފެށްޓެވި ކަމަށް އެކަމަނާ ވިދާޅުވީ، ޢުމުރުފުޅުން 17 އަހަރުފުޅުގައި 1955ވަނަ އަހަރުއެވެ. މެދުކެނޑުމެއް ނެތި ރަމްލާ ޢަބްދުލް ޣަނީ ޅެން ހައްދަވަމުން ގެންދަވާތާ ބައި ޤަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ގާތްގަނޑަކަށް 400އާ ގާތް ކުރާ މިންވަރަކަށް ޅެން ހެއްދެވިއްޖެ ކަމަށް ރަމްލާއްތަ ވިދާޅުވެއެވެ.

ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 2000ވަނަ އަހަރު ރަމްލާ ޢަބްދުލް ޣަނީއަށް ވަނީ ލިބިވަޑައިގެންފައެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވިފަހުން ވޭތުވެދިޔަ ތާނގައި ވެސް ޅެންވެރިކަމުގެ ފަންނު ދިރުވައި އާލާކުރެއްވުމަށް ޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ރަމްލާ ޢަބްދުލް ޣަނީ ގެންދަވަނީ ކުރައްވަމުންނެވެ. ޅެންވެރިކަމުގެ ފަންނުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް ހިތްވަރުދެއްވައި، ޅެންވެރިކަން ދަސްކޮށްދެއްވުމުގެ މަސައްކަތް ވެސް ރަމްލާ ޢަބްދުލް ޣަނީ ގެންދަވަނީ މެދުނުކެނޑުމެއް ނެތި ކުރައްވަމުންނެވެ. ދިވެހި ޅެންވެރިކަން ދިރުވައި އާލާކުރެއްވުމުގެ މަޤްޞަދުގައި، ރާއްޖެއިން ބޭރުގައި ވެސް ރަމްލާ ޢަބްދުލް ޣަނީ ވަނީ އާދަޔާޚިލާފު މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އެގޮތުން، 2015ވަނަ އަހަރު ސާކް ކަލްޗަރަލް ސެންޓަރުގެ ފަރާތުން އިންޑިއާގެ ބެންގަލޫރުގައި ބޭއްވި [ސާކް ލިޓްރަރީ ފެސްޓިވަލް ފޮރ ސައުތު އޭޝިއާ އިން ޕޮއެޓްރީ"ގައި ބައިވެރިވެ ވަޑައިގަންނަވާން އަޅުގަނޑާ އެކު ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ވަޑައިގެންނެވި ހަތް ބޭފުޅުންގެ ތެރޭގައި ރަމްލާ ޢަބްދުލް ޣަނީ ހިމެނިވަޑައިގަނެއެވެ. އެ އަދަބީ މަހާސަމާގައި ރަމްލާއްތަ ކޮށްދެއްވީ ފާހަގަކުރެވޭ ފަދަ މަސައްކަތްޕުޅުތަކެކެވެ. އެ މަހާސަމާގައި ސާކްގެ އެތައް ޤައުމަކުން ޅެން ހުށަހެޅުމާއި، ޅެމަށް ފާޑުކިޔުން އޮތެވެ. ރަމްލާ ޢަބްދުލް ޣަނީ އެ މަހާސަމާގައި ދިވެހިބަހުން ޅެން ވިދާޅުވެ، އަދި އޭނާ ހެއްދެވި ޅެންތަކުގެ ތަރުޖަމާ އިނގިރޭސިބަހުން ހުށަހަޅުއްވައިދެއްވިއެވެ. މި ދަތުރުން އަޅުގަނޑަށް ރަމްލާއްތަގެ އިސްނެގުންތެރިކަމާއި ކަންކަމަށް ހުންނަ ހުޝިޔާރުކަން ވަރަށް ބޮޑަށް އެނގުނެވެ.

އިސްވެ ބަޔާން ކުޅަ ކަންކަމުގެ އިތުރަށް، ސިލޯނުގައި ހުންނަ ދިވެހި އެންބަސީއާއި ދިވެހިބަހުގެ އެކެޑަމީން ގުޅިވަޑައިގެން އެ ތާނގައި ތިބޭ ދިވެހި ދަރިވަރުންނަށް ހިންގި އަދަބީ އެކިއެކި ޙަރަކާތްތަކާއި ހިންގި އެކިއެކި ހުނަރުތައް ދަސްކޮށްދިނުމުގެ ކަންކަމުގައި ޢަމަލީ ގޮތުން ރަމްލާއްތަ އުޅުއްވިއެވެ. މިގޮތުން 2016، 2017 އަދި 2018 މި އަހަރުތަކުގައި ސިލޯނަށް ކުރި އަދަބީ އަދި ތާރީޚީ ދަތުރުތަކުގައި އަޅުގަނޑާއެކު ވަޑައިގެންނެވި ޓީމުގެ އިސް އެއް މެންބަރަކީ ޚުދު ރަމްލާ ޢަބްދުލް ޣަނީކަން ވެސް ފާހަގަކުރަމެވެ. މިފަދަ އެތައް ކަމެއް ކުރައްވައިފައި ވެއެވެ.

