Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

އެއްވެފައިވާ ބައިގަނޑެއްގެ ތާއޯދު ހޯދުމަށްޓަކައި މާ ބޮޑު ކަމެއް ކުރާކަށް ނުޖެހެއެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ ދޮގު ހެދުމެވެ. ތެދުހެން ހީވާ ގޮތަށް ވާހަކަ ދެއްކުމެވެ. ސާފުނުވާނޭހެން، އަޑުއަހާ މީހާ މާނަކުރަން ބޭނުންވާ ގޮތަކަށް ވާހަކަ ދެއްކުމެވެ. އޮޅުވާލައިގެން ވާހަކަ ދެއްކުމެވެ.

މިފަދަ ގޮތަކަށް ވާހަކަ ދެއްކުމުން، އަމިއްލަ ފިކުރެއް، ވިސްނުމެއް ނެތް، ދާދި ފަސޭހައިން ގުނބޯ ހެއްދޭ މީހުން، އެމީހުންނަށް އަޑު އިވޭ އެއްޗެކަމާ މެދު ވިސްނުމުގެ ނަޒަރެއް ހިންގާލުމެއް ނެތި، އެމީހުން 'ރުހޭ މީހާގެ ދުލުން' ނިކުންނަށް ކޮންމެ އެއްޗެއް ގަބޫލުކޮށް، އަތްޖަހާނެއެވެ.

ނަމަވެސް، މީހާގެ ދުލުން ނިކުންނަ ވާހަކަތައް، އޭގެ މައްޗަށް ވިސްނުމުގެ ނަޒަރު ހިންގައި، އަދި، އޭގެ އިތުރުން އޭނާގެ ކުރީގެ އަމަލުތަކުގެ މައްޗަށް ބަލައި، ތެދު ހަގީގަތް ދެނެގަންނަން ބޭނުންވާ މީހާ، މާނައެއް ނެތް ހުސް ހަޅޭކުގެ ވާހަކަ ދެކޭނީ މާނައެއް ނެތް ހުސް ހަޅޭލެވުން ކަމަށެވެ. ނަމަވެސް، އެއްވެފައިވާ ބައިގަނޑުގެ ތެރޭގައި ހަގީގަތް ދެކެން ބޭނުންވާ މީހުން ވަރަށް ވެސް މަދުވާނެއެވެ.