Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އެންމެ އަގު ބޮޑު މަކުނު

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ވިއްކާ ފިހާރައަކަށް މީހަކު ވަނެވެ. ގެއަށް އޮޅު ޖަނަވާރެއް ހޯދުމުގެ ބޭނުމުގައެވެ.

އޭނާގެ ލޮލުގައި އަޅައިގަތީ އެތާ ކޮއްޓެއްގައި ތިބި ތިން ރާމާމަކުނެވެ. އަދި އޭގެ ތެރެއިން އެއް މަކުނު ގަންނަން ގަސްދުކުރިއެވެ. ދެން، މަކުނުތަކާ ބެހޭ ގޮތުން ފިހާރައިގެ ސޭޓާ ސުއާލުކުރިއެވެ.

އޭނަ: މި މަކުނުތަކުގެ އަގު ތަފާތުވަނީ ކިހިނެއް ހެއްޔެވެ؟ ފެންނަ ފެނުމުގައި ހުރިހާ މަކުނުތައް ވެސް އެއްގޮތެވެ.

ސޭޓު: މަކުނުތަކުގެ އަގުތައް ކަނޑައެޅިފައި އެ ވަނީ އެ އެއްޗެހީގެ ހުނަރަށާއި މަގާމަށް ބަލާފައެވެ. ފުރަތަމަ މަކުނު ދެ ހާސް ރުފިޔާއަށް ވިއްކަނީ އެއަށް ބައެއް ކަންތައް ކޮށްދޭން އެނގޭތީއެވެ. އޭތި ކައިރީ މިވެނި އެއްޗެއް ގެނެސްދޭށޭ ބުނީމާ އެކަން ކުރަން އެއަށް އެނގޭނެއެވެ. އެއީ ޚާދިމު މަކުނެކެވެ.

ދެވަނަ މަކުނު ފަސް ހާސް ރުފިޔާގެ އަގަށް ވިއްކަން ޖަހާފައި އެ އޮތީ އެއަށް ކޮމްޕިޔަޓަރު މަސައްކަތް އެނގޭތީއެވެ. ކޮމްޕިޔުޓަރު ހުޅުވައި ލައްޕަން އެއަށް އެނގޭނެއެވެ. އަދި، ބައެއް ކަހަލަ ޕުރޮގުރާމު ހުޅުވައި މިވެނި އެއްޗެއް ޓައިޕުން ލިޔާށޭ ބުނީމާ އެކަން ވެސް ކުރަން އެއަށް އެނގޭނެއެވެ. އެއީ ފަންނީ މަކުނެކެވެ.

ތިން ވަނަ މަކުނުގެ އެއްވެސް ހުނަރެއް ހުރި ކަމެއް އަދި ފާހަގައެއް ނުކުރެވެއެވެ.

މިހިސާބަށް ސޭޓުގެ ވާހަކަ ދިޔަ ތަނާ، މަކުނު ގަތުމުގެ ޚިޔާލު ގެންގުޅޭ މީހާ، ސޭޓުގެ ވާހަކަ މެދުކަނޑާލާފައި ބުންޏެވެ.

އޭނަ: އެހެން ވެއްޖިއްޔާ އެއްވެސް ހުނަރެއް ކަމެއް ނުދަންނަ މަކުނެއް ފަނަރަ ހާސް ރުފިޔާއަށް ވިއްކަން ޖަހައިފައި އެ އޮތީ ކީއްވެ ހެއްޔެވެ؟

ޖަވާބުގައި ސޭޓު ބުންޏެވެ. "އެއީ، އެ މަކުނަށް އެކައްޗެއް ނޭނގުނު ކަމުގައި ވިޔަސް، އަދި ހައްދަވައިގެން އެއްވެސް ކަމެއް ނުކުރިޔަސް، އަނެއް ދެ މަކުނު އެއާ މުޚާތަބު ކުރަނީ 'އިއްޒަތްތެރި' އޭ ކިޔާފައެވެ. އެކަމުގެ ސިއްރެއް އަހަރުމެންނަކަށް ނޭނގެއެވެ. ނަމަވެސް، އެފަދައިން މުޚާތަބުކުރާތީ އޭގެ އަގު މަތިކުރެވިފައި ވަނީއެވެ!'