އާދޭހެވެ! ރަމްލާ ޢަބްދުލްޣަނީ ހައްދަވާފައިވާ ޅެންތައް، ވަރަށް ގިނަ މަޖައްލާތަކުގައްޔާއި ނޫސްތަކުގައި ވަނީ ޝާއިޢު ކުރެވިފައެވެ. އޭގެތެރޭގައި، އަދަބީ އަދި ތާރީޚީ މަޖައްލާ ފަތްތޫރައާއި، ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވި [ހުވަނދު] މަޖައްލާ އާއި، [އަބާރަނަ] ފަދަ މަޖައްލާތައް ހިމެނެއެވެ. އަދި ލިޔުންތެރިންގެ ގުޅުމުން ނެރުއްވާ ޅެން މަޖައްލާ [ޅެންވެރިޔާ] އަށާއި، އެ ގުޅުމުން ނެރުއްވާ އަދަބީ މަޖައްލާ [ލިޔުންތެރިޔާ]ގެ އެކި ޢަދަދުތަކަށް މިހާރުވެސް ޅެން ހައްދަވައެވެ. ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އިން އިންތިޒާމު ކުރައްވައިގެން ބޭއްވެވި ސްކޫލް ކުދިންގެ ލަވަ މުބާރާތުގެ ފަނޑިޔާރުކަން، ގިނަ އަހަރުތަކެއް ވަންދެން ރަމްލާ ޢަބްދުލް ޣަނީ ކުރެއްވިއެވެ.

ރަމްލާ ޢަބްދުލް ޣަނީ ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން ވަރަށް ގިނަ ޅެންތަކަކީ ފާހަގަ ކުރެވޭ ފަދަ ރީތި ޅެންތަކެކެވެ. ވަކިން ޚާއްޞަކޮށް ރަމްލާ ޢަބްދުލް ޣަނީ ހެއްދެވި [މެލާމެލި] މި ޅެން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ. އެއީ ދިވެހިންގެ ތެރޭގައި މާމެލާމެއްޔަށް ކިޔައި އުޅުނު ނަންތަކާއި، ބައެއް މާމެލާމެލި ފޮޅޭ ވަގުތާއި، ކުލަޔާއި ސިފަޔާއި، ހިފޭ ބޭނުންތަކަށް ވެސް އަލިއަޅުއްވައިލައްވައި ހައްދަވާފައިވާ 123 ބައިތުގެ ދިގު ޅެމެކެވެ. އެ ޅެމުގައި 189 މަލެއްގެ ވާހަކަ ބަޔާންކުރައްވައި، ވަރަށްގިނަ ތަފްޞީލުތައް ވެސް ވަނީ ދެއްވައިފައެވެ. އެ ޅެން، ފޮތެއްގެ ސިފައިގައި އެކުލަވައިލައްވައި، 2007ވަނަ އަހަރާއި 2008ވަނަ އަހަރު ތިމާވެށީގެ ދުވަހު ސްކޫލްތަކުގެ ދަރިވަރުންނަށާއި ޢާންމުންނަށް، އޭރުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ ފަރާތުން އެ ފޮތް ވަނީ ހިލޭ ބައްސަވައިފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފޮނުއްވި ޑްރާމާ ޅެން ވާހަކަ [މަލުގެ ހާރު] ޕްރޮގްރާމަށް ތައްޔާރުކޮށްދެއްވި [ވޭނީ ކަރުނަ] މި ވާހަކައިން ހައްދަވައިފައިވާ ޅެމަކީ ވެސް ރަމްލާ ޢަބްދުލް ޣަނީގެ މަސައްކަތްޕުޅުގެ ތެރެއިން ފާހަގަކުރެވޭ މަސައްކަތްޕުޅެކެވެ. [ވޭނީ ކަރުނަ] އަކީ ގައްދޫ މުޙައްމަދު ރަޝީދު އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރެއްވި [ޚޫބުސޫރަތު] މި ވާހަކައެވެ. އެހެން މީހެއްގެ ވާހަކައެއް ޅެމަކަށް ބަދަލުކުރުމަކީ ކިހައި ވޭން ހުރި ކަމެއްކަން އެނގޭނީ ޅެންވެރިޔަކަށެވެ.

އާދޭހެވެ! ރަމްލާ ޢަބްދުލް ޣަނީއަށް ދިވެހި ޅެންވެރިކަމުގެ ރޮނގުން ވަރަށް ގިނަގުނަ ކާމިޔާބީތަކެއް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، 1989ވަނަ އަހަރު ދިވެހިރާއްޖޭގައި ޅެންވެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޅެންހެދުމުގެ ޤައުމީ މުބާރާތުން ރަމްލާ ޢަބްދުލް ޣަނީއަށް ވަނީ އެއް ވަނަ ލިބިވަޑައިގެންފައެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ވެސް ރަމްލާ ޢަބްދުލް ޣަނީއަށް ވަނީ ލިބިވަޑައިގެންފައެވެ. އެއީ 2015ވަނަ އަހަރުއެވެ.

ރަމްލާއްތަގެ ޅެންތަކަކީ، ދިވެހި ޅެންވެރިކަމަށާއި، ދިވެހި ޤައުމަށް އެ ކަމަނާ ދޫކުރައްވާފައިވާ އަގުހުރި ތަރިކަތަކެކެވެ. ވިދާ ޖައުހަރުތަކެކެވެ. އާދޭހެވެ! ރަމްލާ ޢަބްދުލް ޣަނީއަކީ ދިވެހި ޝާޢިރިއްޔަތުގެ އުޑުން ބަބުޅާ އަލިއަލި ތަރިއެކެވެ. މި އަލިއަލި ތަރިޔާ މެދު މި ބަޔާން ކުޅައީ މި ތަރީގެ ޙަޔާތުނަމާއެއް ނޫނެވެ. އެހެނެއް ކަމަކު މިއީ އެ ކަމަނާގެ ޙަޔާތްޕުޅުން ސަފުޙާއެއްގެ ތަންފުކެކެވެ. އެހެނީ ރަމްލާއްތައަކީ ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި މެދުނުކެނޑި 42 އަހަރަށް ވުރެ ގިނަ ދުވަހު ގައުމަށް ޚިދުމަތް ކުޅަ ބޭފުޅެކެވެ. އެފަދަ ޚިދުމަތްތެރީންގެ އަގު ވަޒަން ކުރައްވައި ސަރުކާރުން ދެއްވާ ނިޝާނާއި އައްޑަނައާއި ޝަރަފްވެރިކަމުގެ ލިޔުން ވެސް އެ ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. މުސްކުޅިފުޅު ވުމަކުން ހަށިކޮޅުގެ ބާރު ދެރަވުމަކުން ރަމްލާއްތަގެ ހިތްވަރުފުޅަކަށް އެއްވެސް ބަދަލެއް ނާންނަކަމީ ﷲގެ ނިޢުމަތެވެ. މިހެން ގޮސް ރަމްލާއްތައާ ބެހޭ ގޮތުން ފޮތްފޮތް ފުރެން ދެން ވެސް އަޅުގަނޑަށް ލިޔެވިދާނެއެވެ. އެހެނަސް މިހިނދަށް މި ނިންމައިލީއެވެ.

އަޅުގަނޑު އެދެނީ ރަމްލާއްތައަށް ކާމިޔާބާއި ފަލާޙަށެވެ. ރަޙުމަތެވެ. ތާއަބަދުގެ ދުޢާއަކީ މިއީއެވެ. ޢުމުރުފުޅުގައި ބަރަކާތް ލައްވާށިއެވެ. ހެޔު ސިއްޙަތާއި ޢާފިޔަތުގައި އަބަދަށް ޓަކައި ލަހައްޓާވާށިއެވެ. ދިވެހި ޝާޢިރިއްޔަތުގެ އުޑުގައި ރަމްލާއްތަގެ ނަންފުޅު އާދެ "ރަމްލާ ޢަބްދުލް ޣަނީ" ފަނޑުވުމެއް ނެތި ވިދައި ބަބުޅާށިއެވެ. އާމީން.

އެޑިޓަރުގެ ނޯޓް: އަޝްރަފް ޢަލީ އަކީ ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *